1. އިންތިޒާރުގައި ހުންނާނެ ކަމަށް ހީކުރުމަކީ އުފަލެކެވެ. އެއީ ހަގީގަތަކަށް ނުވިކަމުގައި ވިޔަސް ވެހެވެ!
2. އޭނަގެ އިންތިޒާރުގައި ކަލޭ ހުރުމަކީ ކަލޭގެ އިންތިޒާރުގައި އޭނަ ހުންނަން ޖެހުމެއް ނޫނެވެ.
3. މީހަކަށް ކަމެއް ސާފުވެފައި އޮވެފައިވެސް، އެ ވާހަކަ ބުނެވޭ ގޮތަކުން ކަލެއަށް އެކަން ސާފުނުވެ ހިނގައިދާނެއެވެ.
4. އަހަރުމެން އިންތިޒާރުކޮށްގެން ތިބޭ ތިބުން އަންގައިދެނީ އެ އެއްޗަކަށް ނުވަތަ އެ މީހަކަށް އަހަރުމެން އިންތިޒާރުކޮށްގެ ތިބޭ އެއްޗެއްގެ ނުވަތަ މީހެއްގެ އަގު ބޮޑު ކަމެވެ.
5. އިންތިޒާރު ކުރުމަކީ ވެސް ވޭންދެނިވި ކަމެކެވެ. ހަމަ އެހެންމެ، ހަނދާން ނައްތާލުމަކީ ވެސް ވޭންދެނިވި ކަމެކެވެ. ނަމަވެސް، އެންމެ ބޮޑަށް ވޭން ލިބޭ ކަމަކީ މި ދެކަމުންކުރެ – އާދެ، އިންތިޒާރުކުރަންވީތޯ ނުވަތަ ހަނދާން ނައްތާލަންވީތޯ – ކުރަންވީ ކޮންކަމެއްކަން ނޭނގުމެވެ!
6. ހަތަރު ސިފައެއް ކަލޭމެންގެ ދަރިންގެ ކިބައިގައި އަށަގަންނުވާށެވެ! އެއީ ކުށެއް ކުރެވުމުން، މާފަށް އެދުމާއި އަނެކުންނަށް ލޯބިކުރުމާއި ކަމެއް ކޮށްދިނުމުން ޝުކުރުވެރިވުމާއި އަމިއްލައަށް ކުރެވޭ ކަންކަން އަމިއްލައަށްކޮށް މަސްއޫލިއްޔަތު އުފުލުމެވެ.
7. ބާޣުބާނެއް ކުރެން މީހަކު އެއްސެވެ: އިނބަގެ ގަސްތައް އެހާ ރީތިކޮށް ހެދެނީ ކީއްވެ ހެއްޔެވެ؟
ބާޣުބާނު: އަހަރެންގެ ގަސްތައް ގަދަކަމުން ހައްދާކަށް އަހަރެން ނޫޅެމެވެ. އަހަރެން ކުރާހާ ވެސް ކަމަކީ ގަސްތައް ހެދުމަށް އޮތް ހުރަސްތައް ނެތިކޮށްލަނީއެވެ. ދެން އެ ގަސްތައް އަމިއްލައަށް ހެދެނީއެވެ!
8. ކަލޭގެ އުމުރުން 20 އަހަރުވީ އިރު ކަލެއަށް ދުނިޔެ ފެނުނު ގޮތަށް، ކަލޭގެ އުމުރުން 50 އަހަރު ވުމުން ކަލެއަށް ދުނިޔެ ފެންނަ ކަމަށް ވަންޏާ ކަލޭގެ އުމުރުން 30 އަހަރު ބޭކާރުވެ ގެއްލިގެން ދިޔައީއެވެ!
9. މައްސަލައަކީ ކަލޭ އަރަން ގަސްދުކުރާ ފަރުބަދައިގެ އުސްކަމެއް ނޫނެވެ. މައްސަލައަކީ އެ ފަރުބަދައަށް އަރަންދާ އިރު ކަލޭ އަރައިގެން ހުރި ބޫޓު ތެރޭގައި އޮންނަ ގާކޮޅެވެ.
10. "މި ދުނިޔެއަކީ ހަގީގަތެއް ކަމުގައި ނުބެލެވޭނެއެވެ. އަހަރެން މުޅި ދުނިޔެ ވެސް ފަތަހަކުރީމެވެ. ނަމަވެސް، އެކަމުން އަހަންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ!" މަރްހޫމް މުހައްމަދު އަލީ ކުލޭ
11. ޚިޔާލުގެ ތަނަވަސްކަން ލިބިއްޖެ މީހަކަށް، ހަޔާތުގެ މައިދާނުގައި އުދުހި ކުރިއަށް ދާން ވަރައެއް ލިބިއްޖެއެވެ!
12. ނާއުއްމީދުވެ، މާޔޫސްވުމުން، ހަނދާންކޮށްލަން ޖެހެނީ އަބަދުވެސް ނަސްރު ލިބެނީ ތެދުވެރިކަމާއި ލޯބީގެ ކޮޅަށް ކަމަށެވެ. ދޮގުވެރިކަމާއި އޮޅުވާލުމާއި މަކަރު ހެދުމަށް ކުރިލިބިދާނެހެން ހީވިޔަސް، ކޮޅަން ހުންނާނެ ފަޔެއް އެކަންކަމަށް ލިބިގެން ނުވެއެވެ. ގުދުރަތުގެ ސުންނަތް ނިޔާކުރަނީ، އާޚިރުގައި ދޮގުވެރިކަމާއި އޮޅުވާލުމާއި މަކަރުގެ ކޮޅު އަބަދުވެސް ބަލިވެ، ވެއްޓޭނޭކަމެވެ. އަބަދުވެސް އެކަން ނިމެނީ އެހެންނެވެ. އެހެންވީމާ ތެދުވެރިކަމާއި ލޯބީގެ ކޮޅަގައި ސާބިތުވެ، ހުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
13. ހަތަރު މީހަކު ތިމާގެ ހަޔާތުން ދުރުކޮށް ފެއަށްލާން ޖެހެއެވެ. އެއީ ހަސަދަވެރިޔާއާއި ހިއްވަރު ގެއްލުވާލާ މީހާއާއި ދެފުށް ދެގޮތް މީހާއާއި އަމިއްލަ ފައިދާއާއި މަސްލަހަތަށް ތިމާއާ ގާތްވެގެން އުޅޭ މީހާއެވެ.
14. ދެލި ކިތަންމެ ވަރަކަށް ދޮވުނަސް އޭގެ ކުލަ ހުދު ކުލައަކަށް ބަދަލެއް ނުވާނެއެވެ. ހަމަ އެހެންމެ، ބައެއް މީހުންގެ ހިތްތައް ވެސް، އެ މީހުންނާ މެދު ކިތަންމެ ހެޔޮކޮށް ކަންތައް ކުރިޔަސް ދުވަހެއްގައި ވެސް ބަދަލެއް ނުވާނެއެވެ. ކުރިން ވެސް، ބޭރު ޓީވީއަކަށް އަރައި އެދި ގޮވީ ރާއްޖެ ހިފަން އައުމަށެވެ. މިހާރު ވެސް، ހަމަ އެމީހުންގެ ކިބައިން، ހިތުގެ އަޑިން އެދެމުން އެދަނީ ރާއްޖެއަށް އަރައި ހިފުމަށެވެ!
ދީނަށާއި ގައުމަށް ޚިޔާނަތްތެރިވުމުގެ ސަބަބުން އެ ހިތްތަކުގައި ޖެހުނު ކަޅު ކުލައިގެ ސިއްކަ، އިތުރު ކިތަންމެ ފުރުސަތެއް އެ ބައިގަނޑަށް ދިނަސް، އެމީހުންގެ ހިތްތަކުގެ ކުލަ ބަދަލެއް ނުވާނެއެވެ. ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة ولهم عذاب عظيم (ބާތިލު ގޮތް، އެމީހުން ޚިޔާރުކޮށް، އެ ގޮތް ނޫން އެހެން ގޮތެއް އެމީހުން ބޭނުން ނުވުމުން، އެމީހުން ބަދަލު ނުވުމުގެ) ސިއްކަ އެ މީހުންގެ ހިތްތަކުގައްޔާއި އެމީހުންގެ އިވުމުގައި މާތްﷲ ޖައްސެވިއެވެ. އަދި އެ މީހުންގެ ލޯމަތީ (އަދި، އެ މީހުންގެ ބާތިލު ގޮތް މަތީ ދެމި ތިބުމަށް އެމީހުން ގަސްދުކޮށް، ނިންމައިގެން ތިބުމުން، ހައްގު ފެނުމަށް ހުރަސް އެޅޭ) ފަރުދާއެއް (އެމީހުން އަމިއްލައަށް،) އެމީހުންގެ ލޯމަތީ ދަމާލެވިފައި ވެއެވެ! (ހައްގު ގޮތް ދޫކޮށް، ބާތިލު ގޮތް އެމީހުން ޚިޔާރުކުރުމުގެ ސަބަބުން) ބޮޑުވެގެންވާ އަޒާބު އެމީހުންނަށް ހުއްޓެވެ!)
15. "އިޝްގުގައި ޖެހިފައިވާ މީހަކާ ވެސް އަދި ޖަމާއިއްޔަތުގެ މީހާއާ ވެސް، (އެއްވެސް ހަމައަކަށް ބެލުމެއް ނެތި، ހަމައެކަނި އޭނަގެ ޖަމާއަތަށް ތަބާވާ މީހާ) ބަހުސްކުރަން ނުހަދާށެވެ. އެހެނީ ފުރަތަމަ މި ބުނި މީހާ ގެންގުޅެނީ ކަނު ހިތެކެވެ. އަދި، ދެވަނައަށް މި ބުނި މީހާ ގެންގުޅެނީ ބަންދުވެފައި އޮންނަ ސިކުނޑިއެކެވެ.
