Support Us

ކޮލަމް ދިވެހި: "35 މިލިޔަން ހިތާ ގުޅިފައިވާ، ޑޮކްޓަރެއްގެ ހިތް" 

ޕާކިސްތާނުގެ އާދަޔާ ޚިލާފު އިންސާނީ ޚިދުމަތްތެރިއެއްގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ!

ޕްރޮފެސަރ ޑރ. ސައްޔިދު އަދީބުލް ޙަސަން ރިޟްވީއަކީ ޕާކިސްތާނުގެ މަޝްހޫރު ޔޫރޮލޮޖިސްޓެކެވެ. ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރައްވާ ސަރޖަނެކެވެ. އިންސާނިއްޔަތަށް ޚިދުމަތްކުރެއްވުމުގައި ނިހާޔަތަށް ދީލަތި ބޭފުޅެކެވެ.

އޭނާއަކީ ޕާކިސްތާނުގައި ހިލޭ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެންމެ އިސް އެއް މުއައްސަސާ ކަމަށްވާ، ކަރާޗީގެ "ސިންދު އިންސްޓިޓިއުޓް އޮފް ޔޫރޮލޮޖީ އެންޑް ޓްރާންސްޕްލާންޓޭޝަން" (އެސް.އައި.ޔޫ.ޓީ) ގެ ބާނީއެވެ. މި ތަނުގެ ފެށުމަކީ 1971 ވަނަ އަހަރު ދޭން ފެށުނު ވަރަށް އާދައިގެ ޚިދުމަތެކެވެ.

އެއީ ކަރާޗީގެ ސިވިލް ހޮސްޕިޓަލެއްގައި ގާއިމުކުރެވުނު އެންމެ އަށް އެނދުގެ ކުޑަ ޔޫރޮލޮޖީ ވޯޑަކުންފެށުނު އިންސާނީ ޚިދުމަތެވެ. ޑރ. ރިޟްވީ ގަބޫލުކުރެއްވި ގޮތުގައި ޞިއްޙީ ފަރުވާއަކީ ކޮންމެ އިންސާނަކަށްމެ ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. އޭނާގެ ހިތް އަބަދުވެސް އޭނާއަށް ހަނދާންކޮށްދިނީ އިންސާނަކަށް ވާށެވެ. އިންސާނެއްގެ ދުނިޔޭގައި އުޅޭށެވެ. އިންސާނިއްޔަތު ކުރިޔަށް ނެރޭށެވެ. މި އަސާސްގެ މައްޗަށް ބިނާކޮށް، މުޅިން ހިލޭ ފެންވަރު ރަނގަޅު ބޭސްފަރުވާ ފޯރުކޮށްދިނުމަށް އޭނާގެ މުޅި ޙަޔާތް ވަނީ ޤުރުބާންކުރައްވާފައެވެ.

ފާއިތުވި ފަސް ދަހަރުގެ ތެރޭ ​މުޅި ސަރަޙައްދަށް ފެތުރިފައިވާ ޞިއްޙީ ވިއުގައެއްގެ ގޮތުގައި، މި ދަރުމަވެރި ޚިދުމަތް ފުޅާވެގެން ހިނގައްޖެއެވެ. ޝައްކެއްނެތެވެ. އިލާހީ ޢިނާޔަތާއި ބަރަކާތުގައެވެ.

"ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގާ- ކުޑަކުޑަ ގަހެއް ފަޅުއްވާ ބިޔަވުން އިތުރުކުރެއްވީ" އެވެ.

​މިހާރު ސިންދު ޕްރޮވިންސްގެ އެކި ކަންކޮޅުތަކުގައި 10 ހޮސްޕިޓަލާއި ހަ ސެޓެލައިޓް ސެންޓަރު ގާއިމުކޮށް، ޖުމްލަ 1,600 އަށް ވުރެ ގިނަ އެނދުގެ ޚިދުމަތް މި ތަންތަނުން ފޯރުކޮށްދެއެވެ.

​އެސް.އައި.ޔޫ.ޓީ އުފެދުނީއްސުރެ މިހާތަނަށް 35 މިލިއަނަށް ވުރެ ގިނަ ބަލިމީހުންނަށް ވަނީ މުޅިން ހިލޭ ބޭސްފަރުވާ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، އޮޕަރޭޝަންތައް ކުރުމާއި، ބޭސް ދިނުމުގެ އިތުރުން އެހެނިހެން އަސާސީ ޞިއްޙީ ޚިދުމަތްތައް ވެސް، ހިމެނެއެވެ. އެއީ ބަލިމީހާގެ އަތުން އެއްވެސް އަގެއް ނެގުމެއްނެތިއެވެ.

ހިލޭ ކޮށްދީފައިވާ އޮޕަރޭޝަންތަކުގެތެރޭގައި ގުނަންތައް ބަދަލުކުރުމުގެ އެތައް ހާސް އޮޕަރޭޝަނެއް ހިމެނެއެވެ.

ރެކޯޑުތަކުން ދައްކާ ގޮތުގައި ​އެސް.އައި.ޔޫ.ޓީ އިން ވަނީ ގުނަންތައް ބަދަލުކުރުމުގެ 7,600 އަށް ވުރެ ގިނަ އޮޕަރޭޝަން މުޅިން ހިލޭ ކޮށްދީފައެވެ. އަދި ޑަޔަލިސިސްގެ ޚިދުމަތާއި، ރޮބޮޓިކް ސަރޖަރީގެ އިތުރުން ޚާއްޞަ އެހެނިހެން ޒަމާނީ ފަރުވާތައް މި މުއައްސަސާއިން ފޯރުކޮށްދެއެވެ.

​މި މަތިވެރި އަދި ޚަރަދު ބޮޑު ޚިދުމަތްތައް ޒަމާނީ ފެންވަރުގައި ކުރިޔަށް ގެންދިޔުމުގައި އާންމު ފުދުންތެރީންގެ މާލީ އެހީތެރިކަން ލިބެއެވެ. ސަރުކާރާއި، ޒަކާތު ފަންޑުން ވެސް އެއްބާރުލުން ދެއްވައެވެ.

ކޮންމެޔަކަސް، ބަލިމީހާގެ މާލީ ތަނަވަސްކަން ހުރި މިންވަރަކަށް ބެލުމެއް ނެތި، ކޮންމެ މީހަކަށްމެ ހަމަހަމަކަމާއެކު ފަރުވާ ލިބޭނެ މަގު ވަނީ ފަހިވެފައެވެ.

​ޑރ. ރިޟްވީ މުޅި ޢުމުރުގައި ކުރެއްވި މި ބުރަ މަސައްކަތްޕުޅުގެ ސަބަބުން، އޯގާވެރިކަމާއެކު ދެވޭ ޞިއްޙީ ޚިދުމަތަކުން އެތައް މިލިއަން ބައެއްގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެކަމުގެ އާދަޔާ ޚިލާފު ނަމޫނާއަކަށް އެސް.އައި.ޔޫ.ޓީ ވަނީ ވެފައެވެ.

ޕްރޮފެސަރ ޑރ. ސައްޔިދު އަދީބުލް ޙަސަން ރިޟްވީގެ ޚިދުމަތުގެ އަގުވަޒަންކޮށް ބައިނަލްއަޤުވާމީ ފަރާތްތަކުން އިނާމުތައް ދެއްވާފައިވެއެވެ. ޕާކިސްތާނުގެ ޤައުމީ ފެންވަރުގެ އެންމެ މަތީ މަދަނީ އިނާމުތައް އަރުވާފައި ވެއެއެވެ. އޭގެ ތެރޭގައި ނިޝާނި އިމްތިޔާޒް (Nishan-e-Imtiaz) ހިމެނެއެވެ. މިއީ ޕާކިސްތާނު ސަރުކާރުން އާންމު ރައްޔިތުންނަށް އަރުވާ އެންމެ މަތީ މަދަނީ ޝަރަފެވެ. އޭނާ ޤައުމަށް ކުރެއްވީ ކޮން ޚިދުމަތެއްކަން އެ ޚިދުމަތްކުރެއްވީ ކިހިނެއްކަން އެ ޚިދުމަތުން ޕާކިސްތާނަށާއި އެ ތާނގެ ރައްޔިތުންނަށް ލިބުނީ ކޮން މަންފާއެއް ކޮން ލާބައެއްކަން އެ ފަސްގަނޑާއި އެ ރައްޔިތުންގެ ތަޖުރިބާގައި އަބަދުމެ ވާނެއެވެ. އެ ޤުރުބާނީގެ ދާތިކިތަކާއި ލޭތިކިތަކުން ފެނާއި ކާދު ލިބިގެން ހެދިފޯދުނު އިންސާނީ ކަރާމާތުގެ މާބަގީޗާތައް މުޅި ޕާކިސްތާނަށް ފެތުރިހިޔާއަޅައިފައި ވާތީ އެވެ! އޭގެ ހުވަނދާއި ފޮނި ރާޙާތު އެތައް ހާސް އިންސާނީ ހިތްތަކުގެ ވިންދާ ގުޅިފައިވާތީއެވެ.

އާދެ! ނިޝާން އިމްތިޔާޒުގެ ވެރިޔާ ޕްރޮފެސަރ ޑރ. ސައްޔިދު އަދީބުލް ޙަސަން ރިޟްވީއަށް، އޭނާގެ އިޚްލާޞްތެރި ދަރުމަވެރި ހެޔޮ ޢަމަލުތަކަށް ޓަކައި، ހެޔޮ ޖަޒާއާއި މާތް ދަރުމަދެއްވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *