ކުޑަކުދިން ހިމާޔަތްކުރުމަށްޓަކައި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޗެޓްބޮޓްތައް ހިންގާ ގަވައިދުތައް ހަރުކަށިކޮށް އަޅާ ފިޔަވަޅުތަކެއް އިނގިރޭސި ވިލާތުން މިއަދު އިއުލާންކޮށްފިއެވެ.
އިންޓަނެޓްގައި މީހުންނާ ވާހަކަދެއްކޭ ގޮތަށް ހަދައިފައި ހުންނަ ޗެޓްބޮޓް ޕްރޮގްރާމްތައް ރެގިއުލޭޓްކުރަން ނިންމީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ކުޑަކުދިންނަށް ހައްދެއް ކަނޑައެޅުމުގެ ވެސް ބޭނުމުގައެވެ.
ބޮޑުވަޒީރު ކެއާ ސްޓާމާ (ފޮޓޯ) ވިދާޅުވީ މި ގަވައިދުތަކުގެ ސަބަބުން އޭ.އައިގެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ޑިޖިޓަލް ދުނިޔޭގައި ބޭނުންކުރާ ސަލާމަތީ މިންގަނޑުތައް ދަމަހައްޓައި، ޗެޓްބޮޓްތަކުން ނުރައްކާތެރި ކޮންޓެންޓް އުފެއްދުމަށް ހުރަސްއެޅޭނެ ކަމަށެވެ. އޭގެ ތެރޭގައި އޭ.އައި ބޭނުންކޮށްގެން ބަރަހަނާ އަދި ޖިންސީ ކޮންޓެންޓް އުފެއްދުމަށް ހުރަސްއެޅުން ހިމެނެއެވެ.
"ޓެކްނޮލޮޖީ ތަރައްގީވަމުންދަނީ ދާދި ހަލުއިކޮށް. މިހެންވެ ގާނޫނުތައް ވެސް އެއާ އެއްފައިހަމަކުރަން ޖެހޭ،" ސްޓާމާ ވިދާޅުވިއެވެ.
"ރެގިއުލޭޓްކުރުން ހަރުދަނާކުރުމުން ކުޑަކުދިންގެ ދުޅަހެޔޮކަން ދަމަހައްޓައި، ސޯޝަލް މީޑިއާގައި ބެލެނިވެރިންނަށް އެ ކުދިންނަށް މަގުދައްކައިދެވޭނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޔޫކޭ ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނީ މިއަދު އިއުލާންކުރީ ބޭނުންވާ މިންވަރަށްވުރެ މަދު ގަވައިދުތަކެއް ކަމަށެވެ.
އިދިކޮޅު ކޮންޒަވެޓިވް ޕާޓީން ބުނީ ސަރުކާރުން އޭ.އައި ޗެޓްބޮޓްތައް ރެގިއުލޭޓްކުރުމުގެ ދުވެލި ލަސް ކަމަށާއި އެ ފިޔަވަޅުތައް އެހާ ސާފު ނޫން ކަމަށެވެ.
"އޮންލައިން ދުނިޔޭގައި ކުޑަކުދިން ރައްކާތެރިކުރުން ފަސްކޮށްގެންނުވާނެ،" އެ ޕާޓީން ބުންޏެވެ.
ސޯޝަލް މީޑިއާ 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރި ފުރަތަމަ ގައުމުކަމަށް އޮސްޓްރޭލިއާ މި ދިޔަ އަހަރު ވެފައިވާއިރު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް މި ކަމާމެދު ދަނީ ބަހުސްކުރަމުންނެވެ. އަދި އަންނަ ޖުލައި މަހާ ހަމައަށް މި ކަމުގައި އާއްމުންގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވައިލައިފައެވެ.



advertisment