Support Us

ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލުން މި ދިޔަ މަހު ހަމަލާދީފައި

ލުބްނާނުން މަރުވި މީހުންގެ އަދަދު 3،000 އަށް އަރައި ސީޒްފަޔާ ނޭވާހޮޅިއަށް އެޅިއްޖެ

އެމެރިކާއާ ގުޅިގެން ފެބްރުއަރީ 28 ގައި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން މާރިޗު ދެއަކުން ފެށިގެން އިސްރާއީލަށް ހަމަލާދޭން ފެށުމުން، އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އިސްރާއީލާއި ލުބްނާނާ ދެމެދު މި ދިޔަ މަހު 16 ގައި އެމެރިކާއިން ގާއިމުކޮށްދިން ސީޒްފަޔާގެ މުއްދަތު 45 ދުވަހަށް އިތުރުކުރިޔަސް، އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ލުބްނާނަށް ދިނުމުން ލުބްނާންގައި މަރުވި މީހުންގެ އަދަދު 3،020 އަށް އަރައި، ޒަހަމްވި މީހުންގެ އަދަދު 9،200 އަށް އަރައިފި ކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.

އިސްރާއީލުން ބުނީ އެންމެ ފަހުން ހަމަލާތައް ދިނީ ހިޒްބުﷲގެ 30 މަރުކަޒަކަށް ކަމަށެވެ. ހިޒްބުﷲއިން ބުނީ ރައްދުގައި ލުބްނާންގެ ދެކުނު ސަރަހައްދުގައި ތިބި އިސްރާއީލު ސިފައިންނަށް ހަމަލާދިން ކަމަށެވެ.

ހިޒްބުﷲއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާނުން ކަނޑައަޅައިފައިވާތީ މި ދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެމެރިކާގައި އިސްރާއީލާއި ލުބްނާނާ ދެމެދު ބޭއްވި ސުލްހައިގެ ވާހަކަތަކުގައި ހިޒްބުﷲ ބައިވެރިކޮށްފައެއް ނުވެއެވެ. އެ ވާހަކަތަކުގައި ބައިވެރިނުވާން ވެސް ހިޒްބުﷲއިން ލުބްނާން ސަރުކާރަށް ގޮވައިލިއެވެ.

ނޮވެމްބަރު 2024 ގައި އިސްރާއީލުން ހިޒްބުﷲއާއެކު ވަނީ ސީޒްފަޔާއެއް ގާއިމުކޮށްފައެވެ. އެއަށް އިސްރާއީލުން އަމަލު ނުކުރިޔަސް ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާ ދޭން ފެށީ އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުން، މި ދިޔަ މާރިޗު ދެއެއްގައެވެ.

"އިސްރާއީލާއި ލުބްނާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދާއިރު ސީޒްފަޔާގެ ސަބަބުން އަހަރެމެންގެ ރައްޔިތުންނަށް ލުޔެއް ލިބޭ،" ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ލުބްނާންގެ ޑެލިގޭޝަންގެ ވެރިޔާ ސައިމަން ކަރަމް ބުންޏެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި އިސްރާއީލުން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ޔެހީއެލް ލައިޓާ ވަނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ދިފާއުކޮށްފައެވެ.

"ސުލްހައިގެ ވާހަކަތަކުގައި އެންމެ އިސްކަމެއް އަހަރެމެން ދޭނީ އަހަރެމެންގެ ރައްޔިތުންނާއި ސިފައިންގެ ސަލާމަތްތެރިކަމަށް،" އޭނާ ބުންޏެވެ.

އިސްރާއީލުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުގައި އަށް ކިލޯމީޓަރުގެ ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމެއްގެ ބިމެއް ނޫން ކަމަށް ބުނާ ސަރަހައްދެއް ގާއިމުކޮށްފައެވެ. އެއީ އެ ސަރަހައްދުން ހިޒްބުﷲގެ ހަނގުރާމަވެރިން ދުރުކޮށް، ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ދޭ ހަމަލާތައް ހުއްޓުވައިލުމަށް ކަމަށް ބުނެފައެވެ. މި ބަފަރު ޒޯން ގާއިމުކުރުމަށް އެ ސަރަހައްދު ދޫކޮށް 1.2 މިލިއަން ލުބްނާން ރައްޔިތުން އެހެން ސަރަހައްދުތަކަށް ދާން އިސްރާއީލުން ވަނީ މަޖުބޫރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *