1. ލޯ މަރާލުމަކުން މެންދުރުގެ އިރު ނައްތާލެވިގެން ނުދެއެވެ.
މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެނގިގެން ވިޔަސް ނުވަތަ ނޭނގި ވިޔަސް، މީހެއްގެ ހަގީގަތް ބަލައިނުގަތުމަކުން އެ ހަގީގަތް ބަދަލެއް ނުވާނެއެވެ. މިސާލަކަށް މީހެއްގެ ދީލަތިކަން ގަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް، އެ މީހާގެ ދީލަތަކަމަކީ ހަގީގަތެއް ނޫން ކަމަކަށް ނުހެދޭނެއެވެ.
ހަމަ އެހެންމެ، ތިމާއަށް ގެއްލުންތަކެއް ދީ ތިމާ އިހާނެތިކޮށްލި މީހެއްގެ ކިބައިން ލިބިދާނެ ފައިދާއަކަށްޓަކައި، އޭނަގެ ކިބައިން ލިބުނު ގެއްލުމާއި އިހާނެތިކަން މަތިން ހަނދާން ނައްތާލެވުމަކުން އޭނަ ރަނގަޅު މީހަކަށް ނުވެއެވެ. އަދި، މުސްތަގުބަލުގައި އޭނަ ކަންތައް ކުރާނީ ރަނގަޅަށް ކަމަށް ވެސް ނުބެލެވޭނެއެވެ. ލިބިދާނެ ކަމަށް ހީވާ ފައިދާއަކަށްޓަކައި އޭނަގެ ހަގީގަތް މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަބަދުވެސް ހަނދާން ކުރަން ޖެހޭނީ އެއް ފުޅަށްމަތިން ފުންމާލި ބަކަރިއަކަށް އަނެއް ފުޅަށްމަތިން ވެސް ފުންމާލެވޭނޭކަމެވެ. ނޫން ނަމަ، އެއް ހޮރުން ދެ ފަހަރު އަތަށް ކަށިޖަން ދިމާވި މީހަކަށް ވެދާނެއެވެ.
2. މީސްތަކުންގެ ކުރިމަތީގައި ތިމާގެ މުއްސަނދިކަމާއި އެކަމާ ގުޅިފައި އޮންނަ ފޯރުންތެރިކަމުގެ ވާހަކަ ދެއްކުމަކީ މޮޔަ އަދި ބޭއަދަބީ ކަމެކެވެ. ފައިސާއާއި ތަނަވަސް ކަމަކީ އަޑަކާ ނުލައި ވާހަކަ ދައްކާ އެއްޗިއްސާއި ކަންކަމެވެ.
3. ތިމާގެ ދަރިންގެ މޮޅު ވާހަކަ ދައްކައި ފޮނިކެނޑުމަކީ ގޯސް ކަމެކެވެ. އަނގަ ގަދަ ފައިސާ ދަބަހަކީ މީސްތަކުންގެ އިހުތިރާމު އެންމެ ކުޑަކޮށް ލިބޭ އެއްޗެވެ. އަދި ހަމަ އެހެންމެ، އެއީ ވަރަށް ގިނަ ފަހަރު ފަހަރު، ހަސަދަވެރިކަމާއި ހެޔޮ ނޭދުމަށް ދައުވަތު ދޭ ކަމެކެވެ.
4. ކޮންމެ ކާމިޔާބީއަކީ ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން އިއުލާނު ކުރަންޖެހޭ ކަމެއް ނޫނެވެ. ކަލޭގެ އަމަލުތަކުން އެކަން ފެނިގެން ދިޔަދޭށެވެ.
5. ކަލޭގެ ހަޔާތުގެ މައްސަލަތަކުގެ ވާހަކަތައް މީސްތަކުންނަށް ކިޔައިދިނުން ބުއްދިވެރިއެއް ނޫނެވެ. މީސްތަކުން އެ ވާހަކަތައް އަޑުއަހައި ކަލެއަށް ހަމްދަރުދީ ވެދާނެއެވެ. ނަމަވެސް، ފަހުން، އެކަން ވެގެންދާނީ މީސްތަކުން މުނިފޫހިފިލުވާ ވާހަކަތަކަކަށެވެ. އެކަކު އަނެކަކު ގާތުގައި ނަގަނަގައިގެން ތަކުރާރުކޮށް ދައްކާ ވާހަކަތަކަކަށެވެ. ކަލޭގެ އައިބުތަކާއި އުނި ކަންތައް އެ މީހުން ހިތު ހުރި ގޮތަކަށް ފާހަގަކޮށް ދައްކަމުންނެވެ.
