މި އަހަރުގެ ވޯލްޑް ކަޕުގައި އެންމެ ބޮޑު ހައިރާންކަމެއް ގެނެސްދިން އެއް ތަރިއަކަށް ވޮޒީންޔާ ވެގެންދިޔައެވެ. ނަމަވެސް ކޭޕް ވާޑޭގެ ގޯލްކީޕަރު ބުނީ އޭނާ ބޭނުންވަނީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދާށެވެ.
އުމުރުން 40 އަހަރުގެ ކީޕަރުވަނީ ކޭޕް ވާޑޭން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުންގެ ހިތް އަތުލައިފައެވެ. ފަހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންއާ ދެކޮޅަށް 0-0 އިން އެއްވަރުވި މެޗުގައި އޭނާވަނީ ހަތް ސޭވްކޮށްފައެވެ. އަދި ފަހުން އޭނާވަނީ އޭނާގެ ގައުމު ނޮކްއައުޓް މަރުހަލާއަށް ގެންގޮސްދިނުމަށް އެހީތެރިވެދީފައެވެ.
ސްޕެއިން މެޗު ނިމުނުއިރު އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދުވަނީ 56،000 އިން އެއް މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ. ބްރެޒިލްގެ ބްރޯޑްކާސްޓަރު ކަޒޭ ޓީވީންވަނީ އޭނާއަށް ފޮލޯކުރުމަށް ބެލުންތެރިންނަށް ހިތްވަރުދީފައެވެ. ނަމަވެސް ކުއްލިއަކަށް ލިބުނު މި މަޝްހޫރުކަމާއެކު ހީނުކުރާ ފަދަ މައްސަލަތަކެއްވަނީ ކުރިމަތިވެފައެވެ.
"އަހަރެންގެ އަމާންކަން ގެއްލިއްޖެ"
މަޝްހޫރުކަމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތް ވޮޒީންޔާ ދި އޮބްޒާވާއަށް ކިޔައިދިނެވެ.
"އަހަރެންގެ އަމާންކަމާއި ހަމަޖެހުންވަނީ ގެއްލިފައި. އަހަރެންގެ ޕްރައިވެސީ (އަމިއްލަ ދިރިއުޅުމުގެ ނިވައިކަން) މިހާރަކު ނެތް، ނުވަތަ ކުރިއަށްވުރެ ކުޑަވެގެން ހިނގައްޖެ. މިހާރު އަހަރެން ބޭރަށް ނުކުމެ، ރެސްޓޯރަންޓަކަށް ދިޔަޔަސް، އަހަރެންނާއެކު ފޮޓޯއެއް ނަގަން ބޭނުންވާ ނުވަތަ އޮޓޯގްރާފަކަށް އެދޭ މީހަކު އަބަދުވެސް ހުރޭ. ނުވަތަ އެއަށްވުރެވެސް ގޯސް. ސަބަބަކީ ހުރެދާނެ މީހަކު އަހަރެންގެ ވީޑިއޯ ނަގަން،" ވޮޒީންޔާ ބުންޏެވެ.

"ތެދަށް ބުނާނަމަ، އަހަރެންނަށް މިއަދު މި އޮތް ދިރިއުޅުން ނުވަތަ ކުރީގެ ދިރިއުޅުން އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިއްޖެނަމަ، އަހަރެން އިހްތިޔާރުކުރާނީ ކުރީގެ ދިރިއުޅުން،" އޭނާ އިތުރަށް ބުންޏެވެ.
އޭނާގެ އާއިލާއަށްވެސް މީހުންގެ ސަމާލުކަން ލިބޭ މިންވަރުންވަނީ އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ. ދި އޮބްޒާވާއިން ރިޕޯޓުކުރި ގޮތުގައި ކޭޕް ވާޑޭގައި ހުންނަ އޭނާގެ މަންމަގެ ގެއަށް ކޮންމެ ދުވަހަކުވެސް ސަޕޯޓަރުން ޒިޔާރަތްކުރެއެވެ. އެ މީހުން އެދެނީ ފޮޓޯ ނެގުމަށާއި ވާހަކަދެއްކުމަށެވެ.
"އަހަރެންނަށް އެ ތަނަކު ނުހުރެވޭ. އެހެންވެ އަހަރެންނަކަށް އެ މީހުންނަށް އެހީއެއް ނުވެވޭނެ. އެ މީހުން ޖެހޭނީ މި ހާލަތާއެކު އުޅެން ދަސްކޮށް، އިންތަކެއް ކަނޑައަޅަން،" ވޮޒީންޔާ ބުންޏެވެ.
ކޯލޯ-ކޯލޯގެ ކޮންޓްރެކްޓް ޝަރުތުތައް
ވޮޒީންޔާގެ ފުޓްބޯޅަ ކެރިއަރަށްވެސްވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އޭނާ މަޝްހޫރުވިއިރު ހުރީ ކްލަބެއް ނެތިއެވެ. ވޯލްޑް ކަޕަށްފަހު އޭނާވަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބް ޝާވޭޝް ދޫކޮށް، ޗިލީގެ މަޝްހޫރު ކްލަބް ކޯލޯ-ކޯލޯއާ ގުޅިފައެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް އޮތީ މި އަހަރުގެ ނިޔަލަށެވެ.

ޗިލީގެ ނޫސްތައްކަމަށްވާ ލާ ތެރްސޭރާއާއި އެމޯލުން ރިޕޯޓުކުރި ގޮތުގައި ކްލަބުން ކުޅޭ މެޗުތަކުގެ މަދުވެގެން ދެބައިކުޅަ އެއްބައި މިނެޓުގައި އޭނާ ކުޅެފިނަމަ، ކޮންޓްރެކްޓް އޮޓޮމެޓިކުން އިތުރު އެއް އަހަރަށް އާވެގެންދާނެއެވެ. ނޫންނަމަ އެއްވެސް ފީއެއް ދިނުމަކާ ނުލައި ކޯލޯ-ކޯލޯއަށް އޭނާ ދޫކޮށްލެވިދާނެއެވެ.
އޭނާވަނީ އިދިކޮޅު ޓީމުތަކަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުންވަނީ އޭނާ ބޯޅައިގައި އަތްލައި ގޮތާމެދު ސުވާލު އުފައްދައިފައެވެ.
މާލީއާ ދެކޮޅަށް ހެދުނު ގޯސް
އަންނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން ކެމްޕޭނުގައި މާލީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ވޮޒީންޔާއަށްވަނީ ފާޑުކިއުންތައް ކުރިމަތިވެފައެވެ.
މާލީ އަތުން 3-1 އިން ބަލިވި މެޗުގައި އޭނާއަށްވަނީ ބޮޑު ގޯހެއް ހެދިފައެވެ. އޭނާވަނީ ނުބައި ވަގުތެއްގައި ގޯލްގެ ރޮނގުން ނުކުމެ، ބޯޅަ ހޯދުމުގައި ފޭލިވެފައެވެ. މާލީގެ ދޯރްޖެލެސް ނެނޭވަނީ މީގެ ފައިދާ ނަގައި ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ.
ސްޕެއިންގެ ނޫހެއްކަމަށްވާ އޭއެސްއިން މި ބަލިވުން ސިފަކުރީ "ގޮލްޕޭ ދެ ރެއާލިދާދް"ގެ ގޮތުގައެވެ. މީގެ މާނައަކީ ކޭޕް ވާޑޭއަށް "ހަގީގަތް އިހުސާސްކޮށްދިނުމެ"ކެވެ.

ޗިލީގެ ލީގު ކާމިޔާބީއާއެކު ވޮޒީންޔާ އަލުން ކުރިއަށް
ވޮޒީންޔާ ފަހުންވަނީ ފުޓްބޯޅައިގައި އަދިވެސް އޭނާގެ ހުނަރު އެބަ އޮތްކަން ދައްކައިދީފައެވެ.
މި އަހަރުގެ ބެލޯން ޑޯ ރަސްމިއްޔާތުގައި ޔާޝިން އެވޯޑު ގެއްލުނުތާ މަދު ހަފުތާތަކެއްގެ ތެރޭގައި އޭނާވަނީ މި މަހު ޗިލީގެ ލީގު ތަށި ކޯލޯ-ކޯލޯއަށް ހޯދައިދިނުމަށް އެހީތެރިވެދީފައެވެ.
މި ކާމިޔާބީއަށްފަހު ކޭޕް ވާޑޭގެ ގައުމީ ކުޅުންތެރިޔާވަނީ މި ތަށީގެ ޝަރަފު އޭނާގެ އާއިލާއަށާއި ގައުމަށް އަރުވައިފައެވެ.
"މިއަދަކީ އުފާކުރުމުގެ ދުވަހެއް. ކުރިމަގާމެދު އަހަރެމެން ވާހަކަދައްކާނީ ފަހުން. މި މަގާމު މިއީ އަހަރެންގެ މުޅި އާއިލާއަށާއި ކޭޕް ވާޑޭއަށް ލިބުނު މަގާމެއް،" އޭނާ ބުންޏެވެ.



advertisment