Support Us

އެންމެ ފަހުން ކުރިމަތިވި އަލް ނީނޯގައި ކެންޔާ ފަދަ އިރުމަތީ އެފްރިކާގެ ގައުމުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވި

މި ފަހަރުގެ އަލް ނީނޯ އާދަޔާހިލާފަށް ނުރައްކާތެރިވެދާނެ: އދ.

މި ދިޔަ ޖޫން އާއި އޮގަސްޓްއާ ދޭތެރޭ ފެއްޓުނު އަދި މި މަހު މިހާރު އަސަރުތައް ފެންނަން ފަށައިފައިވާ އަލް ނީނޯ އާދަޔާހިލާފަށް ނުރައްކާތެރިވެދާނެކަމަށް އދ.އިން ބުނެފިއެވެ.

އަލް ނީނޯއަކީ ކޮންމެ ތިން އަހަރާއި ހަތް އަހަރާ ދޭތެރޭ ކުރިމަތިވާ މޫސުމީ ހާލަތެކެވެ. އަދި އެއް އަހަރުން ފެށިގެން ދެ އަހަރާ ދޭތެރޭގެ މުއްދަތަކަށް އަލް ނީނޯއެއް ދެމިގެން ހިނގައިދާނެއެވެ.

އދ.ގެ މޫސުމީ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ)އިން އިއްޔެ ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މޫސުމީ ހާލަތު ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ކުރިމަތިވިއިރަށްވުރެވެސް މި ފަހަރު ވަރުގަދަވެދާނެއެވެ. އަދި މި އަހަރު ފަހުކޮޅު ކުންނަށް އަރައިފައި އަންނަ އަހަރުގެ ފެބްރުއަރީ މަހަށްވުރެވެސް އިތުރު މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ.

އެ އިދާރާއިން ބުނީ ޕެސިފިކް ކަނޑުގެ ސަތަހައިގެ ހޫނުމިން، އާއްމުކޮށް ހުންނަ ނިސްބަތަށްވުރެ ދެ ޑިގްރީ ސެލްސިއަސް މައްޗަށް މިހާރުވެސްވަނީ ގޮސްފައެވެ. އަދި ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ހަތަރު ޑިގްރީ ސެލްސިއަސް މައްޗަށް ގޮސް، 1950 ގައި ކުރިމަތިވި އަލް ނީނޯއަށްވުރެވެސް ނުރައްކާތެރި އަލް ނީނޯއަކަށްވެދާނެއެވެ. މިހާރުވެސް ޕެސިފިކް ކަނޑުގެ ސަތަހައިގެ ދަށުގައި އަށް ޑިގްރީ ސެލްސިއަސްގެ ހޫނުމިން ހުރި ސަރަހައްދުތައްވާކަމަށްވެސްވެއެވެ.

އާއްމު ހޫނުމިނަށްވުރެ މަތީ ދަރަޖައަކަށް ހޫނުމިން އަރައިފައިނެކަމަށް ބެލޭ ސަރަހައްދުތަކުގެ ތެރޭގައި އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑާއި އޮސްޓްރޭލިއާގެ އައްސޭރިފަށް ހިމެނެއެވެ. މި ކަމުގެ ސަބަބުން ކޮރަލް ބްލީޗިން ނުވަތަ މުރަކަ މަރުވާ "ގާ ހުދުވުމު"ގެ މައްސަލަ ކުރިމަތިވުން އެކަށީގެންވެއެވެ.

އދ.އިން އިންޒާރުދިން ގޮތުގައި މި ފަހަރުގެ އަލް ނީނޯގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކަށް ހަނަފަސްކަމާއި ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުމާއި ތޫފާންތައް ކުރިމަތިވުން އެކަށީގެންވެއެވެ.

"އަހަރެމެންގެ ދުނިޔެ މިހާރު މި އޮތީ ބުނެދޭން ނޭނގޭ ހާލަތެއްގައި. ނުރައްކާތެރި މޫސުމީ ހާލަތްތަކެއްގެ ތެރެއަށް މިހާރު މި އޮތީ މި ދުނިޔެއަށް ވަދެވިފައި،" ޑަބްލިޔު.އެމް.އޯގެ ރިޕޯޓް ނެރުމާ ދިމާކޮށް އދ.ގެ އަމީންއާއްމު އެންޓޯނިއޯ ގުޓެރޭސް އިއްޔެ ބުންޏެވެ.

ދެކުނުއިރުމަތީ އޭޝިއާ އާއި އެމެރިކާ ބައްރުގެ ބައެއް ސަރަހައްދުތަކުގައި ހަނަފަސްކަމާއި ޖަންގަލިތަކުގައި ރޯވުން އިތުރަށް ގޯސްވާނެކަމަށާއި ބްރެޒިލްގެ ދެކުނު ސަރަހައްދާއި އެމެރިކާގެ ދެކުނު ސަރަހައްދަށްވެސް ފެންބޮޑުވުން ކުރިމަތިވެދާނެކަމަށް ޑަބްލިޔު.އެމް.އޯއިން ބުންޏެވެ. އިންޑޮނޭޝިއާއިން މިހާރުވެސްވަނީ 107،000 ހެކްޓަރުގެ ސަރަހައްދެއްގެ ޖަންގަލިތަކުގައި ރޯވެއްޖެކަމަށް ރިޕޯޓްކޮށްފައެވެ. އެ އަލިފާންގަނޑު ކުރިއަށްދާތާ އެއް މަސްވެއްޖެއެވެ.

"މުޖުތަމައުތަކާއި އިގުތިސާދުތަކަށް ބޮޑެތި ގެއްލުންތައް މި އަލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ،" ޑަބްލިޔު.އެމް.އޯގެ އަމީންއާއްމު ސެލެސްޓެ ސައުލޯ ބުންޏެވެ.

ޕެނަމާއިން ބުނީ ވާރޭ ވެހުން މަދުވުމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް މުހިންމު، އަހަރަކު 14،000 އުޅަނދު ހުރަސްކުރާ ޕެނަމާ ކެނަލްގެ ޓްރެފިކް 10 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެމެރިކާއިންވަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫ.އެސް.އެން.އެސް ކަމްފަޓް ނަމަކަށް ކިޔާ ހޮސްޕިޓަލް މަނަވަރު ނެރެފައެވެ.

ޗައިނާއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ހަތް ތޫފާން އެ ގައުމަށް އަންނާނެއެވެ. މި ދިޔަ ޖުލައިގައި ތިން ތޫފާނެއްގައި އެތައް ދޮޅަހެއްގެ މީހުން މަރުވިއެވެ. އަދި ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ސަލާމަތްތެރި ހިސާބުތަކަށް އިވެކުއެއިޓްކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *