އަހަރަކު އެއް ފަހަރު ބާއްވާ، ނިއުކްލިއަ ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާއިން އީރާނަށް ހުރަސްއަޅައިފިއެވެ.
އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އިއްޔެ ފެށި އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)ގެ ފަސް ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ ވެރިޔާ މުހައްމަދު އިސްލާމީއަށް އދ.އިން ހުއްދަ ދިނެވެ. އެއީ އޭނާ ގައުމުން ބޭރަށް ދަތުރުކުރުމާ ދެކޮޅަށް އދ.އިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅަށް އިސްތިސްނާއެއް ދީފައެވެ. ނަމަވެސް އިސްލާމީއަށް ބައިވެރިނުވެވުނީ އެމެރިކާއިން އދ.ގެ އެ އިސްތިސްނާއާ ދެކޮޅުހެދުމުންނެވެ.
އޮސްޓްރިއާއިން ބުނީ އައި.އޭ.އީ.އޭގެ 70 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އިސްލާމީ އެ ގައުމަށް ދަތުރުކުރުމަށް އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ބެހޭ ކޮމިޓީގެ ކިބައިން އިސްތިސްނާއަކަށް އެދުނުކަމަށާއި ނަމަވެސް އެމެރިކާއިން އެ ކަމާ އިއުތިރާޒުކުރީކަމަށެވެ.
"އައި.އޭ.އީ.އޭގެ މެންބަރަކަށް އީރާން ވާއިރު، އެ ނިންމުމަކީ އީރާންގެ ހައްގުތައް ނިގުޅައިގަތުމެއް،" އައި.އޭ.އީ.އޭއަށް އީރާނުން ކަނޑައަޅައިފައި ހުންނަ މަންދޫބު ރިޒާ ނަޖަފީ ބުންޏެވެ.
ނަމަވެސް އެމެރިކާއިން އެ ބުނުމާ ދެކޮޅުހެދިއެވެ.
"އިސްލާމީގެ ބައިވެރިވުން ހަމައެކަނި ވެގެންދާނީ އީރާންގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ މަންސައަކަށް އައި.އޭ.އީ.އޭ ހަދައިލުން،" އެމެރިކާއިން އައި.އޭ.އީ.އޭއަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ޕްރެސްޓަން ވެލްސް ގްރިފިތް ތިނެއް ބުންޏެވެ.
އީރާނުން ބުނީ އެމެރިކާއިން އީރާނަށް ހުރަސްއެޅުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ނިންމުމެއްކަމަށެވެ. އެމެރިކާއިން ބުނީ އީރާންގެ ނިއުކްލިއަ ހަކަތަ މަރުކަޒުތައް ބަލާފާސްކުރަން އައި.އޭ.އީ.އޭގެ އިންސްޕެކްޓަރުންނަށް އީރާނުން އަލުން ހުއްދަ ދޭން ޖެހޭނެކަމަށެވެ.



advertisment