ހޫނު ގަދަވުމުގެ ސަބަބުން ދުނިޔޭގައި މަރުވާނެކަމަށް ބެލެވޭ މީހުންގެ އަދަދު، މި ފަހަރުގެ އަލް ނީނޯގައި އިތުރު ބައި ލައްކައަށް އަރައިފައިނެކަމަށް އާ ދިރާސާއަކުން ބުނެފިއެވެ.
އެމެރިކާގެ ޝިކާގޯ ޔުނިވާސިޓީން މިއަދު ނެރުނު، މޫސުމާ ގުޅޭ ދިރާސާކުރާ ކްލައިމެޓް އިމްޕެކްޓް ލެބުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް، ހޫނު ގަދަވުމުގެ ސަބަބުން ދުނިޔޭގައި މިހާރު މަރުވަމުންދާ މީހުންގެ އަދަދަށް އިތުރު 451،000 އެއްހާ މީހުން ހިމެނިދާނެކަމަށެވެ.
ރިސާޗްކުރި މީހުން ބުނީ އެއްގަމުގައި ހޫނުމިން ހުންނަ މިންވަރު އިތުރު 1.2 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ހިނގައިދާނެކަމަށާއި، އާއްމުކޮށް އާދައިގެ އަހަރެއްގައި ތަޖުރިބާކުރެވޭ ވަރަށްވުރެ ހޫނުގަދަ ދުވަސްތަކުގެ އަދަދު ނިސްބަތުން 44 ޕަސެންޓް އިތުރުވެދާނެކަމަށެވެ.
ދިރާސާގައި މަރުވެދާނެކަމަށް ބުނާ މީހުންގެ އަދަދާއި ތަންތަން:
- އެފްރިކާ ބައްރުގެ ސާހީލް ސަރަހައްދު – 66،800 މީހުން.
- އެފްރިކާ ބައްރުގެ ގައުމު ނައިޖީރިއާ – 31،400 މީހުން.
- އެފްރިކާ ބައްރުގެ ގައުމު ސޫދާން – 17،600 މީހުން.
- އޭޝިއާ ބައްރުގެ ގައުމު އިންޑޮނޭޝިއާ – 19،300 މީހުން.
- އޭޝިއާ ބައްރުގެ ގައުމު އިންޑިއާ – 15،800 މީހުން.
- ދެކުނު އެމެރިކާ ބައްރުގެ ގައުމު ބްރެޒިލް – 13،300 މީހުން.
"ތިބާ ތިޔަ ދިރިއުޅެނީ ހޫނު ތަނެއްގައިކަމަށްވާނަމަ، ހޫނުމިން އިތުރަށް މައްޗަށް ދާ މިންވަރުގެ ސަބަބުން މާ ބޮޑަށް ތިބާ އިތުރު ނުރައްކަލަށް ހުށަހެޅޭނެ،" ކްލައިމެޓް އިމްޕެކްޓް ލެބްގެ އެއް ފައުންޑަރު އަދި ޝިކާގޯ ޔުނިވާސިޓީގެ އިގުތިސާދީ މާހިރު މައިކަލް ގްރީންސްޓޯން ބުންޏެވެ.
މި ދިޔަ ޖޫން އާއި އޮގަސްޓާ ދޭތެރޭ ފެށުނު އަދި މި މަހު މިހާރު އަސަރުތައް ފެންނަން ފަށައިފައިވާ އަލް ނީނޯ އާދަޔާހިލާފަށް ނުރައްކާތެރިވެދާނެކަމަށް އދ.އިން މި މަހު ތިނެއްގައި ބުންޏެވެ.
އަލް ނީނޯއަކީ ކޮންމެ ތިން އަހަރާއި ހަތް އަހަރާ ދޭތެރޭ ކުރިމަތިވާ މޫސުމީ ހާލަތެކެވެ. އަދި އެއް އަހަރުން ފެށިގެން ދެ އަހަރާ ދޭތެރޭގެ މުއްދަތަކަށް އަލް ނީނޯއެއް ދެމިގެން ހިނގައިދާނެއެވެ.
އދ.ގެ މޫސުމީ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ)އިން މި މަހުގެ ތިނެއްގައި ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މޫސުމީ ހާލަތު ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ކުރިމަތިވިއިރަށްވުރެވެސް މި ފަހަރު ވަރުގަދަވެދާނެއެވެ. އަދި މި އަހަރު ފަހުކޮޅު ކުންނަށް އަރައިފައި އަންނަ އަހަރުގެ ފެބްރުއަރީ މަހަށްވުރެވެސް އިތުރު މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ.
އެ އިދާރާއިން ބުނީ ޕެސިފިކް ކަނޑުގެ ސަތަހައިގެ ހޫނުމިން، އާއްމުކޮށް ހުންނަ ނިސްބަތަށްވުރެ ދެ ޑިގްރީ ސެލްސިއަސް މައްޗަށް މިހާރުވެސްވަނީ ގޮސްފައެވެ. އަދި ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ހަތަރު ޑިގްރީ ސެލްސިއަސް މައްޗަށް ގޮސް، 1950 ގައި ކުރިމަތިވި އަލް ނީނޯއަށްވުރެވެސް މިހާރު ކުރިމަތިވެފައިވާ އަލް ނީނޯ ނުރައްކާތެރިވެދާނެއެވެ. މިހާރުވެސް ޕެސިފިކް ކަނޑުގެ ސަތަހައިގެ ދަށުގައި އަށް ޑިގްރީ ސެލްސިއަސްގެ ހޫނުމިން ހުރި ސަރަހައްދުތައްވާކަމަށްވެސްވެއެވެ.
އާއްމު ހޫނުމިނަށްވުރެ މަތީ ދަރަޖައަކަށް ހޫނުމިން އަރައިފައިނެކަމަށް ބެލޭ ސަރަހައްދުތަކުގެ ތެރޭގައި އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑާއި އޮސްޓްރޭލިއާގެ އައްސޭރިފަށް ހިމެނެއެވެ. މި ކަމުގެ ސަބަބުން ކޮރަލް ބްލީޗިން ނުވަތަ މުރަކަ މަރުވާ "ގާ ހުދުވުމު"ގެ މައްސަލަ ކުރިމަތިވުން އެކަށީގެންވެއެވެ.



advertisment