ތުރްކިޔެގެ ގައުމީ ދިދައަށް ކުޅު ޖެހުމުން އިނގިރޭސި ވިލާތުގެ ފަތުރުވެރިއަކާ ދެކޮޅަށް ޝަރީއަތްކުރަން ނިންމައިފިއެވެ.
އުމުރުން 58 ގެ ޓޫރިސްޓު ހައްޔަރުކުރީ އަންތަލްޔާ ސިޓީ ކައިރީގައި އޮންނަ އަލާންޔާ ސިޓީގެ ހޮޓަލަކުން މި މަހު ނުވައެއްގައެވެ.
ސްޓީވަން ކާ ނަމަކަށް ކިޔާ މީހާ ހައްޔަރުކުރީ ދިނެކް ނޭބަހުޑްގައި އޭނާ ހުރި ހޮޓަލުގެ މުވައްޒަފުންނާ ހޮޓަލުގެ ލޮބީގައި ޒުވާބުކުރުމަށްފަހު ލޮބީގައި ހުރި ތުރްކިޔެގެ ދިދައަށް ކުޅު ޖެހުމުންނެވެ. ކުޅު ޖެހީ ކީއްވެކަން ސާފެއް ނޫންކަމަށް ތުރްކިޔެގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ.
ކާ އެ ގޮތަށް އަމަލުކުރުމުން ހޮޓަލުގެ މުވައްޒަފުން އޭނާ ހިފެހެއްޓިއެވެ. އަދި ފުލުހުންނަށް ގުޅިއެވެ. އޭނާ ހައްޔަރުކުރީ އަލާންޔާ ފުލުހުންގެ އިދާރާގެ ސަލާމަތީ ބިއުރޯއިންނެވެ.
މުތަރުޖިމެއްގެ އެހީގައި ކާގެ ބަޔާނެއް ފުލުހުންނަށް ތަރުޖަމާކޮށްދިނެވެ. އެއަށްފަހު، ތުރްކިޔެގައި ކުށުގެ ތަހުގީގީ މަރުހަލާގައި ކަންތައްތައް ނިންމަން 2014 ގައި ގާއިމުކުރި ޝަރުއީ އޮފީހުން ނިންމީ އޭނާއާ ދެކޮޅަށް ޝަރީއަތްކުރުމަށާއި ޝަރީއަތް ފަށަންދެން ބަންދުގައި، އަލާންޔާ އެލް-ޓައިޕް ކްލޯޒްޑް ޖަލުގައި ބަހައްޓައިށެވެ.
"ސްޓީވަން ކާއާ ދެކޮޅަށް ޝަރީއަތްކުރަން ނިންމީ ދައުލަތުގެ ސިޔާދަތު ރަމްޒުކޮށްދޭ ނިޝާންތަކުގެ ހުރުމަތް ކެނޑުމުގެ ދައުވާގައި،" އެ އޮފީހުން ބުންޏެވެ.
ތުރްކިޔެގެ ގާނޫނުލްއުގޫބާތުގެ 300 ވަނަ މާއްދާގައި ބުނަނީ އާއްމު ތަނެއްގައި މީހުންނަށް ފެންނާނެހެން ގައުމީ ދިދައަށް އިހްތިރާމް ކުޑަކޮށްފިނަމަ އެއް އަހަރާއި ތިން އަހަރާ ދޭތެރޭގެ ޖަލު ހުކުމެއް އިއްވާނެކަމަށެވެ.
ތުރްކިޔެގައި ހުންނަ އިނގިރޭސި އެމްބަސީން މި މައްސަލައިގައި އަދި ވަކި އެއްޗެއް ނުބުނެއެވެ.



advertisment