Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުތަކެއް

ހުރުމުޒު ޑީލަށް މަޑުޖެހުމެއް

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލަން ޑީލެއް ހަދަން ކައިރިވެފައިވަނިކޮށް އެ ކަމަށް މަޑުޖެހުމެއް އަތުވެއްޖެއެވެ.

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެވަނަ ފަހަރަށް އެމެރިކާއިން މެދުކަނޑައިލައިފައި އޮއްވައި، ހުރުމުޒު އަލުން ހުޅުވައިލުމާމެދު އީރާނުން އުމާނާއެކު ބާއްވަމުންދާ މަޝްވަރާތަކުގައި އެމެރިކާއިންވެސް ބައިވެރިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި ޑީލެއް ހެދުން ކައިރިވެއްޖެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

މިހެން އޮއްވައި ހުރުމުޒު ހުޅުވައިލުމާމެދު ހަ ޝަރުތެއް އީރާނުން ކުރިމަތިކުރުމާއެކުހެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އީރާނަށްވެސް އާ ޝަރުތެއް ކުރިމަތިކޮށްފައެވެ.

"ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ހަނގުރާމަ އާއި ހަމަލާތަކާއި އަދި ހަމަނުޖެހުންތަކުގައި އެމެރިކާއަށް ލިބުނު ގެއްލުންތަކަށް އީރާނުން އެމެރިކާއަށް ބަދަލުދޭން ޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ކުރިމަތިކުރެއްވި މި ޝަރުތަކީ، 1979 ގައި އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު އީރާނާއި އީރާނުން ވާގިވެރިވާ ގްރޫޕްތަކުގެ ފަރާތުން އެމެރިކާއަށާއި މެދުއިރުމަތީގެ ގައުމުތަކަށް މިހާތަނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމެވެ.

ހުރުމުޒު ހުޅުވައިލުމަށް އީރާނުގެ ހަ ޝަރުތުގެ ތެރޭގައި ހިމެނޭ އެއް ޝަރުތަކީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ ބަދަލު އެމެރިކާއިން އީރާނަށް ދިނުމެވެ. އީރާނުން މި ގޮތަށް ޝަރުތުތައް ހުށަހަޅައިފައި އޮއްވައި ޓްރަމްޕް ހުށަހެޅުއްވި މި އާ ޝަރުތުގެ ސަބަބުން ހުރުމުޒު ހުޅުވައިލުމުގެ ޑީލަށް މަޑުޖެހުމެއް އައީ ކަމަށް ސިޔާސީ ދިރާސާވެރިން ބުންޏެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެމެރިކާއިން ދެވަނަ ފަހަރަށް މެދުކަނޑައިލިއިރު އީރާނުން މަރުވި މީހުންގެ އަދަދު ހުރީ 3،468 އަށް އަރައިފިއެވެ. އެމެރިކާގެ 14 ސިފައިން މަރުވެފައިވާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި 29 މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 87 ޑޮލަރު (1،341ރ.)ގައި ހުރިއިރު މިއަދު ހުރީ 88 ޑޮލަރު (1،356ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *