އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުއްޓާ ދެމެދު "ކާގޯ ފެރީ"ގެ ނަމުގައި ކަނޑުމަގުން ދަތުރުތަކެއް ފެށީ އިންޑިއާގެ އިސްނެގުމަކަށެވެ. ބޮޑު ސިންގާ ކޮންޓެއިންރ އާގުބޯޓެއް ކުޅުދުއްފުއްޓަށް އައީ ގާތްގަނޑަކަށް ހުހަށެވެ. މިދަތުރުތަކަށް ކާގޯ ފެރީއޭ ކިޔަސް ހަޤީގަތަކީ މި އާގުބޯޓުން ފަސިންޖަރުން އުފުލުމަކީ ބައިނަލްއަޤްވާމީ މިންގަނޑުން ހުއްދަވާނެ ކަމެއްވެސް ނޫން ކަމެވެ.

ބާ ދަގަނޑުގެ ގޮތުގައި ދަބަރަށް ވިއްކާލަން ޖެހިފައިވާ ބޮޑުސިންގާ ކޮންޓެއިނަރ ބޯޓެއް، ހުހަށް ކަހަލަ ގޮތަކަށް ކޮޗިން އިން ކުޅުދުއްފުއްޓަށް ދަތުރު ފެށުމަކީ ރާއްޖޭގެ އުތުރުގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުން ތަކެއް އަންނާނެ ކަމެއް ކަމަށް ދައްކަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މާލޭގައި ހުންނަ އިންޑިއާ އެމްބަސީންނެވެ. އަދި ހަމަ އެއާ އެކު ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް މިކަމަކީ މާބޮޑު އިގްތިސޯދީ ހަރަކާތެއްގެ ގޮތުގައި ދެއްކުމަށް ވަރަށް ގިނަ ޓްވީޓްތައް ކުރައްވައި، ކޮޗިން ފެރީ ޕްރޮމޯޓް އެބަކުރައްވަ އެވެ. ތިން ހާސް ޓަނުގެ އާގުބޯޓުން ކުޅުދުއްފުއްޓަށް ބޭލީ ދެ ކޮންޓޭރާއި 500 ޖަމްބޯ ބަސްތާ ސިމެންތިއެވެ.
އިންޑިއާ ސަރުކާރުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމުގައި މިފަދަ ބޯޓެއް ކޮޗިން އާއި ކުޅުދުއްފުޓާއި ދޭތެރޭ ދުއްވާނީ ކޮންމެވެސް ބޮޑު ބޭނުމެއް އޮވެގެންކަން ކަށަވަރެވެ. މިއީއަކީ އެއްވެސް ހާލެއްގައި އިގްތިސޯދީ ނުވަތަ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކަމެއް ނޫނެވެ. މިކަމުގެ އަޑީގައި ސިޔާސީ ނުވަތަ ދިފާއީ ކޮންމެވެސް ސިއްރެއް ފޮރުވިފައިވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް (އަދުރޭ) ތުހުމަތު ކުރައްވާ ގޮތުގައި ކޮޗިން ފެރީއިން ގެންނަ ތަކެތީގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ސްމަގުލްކޮށްދޭ ލުއި ހަތިޔާރު ހުރުމަކީ ވެސް ވެދާނެ ކަމެކެވެ. މިއީ ހަޤީގަތުގައި ވެސް ވިސްނާ ފިކުރުކޮށް ބަލަންޖެހޭ ކަމެކެވެ. އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމުގައި އިންޑިއާއިން މިފަދަ ދަތުރު ތަކެއް ކުޅުދުއްފުއްޓަށް ފެއްޓުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މިއީ ވިޔަފާރި އާއި އިގްތިސޯދާ ގުޅުން ހުރި ކަމެއް ނޫންކަން، ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކަށް ވެސް ވިސްނޭނެއެވެ.

އިންޑިއާއިން ދަނީ ހަނިމާދޫ އެއާޕޯޓަކީ އެމީހުންގެ އަމިއްލަ މިލިޓަރީ ބޭސްއެއް ގޮތަށް ދޭހަވާ ފަދައިން އަމަލު ކުރަމުންނެވެ. ކުޅުދުއްފުއްޓާއި އުތުރުގެ މީހުންގެ ބޯކާލައިގެން، އިގްތިސޯދުގެ ދަޅަ ދައްކައިގެން ޤައުމު އަޅުވެތި ކުރުމުގެ ކުޅިގަނޑެއް ކުޅެމުންނެވެ. ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގެ މަގު ހެދުމާއި ބިން ހިއްކުމަށްވެސް އިންޑިއާއިން ލޯނުދީ، އައްޑޫގައި ބޮޑުސިންގާ، ބިޔަ މިލިޓަރީ އެކަޑެމީއެއް ވެސް އިންޑިއާއިން ދަނީ އަޅަމުންނެވެ.
އުތުރުގެ ރަށެއް ކަމުގައިވާ ހއ. ދައްޕަރުގައި ބޭރު މީހުންނަށް ވިސާއާއި ނުލައި (ޕާމަނަންޓް ރެސިޑެންޓުންގެ ގޮތުގައި) އުޅެވޭނެހެން، ބޭރުމީހުންނަށް ވިއްކާނެ ގެތަކެއް އިމާރާތް ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ އިންޑީއާގެ މުއްސަނދިން ގެނެސް ރާއްޖޭގައި އާބާދު ކުރުމަށް އިންޑިއާ ސަރުކާރާއި، ޤައުމަށް ޤައްދާރު ދިވެހި ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ރާވާ ބޮޑު ކުޅިގަނޑެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް ކަންކަން ނިންމަންވާ ގޮތް އަންގަނީ އިންޑިޔާގެ ބީޖޭޕީ ސަރުކާރުން ކަމުގައި އަދުރޭ ދާދި ފަހުން ވިދާޅުވެފައި ވެއެވެ. ޕީޕީއެމް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދާކުރައްވަނީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގައެވެ.
ތެދެކެވެ! ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރާނެ ގޮތުގެ ތަފްސީލްވެސް ފެންނަނީ އިންޑިއާ އެމްބަސީން ނެރޭ ނޫސް ބަޔާން ތަކުންނެވެ. ހަނިމާދޫ ތަރައްޤީ ކުރާ މަޝްރޫއަށް ހަރަދު ކުރާ ފައިސާގެ އަދަދު ފެންނަނީ އިންޑިއާ ނޫސްތަކުންނެވެ. އިންޑިއާގެ ނޫސްތަކުން ދާދި ފަހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް 800 މިލިއަން ޑޮލަރު އިންވެސްޓްކުަރަން ނިންމާފައެވެ.
"އިންޑިއާ ފަސްޓް" ސިޔާސަތުގެ ދަށުން ދިވެހި ސަރުކާރުން އިންޑިއާ އަށް ވިކިފައިވާ ފަދަ ގޮތަކަށް އަމަލު ކުރަމުންދާ ދިއުމާ ގުޅިގެން އަދުރޭ އިތުރަށް ވިދާޅުވިއެވެ: "އަޅުގަނޑު ހިތަށް އަރަނީ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހި ދަރިއެއް ބާވައޭ. މިހެން ދަންނަވަންޖެހެނީ މިއީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެކަނި ޤައުމެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރަށް ދިނުމުން އެކަން ހުއްޓުވަން ނުކުތް ގޮތަށް އިދިކޮޅު ފަރާތްތަކަށް އަދިވެސް އެގޮތަށް ނިކުންނަން ކެރޭނެ ކަމަށެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ދިވެހި ރައްޔިތުން 320 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، ހަނިމާދޫ އާއި ލާމު އަތޮޅުންނާއި އައްޑޫ ސިޓީއިން އިންޑިއާ މީހުން ބާލަން މާދަމާ ދައްކަންޖެހޭނީ ކިހާ މިންވަރެއްކަން ނޭނގޭ ކަމުގައި ވެސް އަދުރޭ ފާހަގަކުރެއްވިއެވެ.
ހަމަ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދިމާލަށް އިދިކޮޅު ފަރާތްތައް ތިރިކުރަން (ކުރުނީސް ކުރުވަން) ޖެހޭނީ ބޯ ކަނޑާލާފައި ކަމަށެވެ. ހަޤީގަތަކީ، އިގްތިސޯދާއި އެހީގެ ދަޅަ ދައްކައިގެން ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެތެރޭގައި އިންޑިއާއިން އެމީހުންގެ ސިފައިންނާއި ހެލިކޮޕްޓަރާއި ރާޑަރު ގާއިމްކޮށް، ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް އައްޑޫ ގަމާއި ހަނިމާދޫގައި އިންޑިއާއިން މިހިންގާ މަކަރުވެރި ހަރަކާތްތައް ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ހުއްޓުވަން ޖެހެއެވެ.
ބަލަބަލާ ތިއްބާ މި ދިވެހި ފަސްގަނޑު މިދަނީ އިންޑިއާއިން ސިއްކިމް އަޅުވެތިކޮށް އިންޑިއާގެ ބަޔަކަށް ހެދި ފަދައިން އިންޑިއާގެ ބަޔަކަށް ދިވެހި ރާއްޖެ ހެދުމާ ދިމާއަށެވެ. މިވާހަކަތައް ލިޔެ އަޅުގަނޑު އިއްޔެ ކުރި ޓްވީޓަކަށް ރައްދު ދިން އިންޑިއާ މީހަކު ބުނީ ތިމަންނާމެންގެ ޤައުމުގެ އެންމެ އާދައިގެ ކުޑަ އަވަށެއްގެ އާބަދީ އަށް ވުރެ މުޅި ދިވެހި ރާއްޖޭގެ އާބާދީ ކުޑަ ކަމަށާއި، އިންޑިއާއިން ދޭ އެހީއަށް ރުހިގެން، ޝަކުވާ ނުކޮށް ތިބުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. މިއީ ބިޔަ ބޮޑު އިންޑިއާގެ ސަރުކާރުންވެސް ރާއްޖެއާ މެދު ދެކޭ ގޮތެވެ. އަދި ރާއްޖޭގެ ދިފާއީ ވަޒީރުގެ ވިސްނުމަކީ ވެސް މިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވާ ގޮތުގައި އިންޑިއާ ބޭނުންނަމަ ރާއްޖެ މިހާރު އޮންނާނީ ހިފައިފައެވެ. އެހެންކަމުން އިންޑިއާއިންދޭ އެހީގެ ހައިރާތުކޮޅު ހޯދައިގެން ޝުކުރުވެރިކަމާއި އެކު މިނަވަރަށް ފުދިގެން ތިބުމަކީ ދިވެހީންނަށް އޮތް ގޮތެވެ. މިޤައުމުގެ ދިފާއި ވަޒީރާއި ހާރިޖީ ވަޒީރާއި މި ޤައުުމުގެ ރައީސާއި މަޖުލިސް ރައީސާއި ރައްޔިތުންގެ މަޖުލީހުގައި ތިބި އެމްޑީޕީގެ އެތައް މެމްބަރުންނެއް މިވަރަށް އިންޑިއާ ކޮޅަށް ބުރަވެފައިވާއިރު މިޤައުމުގެ ކުރިމަގު ފެންނަނީ ވަރަށް ވެސް ބަނަކޮށެވެ.
ޤައުމު ސަލާމަތް ކުރެވެން އޮތީ ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރު ބަދަލުކޮށްގެންކަން ކަށަވަރެވެ. އަދި އިންޑިއާ ކޮޅަށް ބުރަވެފައިވާ މަޖުލިސް ރައީސްވެސް ޤާނޫނީ އިމުގެ ތެރެއިން ބަދަލުކުރެވިގެންނެވެ. ރައީސުލް ޖުމްހޫރިއްޔާވެސް އަދި މަޖުލިސް ރާއިސްވެސް ޤާނޫނީ އިމުގެ ތެރެއިން ބަދަލުކުރެވޭނެ އިޖުރާއަތްތަކެއް ޤާނޫނުގައި ކަނޑައެޅިފައި ވެއެވެ. އެ ހަމަތަކުގެ ތެރެއިން އެބަދަލު ގެނައުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް، އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރައިގެން ކުރަންޖެހެއެވެ. ދިވެހި ޤައުމާއި ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދީން ސަލާމަތް ކުރެވެން އޮތީ މިގޮތުގެ މަތީންނެވެ.
ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ ދަރިއަކީ ކޮންމެހެން ޕީޕީއެމް ނުވަތަ އެހެން ޕާޓީއެއްގެ މީހެއް ނޫނެވެ. ޤައުމަށް ހެޔޮ އެދިގެން ޤައުމުގެ މިނިވަންކަމަށްޓަކައި "އިންޑިއާ-އައުޓް" އޭ ބުނާ ކޮންމެ ދިވެއްސަކީ މަޤާމެއް ނުދީގެން ނުވަތަ ސަރުކާރު ދެކެ ހަސަދަވެރިވެގެން އުޅޭ މީހެއް ނޫނެވެ. ޤައުމަށްޓަކައި ހައްގު ބަސް ބުނާ މީހުންނާއި އަމިއްލަ އެދުމަށްޓަކައި ބަސް ބުނާ މީހުންގެ ތަފާތު ދެނެގަންނާން އެބަޖެހެއެވެ. ކުރެވެމުން މިދަނީ ފިކުރީ ހަނގުރާމައެކެވެ. އެއްބަޔަކު ތިބީ އަމިއްލަ ފައިދާއަށްޓަކައި އަމިއްލަ ޤައުމު ވިއްކާލަން ނިކުމެއެވެ. އަނެއް ބަޔަކު ތިބީ ޤައުމުގެ ހައްގުގައި ބަސް ބުނަން ނިކުމެއެވެ.

މި ފިކުރީ ހަނގުރާމައިގައި އިންޑިއާ އަށް މޮޅުގޮތް ހޯދައިދޭން ނިކުމެ ހުރި މީހަކީ އިންޑިއާގެ ސަފީރެވެ. މިޤައުމުގެ ހާރިޖީ ވުޒާރާ މިހާރު ހިންގަނީ އިންޑިއާ ސަފީރުބާއޭ ހިތަށް އަރާ ފަހަރުވެސް އެބަ އާދެއެވެ. މިއީ ވަރަށް ނުރައްކާތެރި ސިގްނަލް އެކެވެ. މިހުރިހާ ކަމެއްވާއިރު ވަރަށް ވަތަނީ ބައެއްގެ ގޮތުގައި ޕްރޮމޯޓްވެގެން އުޅުއްވާ ރައީސް މައުމޫނާއި ޤާސިމް އިބްރާހިމާއި އިމްރާން އަބްދުﷲ ފަދަ އެހެން ބޭފުޅުން ކޮބައިބާވައެވެ؟ "ގައުމަށްޓަކަ"އޭ ވިދާޅުވެ ސަރުކާރުގެ ކޯލީޝަންގައި ތިއްބަވައިގެން ޤައުމު ވިއްކާލުން އެބޭފުޅުންނަށް ހަމަ އޯކޭއީ ބާވައެވެ؟

One Response
Mi Qaum vikkaa , bahaaka ekakaaves
Dhivehin havaalu kofakaae nuvaane.