Support Us

ދުނިޔެއިން އެއް ފަހަރަކު އެންމެ މަދުވި ދޫންޏަށް ޝަރަފެއް ދީފި

ދުނިޔެއިން އެއް ފަހަރަކު އެންމެ މަދުވި ބާވަތުގެ ދޫންޏަށް، ނިއު ޒިލެންޑްގެ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ދޫނީގެ އިނާމު ލިބިއްޖެއެވެ.

މުބާރާތެއް ގޮތަށް ބޭއްވި މި އިވެންޓްގައި ބްލެކް ރޮބިންއަށް އިނާމު ލިބުނީ 26،610 މީހުންގެ ވޯޓާއެކުއެވެ.

ހޯމަ ދުވަހު ނަތީޖާ އިއުލާންކުރި މި ފަހަރުގެ މުބާރާތުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓުލިކަމަށް، މުބާރާތް ރާވާ، ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފޮރެސްޓް އެންޑް ބާޑްގެ ގްރޫޕް މެނޭޖަރު ރެބެކާ ހެޗް ބުންޏެވެ.

"އެހެން ގޮތަކަށް ބުނާނަމަ، ނިއު ޒިލެންޑްގެ ރައްޔިތުންގެ ތެރެއިން ކޮންމެ 50 އިން އެކަކު މި ފަހަރުގެ މުބާރާތުގައި ވޯޓު ލި. މި މުބާރާތުގެ ވޯޓުލުމުގައި ބައިވެރިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،"އޭނާ ބުންޏެވެ.

ނިއު ޒިލެންޑްގައި 1970 ގެ އަހަރުތަކުގައި އުޅުނީ ބްލެކް ރޮބިންގެ އެންމެ ފަސް ދޫންޏެވެ. އެއީ އޯލްޑް ބްލޫ އާއި އޯލްޑް ޔެލޯގެ ނަން ދީފައިވާ ޖޯޑެއްވެސް ހިމެނޭ ގޮތަށެވެ. މިހާރު ދުނިޔޭގައި އުޅޭ ގާތްގަނޑަކަށް 350 ބްލެކް ރޮބިންއަކީ އެ ޖޯޑު ވިހެއުމުން ދުނިޔެއަށް އިތުރުވި ބްލެކް ރޮބިންތަކެވެ.

މި އަދަދަށް ބްލެކް ރޮބިން އިތުރުވީ އެ ސޮރުމެން ވިއްސަން ހާއްސަ މަޝްރޫއެއް ހިންގައިގެން ކަމަށްވިޔަސް ނިއު ޒިލެންޑްގައި އަދިވެސް އެ ދޫނީގެ ކުރިމަގަށް އިތުރު ކަންތައްތައް ހަމަޖައްސައިދޭން ޖެހެއެވެ. އެ ގޮތުން އެ ސޮރުމެން މިހާރު ދިރިއުޅެނީ އެ ސޮރުމެން ޝިކާރަ ނުކުރާ ދެ މާހައުލެއްގައި ކަމަށްވިޔަސް އިތުރު އެއް މާހައުލެއް ހަމަޖެއްސޭތޯ އެ ގައުމުން ދަނީ ބަލަމުންނެވެ.

"ބްލެކް ރޮބިންގެ އާބާދީ އަލުން އެނބުރި އެބަ އާދޭ. ނަމަވެސް އެ ސޮރުމެން ދިރިއުޅެން ލިބެން ހުރި މާހައުލުތައް ދަނީ މަދުވަމުން،" ނިއު ޒިލެންޑްގެ ތިމާވެށި ހިމާޔަތްކުރާ އިދާރާއިން މި މަހު އަށެއްގައި ބުންޏެވެ.

"ބްލެކް" ނުވަތަ "ކަޅު" މި ބަސް ބޭނުންކޮށްގެން މި ދޫންޏަށް ނަން ދީފައިވަނީ މި ދޫނީގެ ލޯ، ތުން އަދި ފަތްތައް ކަޅުކުލައިގައި ހުންނާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *