Support Us

ބްރެޓްޒް ޑޯލަކަށް ބަދަލުވުމުގެ މަގުމަތީގައި އެންޑްރިޔާ

 އިންސާނާ އުފައްދަވައިފައިވާ ސިފައަށް ބަދަލު ގެނެސް، މުޖުތަމައީ ރީތި މިންގަނޑުތަކާ އެއްގޮތަށް ހަށިގަނޑުގެ ގުނަވަންތައް ބަދަލުކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ނަމަވެސް، އެންޑްރިޔާ އިވަނޯވާގެ ވާހަކައަކީ ތަފާތު ވާހަކައެކެވެ. އޭނާގެ މަގުސަދަކަށްވީ މުޖުތަމައު ބަލައިގަންނަ މިންގަނޑަށް އޭނާގެ ސިފަ ބަދަލުކުރުމެއް ނޫނެވެ. ބަދަލުގައި އޭނާ ބޭނުންވީ 2000 ވަނަ އަހަރު މަޝްހޫރު ކަމަށް އައި 'ބްރެޓްޒް' ބުދެއްގެ ސިފައަށް ބަދަލުވުމަށެވެ.

އެންޑްރިޔާ ދަންނަ މީހުން ބުނާ ގޮތުން އެންމެ ކުޑައިރުން ފެށިގެންވެސް އޭނާގެ ސިފައިގައި އުނިކަމެއް ހުންނަ ކަމަށް ފާހަގަކުރެވެއެވެ. އެހެން ކަމުން ފުރާފުރިހަމަވުމުން އޭނާ ބޭނުންވީ އޭނާއަށް ކުޑައިރު އެންމެ ކަމުދިޔަ ބްރެޓްޒް ޑޯލަކަށް ބަދަލުވާށެވެ. ބްރެޓްޒް ޑޯލްސްއަކީ މަޝްހޫރު ކުޅޭ އެއްޗެހި ހަދައި މެޓެލް ކުންފުނީގައި މަސައްކަތްކުރި މީހެއް އެހެން ކުންފުންޏަކަށް ޑިޒައިން ކޮށްދީފައިވާ އުފެއްދުމެކެވެ. މި ބުދުތަކުގެ އެންމެ އާދަޔާ ހިލާފު އެއް ސިފައަކީ އެ އެއްޗެހީގެ ބޮޑު ތުންފަތެވެ.

އެންޑްރިޔާގެ ހިތުގައި ލެވުނު މަގްސަދު ހާސިލުކުރުމަށްޓަކައި، 2018 ވަނަ އަހަރުން ފެށިގެން އޭނާގެ ސިފައަށް އެކި ކަހަލަ ކޮސްމެޓިކް ބަދަލުތައް ގެނެސްފައިވެއެވެ. ހާއްސަކޮށް އޭނާގެ ތުންފަތަށެވެ. ބްރެޓްޒް ޑޯލެއްގެ ތުންފަތާ އެއްގޮތްކުރުމަށް އޭނާ ވަނީ 26,000 އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ފިލަރ ޖަހާފައެވެ.

އެންޑްރިޔާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވަނީ އޭނާ ބޭނުންވަނީ އެންމެން ގަބޫލުކުރާ ގޮތަކަށް ހުރުމެއް ނޫންކަމެވެ. އެންމެންނާ އެއްގޮތަށް ހުރުމަކީ އޭނާ ދެކޭ ގޮތުގައި "ފޫހި" ކަމެކެވެ. އޭނާ ބޭނުންވަނީ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ގޮތަކަށް ހުރުމަށެވެ. އޭނާގެ ސިފަ މިހާރު ހުންނަ ގޮތުން މީހުންގެ ފުރައްސާރައަށް ކުރިމަތިލާންޖެހޭ ނަމަވެސް، އެކަމަކީ އޭނާއަށް މައްސަލައެއް ނޫނެވެ. އޭނާގެ އާދަޔާހިލާފު ސިފައިގެ ސަބަބުން ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރެއެވެ.

ނަމަވެސް، އެންޑްރިޔާގެ މި މަސައްކަތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. ހާއްސަކޮށް، އޭނާ ހެދި ސާޖަރީތަކުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރިކަމުގެ ވާހަކައަކީ އާންމުކޮށް ދެކެވޭ ވާހަކައެކެވެ. މިފަދަ ނުރައްކާތަކުގެ އިންޒާރު އެންޑްރިޔާގެ ސާޖަރީތައް ހެދި ޑޮކްޓަރުން އޭނާއަށް ދިނުމުންވެސް އޭނާ ބޭނުންވީ އެ ބަދަލުތައް ގެންނާށެވެ. މިކަމުގައި، އާންމުން އެފަދަ ސާޖަރީތައް ހަދައިދޭ ޑޮކްޓަރުންނަށް ފާޑުކިޔައި، އިންސާނިއްޔަތާ އިދިކޮޅު އަމަލުތައް ހިންގާކަމުގެ ދައުވާ އޮންލައިންގައި އުފުލާފައިވެއެވެ. ދެން އުފެދޭ ސުވާލަކީ، އެކަން ކުރަން ބޭނުންވާ މީހާ އެކަން ކުރަން ހުރިއްޔާ، ފުރާނަޔަށް ނުރައްކާ ވިޔަސް ޑޮކްޓަރުން އެކަން ކޮށްދޭންވީ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *