Support Us

ދެ ތިން ދުވަހުގެ ތެރޭގައި އީރާނާއެކު ޑީލެއް ހަދާނަން: ޓްރަމްޕް

އީރާނާއެކު ދާއިމީ ސުލްހައެއް ގާއިމުކުރަން ދެ ތިން ދުވަހުގެ ތެރޭގައި ޑީލެއް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

"މަޝްވަރާތައް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި. ދެ ތިން ދުވަހުގެ ތެރޭގައި ޑީލެއް ހަދާނަން،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އީރާނުން ބުނީ އެމެރިކާއާއެކު ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ވާހަކަތައް ކުރިއަށްދާ ކަމަށެވެ.

"ނަމަވެސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުން ވާހަކަތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.

އޭނާ އިޝާރާތްކުރީ އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދެމުންދާތީއެވެ. އެ ގޮތުން މިއަދު ވެސް އިސްރާއީލުން ލުބްނާނަށް ދިން ހަމަލާއެއްގައި ނުވަ މީހުން މަރުވިއެވެ.

އިސްރާއީލުން ބުނީ އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲއިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށެވެ.

ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲއިން އިސްރާއީލަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީމާ، މާރިޗު ދެއަކުން ފެށިގެންނެވެ. ނޮވެމްބަރު 2024 ގައި ހިޒްބުﷲއާއެކު އިސްރާއީލުން ސުލްހައިގެ މުއާހަދާއެއް ގާއިމުކުރިޔަސް އިސްރާއީލުން އެއަށް އަމަލެއް ނުކުރެއެވެ.

އީރާނުން މިހާތަނަށް ބުނަމުން އަންނަނީ އެމެރިކާއާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރުމުގެ އެއް ޝަރުތަކީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލުން ކަމަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދާއި އިއްޔެ ހުރީ 93 ޑޮލަރު (1،434ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *