ސެނެގާލްގެ ވެރިރަށް ޑަކާރްގެ އެކި އަވަށްތަކުގައި ފިރިހެނުންގެ ގްރޫޕްތައް ބާއްވާ ބައްދަލުވުންތަކަކީ އެ ގައުމުގެ އާދައިގެ މަންޒަރެކެވެ. ނަމަވެސް، "އިކޯލް ޑެސް މަރިސް" ނުވަތަ "ފިރިންގެ މަދަރުސާ"ތަކުގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުންތަކުގެ ސަބަބުން އެ ގައުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ އަންނަން ފަށައިފައެވެ. މިއީ މުޖުތަމައުގައި ފިރިހެނުންނަށް އަމާޒުކޮށްގެން، އާއިލީ ޒިންމާތަކާއި މައިންގެ ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި މަސައްކަތުގެ ބޭނުމަކީ ފިރިއެއްގެ ނުވަތަ ބަފައެއްގެ ހަގީގީ ޒިންމާތަކަކީ ކޮބައިކަން އަންގައިދީ، ގޭތެރޭގެ އާދައިގެ މަސައްކަތްތަކުން ފެށިގެން، ބަލިވެއިނުމާއި ވިހެއުމުގެ ނުރައްކާތެރި ހާލަތްތަކުގައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކަށް އެމީހުންގެ ވިސްނުން އަހުލުވެރިކުރުވުމެވެ.
އދ. ގެ އާބާދީ ފަންޑު ޔޫއެންއެފްޕީއޭގެ އެހީތެރިކަމާއެކު 2011 ވަނަ އަހަރު ސެނެގާލްގައި ފެށި މި ޕްރޮގްރާމް، މިހާރު ވަނީ 20 އަށްވުރެ ގިނަ މަދަރުސާއަށް ފުޅާކޮށް، 300 އަށްވުރެ ގިނަ ފިރިހެނުން ތަމްރީނުކޮށްފައެވެ. މި މަދަރުސާތައް ކުރިޔަށް ދަނީ މިސްކިތްތަކުގަޔާއި ގައުމުގައި ގަދަރު ހިފޭ މީސްމީހުންގެ ގޭގެ ގޯތިތެރޭގައެވެ. އަދި ކިޔަވައިދެނީ މުޖުތަމައުގައި ގަދަރުވެރި އިމާމުންނާއި ޝަހުސިއްޔަތުތަކެވެ.
މި ޕްރޮގްރާމްގައި ބައިވެރިކުރަނީ މުޖުތަމަގައި ދިރިއުޅޭ، އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފިރިންނެވެ. ތަމްރީނަށްފަހު، މި މީހުން މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ "ސަފީރުން"ގެ ގޮތުގައި މަސައްކަތް ކުރެއެވެ. މިގޮތުން ނުރަސްމީ ބައްދަލުވުންތައް ބޭއްވުމާއި، ގޭގެއަށް ޒިޔާރަތްކުރުމާއި، އަނބިން ބަލިވެއިނުމުން ގަވާއިދުން ސިއްހީ ފަރުވާ ހޯދުމަށާއި، ގޭގައި ވިހެއުމުގެ ނުރައްކާތެރި އާދަ ދޫކޮށް ސިއްހީ މަރުކަޒުތަކުގައި ވިހެއުމަށް ބާރުއަޅައި، ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއެވެ. ގިނަ ފަހަރަށް މި ކުލާސްތަކުގައި ކީރިތި ރަސޫލާގެ ހަދީސްތައް ބޭނުންކޮށް އަންހެނުންނަށް އެހީތެރިވެދިނުމަށް އިމާމުން ބާރުއަޅައެވެ.

މި މަދަރުސާތަކުގައި ކިޔަވައިދެނީ ހަމައެކަނި ފޮތްތަކުގައި ލިޔެފައިވާ ތިއަރީތަކުގެ ބަދަލުގައި އަމަލީ ގޮތުން ބޭނުންކުރެވޭނެ، އެ ގައުމުގެ ސަގާފަތާއި އާދަކާދަތަކާ ގުޅޭ މުހިންމު މައުލޫމާތެވެ. އޭގެ ތެރޭގައި "ދުޅަހެޔޮ ފިރިހެންވަންތަކަން" ނުވަތަ އާއިލާއަށް އަޅާލާ ފިރިއެއްގެ ސިފަތަކަކީ ކޮބައިކަމާއި، މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ރައްކާތެރިވާނޭ ގޮތްތަކާއި، އާއިލާ ރޭވުމުގެ މުހިންމުކަމާއި، އަދި އަންހެނުން ހިތާނަކުރުމުގެ ނޭދެވޭ ސަގާފީ އާދަތަކުގެ ސަބަބުން ކުރިމަތިވާ ސިއްހީ ބޮޑެތި ނުރައްކާތަކަށް ހޭލުންތެރިކުރުވުން ހިމެނެއެވެ. ސިއްހީ ހިދުމަތްތެރިން ފާހަގަކުރާ ގޮތުގައި، ގިނަ އާއިލާތަކުގައި ފައިސާ ހަރަދުކުރުމާއި، އާއިލާގެ ބޮޑެތި ނިންމުންތައް، އަދި ބަލިމީހަކަށް ފަރުވާ ހޯދުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާ ބަޔަކީ ފިރިހެނުންނެވެ. އެހެންކަމުން، ފިރިހެނުންގެ ވިސްނުން ބަދަލުކުރުމަކީ، ފަރުވާ ލަސްވުމުގެ ސަބަބުން ކުރިމަތިވާ ހިތާމަވެރި މަރުތައް މަދުކުރުމަށް އެޅޭ އެންމެ މުހިންމު އަދި އެންމެ ފައިދާ ހުރި ފިޔަވަޅެވެ.
ސެނެގާލުން މައިންނާއި ކުޑަކުދިންގެ ސިއްހަތު ރަނގަޅުކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް ރިޕޯޓުތަކުން އެނގެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެފްރިކާ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތު ކުދިން މަރުވާ މިންވަރު އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައެވެ. މިކަމަށް އޮތް އެންމެ ދާއިމީ ހައްލަކީ މުޖުތަމައު ހޭލުންތެރިކުރުވައިގެން، ބަލިވުމުން ލަސްނުކޮށް ފަރުވާ ހޯދުމުގެ އާދަ އަށަގެންނެވުމާއި، ވިހެއުމުގެ ކަންކަމުގައި ފިރިހެނުންގެ އެހީތެރިކަމާއި ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުންކަން އެ ޖަމްއިއްޔާއިން ތަކުރާރުކޮށް ފާހަގަކުރެއެވެ.

"ފިރިންގެ މަދަރުސާ" ތަކަކީ ހުޅަނގު އެފްރިކާގެ އެހެން ގައުމުތަކުގައިވެސް ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މޮޑެލްއެކެވެ. މިއީ ޔޫ.އެން.އެފް.ޕީ.އޭ އިން ނައިޖީރިޔާ ފަދަ ގައުމުތަކުގައިވެސް ކުރިއަށްގެންދާ ނަމޫނާ މަސައްކަތެކެވެ.
ސެނެގާލްގައި މިކަން ކުރިއަށްދަނީ އެ ގައުމުގެ ހާލަތާއި ދީނީ އަދި އިޖުތިމާއީ އޮނިގަނޑަށް ފުރިހަމައަށް ރިއާޔަތްކޮށްގެންނެވެ. މި މަދަރުސާތަކުގައި ބައިވެރިވާ ފިރިންގެ އަނބިން ބުނަނީ އެ ކުލާސްތަކުގައި ބައިވެރިވުމުން ފިރިންނަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވާ ކަމަށެވެ.
މުޖުތަމައުގެ އިސް ފަރާތްތަކާއި، އެކުގައި އުޅޭ ރަހުމަތްތެރިންގެ ފަރާތުން ކަންކަން ދަސްވުމުން، އެކަމެއްގެ ނަތީޖާ މާ އަވަހަށް ފެނިގެންދެއެވެ. މީގެ ސަބަބުން ހަމައެކަނި އަންހެނުންގެ ސިއްހަތަށް ކުރާ ފައިދާގެ އިތުރުން، މުޅި އާއިލާގެ ބަދަހިކަމާއި ދުޅަހެޔޮކަން ކަށަވަރުވެގެންދެއެވެ. މިއީ އިންސާނީ ތަރައްގީއަށާއި މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް އެ ގައުމުތަކުން ދެކެއެވެ.



advertisment