Support Us

ޕާކިސްތާންގެ ފުރަތަމަ އެސްޓްރޯނޯޓް މުހައްމަދު ޒީޝާން އަލީ އިއްޔެ ފުރުމުގެ ކުރިން

ޕާކިސްތާންގެ ފުރަތަމަ އެސްޓްރޯނޯޓް- ގައުމެއްގެ އަދި ޒުވާން ޖީލެއްގެ ޖައްވީ ހުވަފެންތަކުގެ ފެށުން

އިއްޔެ ފަތިސްވުމުގެ ކުރިން ދަރިވަރުންނާއި ފަލަކީ އިލްމަށް ޝައުގުވެރިވާ މީހުންވަނީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާންގެ ޖައްވީ އިދާރާ، ސްޕޭސް އެންޑް އަޕާ އެޓްމޮސްފިއާ ރިސާޗް ކޮމިޝަން (ސުޕާކޯ)ގެ މައި މަރުކަޒަށް ޖަމާވެފައެވެ. އެ މީހުންވަނީ، ޗައިނާގެ ރޮކެޓެއްގައި ޕާކިސްތާންގެ ފުރަތަމަ އެސްޓްރޯނޯޓް، މުހައްމަދު ޒީޝާން އަލީ ޖައްވަށް ދިޔަ މަންޒަރު ބަލައިފައެވެ. ރޮކެޓް އުދުއްސައިލުމާއެކު، އޮޑިޓޯރިއަމްގެ ތެރޭގައި އަތްތިލަބަޑީގެ އަޑާއި "ޕާކިސްތާން ޒިންދާބާދު" ("ޕާކިސްތާނަށް ނަސްރާއި ކާމިޔާބު") ގޮވެލި ގުގުމައިގެން ދިޔައެވެ.

އުމުރުން 21 އަހަރުގެ ފިޒިކްސް އަދި ފަލަކީ އިލްމްގެ ދަރިވަރެއްކަމަށްވާ ޒައިނަބް އައްބާސީ މި ތާރީހީ ވަގުތު ބަލަމުން ދިޔައީ އޭނާގެ ފޯނު އަތަށް ނަގައިގެންނެވެ.

"އަހަރެން ފޯނު ނެގީ ވީޑިއޯ ރެކޯޑުކުރަން، އެކަމަކު އެ ވަގުތުގެ ޖަޒުބާތުގައި ޖެހި، ރެކޯޑުކުރަން ހަނދާންނެތުނީ. އަދި ފޯނު ނިއްވައިލައިގެން ހަމައެކަނި ކޮޅަށް ހުރެވުނީ،" އޭނާ އަލް ޖަޒީރާއަށް ބުންޏެވެ.

އުމުރުން 40 އަހަރުގެ، ޕާކިސްތާންގެ ވައިގެ ސިފައިންގެ ޕައިލެޓް، އަލީ ދަތުރުކުރީ ޗައިނާގެ ދެ އެސްޓްރޯނޯޓުންނާއެކު ޗައިނާގެ ޝެންޒޫ-24 ޖައްވީ އުޅަނދުގައެވެ. މި އުޅަނދުވަނީ ހެނދުނުގެ ވަގުތެއްގައި ޗައިނާގެ ތިއާންގޮންގް ޖައްވީ ސްޓޭޝަނަށް ބަނދަރުކޮށްފައެވެ. އަލީ ވެގެންގޮސްފައިވަނީ ދުނިޔޭގެ ޖައްވުގެ އޯބިޓަށް ދިޔަ ފުރަތަމަ ޕާކިސްތާން މީހާއަށާއި އަދި ޗައިނާގެ ޖައްވީ ސްޓޭޝަނަށް އެރި ފުރަތަމަ ބޭރު ގައުމެއްގެ އެސްޓްރޯނޯޓަށެވެ. އޭނާ ޖައްވުގައި ފަސް ދުވަހާއި 10 ދުވަހާ ދޭތެރޭގެ މުއްދަތެއް ހޭދަކުރާނެއެވެ.

ޕާކިސްތާންގެ ގިނަ ޒުވާނުންނަށް، މި މިޝަންގެ ސަބަބުން ދުރުގައިވި ހުވަފެނެއް ހަގީގަތަކަށް ހެދިދާނެކަމުގެ އުންމީދު ލިބިގެންދިޔައެވެ. ޒައިނަބް ބުނި ގޮތުގައި މީގެ ކުރިން ޖައްވީ ދާއިރާއަކީ ހަމައެކަނި އެމެރިކާގެ ކުދިންނަށް އެކަނި ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަވިކަމެކެވެ.

"އަހަރެން ކުޑައިރު ޖައްވަށް ޝައުގުވެރިކަން ފެށުނުއިރު އެސްޓްރޯނޯޓަކަށްވުމަކީ ޕާކިސްތާންގެ ކުއްޖަކަށް ލިބޭނެ ފުރުސަތެއް ނޫންކަމަށާއި އެއީ ހަމައެކަނި އެމެރިކާގެ ކުއްޖަކަށް ލިބޭނެ ދުރުގައިވި ހުވަފެނެއްގެ ގޮތުގައި އިހްސާސްކުރެވުނު،" އޭނާ ބުންޏެވެ.

ޕާކިސްތާންގެ ފުރަތަމަ އެސްޓްރޯނޯޓް މުހައްމަދު ޒީޝާން އަލީ ގޮވައިގެން ޗައިނާގެ ޝެންޒޫ-24 ޖައްވީ އުޅަނދު އިއްޔެ ނައްޓައިލަނީ

ފަލަކީ އިލްމަކީ ޕާކިސްތާނުގެ އެތައް ޖީލަކަށް އުފާވެރިކަން ގެނެސްދީފައިވައި ދާއިރާއެކެވެ. އުމުރުން 72 އަހަރުގެ އިލެކްޓްރޯނިކްސް އިންޖިނިއަރު ސައިފުލްއިސްލާމް ގުރައިޝީ ދިޔައީ ވޭތުވެ ދިޔަ 50 އަހަރު އުޑުމަތި ބަލަމުންނެވެ. އޭނާވަނީ އިސްލާމްއާބާދުގައި ޕާކްއެސްޓްރޯނޯމާސް ނަމަކަށް ކިޔާ، ޕްރޮފެޝަނަލް ނޫން ގޮތެއްގައި ފަލަކީ އިލްމަށް ޝައުގުވެރިކަން ހުރި މީހުންގެ ގްރޫޕެއް އުފެއްދުމުގައި އެހީތެރިވެދީ، އާންމުންގެ ތެރޭގައި ފަލަކީ އިލްމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ހިތްވަރު ދީފައެވެ.

ޕާކިސްތާނުން މިހާރު އުންމީދުކުރަނީ އަލީގެ މި ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމަށެވެ. އެ ގައުމުން ރައިވަނީ 2028 ގައި ހަނދަށް ރޮބޮޓް ރޯވާއެއް ފޮނުވުމަށާއި 2035 ގައި ހަނދަށް ތިރިކުރާ މިޝަނެއް، އެހެން ގައުމެއްގެ އެހީއަކާނުލައި އަމިއްލައަށް ކުރިއަށްގެންދިއުމަށެވެ. މީގެ އިތުރުން 2047 ގައި ދިރާސާކުރާ މަރުކަޒެއް ހަނދުގައި ގާއިމުކުރަންވެސް މަސައްކަތްކުރާނެކަންވަނީ އިއުލާންކޮށްފައެވެ.

ސައިފުލްއިސްލާމް ދެކޭ ގޮތުގައި އަލީގެ މި ދަތުރަކީ އެންމެ އެސްޓްރޯނޯޓަކަށްވުރެ މާ ބޮޑު ކަމެއްގެ ރަމްޒެކެވެ.

"(އެސްޓްރޯނޯޓްގެ ގޮނޑީގައި) އިނީ ހަމައެކަނި ޒީޝާނެއް ނޫން. އެ ތަނުގައި އެ އިނީ ޕާކިސްތާންގެ ޒުވާން ޖީލު،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް