ރިޗަޑް ބަޓިސްޓާއާއި ޑޯވްނެލް ބަޓިސްޓާ ކައިވެނިކުރީ 1990 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ޑޯވްނެލްއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާން ފެށިއެވެ. އޭނާގެ ދެ ކިޑްނީ ފެއިލްވުމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރި ނަމަވެސް، އެ ދެ ފަހަރުވެސް އޮޕަރޭޝަން ކާމިޔާބެއް ނުވިއެވެ. މި ހިތްދަތި ދަނޑިވަޅުގައި އެ ދެމަފިރިންގެ ދެމެދުގައި އެކި ކަހަލަ މައްސަލަތައް އުފެދެމުން ދިޔައެވެ. އެހެންނަމަވެސް، އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ރިޗަޑް ނިންމީ އޭނާގެ އަމިއްލަ ކިޑްނީއެއް ޑޯވްނެލްއަށް ހަދިޔާކުރުމަށެވެ. އޭނާ އުންމީދުކުރީ މި ފިޔަވަޅުގެ ސަބަބުން އަނބިމީހާގެ ފުރާނަ ސަލާމަތްވުމުގެ އިތުރުން، ރެނދުލާފައިވާ އެމީހުންގެ ކައިވެނިވެސް އާރާސްތުވާނެ ކަމަށެވެ.
ރިޗަޑްގެ ކިޑްނީ، ޑޯވްނެލްގެ ހަށިގަނޑާ ގުޅި، އެ ސާޖަރީ ވަރަށް ކާމިޔާބުވިއެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން ޑޯވްނެލް ވަނީ ރިޗަޑްގެ ކައިރިން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ރިޗަޑް ތުހުމަތުކުރި ގޮތުގައި، ކިޑްނީ ބަދަލުކުރިތާ ދެ އަހަރު ނުވަނީސް ޑޯވްނެލް ވަނީ އެހެން މީހަކާ ނާޖާއިޒު ގުޅުމެއް ބާއްވަން ފަށައިފައެވެ. އަމިއްލަ ހަށިގަނޑުން މުހިންމު ގުނަވަނެއް ހަދިޔާކުރުމުންވެސް އަނބިމީހާގެ ފަރާތުން ފެނުނު ބޭވަފާތެރިކަމުގެ ސަބަބުން މާޔޫސްވެ، ރިޗަޑް ކޯޓުގައި އެދުނީ އޭނާ ހަދިޔާކުރި ކިޑްނީ އަނބުރާ ހޯދައިދިނުމަށެވެ. ނޫންނަމަ އެ ކިޑްނީގެ އަގުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމުގައި ކޯޓަށް ގާނޫނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އެމެރިކާގެ ގާނޫނުތައް ބުނާގޮތުން އިންސާނުންގެ ގުނަވަންތަކަށް އަގުކިޔައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. ނަމަވެސް މި މައްސަލައަކީ ވަރިވުމުގައި ދެމީހުންގެ މެދުގައި މުދާ ބެހުމުގެ ބީދާއިން ނިންމައިދޭން އެދިފައިވާ ކަމަކަށް ވީމައި އެ ގުނަވަނަކީ މުދަލެއްގެ ގޮތުގައި ބެލޭނޭތޯ ކޯޓުން ވިސްނުންތަކަކަށް ދާންޖެހުނެވެ.

އެ މައްސަލައިގައި ކޯޓުން އެންގީ އެ ކިޑްނީ އަލުން އަނބުރައި ހޯދައިނުދެވޭނޭ ކަމަށާއި އޭގެ ބަދަލުގައި އަގެއްވެސް ނަގައިނުދެވޭނޭ ކަމަށެވެ. މީހަކު އޭނާގެ ގުނަވަނެއް ހަދިޔާކުރުމަށްފަހު، އެ ގުނަވަނުގެ މައްޗަށް އޮންނަ މިލްކުވެރިކަމުގެ ހައްގު ގެއްލިގެންދެއެވެ. އެއީ ދެމަފިރިންގެ މެދުގައި ބަދަލުކުރެވުނު ހަދިޔާއެއް ކަމުގައި ވީނަމަވެސް، ކައިވެނި ރޫޅޭއިރު ބަހާ މުދަލުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކެއް ނުހިމެނޭނެއެވެ.
މި މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައީ އޭގެ ސަބަބުން އުފެދުނު އަހްލާގީ އަދި ގާނޫނީ ސުވާލުތަކުގެ ބޮޑުކަމުންނެވެ. އިންސާނިއްޔަތަށްޓަކައި ހަދިޔާކުރާ ގުނަވަންތަކަކީ އެއްވެސް އަގަކާ ނުލައި ދެވޭ އެއްޗެހިކަމަށް ވާއިރު، އެފަދަ ކަމަކަށް އަގުކިޔުމުގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެއެވެ. ކޯޓުން ރިޗަޑާ އެއްކޮޅަށް ހުކުމްކުރިނަމަ، ގުނަވަންތައް ލިބިފައިވާ އެތައް ބަޔަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ކުރިމަތިވީހެވެ. ސަބަބަކީ އެމީހުންނަށް އަލުން ދިރުން ލިބުނު ގުނަވަނަށް ކޮންމެ ވަގުތެއްގައިވެސް އަގެއް ދައްކަން ޖެހިދާނެކަމުގެ ބިރު އޮންނާނެތީއެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ބޭވަފާތެރިކަމުގެ ސަބަބުން ލިބުނު ފުން ހިތާމަޔާއި ރުޅިގަނޑެއްގެ ތެރެއިން ކުރެވުނު ދައުވާއެކެވެ. އިންސާނިއްޔަތަށްޓަކައި ކުރާ ކަންކަމަކީ ބަދަލަކަށް އެދިގެން ކުރާ ކަންކަމަށް ނުވިނަމަވެސް، އިންސާނުންގެ ތަބިއްޔަތުގައި އަމިއްލަ އެދުން އޮވެއެވެ. ހާއްސަކޮށް، ލޯބިވާ މީހާއަށްޓަކައި ވާ ގުރުބާނީއަކީ އެ ގުޅުން ދެމެހެއްޓުމަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ގިނަ ފަހަރަށް ދެކެވޭ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.



advertisment