ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އަލުން މުޅިން ހުޅުވާލާނެ ހަ ޝަރުތެއް އީރާނުން ކަނޑައަޅައިފިއެވެ.
އީރާނުން އިއްޔެ ކަނޑައެޅި ހަ ޝަރުތަކީ:
- އެމެރިކާއިން އީރާނަށާއި އީރާނުގެ ރަހްމަތްތެރި ފަރާތްތަކަށް ހަމަލާދިނުން ދާއިމީ ގޮތެއްގައި ހުއްޓައިލުން.
- އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ދުރަށް ގެންދިއުން. އެ ގޮތުން އީރާނުގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް ނައްތައިލުން.
- ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއި އެޕްރިލްގައި ގާއިމުކުރި ސީޒްފަޔާއަށްފަހުވެސް އީރާނަށް ދިން ހަމަލާތަކުގައި އީރާނަށް ލިބުނު ގެއްލުންތަކަށް ފުރިހަމައަށް ބަދަލު ދިނުން.
- އީރާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުން.
- އެމެރިކާއިން ފްރީޒްކޮށްފައިވާ އީރާނުގެ އެސެޓްތައް އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުން.
- އެމެރިކާއިން އީރާނަށް ބިރުދެއްކުމާއި ފުރައްސާރަކުރުން ހުއްޓައިލުން.
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ބުނީ އެމެރިކާއިން އީރާނުގެ މި ޝަރުތުތަކަށް އެއްބަސްވުމުން ހުރުމުޒު އަލުން ހުޅުވައިލައިނެ ކަމަށެވެ.
"އެމެރިކާގެ އަމަލުތައް ރަނގަޅުކުރަންދެން ހުރުމުޒު ބާއްވާނީ ބަންދުކޮށްލައިފައި،" އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކައުންސިލްގެ ސެކްރެޓެރީ މުހައްމަދު ބާގިރު ޒުލްގަދްރު ބުންޏެވެ.
އީރާނާއި އުމާނުން މިހާރު ދަނީ ހުރުމުޒުން ބޯޓުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރާނެ ވަގުތީ މަގެއް ކަނޑައަޅަން މަޝްވަރާކުރަމުންނެވެ.
"އުމާނާއެކު ޑީލެއް ހެދުން ވަރަށް ކައިރިވެއްޖެ،" އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވިދާޅުވިއެވެ.
ނަމަވެސް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ބުނީ އުމާނާއެކު ޑީލެއް ހެދުނަސް ހުރުމުޒު ހުޅުވާލާނީ އެމެރިކާއިންވެސް އީރާނުގެ ޝަރުތުތަކަށް އެއްބަސްވުމުން ކަމަށެވެ.
އެމެރިކާއިން ބުނީ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ހުރުމުޒުން ދަތުރުކުރެވޭނެ ޑީލަކަށް އީރާނާއި އުމާނުން އެއްބަސްވެއްޖެނަމަ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ދޫކޮށްލާނެ ކަމަށެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެމެރިކާއިން ދެވަނަ ފަހަރަށް މެދުކަނޑައިލިއިރު މިހާތަނަށް އީރާނުން މަރުވި މީހުންގެ އަދަދު ހުރީ 3،468 އަށް އަރައިފިއެވެ. އެމެރިކާގެ 14 ސިފައިން މަރުވެފައިވާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި މިހާތަނަށް 29 މީހުން މަރުވެފައިވެއެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ހުކުރު ދުވަހު ދުނިޔޭގެ ބާޒާރު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 83 ޑޮލަރު (1،279ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.



advertisment