Support Us

ތުރްކިޔެގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން (ވ)، ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން (މ) އަދި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު އިއްޔެ ސައޫދީގެ މައްކާގައި ބައްދަލުކުރައްވަނީ

މައްކާ މުއާހަދާ- ސައުދީ، ތުރްކިޔެ، ޕާކިސްތާންގެ ދިފާއީ އެއްބާރުލުން ފެނިގެންދާނީ ކޮން ގޮތަކަށް؟

އެއީ ތާރީހީ ނިންމުމެކެވެ. ސައުދީ އަރަބިއްޔާ، ތުރްކިޔެ އަދި ޕާކިސްތާނާ ދޭތޭރޭގައި އިއްޔެ ގާއިމުކުރި "މައްކާ ޖޮއިންޓް ޑިފެންސް ޕެކްޓް"އަކީ ހަލަބޮލިވަމުންދާ މެދުއިރުމަތީގައި އާ އިއްތިހާދީ ބާރެއް އުފެދިގެންދާނެ މުއާހަދާއަކަށް ވެދާނެއެވެ.

މި މުއާހަދާއަކީ މި ދިޔަ އަހަރު ސައޫދީ އާއި ޕާކިސްތާނާ ދެމެދު ގާއިމުކުރި ދިފާއީ އެއްބަސްވުމެއް އިތުރަށް ފުޅާކޮށްލުމެކެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މައްކާ މުއާހަދާއަކީ ހަމައެކަނި އެ ތިން ގައުމުގެ ސަލާމަތްތެރިކަމާ ގުޅޭ މުއާހަދާއެއް ނޫން ކަމަށާއި މިއީ ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ އިސްރާއީލާއި އީރާނާ "ކުރިމަތިލާން" ގާއިމުކުރި މުއާހަދާއަކަށް ވެދާނެކަމަށެވެ.

މުއާހަދާގެ ބޭނުން އަދި އެހާ ސާފެއް ނޫން

މުއާހަދާގައި ބުނަނީ އެއް ގައުމަށް ދޭ ހަމަލާއެއް ބަލަން ޖެހޭނީ ތިން ގައުމަށްވެސް ދިން ހަމަލާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މުއާހަދާގެ ހުރިހާ ނުކުތާތައް އަދި ހާމަކޮށްފައި ނުވާތީ، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ތިން ގައުމުން ކަންތައްކުރާނެ ގޮތް އަދި ސާފެއް ނޫނެވެ.

"މިސާލަކަށް، (އީރާނުން ވާގިވެރިވާ) ޔަމަންގެ ހޫތީން ސައޫދީއަށް ހަމަލާދީފިނަމަ، އެ ކަމުގެ ތެރެއަށް ތުރްކިޔެ އަދި ޕާކިސްތާނުން ވަންނަން ޖެހޭނެތަ؟ އެ ކަން އަދި ސާފެއް،" ސްޓްރެޓަޖީ އާއި އިންވެސްޓްމެންޓް ދާއިރާއިން ސަރުކާރުތަކާއި ވިޔަފާރިތަކުގެ އިސްވެރިންނަށް މަޝްވަރާ އަރުވާ ކިލޮއިން ގްރޫޕްގެ ޗެއާމަން ހާލަން އުލްމަން ބުންޏެވެ.

މި ފަދަ ސުވާލުތަކަކީ ކޮންމެހެން ކުރަން ޖެހޭ ސުވާލުތަކެއް ކަމަށް ދިރާސާވެރިން ބުންޏެވެ. އެއީ ސައޫދީ، ތުރްކިޔެ އަދި ޕާކިސްތާންގެ ސަލާމަތްތެރިކަމަށްވެސް ނުރައްކާތަކެއް ހުރީމައެވެ.

ތިން ގައުމަށް ހުރި ނުރައްކާތައް

ސައޫދީއަށް ވަނީ އީރާނާއި އީރާނުން ވާގިވެރިވާ ގްރޫޕްތަކުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. ޕާކިސްތާނަށް ވަނީ އަފްގާނިސްތާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވުމުގެ އިތުރުން ކުރިން އިންޑިއާއާވެސް ކުރިމަތިލާން ޖެހިފައެވެ. ތުރްކިޔެއިން ވަނީ ކުރްދީންގެ ހަތިޔާރުއެޅި ގްރޫޕްތަކާ ހަމަލާ ބަދަލުކުރުމުގައި އެތައް އަހަރެއް ވޭތުކޮށްފައެވެ. އަދި އިސްރާއީލާވެސް ގުޅުން ވަނީ ގޯސްވެފައެވެ.

މައްކާ މުއާހަދާއިން ސަރަހައްދުގެ މަސްރަހު ބަދަލުވަމުންދާ ގޮތް ވެސް ދައްކައިދެއެވެ. ސައޫދީގެ ނޫސްވެރިއެއް ކަމަށްވާ ޖަމާލު ހާޝުގްޖީ ތުރްކިޔެގައި 2018 ގައި މަރައިލުމުން ސައޫދީ އާއި ތުރްކިޔެއާ ދެމެދު ޑިޕްލޮމެޓިކް ދުރުކަމެއް އުފެދުނެވެ. ނަމަވެސް 2022 އަށް އެޅުނުއިރު ދެ ގައުމުން އަލުން ގުޅުންތައް ގާއިމުކުރަން ފެށިއެވެ. އެއީ އިގުތިސާދީ ގޮތުންނާއި ސްޓްރެޓަޖިކް ގޮތުން ދެ ގައުމުގެ މަސްލަހަތު އެއްގޮތްވާން ފެށުމުންނެވެ.

ތިން ގައުމުން ހިއްސާކުރާނެ ކަންތައްތައް

މި މުއާހަދާއަށް ތިން ގައުމުން ތަފާތު ތިން ކަމެއް ހިއްސާކުރެއެވެ. ޕާކިސްތާނުން ގެނެސްދެނީ ހަނގުރާމައިގެ ތަޖުރިބާ އާއި ނިއުކްލިއަ ގާބިލުކަން ހުރި އަސްކަރިއްޔާއެކެވެ. ތުރްކިޔެއިން ގެނެސްދެނީ ވަރުގަދަ ޑްރޯނާއި ދިފާއީ ޓެކްނޮލޮޖީގެ އިތުރުން ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ޖަމާއަތް ނޭޓޯގެ މެންބަރަކަށްވުމުގެ ގާބިލުކަމެވެ. ސައޫދީން ގެނެސްދެނީ ބޮޑުވެގެންވާ މާލީ ވަސީލަތުގެ ބިންގަލެކެވެ.

ނަމަވެސް ބައެއް ދިރާސާވެރިން ބުނީ މި މުއާހަދާގެ ކުރިމަގު އޮތީ އިތުރު މެންބަރުން ބައިވެރިވުމުގެ މައްޗަށް ކަމަށް ވެދާނެ ކަމަށެވެ. އެ ގޮތުން މިސްރު، ގަތަރު، ސޫރިޔާ އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށްވެސް ބައިވެރިވެވިދާނެ ކަމަށެވެ. އެކަމަކު މި ވަގުތު އެ ގައުމުތަކުގެ މަސްލަހަތު ސައޫދީ، ތުރްކިޔެ އަދި ޕާކިސްތާންގެ މަސްލަހަތާ ތަފާތެވެ. އަދި އިސްރާއީލާއި އީރާނާއެކު އޮތް އެ ގައުމުތަކުގެ ގުޅުންތައްވެސް ތަފާތެވެ.

އާހިރުގައި މައްކާ މުއާހަދާގެ ތިން ގައުމުގެ ގުޅުމުގެ ވަރުގަދަކަން ފެނިގެންދާނީ އެ ގައުމުތަކަށް މީގެ ފަހުން ކުރިމަތިވާ ފުރަތަމަ "ކާރިސާ"އިން ކަމަށް ދިރާސާވެރިން ބުންޏެވެ. އެ ގޮތުން، އެއް ގައުމަށް ހަމަލާއެއް ދީފިނަމަ، އަނެއް ދެ ގައުމުން އެ ގައުމާ އެކުގައި ހަނގުރާމައަށް ނިކުންނާނެ ބާވައެވެ؟ މައްކާ މުއާހަދާއަކީ ސަލާމަތީ އެއްބަސްވުމެއްގެ އިތުރުން މިއީ މެދުއިރުމަތީގެ އާ "އިއްތިހާދީ ބާރެއް"ގެ ފެށުންކަން، މި ސުވާލުގެ ޖަވާބުން އެނގިގެންދާނެ ކަމަށް ދިރާސާވެރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *