ބައެއް ސަޕޯޓަރުންނަށް އުނދަގޫވާތީ ސްޓޭޑިއަމްގައި ތަރުހީބު ދިނުމުގެ ގޮތުން ސަޕޯޓަރުން އެކުއެކީގައި ފުއްމުން ޖަރުމަނުގެ ކްލަބަކުން މަނާކުރަން ނިންމައިފިއެވެ.
ދެ ވަނަ ޑިވިޝަންގެ ވީ.އެފް.އެލް ބޯކަމްގެ ދަނޑުގެ ބައެއްގައި ސަޕޯޓަރުން އެކުގައި ފުއްމުން މަނާކުރަން ނިންމީ މި ފަދަ "ޓްރައިބިއުން މޫވްމަންޓް" ނުވަތަ ގިނަ ބަޔަކު އެކުއެކީގައި ހަރަކާތްކުރުމުގެ ސަބަބުން، އެ މީހުން ތިބޭ ސްޓްރަކްޗަރުގައި ތިބި އެހެން ސަޕޯޓަރުންނަށް އުނދަގޫވާތީކަމަށް އެ ކްލަބުން އިއްޔެ ބުންޏެވެ.
ރޫއަޝްޓަޑީއޮން ސްޓޭޑިއަމް އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން އިންޖިނިއަރުންވަނީ ދަނޑުގެ އޮނިގަނޑު ދިރާސާކޮށް، ސަޕޯޓަރުންގެ ބަރުދަން އުފުލުމުގެ ގާބިލުކަން ސިޑިބަރީގައި ހުރިކަމަށް ބުނެފައެވެ.
ނަމަވެސް އެ މީހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މެޗުތަކުގެ ތެރޭގައި ސަޕޯޓަރުން އެއްހަމައެއްގައި ފުއްމުމުގެ ސަބަބުން ޓްރިބިއުންގައި "ޓްރެމްޕޮލީން އެފެކްޓް"އެއް އުފެދެއެވެ. އެއީ ކޮޅަށް ތިބޭ ސްޓްރަކްޗަރުގައި ފުއްމުމުން، އެ ސްޓްރަކްޗަރު މައްޗަށް އަރައި، ތިރިވެ، އަދި އަލުން މައްޗަށް އެރުމުގެ އިހްސާސެކެވެ. މި ކަމުގެ ސަބަބުން އެ ކަމަށް ހޭނިފައި ނެތް މީހުންނަށް އުނދަގޫ ކުރިމަތިވާކަމަށް ކްލަބުން ބުންޏެވެ.
ކްލަބުން ބުނީ 26،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމްގައި ކޮޅަށް ތިބޭ އީސްޓް ސްޓޭންޑް ސަރަހައްދުގައި ސަޕޯޓަރުން އެކުއެކީގައި ފުއްމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން މަނާކުރާނެކަމަށެވެ.
"ވީ.އެފް.އެލްއަށް އެހެން ގޮތެއް ނެތިގެން އަޅާ މި ފިޔަވަޅުތަކާމެދު ހިތާމަކުރަން. ނަމަވެސް ފުއްމުން މަނާކުރުމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތާނަމަ އީސްޓް ސްޓޭންޑުގެ ފުރިހަމަ ޖާގަ ބޭނުންކުރެވޭނެތީ އެ ކަމާ ހިތްހަމަޖެހޭ،" ކްލަބުން ބުންޏެވެ.
މި މަނާކުރުން 2028 އާ ހަމައަށް ދެމިގެންދާނެކަމަށް ބެލެވެއެވެ.
"އުފަލާއެކު ފާހަގަކުރެވޭ ގޮތުގައި އީސްޓް ސްޓޭންޑު މަރާމާތުކުރުމަކީ މިހާރުވެސް ޒަމާނީކުރުމުގެ މަޝްރޫއުގެ ބައެއް. އެހެންކަމުން ދިގު މުއްދަތުގެ ޕްލޭނިން މަރުހަލާއެއް ނުނަގައި، 2028 އަށް ތާވަލުކޮށްފައިވާ މަރާމާތުގެ މަސައްކަތް ނިމުމުން ފުއްމުން މަނާކުރުމުގެ އުސޫލު އުވައިލެވޭނެ،" ކްލަބުން ބުންޏެވެ.



advertisment