ގުޅޭއާއި ބެހޭއަކީ ވަރަށް ޒަމާންވީ ދެ އެކުވެރީންނެވެ. މުޅި އުމުރު ހޭދަކުރީ ޖުމުލަތަކާއި އިބާރާތްކަށް ޚިދުމަތްކުރުމުގައެވެ. ދެ މީހުން މެ އަދާކުރަމުން އައީ ތަފާތު ދެ ވަޒީފާއެކެވެ. މިހެން އުޅެނިކޮށް ވީނުވީއެއް ނޭނގި ދެ މީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު ފުށުއަރަން ފަށައިފިއެވެ. މަގާމު އޮޅުންބޮޅުންވެއްޖެއެވެ. އެ ހިސާބުން ދެ މީހުން ވެސް ތިބީ، ފާޑެއްގެ ވާނުވާއެއްގައެވެ. ދުވަސްތަކަކަށް ފަހު، އެންމެ ފަހުން ދެ މީހުން ބައްދަލުވީ ބޯކޮށާ ތާކުންނެވެ.
ގުޅޭ: އަހާނ! ބެހޭ ތަ؟ ކިހިނެއް ކަންކަން؟ މިހާރު ކޮންތާކު ތި އުޅެނީ؟
ބެހޭ: ގޯހެއް ނޫން. ރަނގަޅު. ގުޅޭ ކިހިނެއް؟ މަށަށް މި އުޅެވޭތަނެއް މަށަކަށް ވެސް ނޭނގެ.
ގުޅޭ: މަށެކޭ އެއް ހާލު ދޯ! ބުނަންތަ؟ ކުރީގައި ވިއްޔާ އަހަރެންގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ، ސިފައެއް ބަޔާންކުރުން. މިސާލަކަށް އަހަންމަދަކީ މީހުންނާ ވަރަށް ގުޅޭ މީހެކޭ ބުނެފާނެ. މި ރޭނދާ އެ ހެދުމާ ވަރަށް ގުޅެޔޭ ނުވަތަ ނުގުޅެޔޭ ބުނެފާނެ. އެކަމަކު ކުޑަކުދީންނާ ގުޅޭ ޑަކްޓަރެކޭ ނުކިޔާ. ޤުރުއާނާ ގުޅޭ މަރުކަޒެކޭ ނުކިޔާ.
ބެހޭ: ހެހެހެ. ހޫނ! އޭރު ތިޔައީ އަހަރެން ދާން ޖެހޭ ތަންތަން. ކުޑަކުދީންނާ ބެހޭ ޑަކްޓަރު. ޤުރްއާނާ ބެހޭ މަރުކަޒު. މި ގޮތަށް ކީމާ އޭރަކު މައްސަލަޔަކަށް ނުވޭ.
ގުޅޭ: ކުޑަކުދީންނާ ގުޅޭ ޑަކްޓަރަކީ އެ ކުދީން ލޮއްސާން ދަންނަ، އެ ކުދީންނާ ރަޙްމަތްތެރިކަން އުފައްދަން ދަންނަ ޑަކްޓަރެއްނޫންތަ؟ އެ ވެދާނެއްނު ހޭނައްތާ ޑަކްޓަރަށް ވެސް.
ބެހޭ: ތިޔައީ ވެސް ރަނގަޅު ވާހަކައެއް. އޭ ގުޅޭ! ތިޔޮއް އައީ ކާކު؟
ގުޅޭ: އަސްތާ! "ގެ" ދޯ!
ބެހޭ: މި ވީ މާ ރަނގަޅަށް ކަންނޭނގެ! އެހެން މި ބުނީ މި މައްސަލަ ޖެހޭ ތަންތަނަށް އެންމެ ރަނގަޅުވާނީ [ގެ] ނޫންބާ؟ ކުޑަކުދީންގެ ޑަކްޓަރު ކީމާ ރަނގަޅުވާނެ ކަމަށް ފެނޭ. މިސާލަކަށް ޤުރުއާނާ ބެހޭ މަރުކަޒު ކީމާ ކަމުނުދަނީ. ނޫނީ ޤުރުއާނާ ގުޅޭ މަރުކަޒު ކީމާ ވެސް ކަމުނުދަނީ. އެހެންވެއްޖެއްޔާ ޤުރުއާނުގެ މަރުކަޒު ކީމާ ވަނީ ކިހިނެއް؟
ގުޅޭ: އަހަރެމެން ދެ މީހުން (ގުޅޭއާއި ބެހޭ) ވެސް ވަޒީފާއެއް އަދާކުރާ ފަދައިން، ޖުމުލައިގައި [ގެ] ވެސް އަދާކުރާ ވަކި ޚާއްޞަ ވަޒީފާއެއް އޮވޭ ނޫންތަ؟ އެހެންވީމާ އެ ތަނުގައި [ޤުރްއާން] މި ލަފުޒުގެ ފަހަތަށް އަންނަ [ގެ] އަކީ ވެސް ވަކި ވަޒީފާއެއް އަދާކުރާނެ ވަކި މުވައްޒަފެއް. ހަސަނުގެ ދޯންޏޭ ބުނުމުން އެ ދޯނީގެ ވެރިފަރާތަކީ، ދޯނި ނިސްބަތްވާ ފަރާތަކީ ހަސަނުކަން އެބަ އަންގައިދޭ. ޖުމުލައިގައި އެ ކަން ކުރަނީ [ގެ]. ޤުރުއާނުގެ މަރުކަޒޭ ބުނުމުން އެ މަރުކަޒު އެ ވަނީ ޤުރްއާނުގެ ތަނަކަށް. ނުވަތަ ޤުރުއާން އެ ތަނެއްގައި ގާއިމުވެގެންވާ ތަނަށް. ދޫނީގެ ހާލި ކީމާ ވާ ގޮތަށް. އެހެން ނޫންތަ؟
ބެހޭ: އެކަމަކު ޤުރްއާނާ ބޭހޭ ކިޔުމުގެ ބަދަލުގައި ޤުރުއާނާ ގުޅޭ، ނޫނީ ޤުރުއާނުގެ މި ފަދަ ގޮތްގޮތަށް ނޫންތަ މިހާރު ބައެއް މީހުން ކިޔަނީ؟
ގުޅޭ: ހެހެހެ. ކީމާ އޮންނާނީ ކިޔިފައި. އެކަމަކު [ގުޅޭ] ޖުމުލައިގެ އެ ތަނަށް ވަނުމުން އަހަންނަށް ވަނީ މުޅިން އެހެން ގޮތެއް. އެއީ ޤުރުއާނާ ގުޅޭ މަރުކަޒަކަށް ވާނީ އިސްލާމީ މަރުކަޒު ކަހަލަ މަރުކަޒެއް ކަންނޭނގެ. ދެން ޤުރުއާނާ ނުގުޅޭ މަރުކަޒަކަށް ވާނީ އޮލިމްޕަސް ތޯއްޗެއް!!
ބެހޭ: ހެހެހެ. ރަނގަޅު ވާހަކައެއް. އެކަމަކު އެ ދެމެދަށް އަހަރެން (ބެހޭ) ދިޔައިމާ ވަނީ ޤުރުއާނާ ބޭހޭ މަރުކަޒަށް. އޭރުން ބައެއް މީހުންނަށް އުނދަގޫ މާނައެއް އުފެދެނިއްޔޯ!
ހަޖާމު: ދެ ރަޙްމަތްތެރީންގެ ބަހުސު ނިންމާކަށް ނުވޭބާ؟ ކޮން ކަމަކު އައީ؟ ބޯކޮށަންތަ؟ ބޮލުގައި ކުލަޖައްސަންތަ؟ ނޫނީ ބޯ ބައިލަންތަ؟
ގުޅޭ: ކޮބާ ބެހޭ؟ ކިހިނެއް ދެން ހަދާނީ؟ އެއީ މި ދިމާވާ މައްސަލައަކީ. "ބެހޭ" އިން ބައެއް މީހުންނަށް ނެގެނީ ވަކި އެންމެ މާނައެއް ކަމަށް ވަންޏާ، ކިހިނެއް ބަހެއް ބޭނުންކުރާނީ؟ އޮޔާ ވެސް މީހުން ބެހޭ. އަބުރާ ވެސް މީހުން ބެހޭ.،އަދި ކޮބާ؟ ޒަކާތް ވެސް އޭގެ ބެހެނިވެރީންނަށް ބެހޭ.
ހަޖާމު: އާނ! އެ މީހުން އެ ވިސްނާ ގޮތަށް ކަމަށް ވަންޏާ ބޮލެއް ވެސް ނުކޮށޭނެ ދޯ! ބޮލުގައި ކުލައެއް ވެސް ނުޖެއްސޭނެ. ބޮލެއް ނުވެސް ބޭލޭނެ. މި ތަނަށް ކުރަން ތިޔަ އައި އެއްވެސް ކަމެއް ނުކުރެވޭނެ. އޭގެ ބަދަލުގައި އިސްތަށްޓަށް ހަދާގޮތެއް ހަދަން ޖެހޭނީ.
ބެހޭ: އިސްތަށްޓޭ! އިސްތަށްޓަކީ ކޮބާ؟ ފެންބޯ ތަށިތަ؟ ރިހައަޅާ ބޯތަށިތަ؟ ނޫނީ ބަތް އަޅާ ކަހަނބުތަ؟ މި ތަނުން އިސްތަށި ވަކިކުރާނީ ކިހިނެއް؟ ދޯ ގުޅޭ!
ގުޅޭ: ތިވަރަކުން ވެސް ނެތޭ ނިމޭކަށް. ބޯ ނުކޮށައި އިސްތަށި ކޮށަނީޔޯ؟ ދެން ކެޔޮޅުބޭ ނަނުދޫކުރިމާ، އެންކޮޅުގައި މަސް ކޮށާނީ ކިހިނެއް؟ އެ މަސް ބޭވިއްޖެއްޔާ ރިހަކައްކާން ކޮށާނީ ކިހިނެއް؟ އެ މަސްކޮށާ ގޮތް، ކިރިޔަކިރިޔާ ކޮށަކޮށައިގެން ވާހަކަދެއްކޭ ދަރިފުޅަށް އޮޅުން ފިލުވައިދޭނީ ކިހިނެއް؟
ހަޖާމު: މާތް ކަލާކޯ! މިހާރު ހީވަނީ މަގޭ ބޮލުގައި މަރުތޭލަޔަކުން ތަޅާހެން. ތިޔަ ވާހަކަ ހުއްޓާލައިފައި އަވަހަށް މި ކޮޅަށް، އާދޭ! މި ދެ ގޮނޑި މިހިރީ ހުހަށް.
ގުޅޭ: ނޫން. ހަޖާމުގެ ނިތާ ދިމާ އަށް ވީ ކޮޅުން ބޮލުގެ ދެ ފަރާތުން މަރުތޭލައިން ތަޅަންޏާ ބޮލުގައި ތަޅާހެން. ފުށްކިބަޔާ ދިމާއިން ފަހަތުން ތަންކޮޅެއް ތިރީގައި ތަޅަންޏާ އިސްތަށީގައި ތަޅާހެން. ތަލަވެފައިވާ ދިމާޔާއި އިސްތަށިހުރި ދިމާ ތަފާތު ކުރަން ޖެހޭނެއެއްނު.
ކޮންމެޔަކަސް، މި ތަނުން ނިކުމެގެން ދިޔައީ، "ގުޅޭ" އާއި "ބެހޭ" އަކީ ތަފާތު ދެ ވަޒީފާއެއް އަދާކުރާ ދެ މީހުންކަމަށް ވާހަކަ ދައްކަމުންނެވެ. ހަމަ އެހެންމެ "ގެ" އަކީ ވެސް ވަކި ވަޒީފާއެއް އަދާކުރާ ތަފާތު މުވައްޒަފެއްކަން ހަނދާންކުރަމުންނެވެ. އެއާ އެކު ފަހުން "ގެ"އާއި، [ގުޅޭ]އާއި [ބެހޭ]އާ މި ތިން މީހުން ކޮފީއަކަށް އަރާލައި، އިތުރަށް ވާހަކަދައްކައިލެވިއްޖެއްޔާ، ގިނަ މީހުންނަށް ބަލައިގަނެވޭ ފަދަ، ރަނގަޅު ހައްލެއް ނުނެރެވޭނެ ބާވައޭ، ހަޖާމު ހިތާހިތާ ކިޔާލިއެވެ.

One Response
ބަސްފޮތުން ފެނުނީ "މަރުތެޔޮ". މަރުތެޔޮ، މި ލަފުޒު މަރުތޭލަޔަކުން… މަރުތޭލައިން… މި ގޮތްގޮތަށް ބަދަލުވާ ހަމަ (ބަހުގެ ހަމަ) އަކީ ކޮބާކަން އެނގިވަޑައިގަންނަވާ ބޭފުޅަކު "އަދިވެސް" މެދުވެރިކުރައްވައި އަންގަވާލަދެއްވައިފި ނަމަ ވަރަށް ހެޔޮފުޅު.