މައިކްރޯސޮފްޓްގެ ހިދުމަތްތައް މުޅި ދުނިޔެއަށްހެން މެދުކެނޑި، ވިޔަފާރިތަކަށާއި ސަރުކާރުތަކަށް ބުރޫއެރުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފިއެވެ.
ސައްވީސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މުވާސަލާތީ ހިދުމަތްތަކަށް ބުރޫއެރި ބޮޑު މެދުކެނޑުމަކަށްފަހު، މައިކްރޯސޮފްޓުންވަނީ އެ ކުންފުނީގެ އައުޓްލުކް، ޓީމްސް، ކޯޕައިލަޓް އަދި މައިކްރޯސޮފްޓް 365 ގެ އެހެނިހެން ހިދުމަތްތައް އަލުން ދޭން ފަށައިފައެވެ.
މި މެދުކެނޑުން ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މީގެ އަސަރު މައިކްރޯސޮފްޓްގެ ހިދުމަތްތައް ބޭނުންކުރާ 74 ގައުމެއްގެ އެކި ފަރާތްތަކަށްކޮށްފައިވެއެވެ.
މައިކްރޯސޮފްޓުން ބުނީ މި މައްސަލަ ކުރިމަތިވީ ކުރިން ހިންގި ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑަކާ ގުޅުންހުރި ފަންނީ މައްސަލައަކުންކަމަށެވެ. މިއީ ސައިބާ ހަމަލާއެއް ނުވަތަ ނުރައްކާތެރި އަމަލަކުންވީ ކަމެއް ނޫންކަމަށް އެ ކުންފުނިން ކަށަވަރުކޮށްދިނެވެ. މި މެދުކެނޑުމުގެ ސަބަބުން ވިޔަފާރިތަކަށާއި ބޭންކުތަކަށާއި ހޮސްޕިޓަލްތަކަށާއި ސަރުކާރުގެ އިދާރާތަކަށާއި އަދި ދަތުރުފަތުރުގެ ހިދުމަތްތަކަށްވަނީ އަސަރުކޮށްފައެވެ.
ބައެއް ޖަމާއަތްތަކުންވަނީ ފޯނު ކޯލާއި ކަރުދާސް ރެކޯޑުތަކާއި އަދި ފެކްސް މެޝިން ބޭނުންކުރަން ފަށައިފައެވެ. އިނގިރޭސި ވިލާތުގައި ގާތްގަނޑަށް މުޅިން ހިލޭ ސިއްހީ ފަރުވާ ދޭ ގައުމީ ނިޒާމު، ނޭޝަނަލް ހެލްތް ސާވިސް (އެން.އެޗް.އެސް)އިންވެސްވަނީ ކަރުދާސް ރެކޯޑުތައް ބޭނުންކުރަން ފަށައިފައެވެ.
މައިކްރޯސޮފްޓުން އިއްޔެ ބުނީ ހިދުމަތްތައް އަލުން ރަނގަޅުކުރުމުގެ މަސައްކަތަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އެހެން ބުނެފައި، ހިދުމަތްތައް މުޅިން ރަނގަޅުކުރެވިއްޖެކަން މިއަދުވަނީ ކަށަވަރުކޮށްދީފައެވެ.
"މި ހާދިސާގެ ސަބަބުން އަހަރެމެންގެ ކަސްޓަމަރުންނަށާއި ބައިވެރިންނަށް ކުރިމަތިވި ދަތިތަކަށްޓަކައި އަހަރެމެން ނުހަނު ހިތާމަކުރަން. އަހަރެމެންގެ ހިދުމަތްތަކަށް އެ ފަރާތްތަކުންކުރާ އިތުބާރު އަހަރެމެން ދަންނަން. އަދި އެ ޒިންމާ އަހަރެމެން ނަގަނީ ނުހަނު ސީރިއަސް ކަމެއްގެ ގޮތުގައި،" އެ ކުންފުނިން ބުންޏެވެ.
އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ ކޭމްބްރިޖް ޔުނިވާސިޓީގެ އޭ.އައި މާހިރެއް އަދި ދިރާސާވެރިއެއްކަމަށްވާ ވޯލްޓާ ޕަސްކުއަރެލީ އިންޒާރު ދިން ގޮތުގައި މައިކްރޯސޮފްޓްގެ ހިދުމަތްތަކުގެ މެދުކެނޑުމުންވަނީ ދުނިޔޭގެ މުވާސަލާތީ ނިޒާމުގައި ހުރި ބޮޑު ނާޒުކުކަމެއް ހާމަވެގެންގޮސްފައެވެ.
"މިހާތަނަށް އަހަރެމެންނަށް އެނގޭ އެންމެ ބޮޑު ކަމަކީ މިއީ ފުރަތަމައިނުންވެސް މުވާސަލާތީ ނުރައްކަލެއްކަން،" އަލްޖަޒީރާއަށް އޭނާ ބުންޏެވެ.
މައިކްރޯސޮފްޓުން ބުނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި ރިޕޯޓެއް ނެރޭނެކަމަށެވެ.



advertisment