(ބާއްޖަވެރި ހެދުނެއްގެ ރާގުކޮޅު ރޭޑިއޯ އިން އަންނަނީ)
ޒުބޭރު: އައްސަލާމު އަލައިކުމް. އެންމެހައި ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ހެނދުނަކަށް އެދެން. އެހެން ދުވަސް ދުވަހެކޭ ވެސް އެއް ފަދައިން މިއަދު ރަށުތެރޭގެ ހަބަރުތައް އޮޅުންފިލުވައިލައިދޭން އަޅުގަނޑާއެކު މި އިންނެވީ ތި އެންމެހައި ބޭފުޅުންގެ އެކުވެރިޔާ އަނގަގަދަ މިތުރު. އަނގަގަދަ މިތުރު ޕްރޮގްރާމަށް މިއަދުވެސް މަރުހަބާ.
އަނގަގަދަ މިތުރު: އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ ޒުބޭރު މި ޕްރޮގްރާމަށް އަނެއްކާވެސް ދައުވަތު ދެއްވެވީތީ.
ޒުބޭރު: ކޮބާ ރަށުތެރޭގެ އެންމެ ފަހުގެ ހަބަރުތަކަކީ ކޮބައިތޯ؟
އަނގަގަދަ މިތުރު: އާދެ އަޅުގަނޑު ރަށުތެރޭގެ ހަބަރުތައް ބަލައިލަން އެހެން ދުވަސްދުވަހެކޭވެސް އެއްފަދައިން މި ހުޅުވައިލީ ރަށުގެ ވަޓްސެޕް ގްރޫޕް. މެސެޖުތަކުން ފެންނަ ފެނުމަށް ރަށުގެ ކަންކަން ދަނީ ރަނގަޅަށް. ރަށުގެ ދަނޑުވެރިންގެ ޕާޓީން މި އަންނަ ރޯދަމަހު މާލެއަށް ތިން ޓަނު ކަރާ ފޮނުވޭނޭ ވާހަކަ އެބައޮތް އެނގޭތޯ ލިޔެފައި.
ޒުބޭރު: ތިއީ ވަރަށް އުފާވެރި ހަބަރެއް ނޫންތޯ؟
އަނގަގަދަ މިތުރު: އެކަމަކު އެޔެއް ނޫން އިނގޭތޯ އެންމެ ބޮޑަށް މިއަދު ހިލިގެން އުޅޭ ވާހަކައަކީ ޒުބޭރު.
ޒުބޭރު: އަސްތަ ކޮބައިތޯ ތި ހިލިގެން އުޅޭ ވާހަކައަކީ؟
އަނގަގަދަ މިތުރު: މިއަދު އެންމެ ބާރުލާފައި ރަށު ގްރޫޕުގައި ދެކެވެމުން އަންނަ ވާހަކައަކީ ރޭގައި ކަމަނަ ގޯތި އާދަނު ކޮށްލި މޮޅު ކަމެއްގެ ވާހަކަ އިނގޭތޯ!
ޒުބޭރު: އަސްތާ! އަނެއްކާ ވެސް އާދަނު މޮޅު ގޮތަކަށް އޮޑިބޭލީތޯ؟
އަނގަގަދަ މިތުރު: ނޫނޭ. މިފަހަރު އޮޑިއެއްނޫން. މި ފަހަރު މަރިޔަނބު ކަންތައް އިނގޭތޯ.
ޒުބޭރު: ބަލަ އާދަނާއި މަރިޔަނބުގެ ގުޅުން ފެށުނު ވާހަކަ މިދިޔަ ހަފުތާގެ ހޫނު ހަބަރަށް އެރި ނޫންތޯ؟
އަނގަގަދަ މިތުރު: އާދެ އޭގެ ފަހުން އާދަނު މަރިޔަނބު އާނބަސް ބުނީތީ އުފަލުން މުޅި ރަށުތެރޭ އޭނާގެ ނަސީބުގެ ގަދަ ވާހަކަ ދައްކައި ފޮނިކަނޑަމުން ހިނގުމުން ރަށު މަތިން އުދުހުނު މާކަނާތައްވެސް ގޮސް ޖެހިގެން އޮތް ރަށުގައި ދެއްކި ވާހަކަވެސް އެއީ މިދިޔަ ހަފުތާގެ އުސްއަލިތަކުގެ ތެރޭގައި ހިމެނުނު ވާހަކަ އިނގޭތޯ.
ޒުބޭރު: ދެން ކޮބައިތޯ ރޭގައި މި ދިމާވި މައްސަލައަކީ؟
އަނގަގަދަ މިތުރު: ޒުބޭރު އަޅުގަނޑުމެން ދުނިޔޭގައި މިހައި ދުވަހު އުޅުނީތީ އެނގޭ ކަންތައް އަދި އާދަނު ކަހަލަ ޒުވާން، ތަންދޮރު ނޭނގޭ ބަތަލުންނަށް ދެ އޮޑި ބޭލިއިރުގައިވެސް ނޭނގޭކަމީ ދެރަވާން ޖެހޭ ކަމެއް ނޫންތޯ؟ ރޭގައި އާދަނު މަރިޔަނބު ގާތަށް ދިޔައިރު މަރިޔަނބު އިނީ ހަނު ކަމަށް ވަނީ!
ޒުބޭރު: އަސްތާ! އަންހެންވެރިންގެ ހަނުހުރުން ދެއްތޯ؟ ވިސްނިއްޖެ، ވިސްނިއްޖެ. ދެން އާދަނު ކަންތައް ކުރީ އަޅުގަނޑަށް މި ހީވާ ގޮތަށްތޯ؟
އަނގަގަދަ މިތުރު: ޝައްކެއްވެސް ނެތްތާ އެއީކަން އާދަނު ކަންކުރާނޭ ގޮތަކީ. އާދަނު އެ ދެމީހުންގެ މެދުގައި ވެރިވެފައިވާ ހަމަހިމޭންކަން ފޫބެއްދުމަށްޓަކައި ވާހަކަ ދެއްކީ ވަކި ވަރެއް ބަލައިފައެއް ނޫނޯ.
ޒުބޭރު: އަސްތާ. ތި ހަބަރު ރަށު ގްރޫޕަށް ހިއްސާކުރީ ކާކުތޯ؟
އަނގަގަދަ މިތުރު: އެ ގްރޫޕަށް ރަށުގެ ޖިންނި ގްރޫޕުން ފޯވަޑުކުރި ސްކްރީން ޝޮޓެއްގައޭ އެ ވާހަކަ އޮތީ. އެ ދެމީހުން އިށީނދެގެން ތިބި ޖޯލި ކައިރީގައި އިންދައިފައި ހުރި ގަހުގައި ދެ ގަރުނު ވަންދެން ދިރިއުޅުނު ޖިންނި އާއިލާއަށް އާދަނުގެ ވާހަކަޔާ ހެދި އުނދަގޫވެގެން އެހެން ގަހަކަށް ބަދަލުވި ވާހަކަ ވަރަށް ހިތާމައާ އެކީ ހިއްސާކޮށްފައި އޮތީ.
ޒުބޭރު: ތިއީ ހާދަ ދެރަކަމެކޭ. ކޮބައިތޯ މަރިޔަނބުގެ ހަބަރަކީ؟
އަނގަގަދަ މިތުރު: އަދި ގްރޫޕުގައި މަރިޔަނބުގެ އާއިލާ އެއްވެސް ބޭފުޅެއްގެ މިހާތަނަށް އެއްޗެކޭ ވިދާޅުވެފައެއް ނެތް. އެކަމަކު މަރިޔަނބުގެ އެންމެ ގާތް އެކުވެރި ފާތުމަ، މަރިޔަނބުގެ ފޯނަށް އާދަނު މަޒުމޫނެއްހާ ދިގު ތިން މެސެޖު ފޮނުވި ވާހަކަ މެސެޖުން ހިއްސާކޮށްފައި އެބައޮތް އިނގޭތޯ.
ޒުބޭރު: ސަހަރޯ. އާދަނު ކަހަލަ ޒުވާނުން ބަތަލުންނަށް މިއީ އާ ކުޅިވަރަކަށް ވިޔަސް މިއީ އަޅުގަނޑުމެންނަށް އާ ކުޅިވަރެއް ނޫން ދެއްތޯ؟
އަނގަގަދަ މިތުރު: އެޔެއް ނޫންތޯ އަޅުގަނޑު މި ކިޔައި އެއްޗަކީ. މިއީ ކޮންމެ ފިރިހެނެއްގެ ހަޔާތުގައި ވެސް ކުރިމަތިވެދާނޭ ހާދިސާއެކޭ.
ޒުބޭރު: ދެން އަޅުގަނޑުމެން ވެސް އެބަޖެހޭ ދެއްތޯ އަޅުގަނޑުމެންގެ ޅަ ޖީލަށް މީގެ ހަގީގަތް ހާމަކޮށްދޭން. އަންހެނުންގެ ހަނު ހުރުމާ ކުރިމަތިލާނޭ ގޮތް ބުނެދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްދެއްތޯ؟
އަނގަގަދަ މިތުރު: އެއްބަސް. މިއީ އަޅުގަނޑުމެން ކިތައް ފަހަރު ކަޑައްތުކުރި ކަންތައްތޯ. މިއީ ހަމައެކަނި ލޯބިވެރިންނާ އެކުގައި ވާ ގޮތެއް ނޫނެއް ނޫންތޯ؟ އަޅުގަނޑުމެންގެ ތަބިއްޔަތުގައި ހަމަހިމޭންކަން ތަހައްމަލުކުރުމުގެ ގާބިލުކަން ހަމަ ކުޑައީއޭ ޒުބޭރު. ހަނދާންވޭތޯ ސަންތިމަރިޔަނބު އަޅުގަނޑަށް ދަތްޕިލައެއް ދޭން އުޅުނު ވަގުތު ހަމަހިމޭނުން މަސައްކަތްކުރަމުން ދިޔަގަޑީގައި އަޅުގަނޑަށް އެ ހިމޭންކަމަށް ކެތްނުކުރެވިގެން އަނގަތަޅުވަން ފެއްޓި ރޭ؟
ޒުބޭރު: އާދެ އެއީ ތާރީހުގެ ތެރެއިން ހިމެނުނު ހާދިސާއެއް ނޫންތޯ؟
އަނގަގަދަ މިތުރު: ފަހުން އަޅުގަނޑު ކައިރީގައި އެކުވެރި އަނގަމަޑު މިތުރު ބުނީ އެއީ މާ ބޮޑަށް ހާސްވާތީ މީހުންނަށް ކުރެވޭ ކަމެކޯ.
ޒުބޭރު: އެއްބަސް. ހަގީގަތުގައި ވެސް ހަމަހިމޭންކަމަކީ އޭގެ ޒާތުގައި މީހުން ހާސްކޮށްލާ ކަމެއް. އަދި ހާއްސަކޮށް ލޯބިވެގެން އުޅޭ މަންޖެއެއްގެ ފަރާތުން ހަމަހިމޭންކަމާ ބައްދަލުވީމައި އެވާގޮތް ހަމަ ބުނެދޭންވެސް ދަތިވާނެ.
އަނގަގަދަ މިތުރު: އާދެ އަޅުގަނޑަށް މިހާރު އާދަނު އުޅޭނޭ ހާލަތު ވަރަށް ރަނގަޅަށް ވިސްނޭ އިނގޭތޯ. މަރިޔަނބުގެ ވާހަކަ މަދުވީމައި ވަގުތުން ވިސްނޭނީ އޭނާއާ މެދުގައި މަރިޔަނބުގެ ހިތުގައި އޮތް ޝައުގުވެރިކަން ޖައްވަށް، ވަޔަށް، ފަޒާއަށް އަރައިގެން ދިޔައީ ކަމަށް! އެއީ މީހާ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްދޭ ވަރު ކަމެއް ނޫންތޯ؟
ޒުބޭރު: ސުވާލަކީ ކީއްވެގެންތޯއޭ ޒުވާން ބަތަލުންނަށް އެ ގަޑީގައި ވިސްނެނީ އެ ފިލައިގެން ދާން އުޅޭ ޝައުގުވެރިކަން އަލުން ގެނެވޭނީ އަނގަތަޅުވައިގަނެގެންނޭ؟ މިއީ ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް މީހުން ކަން ކޮށް އުޅޭ ގޮތްކަމަށް ސައިންސީ ދިރާސާތަކުންވެސް ވަނީ ހޯދިފައި އިނގޭތޯ.
އަނގަގަދަ މިތުރު: ތިކަމަށް އެއްޗެކޭ ބުނަން އަޅުގަނޑުމީ އެންމެ ރަނގަޅު މީހާއެއް ނޫން ޒުބޭރު. އަޅުގަނޑުމެން މި ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާގެ އަރިހުން ތި ސުވާލުކޮށްލުން ކިހިނެތްވާނެތޯ؟
ޒުބޭރު: ތިއީ ރަނގަޅު ވިސްނުމެއް. އާދެ އަޅުގަނޑު މި ވަގުތު ގުޅައިލެވޭތޯ މި މަސައްކަތްކުރަނީ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާ ރުގިއްޔާއާ. އައްސަލާމު އަލައިކުމް.
ރުގިއްޔާ: ވައަލައިކުމް ސަލާމް ޒުބޭރު.
ޒުބޭރު: މި ގުޅައިލީ ވަރަށް މުހިން ސުވާލުތަކަކައިގެން. ޖަވާބު ދޭން ދަތިވަގުތެއްތޯ؟
ރުގިއްޔާ: ނޫނޭ. އަޅުގަނޑު މިހާރު ރޮށިފިހެ މި ނިމުނީއޭ. ވަރަށް ބޮޑުކަމެއް ދެއްތޯ އާދަނަށް ދިމާވެގެން އެ އުޅެނީ ޒުބޭރު؟ ވަރަށް ދެރަ!
ޒުބޭރު: ހަމަ ތިކަމާ ވާހަކަ ދައްކައިލަން އިނގޭތޯ އަޅުގަނޑު މިގުޅައިލީ. އަންހެން މީހާ ހަނުހުރުމުން ފިރިހެންމީހާ ހާސްވެގެން މި އަނގަތަޅުވައިގަންނަ ސަބަބަކީ ކޮބައިތޯއޭ؟
ރުގިއްޔާ: އާދެ ތިކަމާ ބެހޭ ގޮތުން އަޅުގަނޑުމެން މިދިޔަ އަހަރު ރަށުތެރޭގައި ސާވޭއެއް ހަދައިފައިވާނީ. އެ ސާވޭ އޮންނާނެ އަޅުގަނޑުމެންގެ ވެބްސައިޓުގައި ޝާއިއު ވެސް ކޮށްފައި. އެ ހޯދުނު މައުލޫމާތުން އަޅުގަނޑުމެންނަށް އެނގުނީ މީހާގެ ހިތުގައި ޝައުގުވެރިކަން ބޮޑު މިންވަރު ދޭހަކޮށްދެޔޭ ހަމަހިމޭންކަން ވެރިވީމައި އަނގަތަޅުވާ މިންވަރު އިނގޭތޯ.
ޒުބޭރު: ތި ވިދާޅުވި އެއްޗެއް އަދި ކުޑަކޮށް ތަފުސީލުކޮށްދެއްވަބަލަ؟
ރުގިއްޔާ: މި ދެންނެވީ އާދަނު ރޭގައި ހުއްޓައިނުލައި އަނގަތެޅުވީ އޭނާ މަރިޔަނބާ ހިތާވާލެެއް ބޮޑުކަމުންނޭ.
ޒުބޭރު: އެހެންތޯ؟ ތިއީ އަދި އަޅުގަނޑުމެންނަށް ވިސްނިފައި ނެތް އެއްޗެކޭ.
ރުގިއްޔާ: އެކަމަކު މިހެން ހެދީމައި އެމީހުން އެންމެ ބިރުގަންނަ ކަންތަކާ އިނގޭތޯ ކުރިމަތިލާންޖެހެނީ. އަޅުގަނޑުމެން ބޭއްވި ފޯކަސް ގްރޫޕް ޑިސްކަޝަންތަކުން ހާމަވަނީ އަންހެނުންނަށް އެނގޭކަން ފިރިހެންމީހާ އެ ގަޑީގައި އަނގަތަޅުވަން ފެށުމުން އެއީ އެ ފިރިހެން މީހާ އޭނާ ގެއްލިދާނެތީ ހާއްސަވެގެން ކުރާ ކަމެއްކަން. އެ ހިސާބުން އެ މީހުންގެ ހިތުގައި އެ ފިރިހެންމީހާއަށް އޮންނަ ޝައުގު ބޮޑު ތަނުން ކުޑަވެގެން ދާކަމަށް ގިނަ މީހުން އެއްބަސްވަނީ.
ޒުބޭރު: އަސްތާ. ތިއީ އަދުގެ ޒުވާން ކުދިންނަށް އެނގިފައި އޮންނަންޖެހޭ އެއްޗެއް ނޫންތޯ؟
ރުގިއްޔާ: ޒުބޭރު ތި އުޅުއްވަނީ މާ ފަހަތުގައޭ. އަދާހަމަވެލައްވަބަލަ! އަޅުގަނޑުމެން މި ދިރާސާގެ ހުލާސާ ފިރިހެނުންގެ ކޮމިޓީއާ ހިއްސާކުރުމުން މީގެ އަލީގައި އެމީހުން މިހާރު ފިރިހެނުންނަށް ޓްރޭނިން ދޭން ފަށައިފި އެނގޭތޯ.
ޒުބޭރު: އާދަނު މި ޓްރެއިނިންއަކު ބައިވެރިޔެއްނުވޭތޯ؟
ރުގިއްޔާ: އަޅުގަނޑަށް ހަބަރު ލިބިފައިވާ ގޮތުން އާދަނަށް މަރިޔަނބު އާނބަސް ބުނި ދުވަހު، ފިރިހެނުންގެ ކޮމިޓީގެ ރައީސް މި ޓްރެއިންނިން ހަދަން ދައުވަތު ދެއްވި. އެކަމަކު އާދަނު އެ ޓްރެއިނިން ހަދަން އިންކާރުކޮށް މުޅި ރަށުތެރޭގައި މަރިޔަނބު ލިބިއްޖެޔޭ ކިޔައި ފޮނިކަނޑަމުން ހިނގީ ކަމަށް ހަބަރު ލިބިފައިވަނީ.
ޒުބޭރު: ދެން ކޮބައިތޯ އަޅުގަނޑުމެންނަށް މިހާރު އާދަނަށް ކޮށްދެވޭނޭ ކަމަކީ؟
ރުގިއްޔާ: ދެން މިވަގުތު ކުރެވޭނޭ އެންމެ ބުއްދިވެރިކަމަކީ ކުޑަކޮށް ދުރަށް ޖެހިލުން އިނގޭތޯ. އެ ޓްރެއިނިން ހެދި ގިނަ ފިރިހެނުންގެ ތަރުޖިބާއިން އެނގެނީ، އެމީހުން ބަސްމަދުކޮށް ހަމަޖެހިލާ ވަރަކަށް އަންހެން މީހާ އޭނާއާ ގާތްވާ ކަމަށް. އަދި އެގޮތަށް އަންހެން މީހާ ދުރަށް ޖައްސައިލުމުން ފަހަތުން ނުދުވެ ހަމަޖެހިލައިގެން އުޅޭތަން ފެނުމުން އަލުން ބަލުން ޝައުގުވެރިކަން އުފެދޭ ކަމަށް.
ޒުބޭރު: އަސްލުވެސްތޯ؟
ރުގިއްޔާ: އާދެ ޒުބޭރު. މިއީ އަންހެންނުން އެނގިގެން ނަމަވެސް، ނޭނގި ނަމަވެސް ފިރިހެނުންގެ ގޮތް ބަލައިލަން ގަދީމީ ޒަމާނުން ފެށިގެން ކޮށް އުޅޭ ކަމެކޯ.
ޒުބޭރު: އެއީވެސް ދިރާސާއިން އެނގިލެއްވި އެއްޗެއްތޯ؟
ރުގިއްޔާ: ނޫނޭ އެއީ އަޅުގަނޑު ކޮންމެވެސް ލޯބީގެ ވާހަކަ ފޮތަކުން ކީ އެއްޗެކޭ.
ޒުބާރު: އެހެން ދެއްތޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ތި ދެއްވެވި ފުރިހަމަ މައުލޫމާތަށް. ވަކިވެލާންނަމޭ.
އަނގަގަދަ މިތުރު: ޒުބޭރު އަޅުގަނޑު ރަށު ގްރޫޕުގައި އާދަނުގެ ގޭ މީހުންނަށް ޓެގް ކޮށްލައިފައި ލިޔެލައިފީމޭ ދެންމެ ރުގިއްޔާ އެ ދެއްކެވި ވާހަކަ.
ޒުބޭރު: ދެން އަޅުގަނޑުމެންނަށް އޮތީ ކަންވާގޮތް ބަލަން ތިބުން ނޫންތޯ؟ މިހާރު އަޅުގަނޑުމެން ވެސް ވަކިވެލާ ގަޑި ޖެހުނީއޭ. ހުރިހައި ބޭފުޅުންނަށް ވެސް ބާއްޖަވެރި ދުވަހަކަށް އެދެމުން ވަކިވެލަން. އައްސަލާމު އަލައިކުމް.



advertisment