އެއީ 2009 ގެ ޖެނުއަރީ 21 ވަނަ ދުވަހެވެ. އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްކަމަށް ވަޑައިގެންފައި ބަރަކް ހުސައިން އޮބާމާ ވަޒީފާއަށް ނުކުމެވަޑައިގަތް ދުވަހެވެ.
ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި، ރައީސަށް ހާއްސަ އޯވަލް އޮފީހަށް އޭނާ ވެންނެވިއެވެ. އަދި ރައީސުންނަށް ހާއްސަ ރިސޮލިއުޓް ޑެސްކްކޮޅު ދޮށުގައި އިށީނދެވަޑައިގަތެވެ.
އޮބާމާ ދެން ކުރެއްވި ކަމަކީ ހިމޭން އިންގިލާބެއް ފަދަ ކަމެކެވެ. ހަބަރު ފަތުރާ ވަސީލަތްތަކަށް ވެސް ނާރާވަރުގެ ހަމަހިމޭން ކަމެކެވެ.
އޭނާގެ މުވައްޒަފުންނަށް އެންގެވީ ހަމަ ކޮންމެ ދުވަހަކު، އެއްވެސް ދުވަހެއް އިސްތިސްނާ ނުވާނޭހެން، އޭނާ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން، އާއްމު ރައްޔިތުންގެ ތެރެއިން 10 މީހެއްގެ ސިޓީ އާއި އީމޭލް ރައީސަށް މައުލޫމާތު ހިއްސާކުރާ ފޮތުތެރެއަށް ލުމަށެވެ.
އެއީ އޮބާމާ ކުރެއްވި މާނަ ފުން ކަމެކެވެ. ހަމައެކަނި ރަމްޒީ ކަމެއް ނޫނެވެ. ނަމަވެސް ތެދުވެރި، ދުލެއް ނުދެއްވައި، ކޮންމެ ދުވަހަކު ކުރެއްވި ކަމެކެވެ. މި ކަން އޭނާގެ ރިޔާސީ ދައުރުގެ 2،922 ދުވަހު، އެއްވެސް ގޮތަކަށް ބުރޫނާރާނޭހެން ކުރެއްވިއެވެ.

ވައިޓް ހައުސްއަށް ކޮންމެ ދުވަހަކުހެން 10،000 އާއި 40،000 އާ ދޭތެރޭގެ އަދަދަކަށް ސިޓީ އާއި އީމޭލް ލިބެއެވެ. އެ ތަކެތި ދިރާސާކުރުމަށް ފުލްޓައިމް 50 މުވައްޒަފުންނާއި ވަގުތީ 25 އިންޓާން ތިބެއެވެ. އޭގެ އިތުރުން ވައިޓް ހައުސްއާ ކައިރީގައި ހުންނަ ތަނެއްގައި 1،500 ވޮލަންޓިއަރުން ވެސް އެ ކަމުގައި މަސައްކަތްކުރެއެވެ. އެ މީހުންކުރާ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު އެ ފަދަ ސިޓީތަކާއި އީމޭލް ކިޔުމެވެ.
އެ ސިޓީތަކާއި އީމޭލްތަކުގައި ވަނީ ރައްޔިތުންގެ ހިތާމަތަކާއި ރުޅިވެރިކަމާއި ޝުކުރުވެރިވުމާއި އަދި މާޔޫސްކަމެވެ.
އޮބާމާ ބޭނުންފުޅުވެވަޑައިގަތީ ކޮންމެ ހަފުތާއެއްގައި، އެ ހަފުތާއެއްގައި އެމެރިކާގެ ވިންދަކީ ކޮބައިތޯ ބެއްލެވުމެވެ. އެ ގޮތުން އެ ކަން އެންމެ ރަނގަޅަށް ދޭހަވާނޭ 10 ސިޓީ އާއި އީމޭލް ހޮވުމަށް އެ ހުރިހާ މުވައްޒަފުންނަށް އޭނާ އެންގެވިއެވެ. އޭގެ ފަހުން ކޮންމެ ރެއަކު، އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން، 10 ސިޓީ އާއި އީމޭލް އޮބަމާ ވިދާޅުވެއެވެ. ގިނަ ފަހަރަށް ދެ ދަރިކަނބަލުން އަވަހާރަފުޅު ލެއްޕެވުމުން، ދަންވަރު ގަނޑުވަރަށް ހަމަހިމޭންކަން ވެރިވުމުންނެވެ.
އޭގެ ތެރެއިން ގިނަ ސިޓީ އާއި އީމޭލަށް ސީދާ އޮބާމާ ޖަވާބުދެއްވިއެވެ. އެއް އަކުރު އަނެއް އަކުރާ ގުޅިފައިވާ، އޭނާގެ ފަރުވާތެރި އަތުލިޔުމުގެ ވައްޓަފާޅީގައެވެ.

ހަނގުރާމަތަކުގައި ބައިވެރިވެފައިވާ މީހުންނާއި އެކި ދާއިރާތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންނާއި ކެންސަރު ޖެހިފައިވާ ބަލިމީހުންނާއި ފެކްޓަރީތަކުން ވަޒީފާ ގެއްލުނު މީހުންނާއި ސްކޫލްތަކާމެދު ކަންބޮޑުވާ އުމުރުން 11 އަހަރުގެ ކުޑަކުދިންނަށް ވެސް ފޮނުއްވި ޖަވާބުތަކުގައި އޮބާމާ ވަނީ އަމިއްލައަށް ސޮއިކުރައްވައިފައެވެ.
އެއީ އާދައިގެ ރައްޔިތުންނެވެ. ވައިޓް ހައުސަށް ބައެއް މީހުން ސިޓީ ފޮނުވީ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށެވެ. ނަމަވެސް އަނެއް ބައި މީހުން ސިޓީ ފޮނުވީ އެއްގޮތަކަށް ޖަވާބެއް ނުލިބުނަސް ވަރިހަމަކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އެ މީހުންގެ ސިޓީފޮށިތަކުން ފެނުނީ ރައީސްގެ އަތްޕުޅުން ލިޔުއްވައިފައިވާ ނޯޓްތަކެވެ.
އޮބާމާ އެއްފަހަރަކު ވިދާޅުވީ ރައީސަށް ފޮނުވާ ސިޓީތަކާއި އީމޭލްތަކަކީ ވެރިރަށް ވޮޝިންޓަންގެ "އަޑުފަށްގަނޑު"ން ސަލާމަތްވާ ހަމައެކަނި ވަސީލަތް ކަމަށެވެ. އަދި ގައުމެއްގައި ވެރިކަމެއް އޮތުމުގެ ބޭނުމަކީ ކޮބައިކަން ކޮންމެ ރެއަކު ހަނދާންކޮށްދޭ ރައްޔިތުންގެ ވިންދު ކަމަށެވެ.
އެހެންކަމުން، ކޮންމެ ރެއެއްގެ އަނދިރިކަމުގައި އޭނާގެ ޑެސްކުދޮށުގައި ގިނިކަންޏާ އިންނަވައިގެން، އެއްވެސް ހުރަހެއް ނެތި "ގައުމުގެ އަޑު އެއްސެވުމަކީ" ކޮންމެ ދުވަހެއްގެ މަސައްކަތްޕުޅުތައް ޝެޑިއުލްކޮށްފައިވާ ކަލަންޑަރުގައިވާ ރައްޔިތުންނާއެކު ބާއްވަވާ "ބައްދަލުވުންތަކެ"ކެވެ. އެއީ އެންމެ މުހިންމު މީޓިންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެއްވެސް އަސްކަރީ ވެރިއަކަށް ކެންސަލް ނުކުރެވޭނެ ބައްދަލުވުންތަކެކެވެ. ސަބަބަކީ އެ ސިޓީތަކާއި އީމޭލްތައް ލިޔުނު ރައްޔިތުންނަށް އެ ފަދަ އެހެން އެޕޮއިންޓްމަންޓްތަކެއް ނުލިބޭތީއެވެ.



advertisment