Support Us

ފްރާންސާއި ސްޕެއިންގައި ބޭއްވި މުޒާހަރާތަކުން ހިތްވަރު ލިބިގެން މި ދިޔަ މަހު 17 ގައި އިޓަލީގައި ބޭއްވި މުޒާހަރާއެއްގައި މުޒާހިރީންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއް

ފްރާންސްގެ މުޒާހަރާތައް ޔޫރަޕްގެ 31 ގައުމަކަށް ފެތުރުން- ބައްރުގެ އިގުތިސާދީ-އިޖުތިމާއީ މައްސަލަތަކުގެ މާޔޫސްކަމުގެ ރަމްޒެއް

ސަރުކާރާ ދެކޮޅަށް އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން، ޖެހިޖެހިގެން ހަތަރު ހަފުތާބަންދުގައިވެސް މުޅި ފްރާންސްގައި އެތައް ހާސް ބަޔަކުވަނީ މުޒާހަރާކޮށްފައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ދެކޮޅަށް ހޮނިހިރު ދުވަހުވެސް މުޅި ގައުމުގައި ގާތްގަނޑަކަށް 146،000 މީހުން މުޒާހަރާއަށް ނުކުތެވެ. އޭގެ ތެރެއިން 46،000 މީހުން މުޒާހަރާކުރީ ވެރިރަށް ޕެރިސްގައިކަމަށް ފްރާންސްގެ ދާހިލީ ވުޒާރާއިން ބުންޏެވެ.

ފްރާންސްގެ ސެކަންޑަރީ ސްކޫލް ދަރިވަރުން ފެށި މުޒާހަރާގެ ރާޅުވަނީ މިހާރު ޔޫރަޕަށް ފެތުރިފައެވެ. މިއިން ރަމްޒުކޮށްދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި މުސާރަ ކުޑަވުމާއި އާންމު ހިދުމަތްތައް ދަށްވުމާއި އަދި އަތްފޯރާފަށުން ބޭރުގައިވާ އަގުބޮޑު ގެދޮރުގެ މައްސަލައިގައި ޔޫރަޕްގެ ރައްޔިތުންގެ މެދުގައި އިތުރުވަމުންދާ ނުރުހުމެވެ.

ދުނިޔޭގައި ހިނގާ ސިޔާސީ ހަމަނުޖެހުން ދިރާސާކުރާ އެމެރިކާގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ (އޭ.ސީ.އެލް.އީ.ޑީ) ޕްރޮޖެކްޓުގެ މައުލޫމާތު ތަހުލީލުކުރުމުން ދައްކައި ގޮތުގައި މި ދިޔަ ސެޕްޓެމްބަރު 15 އާއި މި ދިޔަ މަހުގެ 30 އާ ދޭތެރޭ ޔޫރަޕްގެ 31 ގައުމެއްގައި މަދުވެގެން 100 މީހުން ބައިވެރިވި 1،700 އަށްވުރެ ގިނަ މުޒާހަރާއާއި ހަމަނުޖެހުން ހިންގައިފައިވެއެވެ.

އެންމެ ގިނައިން މުޒާހަރާ ރެކޯޑުކުރެވުނީ ފްރާންސްގައެވެ. އެ މުއްދަތުގައި އެ ގައުމުގައި 1،200 އަށްވުރެ ގިނަ މުޒާހަރާއާއި ހަމަނުޖެހުން ހިންގިއެވެ. ސްޕެއިންގައި 173، އިޓަލީގައި 160، ޖަރުމަނުގައި 70 އަދި ޕޯޗުގަލްގައި 33 މުޒާހަރާ ރެކޯޑުކުރެވުނެވެ.

މި ހަރަކާތް ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށުނީ ފްރާންސްގެ ސްކޫލްތަކުގައެވެ. ދަރިވަރުން މުޒާހަރާކުރީ ކްލާސްރޫމްތައް ތޮއްޖެހުމާއި މުދައްރިސުން މަދުވުމާއި އަދި ސްކޫލް އިމާރާތްތައް ވީރާނާވަމުންދާތީއެވެ. ފަހުން ޓްރޭޑް ޔޫނިއަންތަކާއި ފްރާންސްގައި މުޒާހަރާގެ ހަރަކާތްތައް ހިންގުމަށް 2018 ގައި އުފެއްދި "ޔެލޯ ވެސްޓްސް" ހަރަކާތުންވެސް މި މުޒާހަރާތަކާ ގުޅުނެވެ. އަދި ރަނގަޅު މުސާރައާއި އަގުހެޔޮ ގެދޮރާއި އަދި ތެލުގެ އަގު ހެޔޮކުރުމަށް ގޮވައިލައި މުޒާހަރާތަކަކަށް މުޒާހަރާތައް ފުޅާވެގެންދިޔައެވެ.

މި ދިޔަ މަހު 17 ގައި މުޅި ފްރާންސްގައި 500،000 އަށްވުރެ ގިނަ މީހުން މުޒާހަރާކުރިކަމަށް ސަރުކާރުގެ އަންދާޒާތަކުން ދައްކައެވެ.

ފްރާންސްގައި މި ދިޔަ މަހު 24 ގައި ބޭއްވި މުޒާހަރާއެއްގައި މުޒާހަރާކުރި މީހަކާ ދިމާއަށް ފުލުހަކު ކަރުނަ ގޭސް ކެނިސްޓަރެއް އެއްލަނީ

އޭ.ސީ.އެލް.އީ.ޑީގެ ޗީފް އެގްޒެކެޓިވް ކްލިއޯނާ ރާލީ ބުނީ ފްރާންސްގައި މުޒާހަރާތައް ވަރަށް ބޮޑަށް އިތުރުވެފައިވައިކަމަށެވެ.

"މިހާރު ހިންގާ މުޒާހަރާ ބުރުގައި ދުވާލަކު ގާތްގަނޑަކަށް 66 މުޒާހަރާއަށްވަނީ އިތުރުވެފައި. މިއީ އާދައިގެ ނިސްބަތަށްވުރެ ތިން ގުނަ އިތުރު އަދަދެއް،" އޭނާ މި ދިޔަ މަހު 19 ގައި ބުނެފައިވެއެވެ.

ފާއިތުވި ފަސް އަހަރު ފްރާންސްގައި ނިސްބަތުން ދުވާލަކު 20.5 މުޒާހަރާ ބާއްވައިފައިވެއެވެ.

އާންމުކޮށް ހުންނަ މިންވަރަށްވުރެ އަނިޔާވެރިކަން ބޮޑުވެފައިވައިކަންވެސް ރާލީ ފާހަގަކުރިއެވެ.

"އެންމެ ބޮޑު ތަފާތަކީ ކުރިމަތިލުންތަކުގެ ދަރަޖަ. ހިނގާދިޔަ މުޒާހަރާތަކުގެ ގާތްގަނޑަކަށް 24.2 ޕަސެންޓްވަނީ ހަމަނުޖެހުންތަކެއްކަމަށް ކަނޑައަޅައިފައި. މުޒާހަރާކުރުމުގެ ކުރީ ބުރުތަކުގައި ހަމަނުޖެހުންތަކެއްކަމަށް ސިފަކޮށްފައިވަނީ އެންމެ 1.9 ޕަސެންޓް މުޒާހަރާ. މިއަށްވުރެ ހަމަނުޖެހުންތަކުގެ މަތީ ނިސްބަތެއް ރެކޯޑުކުރެވުނީ 2023 ގައި ނާހިލް މަރްޒޫކް މަރުވުމާ ގުޅިގެން ހިންގި ހަމަނުޖެހުންތައް އެކަނި،" އޭނާ ބުންޏެވެ.

އުމުރުން 17 އަހަރުގެ މަރްޒޫކަކީ ފްރާންސްގެ ފުލުހަކު ގަސްދުގައި ބަޑިޖަހައި މަރައިލި އަލްޖަޒާއިރު ދަރިކޮޅުގެ ފްރާންސްގެ ފިރިހެން ކުއްޖެކެވެ. އެ ފުލުސް އޮފިސަރު މަރްޒޫކް މަރައިލީ އަމުރަށް ނުކިޔަމަންތެރިވެ، ކާރު މަޑުނުކޮށް މަރްޒޫކް ދާން އުޅުމުންނެވެ.

ފްރާންސްގެ ފުލުހުން ފިޔަވަޅު އަޅައިފައިވައި ގޮތަށްވެސް ބައިނަލްއަގުވާމީ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ. މި ދިހަ މަހު 28 ގައި އދ.ގެ ހަތަރު މާހިރަކުވަނީ މުޒާހިރީންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެތައް ހާސް ބަޔަކު، ހާއްސަކޮށް ކުޑަކުދިން، ހައްޔަރުކޮށް، ބަންދުކުރާ ނިސްބަތް އިންސާފުވެރި ނޫންކަމަށް ފެނޭ. އަދި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އޮތް ހުރަހެއް،" އެ މީހުން ބުންޏެވެ.

ޔޫރަޕްގެ އެހެން ގައުމުތަކަށް ބަލާއިރު، ކުއްލި ހާލަތުގެ ގެދޮރުވެރިކަމުގެ ފިޔަވަޅުތައް، ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލުމުން ސްޕެއިންގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވިއެވެ. ދިރިއުޅުމުގެ ހަރަދުތަކާއި ކުލި ބޮޑުވުމާ ދެކޮޅަށްކުރި މުޒާހަރާތަކުގައި އިޓަލީގައި ކުރިމަތިލުންތައް ހިންގިއެވެ. އަދި ކުޑަ މުސާރައާއި ގެދޮރުގެ ދަތިތަކާ ދެކޮޅަށް ޕޯޗުގަލްގައިވެސް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތެވެ.

ޕެރިސްގެ ވިޔަފާރިއާއި ސިނާއަތާ ބެހޭ ސަރުކާރުގެ އިދާރާއިން 1881 ގައި ގާއިމުކުރި ހިލޭސާބަހަށް ހިންގާ ވިޔަފާރި ދާއިރާގެ ބައިނަލްއަގުވާމީ ސްކޫލު، އެޗްއީސީ ޕެރިސް ބިޒްނަސް ސްކޫލްގެ ޔޫރަޕް އިއްތިހާދުގެ ގާނޫނާއި ސިޔާސަތާ ބެހޭ ޕްރޮފެސަރު އަލްބާޓޯ އަލެމަންނޯ ބުނީ މުޒާހަރާކުރުމުގެ ހަރަކާތް ފްރާންސްގެ އިމުން ބޭރަށް މިހާރު ފެތުރެމުންދާ ކަމަށެވެ.

"މި ހަރަކާތް ފެށުނީ ފްރާންސުން. އަދި މި ކަން ފްރާންސްގެ ބޭރަށް ފެތުރެމުންދާކަމުގެ ނިޝާންތައް މިހާރު އެބަފެނޭ،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުގައި މުޒާހަރާތައް އެހާ ބޮޑު ދަރަޖައަކަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް މި ހަރަކާތްތައް ފެތުރިގެންދިއުމުން މުޅި ޔޫރަޕް ބައްރުގައި އޮތް އިގްތިސާދީ އަދި އިޖުތިމާއީ މާޔޫސްކަން ހާމަވެގެންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް