Support Us

މި ދިޔަ ހުކުރު ދުވަހު ސައޫދީ އަރަބިއްޔާގެ މައްކާގައި މައްކާ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުރްކިޔެގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން (ވ)، ސައޫދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން (މ) އަދި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު

މައްކާ މުއާހަދާ މަސައްކަތްކުރާ ގޮތް ހާމަކޮށްފި

މި ދިޔަ ހުކުރު ދުވަހު ސައޫދީ އަރަބިއްޔާ، ތުރްކިޔެ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ މުއާހަދާ، މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް މަސައްކަތްކުރާ ގޮތް ތުރްކިޔެއިން ހާމަކޮށްފިއެވެ.

ތުރްކިޔެގެ ދިފާއީ ވުޒާރާއިން އިއްޔެ ބުނީ މައްކާ މުއާހަދާގެ ދަށުން ތިން ގައުމުގެ އިސް އޮފިޝަލުން ގަވައިދުން ބައްދަލުކޮށް، އަސްކަރީ ޑްރިލްތައް ހިންގައި އަދި ދިފާއީ ސިނާއަތުގައިވެސް އެއްއްބާރުލާނެ ކަމަށެވެ.

ނޭޓޯގައި އޮންނަ އުސޫލު ފަދައިން މައްކާ މުއާހަދާގައިވެސް، އެއް ގައުމަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާކަމަށް ބަލާނެއެވެ.

އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން އޮޕަރޭޝަންތައް ހިންގުމުގައި ބައިވެރިވެ، ސައިބާ ދުނިޔެއާއި ޑްރޯނާއި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ ދާއިރާ އާއި އެހެނިހެން އަސްކަރީ ޓެކްނޮލޮޖީތަކުގެ ސިނާއަތްތަކުގައިވެސް އެއްބާރުލާން ހަމަޖައްސައިފައިވެއެވެ.

މައްކާ މުއާހަދާގެ ކަންތައްތައް ބަލަހައްޓަން ދާއިމީ ސެކްރެޓޭރިއަޓެއް ގާއިމުކުރަން ހަމަޖެއްސީ ސައޫދީގައެވެ.

"އުއްމީދަކީ މި މުއާހަދާގައި އިތުރު ގައުމުތަކުންވެސް ބައިވެރިވުން،" ތުރްކިޔެގެ ރައީސް ރަޖަބު ތޮއްޔިބު އުރްދުގާން ވިދާޅުވިއެވެ.

ތުރްކިޔެގެ ހާރިޖީ ވަޒީރު ހާކާނު ފައިދާނު ވިދާޅުވީ މިސްރުން މައްކާ މުއާހަދާގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިސްރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

"މި މުއާހަދާއަކީ އީރާނު ނުވަތަ އެހެންވެސް ގައުމަކާ ދެކޮޅަށް ގާއިމުކުރި މުއާހަދާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފުވެސް ވިދާޅުވީ އެހެންނެވެ.

"މި މުއާހަދާއަކީ ހަމައެކަނި ދިފާއީ އެއްބަސްވުމެއް. މިއީ އެއްވެސް ގައުމަކާ ދެކޮޅަށް ގާއިމުކުރި މުއާހަދާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *