ހަފުތާބަންދުގެ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެން ފްރާންސްގައި ކާފިއު ހިންގަން ފަށައިފިއެވެ.
މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ، ލޫޓުވުންތަކުގައި ގާތްގަނޑަކަށް 1,000 ފުލުހުންނަށް އަނިޔާވެ، 2,500 އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ.
ރަސްމީ އިދާރާތަކުންވަނީ ވެރިރަށް ޕެރިހުގެ ބައެއް ސަރަހައްދުތަކާއި އެހެން ސިޓީތަކުގައިވެސް ރޭގަނޑު ކާފިއު ހިންގަން ފަށައިފައެވެ.
މި ނުތަނަވަސްކަން މި ދިޔަ މަހު ފެށުނީ ސުކޫލުތަކުގެ ހާލަތާމެދު ހިތްހަމަނުޖެހިގެން ދަރިވަރުންކުރި މުޒާހަރާތަކުންނެވެ. ނަމަވެސް ފަހުން، މިއީ ތެލުގެ އަގާމެދު ހިތްހަމަނުޖެހުމާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އަދި އާންމު ހިދުމަތްތައް ދަށަށްދިއުމާމެދު އުފެދުނު ނުރުހުންތައް ފުޅާވެގެންދިޔަ މުޒާހަރާތަކަކަށް ބަދަލުވީއެވެ. ހަފުތާބަންދުގައި މުޅި ގައުމުގައި ގާތްގަނޑަކަށް 550,000 މީހުންވަނީ މުޒާހަރާކޮށްފައެވެ.
ބޮޑުވަޒީރު ސޭބަސްޓްޔަން ލަކޯނީވަނީ ކާފިއު ހިންގުމުގެ ބާރު މޭޔަރުންނަށް ދެއްވައި، އެތައް މިލިއަން ޔޫރޯއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
"މުދަލަށް ގެއްލުން ދިން މީހުންގެ އަތުން ފައިސާ އަތުލެވޭނެ މަގުތައް ހޯދުމަށްޓަކައި ގާނޫނެއް އެކުލަވައިލައިނަން،" އޭނާ ވިދާޅުވިއެވެ.
ބައެއް ސިޓީތަކުގައި ފުލުހުންނަށް "ކޮންޓްރޯލް ގެއްލުނު"ކަމަށް ދާހިލީ ވަޒީރު ލޯރަން ނޫންޔެސް އިއުތިރާފުވެވަޑައިގަތެވެ.
ވިޔަފާރިއާއި ސިނާއަތާ ބެހޭ ޗެމްބަރުގެ ވެރިޔާ އަލެން ޑީ ކްރެޝެންޒޯ ބުނީ 2,000 އަށްވުރެ ގިނަ ވިޔަފާރިއަށް އަސަރުކޮށްފައިވާއިރު ލިބުނު ގެއްލުން އެތައް ސަތޭކަ މިލިއަން ޔޫރޯއަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން "ހަމަނުޖެހުން އުފެއްދުމަށް" ބައެއް ޖަމާއަތްތަކުން މަސައްކަތްކުރާކަމަށްވެސް ލަކޯނީ ތުހުމަތުކުރެއްވިއެވެ.
އިދިކޮޅު ލީޑަރު ޝާން-ލޫކް މޭލަންޝޯން ވިދާޅުވީ އެ ކަމުގެ ހެކި ދެއްކެވުމަށެވެ. ނޫނީ މާފަށް އެދިވަޑައިގަތުމަށެވެ.



advertisment