އެމެރިކާ މެދުވެރިގެން އިސްރާއީލާއި ލުބްނާނާ ދެމެދު މި ދިޔަ މަހު 16 ގައި ސީޒްފަޔާއެއް ގާއިމުކޮށް، އެ ސީޒްފަޔާ އިތުރު 45 ދުވަހަށް ދަންމާލަން ނިންމިޔަސް، އިސްރާއީލުން އަނެއްކާވެސް ލުބްނާނަށް ހަމަލާތަކެއްދީފިއެވެ.
އެމެރިކާގައި އިސްރާއީލާއި ލުބްނާނާ ދެމެދު އިއްޔެ އާއި ބުރާސްފަތި ދުވަހު ސުލްހައިގެ ވާހަކަތައް ބާއްވައިފައި، ސީޒްފަޔާ އިތުރު 45 ދުވަހަށް ދަންމާލަން އިއްޔެ ނިންމިޔަސް، ލުބްނާންގެ ސޫރު ސަހަރާއި ލުބްނާންގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތިން މީހުން ހިމެނެއެވެ. އޮފިޝަލުން ބުނީ 22 މީހުން ޒަހަމް ވެސް ވި ކަމަށެވެ.
އިސްރާއީލުން ބުނީ އިސްރާއީލުން ހަމަލާދިނީ އީރާނުން ވާގިވެރިވާ، ލުބްނާނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲގެ މަރުކަޒުތަކަށް ކަމަށާއި ހިޒްބުﷲގެ 20 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވި ކަމަށެވެ.
ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލެއްވީ ސީޒްފަޔާއަށް އިސްރާއީލު އިހްތިރާމް ކުރުވުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށެވެ.
"އަހަރެމެން ބޭނުންވަނީ އަހަރެމެންނަށް ދެމުންދާ ހަމަލާތައް ހުއްޓައިލައި، ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ފައިބަން،" އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނީ ހިޒްބުﷲގެ ނުރައްކާތަކާ ކުރިމަތިލުން ކުރިއަށްގެންދާނެ ކަމަށެވެ.
"އަހަރެމެންގެ ރައްޔިތުންނަށް ލިބިދާނެ ކޮންމެ ނުރައްކަލަކާ ދެކޮޅަށް އަހަރެމެން ހަރަކާތްތެރިވާނަން،" އޭނާ ބުންޏެވެ.
ހިޒްބުﷲއިން ބުނީ އިސްރާއީލުން އިތުރަށް ހަމަލާތައް ކުރިއަށް ގެންގޮސްފިނަމަ އެ ކަމާ ދެކޮޅަށް ހިޒްބުﷲއިން ވެސް ރައްދު ދޭނެ ކަމަށެވެ.
ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ސީޒްފަޔާއެއް ގާއިމުކުރިޔަސް އެއަށް އިސްރާއީލުން އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ މަހު 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމުން ހިޒްބުﷲއިން އަލުން އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ބޭރުކުރުމަށް ކަމަށް ބުނެ އެ ސަރަހައްދަށް ވަދެ، ލުބްނާނަށް ހަމަލާދޭން ފަށައިފައެވެ.
ލުބްނާންގެ އާއްމު ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ލުބްނާނަށް ދެމުން ދިޔަ ހަމަލާތައް މެދުކަނޑައިލަން އިސްރާއީލުން މި ދިޔަ މަހު 16 ގައި އެމެރިކާ މެދުވެރިވެގެން ވި އެއްބަސްވުމާ ހިލާފަށް ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި 500 މީހުން މަރުވެފައިވާ ކަމަށެވެ. މިހެންވެ، އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުން ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު މާރިޗު ދެއަކުން ފެށިގެން ބަދަލުކުރަން ފެށި ހަމަލާތަކުގައި މިހާތަނަށް 2،900 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ލުބްނާން ރަށްވެހިން ބޭރުކޮށްލަމުންދާތީ ލުބްނާންގެ 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment