ޔަމަންގެ ހޫތީންގެ ހަމަލާތައް ވަރުގަދަވަމުންދާތީ ސައޫދީ އަރަބިއްޔާގެ އަސްކަރީ ބޭނުންތަކަށް މަދަދު ދޭން ތުރްކިޔެއިން ހުށަހަޅައިފިއެވެ.
ތުރްކިޔެއިން މި ގޮތަށް ހުށަހެޅުމުން މިއީ ތުރްކިޔެ އާއި ސައޫދީ އާއި ޕާކިސްތާނުން މި ދިޔަ މަހު ހަތެއްގައި ގާއިމުކުރި މައްކާ މުއާހަދާއަށް ކުރިމަތިވި ފުރަތަމަ އިމްތިހާނެވެ.
ތުރްކިޔެގެ ހާރިޖީ ވަޒީރު ހާކާން ފައިދާން ހޮނިހިރު ދުވަހު ވިދާޅުވީ އަސްކަރީ ފަންނީ އެހީ ސައޫދީއަށް ބޭނުންވެދާނެކަމަށާއި އެ އެހީ ސައޫދީއަށް ދޭން ތުރްކިޔެ އޮތީ ތައްޔާރަށްކަމަށެވެ.
"އަހަރެމެންނަށް މި ފެންނަނީ ސައޫދީ އަރަބިއްޔާގެ އިހްތިސާސްގެ ދަށުގައިވާ ބިމާއި އެ ގައުމުގެ ސިޔާދަތަށް ވަރަށް ސީރިއަސް ހަމަލާތަކެއް ދޭ ތަން. ސައޫދީއަށް އަހަރެމެން އެހީތެރިވުމަކީ މައްސަލައެއްކަމަކަށް އަހަރެމެން ނުދެކެން،" އޭނާ ވިދާޅުވިއެވެ.
މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓްގެ ނަމުގައި، ތިން ގައުމުން ގުޅިގެން ގާއިމުކުރި ދިފާއުވުމާ ބެހޭ އެއްބަސްވުމުގައި ބުނެފައިވަނީ އެއް ގައުމަށް ދޭ ހަމަލާއެއް ބަލާނީ ތިން ގައުމަށްވެސް ދޭ ހަމަލާއެއްގެ ގޮތުގައިކަމަށެވެ.
ޕާކިސްތާނުން ބުނީ ހޫތީން ސައޫދީއަށް ހަމަލާދޭތީ ސައޫދީއަށް ޕާކިސްތާނުން މަދަދު ދޭން އަދި ވާހަކަނުދައްކާކަމަށާއި ނަމަވެސް ހޫތީންނާ ދެކޮޅަށް ހަމަލާދޭ ހިސާބަށް ގޮސްފިނަމަ މުއާހަދާގައި ބުނާ ގޮތަށް އަމަލުކުރާނެކަމަށެވެ.
ސައޫދީއާ ހޫތީންނާ ދެމެދު އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަނުމަށް ހޫތީން ތުރްކިޔެ އަދި ޕާކިސްތާނަށް ގޮވައިލިއެވެ.
"ސައޫދީއާ އަސްކަރީ ގޮތުން ގުޅިއްޖެނަމަ ތުރްކިޔެ އަދި ޕާކިސްތާނަށް ސާބިތުކަމާއެކީ ވޭން ހުރި ރައްދެއް ދޭނަން،" ހޫތީންގެ ސިޔާސީ އިސް އޮފިޝަލެއްކަމަށްވާ މުހައްމަދު އަލްބުހައިތީ ބުންޏެވެ.
ސައޫދީން ހޮނިހިރު ދުވަހު ބުނީ ހޮނިހިރު ދުވަހު ރިޔާޒަށް އަމާޒުކުރި ހޫތީންގެ ބެލިސްޓިކް މިސައިލެއް އިންޓަސެޕްޓްކުރިކަމަށެވެ.



advertisment