ދުނިޔެއަށް އައުމާއި ދުނިޔެއާ ވަކިވުމަކީ، އިންސާނުންގެ ތާރީހުގައި އަބަދުވެސް މުޖުތަމައުތަކަށް ކުރިމަތިވާ މުހިންމު ކަންކަމުގެ ތެރެއިން ހިމެނޭ ދެކަމެވެ. މި ދެ ކަމަށް މީހުން ތައްޔާރުވާ ގޮތާއި، އެކަމާ ގުޅިގެން ކަންކުރާ ގޮތް، އެކި ސަގާފަތްތަކުގައި ތަފާތެވެ. ހާއްސަކޮށް، އާ ކުއްޖަކު އުފަންވުމަކީ، މުޅި އާއިލާއާއި މުޖުތަމައުއަށް އުފާވެރިކަން ގެނެސްދޭ ކަމަކަށް ވާތީ، އެކަމާ ގުޅިގެން އެކި ސަގާފަތްތަކުން ތަފާތު އާދަކާދަތަކާއި ރަސްމިއްޔާތުތައް ބާއްވައެވެ.
ތިރީގައި މި ބަޔާންކުރަނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކުދިން އުފަންވުމާ ގުޅިގެން ފާހަގަކުރާ ބައެއް ހާއްސަ ގޮތްތަކެވެ.
ތުރުކީ
ތުރުކީގައި ދަރިއަކު ލިބުމުން ވަރަށް ހާއްސަ ކަންތައްތަކެއް ކުރެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މައިންނަށް ކިރު ގިނަކޮށްދިނުމަށާއި، ހަށިގަނޑު އަނބުރާ ރަނގަޅުކުރުމަށްޓަކައި "ލޮހުސާ ސެރުބެޓި"ގެ ނަމުގައި މަޝްހޫރު ބުއިމެއް ގަދީމީ ޒަމާނުންސުރެ ދެމުން އަންނަ ކަމެވެ. މި ބުއިމަކީ ފެނާއި، ހަކުރާއި، ކަރަންފޫ އަދި ފޮނިތޮށީގެ އިތުރުން ރަތް ކުލަ އަޅައިގެން ތައްޔާރުކުރާ ބުއިމެކެވެ. މައިމީހާ ހޮސްޕިޓަލުގައި އޮންނަ އިރުން ފެށިގެން މި ބުއިން ދޭން ފަށައެވެ.
މިޒަމާނުގެ "ބޭބީ ޝަވަރ" ފަދަ ހަފުލާތައް ތުރުކީގެ ސަގާފަތުގެ ތެރޭގައި ހިމަނައިފައެއް ނުވެއެވެ. ދަރިފުޅު ދުނިޔެއަށް އައުމުން ފާޅުކުރާ އުފާވެރިކަމުގެ ހަފުލާތައް ފެށެނީ ދަރިފުޅު އުފަންވާ ހިސާބުންނެވެ. އާދަކާދައިގެ ގޮތުން، މަންމައާއި ދަރިފުޅު 20 ދުވަސް ވަންދެން ގެއިން ބޭރަށް ނުނުކުމެ ތިބެން ޖެހެއެވެ. މި މުއްދަތުގައި އެ ދެމައިންނަށް ޒިޔާރަތްކުރާ މީހުންނަށްވެސް މި ޚާއްސަ ބުއިން ދެއެވެ. ވިހައިގެން 20 ދުވަސް ފަހުން، މަންމަ ދަރިފުޅު ގޮވައިގެން ގޭގެއަށް ޒިޔާރަތްކުރުމުން، މައިމީހާއަށް ރުމާލަކަށް އަޅައިފައި، މެޓާޔާއާއި ކުކުޅު ބިސް ހަދިޔާކުރެއެވެ. މިއީ ކުއްޖާ އުފާވެރި، މަޖާ އަދި ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވުމަށް އެދި ކުރާ ކަމެކެވެ. މީގެ އިތުރުން، އެ ކުއްޖާއަށް ދިގު އުމުރެއް ދެއްވުމަށް އެދި ދުޢާކޮށް، ބުމައާއި ނިތްކުރީގައި ގޮދަންފުށް އުނގުޅައެވެ.
ލެޓިން އެމެރިކާ
ލެޓިން އެމެރިކާގައި، މަޔަކަށް ވުމުގެ މަރުހަލާ ލުއިކޮށްދިނުމުގެ ގޮތުން، "ކޮރެންތޭނާ"ގެ ނަމުން ނަންދީފައިވާ 40 ދުވަހުގެ މުއްދަތެއް ފާހަގަކުރެއެވެ. މި މުއްދަތުގައި މައިމީހާ އެހެން މީހުންނާ އެކަހެރިވެ، ވިހެއުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ވަރުބައްޔާއި ބަލިކަން ފިލުވައިލުމަށް، އަރާމުކުރެއެވެ. މީގެ އިތުރުން، މި ދުވަސްވަރު ޖިސްމާނީ އަދި ޖިންސީ ގުޅުންތަކުން ދުރުވެ، ކުޅި އެއްޗެހި ކެއުމުންވެސް ދުރުހެލިވާން ޖެހެއެވެ. އާ މަންމަ އަދި ދަރިފުޅާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އާއިލާގެ މެންބަރުން ކައްކުމާއި ގެ ސާފުކުރުން ފަދަ ދަތި މަސައްކަތްތައް ކޮށްދެއެވެ. މީގެ އިތުރުން، މައިމީހާ އޭނާގެ ބަނޑުގައި ފޮތިގަނޑެއް އޮޅައި، އިސްތަށިގަނޑާއި ކަރުވެސް ފޮތިން ނިވާކުރާ ކަމަށް ވެއެވެ. އެއީ މައިމީހާގެ ހަށިގަނޑު ރައްކާތެރިކުރުމުގެ ގޮތުންނެވެ.
ޖަރުމަނު
ޖަރުމަނުގައި ވިހައިގެން ކޮށްއުޅޭ ހާއްސަ އާދަކާދަތަކެއް ނެތް ނަމަވެސް، ދަރިއަކު ދުނިޔެއަށް އައުމަށްފަހު އެކުއްޖާއަށް ކޮށްދޭން ޖެހޭ ކަންކަން ކުރިއަށް ގެންދާން ޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކުދިންނަށް ނަން ކިޔާއިރު، ޖަރުމަނުގެ ސަރުކާރުން ފާސްކޮށްފައިވާ ނަންތަކުގެ ލިސްޓުން ނަމެއް ކިޔަން ޖެހުމެވެ. އަދި ކިޔާ ނަމުން އެއީ އަންހެން ކުއްޖެއްތޯ ނުވަތަ ފިރިހެން ކުއްޖެއްތޯ އެނގުން ލާޒިމުވެއެވެ. މައިންބަފައިން އެ ލިސްޓުގައި ނުހިމެނޭ ނަމެއް ކިޔަން ބޭނުންނަމަ، އެ ކަމުގެ ތަފުސީލު ދީ، އެ ނަން ހުށަހަޅަން ޖެހެއެވެ. ޖަރުމަނުގެ ވައިޓަލް ސްޓެޓިސްޓިކްސް އޮފީހުން އެ ނަމަކީ ގަބޫލުނުކުރެވޭ ނަމެއް ކަމުގައި ނިންމައިފިނަމަ، އަލުން އެހެން ނަމެއް ހުށަހަޅަން ޖެހެއެވެ. މި ކޮންމެ ފަހަރަކު ފީއެއް ދައްކަން ޖެހެއެވެ.
އެކުއޭޑޯ
އެކުއޭޑޯގައި ވިހައިގެން ކަންކުރަނީ ލެޓިން އެމެރިކާއާ އެއްގޮތަށެވެ. ނަމަވެސް، އެކުއޭޑޯގެ އަވަށްތަކުގައި އާދަކާދައިގެ ގޮތުން، މައިމީހާ ވިހާ ވަގުތު، ކުއްޖާގެ ބައްޕަގެ ދަލުން ތަތްތެޅިފައިވާ ގަމީހެއް ދިނުމުން، ވިހެއުމުގައި ހިތްވަރު ލިބޭކަމަށް ގަބޫލުކުރެއެވެ. މީގެ އިތުރުން، މަންމައާއި ބައްޕަ ދަރިފުޅާ ވާހަކަ ދައްކައި، ފަސޭހަކަމާއެކު ދުނިޔެއަށް އައުމަށް އެދި ދުއާކުރެއެވެ. ވިހެއުމަށްފަހު، މަންމައާއި ދަރިފުޅު ސީދާ އަވީގައި ނުޖައްސައި ރައްކާތެރިކުރެއެވެ. އަދި އެމީހުންގެ އެނދުގެ މަތި ފޮތިގަނޑަކުން ނިވާކުރެއެވެ. ވިހައިގެން 40 ދުވަސް ފަހުން، މަންމަގެ ގަޔަށް ފަތްޕިލާވެއްޔާއި ހުވަނދު އަޅައި ކައްކާފައި ހުރި ފެން އަޅައެވެ. އަދި އެއަށްފަހު، ފިނިފެންމަލުގެ ތިން ފިޔަ ލައިގެން ހަދާފައިވާ ކިރުޖޯޑެއް ގަޔަށް އަޅައެވެ. މިއީ މައިމީހާ އަލުން އަނބުރާ ދުނިޔޭގެ ކަންކަމުގައި ބައިވެރިވުން ފާހަގަކުރުމުގެ ރަސްމިއްޔާތެކެވެ.
ޖަޕާނު
ޖަޕާނުގެ މީހުން އެންމެ އިހުޒަމާނުންސުރެ ޤަބޫލުކުރަނީ، ވިހާއިރުގައި ކުރިމަތިވާ ވޭން ކުޑަކުރުމަށް ބޭސް ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫން ކަމުގައެވެ. އެ ވޭނަކީ މައިވަންތަކަމުގެ ދަތުރުގެ އުނދަގޫތަކުގެ ހަނދާނެއް ކަމަށް އެމީހުން ދެކެއެވެ. ވިހާ ވަގުތު އަންހެން މީހާއާއެކު ކޮޓަރިއަށް ވަދެވޭނީ، އޭގެ ކުރިން "ޕްރީނޭޓަލް ކްލާސް" ނަގާފައިވާ ފިރިހެނުންނަށެވެ. ދަރިފުޅު ލިބުމުން، އަންހެން މީހާ ހޮސްޕިޓަލުން ބަދަލުވަނީ އޭނާގެ މައިންބަފައިންގެ ގެޔަށެވެ. އެގޭގައި އޭނާ ހޭދަކުރާ 21 ދުވަހު، ދަރިފުޅާ އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އާއިލާގެ މީހުން އެހެން ކަންކަމުގައި އެހީތެރިވެދެއެވެ. މި ދުވަސްވަރު ދަރިފުޅު ދެކިލަން އަންނަ މެހެމާނުންނަށް، ރަތް ހަނޑުލާއި ރަތް ބީންސްގައި ހަދާފައި ހުންނަ "އޮސެކިހާން" ކިޔާ ކެއުމެއް ދެއެވެ. ޖަޕާނު މީހުން ގަބޫލުކުރާ ގޮތުގައި، ދަރިފުޅުގެ ރުއިމަކީ އޭނާގެ ސިއްހަތު ރަނގަޅުކަން އަންގައިދޭ ކަމެކެވެ.
މިފަދަ ތަފާތު ސަގާފަތްތަކުން ދައްކުވައިދެނީ، އާ ފުރާނަޔެއް ދުނިޔެއަށް އައުމުން، މަރުޙަބާ ކިޔުމަށް އިންސާނިއްޔަތު ދޭ އަހައްމިއްޔަތާއި، މި ބޮޑު ކަންތަކާ ގުޅިގެން މުޅި މުޖުތަމައު ބައިވެރިވެ، އުފާ ފާޅުކުރާ މިންވަރެވެ. މި ކަންކަމަކީ، އެއްފަހަރާ ދިރިއުޅުމުގެ ޗެލެންޖުތަކާއި، އުފާވެރިކަން ދައްކުވައިދޭ މުއްސަނދި ތަޖުރިބާތަކެކެވެ.



advertisment