Support Us

ވެނުގެ ހައިރާންކުރުވަނިވި ދިރިއުޅުމުގެ ސިއްރުތައް

ކަނޑުފަޅަށް ނުކުމެ އުޅޭ މީހަކަށް ވެނެއް ފެނުމުން ހިތަށް އަރައިފައިބައި ޝުއޫރުތައް ކިޔައިދޭކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ފަހަރެއްގައި މީހުނަށް އެނގިފައިނުވާ ހަގީގަތަކީ ވެނަކީ އެހެން މަސްމަހާއި ޖަނަވާރުންނާ ތަފާތު، ސިއްރުތަކެއް ފޮރުވިފައިވާ މަހުލޫގެއް ކަމާއި އޭގެ ހަގީގަތް ދެނެގަތުމުގެ ނިޔަތުގައި އިންސާނުން އެތައް ގަރުނެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމެވެ.

ވެނަކީ ހަމައެކަނި ފަރުތަކުން ފެންނަ މަހެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކޯރުތަކާއި ފެންގަނޑުތަކާއި ތިލަތަކާއި ކުޅިތަކުގައި ވެސް ވެން ދިރިއުޅެއެވެ. ވެނަކީ ބައެއް ސަގާފަތްތަކުގައި އެންމެ މަގުބޫލު ކާނާގެ ބާވަތްތަކުގެ ތެރޭ ހިމެނޭ މަހެކެވެ. މިކަމުގެ ހެކިތައް އެ ސަގާފަތްތަކުން ފެންނަން ހުރި ކުރެހުންތަކުން ވެސް ފާޅުވާން އެބަހުއްޓެވެ.

މިއީ މިހާ މަގުބޫލު މަހަކަށް ވިޔަސް، ވެނަކީ ކިހިނެތް އުފެދޭ އެއްޗެއްކަން މީހުންނަށް ވަރަށް ފަހަކާ ޖެހެންދެން ނޭނގެއެވެ. އެ ފެންނަ އެއްވެސް ދިމާލަކުން އޭގެ ބިހެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި އަންހެން ވެނާއި ފިރިހެން ވެން މޭޓްކޮށް އުޅޭތަނެއް ވެސް ފާހަގަކުރެވިފައެއް ނުވެއެވެ. ވެނަކީ ވަކި ސަރަހައްދަކުން ފެނި، އަނެއްކާ ގެއްލިގެންދާ އެއްޗެއްކަން އެކަމާ ބެހޭ ދިރާސާކުރާ އެންމެންނަށް ވެސް އެނގެއެވެ.

އެތަކެތި ފެނި، ގެއްލިގެންދާ ސިއްރު ސާފުނުވާތީ، މަޝްހޫރު ފިލޯސަފަރު އެރިސްޓޯޓަލް ގަބޫލުކުރެއްވީ ވެނަކީ ނީލަކޯރުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހެދިފައިވާ ކިސަޑުން އުފެދޭ މަހުލޫގެއް ކަމަށެވެ. އެރިސްޓޯޓަލްގެ މި ހުށައެޅުން އެތައް ގަރުނެއް ދެމިގެން ދިޔައިރުވެސް މީހުން ގަބޫލުކުރިއެވެ. ދުނިޔޭގެ ދިރޭ ތަކެއްޗާ ބެހޭ އިލްމު ކުރިއަރައި، ބޮޑެތި ހޯދުންތައް ހޯދިފައިވީ ނަމަވެސް، ވެނަކީ ކޮންތާކުން އަންނަ، ކިހިނެއް އުފެދޭ މަހެއްކަން އިންސާނުންނަށް އޮޅުންފިލާވަރުވީ އެތައް ޒަމާނަކަށް ފަހުއެވެ.

ވެނާ ބެހޭ ހޯދުންތަކަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. ޑެންމާކުގެ ބަޔޮލޮޖިސްޓު ޖޯހަންސް ޝްމިޑް ކުރަމުން ގެންދިޔަ ކަނޑުގެ ދިރާސާތަކަކުން އާދަޔާ ހިލާފު ކަމެއް ހާމަވިއެވެ. އޭނާގެ ދިރާސާއިން ދެއްކީ، ވެނުގެ އެންމެ ޅަ ފަނި (ލާވާ) ވަރަށް ގިނަ އަދަދަކަށް ސާގާސޯ ކަނޑުގައި އުޅޭތަނެވެ. ސާގާސޯ ކަނޑަކީ އެޓްލާންޓިކް ކަނޑުގެ ވަރަށް ބޮޑު އަދި އޮއި ލަސްލަހުން ދައުރުވާ ސަރަހައްދެކެވެ.

މި ފަނިތައް ފެނިފައި، ޝްމިޑް ހުށައެޅީ، ޔޫރަޕުގެ ކޯރުތަކުން ފެންނަ ވެންތައް އުފަންވަނީ އެ ކޯރުތަކުން އެތައް ހާސް ކިލޯމީޓަރެއް ދުރުގައިވާ ސާގާސޯ ކަނޑުގެ ސަރަހައްދުން ކަމަށެވެ. އެންމެ ފުރަތަމަ މި ހިޔާލަކީ ގަބޫލުކުރަން ދަތި ހިޔާލަކަށް ވިއެވެ. ސަބަބަކީ އެ ސަރަހައްދުން ވެން ފަނި ފެނުނު ނަމަވެސް، ބިސްއަޅަން ގޮސް އުޅޭ އެއްވެސް ބޮޑު ވެނެއް ފެނިފައި ނުވުމުންނެވެ.

ނަމަވެސް، އޭގެ ފަހުން ސެޓެލައިޓު ޓްރެކިން ޓެކްނޮލޮޖީގެ އެހީގައި ސައިންސްވެރިންނަށް ވަނީ ޝްމިޑްގެ ހުށަހެޅުމަށް ހެކި ލިބިފައެވެ. ޔޫރަޕުގެ ކޯރުތަކުގައި ބޮޑެތިވާ ވެންތައް ފެން މީރު ކޯރުތައް ދޫކޮށް، އެޓްލާންޓިކް ކަނޑަށް ހިޖުރަކުރަނީ 10,000 ކިލޯމީޓަރު ހުރަސްކޮށްފައި، އެ ސަރަހައްދުގައި ވިހާށެވެ. މި ދިރާސާތަކުން ހާމަވި އަޖައިބުކުރުވަނިވި ހަގީގަތަކީ، ދުނިޔޭގެ ހުރިހާ ސަރަހައްދުތަކެއްގައި އުޅޭ ވެންތައް ވިހަނީ އެ ސާގާސޯ ކަނޑުގެ ސަރަހައްދުގައި ކަމެވެ.

މި މައުލޫމާތުގެ އަލީގައި، ވެނަކީ އޭގެ ހަޔާތުގެ އެތައް މަރުހަލާއެއް ކަނޑަތުކޮށް، ކޮންމެ މަރުހަލާއަކަށް ފެތުމަށް އޭގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަ މަހެއްކަން އެނގުނެވެ. އެތަކެތީގެ ދިރިއުޅުން ފެށެނީ ކަނޑުގެ އޮއިގައި ދަތުރުކުރާ ކުދި، ފަތުގެ ބައްޓަމަށް ވާ ލާވާތަކެއްގެ ގޮތުގައެވެ. ގިނަ ދުވަހުން އޭގެ ހަށިގަނޑު އެތެރެ ފެންނަ ގޮތަށް (ގްލާސް އީލް) ބަދަލުވެ ދިގުވެ، އޮޔާއެކު ބައްރުތަކުގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރެއެވެ. ކަނޑުތައް ފަހަނައަޅައި ކޯރުތަކާއި ކުޅިތަކަށް ވަނުމުން އެތަކެތީގެ ހަމުގެ ކުލަ ކަޅުވެ 'އެލްވަރސް' ގެ ނަމުން ނަން ދެވިފައިވާ ހިމަދިގު ވެނަށް ބަދަލުވެއެވެ. އަދި އެތަންތާނގައި ދިރިއުޅޭތާ އެތައް ދުވަހަކަށް ފަހު، ފުރާފުރިހަމަވެފައިވާ ވެނަށް ބަދަލުވެއެވެ. އެކި ސަރަހައްދުތަކުގައި އުޅޭ ވެނުގެ ސިފަހުންނަނީ އެކި ގޮތަށެވެ.

އެތި ތަސައްރަފު ފުދި، ދަރިން ދުނިޔެއަށް ގެންނަންޖެހޭ ހިސާބަށް ދިޔުމުން، އެތަކެތި އަލުން މޫދަށް ހިޖުރަކުރެއެވެ. މި މަރުހަލާގައި އެތަކެތި 'ސިލްވަރ އީލްސް' އަށް ބަދަލުވެއެވެ. މި މަރުހަލައިގައި އޭގެ ހަށިގަނޑުގެ އެތެރެއާއި ބޭރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އޭގެ ލޮލުގެ ސައިޒު ބޮޑުވެ، ހަށިގަނޑު ދިގު ރާސްތާއެއްގައި ދަތުރުކުރަން ފަސޭހަވާ ގޮތަށް ބައްޓަންވެއެވެ. މި މަރުހަލާގައި އެތަކެތި ކެއުން އެއްކޮށް ހުއްޓައިލައި، އޭގެ ހަޖަމުކުރާ ނިޒާމު މަސައްކަތްކުރުން ހުއްޓުމަކަށް ގެނެއެވެ. އެތަކެތީގެ ދިރިއުޅުމުގެ ހުރިހާ ހަކަތައެއް އެއް މަގުސަދަކަށް އަމާޒުވެއެވެ: އެއީ އެތަކެތި އުފަންވި ތަނަށް އެނބުރި ދިޔުމެވެ. އަދި ދުނިޔެއަށް އޭގެ ދަރިފަސްކޮޅު ދޫކުރުމެވެ.

ވެންތައް އެނބުރި އުފެދުނު ތަނަށް ދާން ހިޖުރަކުރަނީ އެންމެ ފަހަރަކުއެވެ. އެތަކެތި ދުނިޔޭގެ އެކި ކޯރުތަކުންނާއި ތިލަ ކުޅިކުޅިން ނިކުމެ، މާކަނޑުތައް ހުރަސްކޮށް، ހީވެސް ނުކުރާހާ ފުން ހިސާބުތަކަށް ފީނައި، އެއްވެސް އިރުޝާދެއް ނުވަތަ ކުރީގެ ތަޖުރިބާއެއް ނެތި އެޓްލާންޓިކް ކަނޑަށް ހާޒިރުވެއެވެ.

ސެޓެލައިޓް ޓެގުތަކުން ދައްކަނީ، ހިޖުރަކުރާ ވެންތައް ކަނޑުގެ އެންމެ ފުނަށް، އެތައް ސަތޭކަ މީޓަރެއް ފުނަށް ފީނާކަމެވެ. މިއީ އެތަކެތީގެ ދަރިން އެހެން މަސްތައް ކެއުމުން ސަލާމަތްވުމަށް ނުވަތަ އޭގެ ދަރިފަނިތައް ކަނޑުގެ އޮއިގެ ބޭނުން ހިފުމަށް ފަސޭހަކުރުމަށް ކުރާ ކަމަކަށް ވެދާނެއެވެ. އެތަކެތި މިހާ ސީދާކަމާއެކު އެ މަންޒިލަށް އަންނަން ދަތުރުކުރަނީ ކިހިނެއްކަން އަދިވެސް ސާފެއް ނޫނެވެ. ސައިންސްވެރިން ގަބޫލުކުރަނީ އެކަން އެހެން ވަނީ މެގްނެޓިކް ކިއުސް، ކަނޑުގެ ކެމިސްޓްރީ، ފެނުގެ ހޫނުމިން ބަދަލުވާ ގޮތް، އަދި އެތަކެއްޗަށް ވާރުތަވެފައިވާ ބަޔޮލޮޖިކަލް ޕްރޮގްރާމިންގއެއްގެ އެއްކޮށްލުމުން ލިބޭ އިލްމެއްގެ ސަބަބުން ކަމުގައެވެ.

ނަމަވެސް މި ދަތުރު ނިމެނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟

މި ތަހުލީލުތަކުން ސައިންސްވެރިންނަށް އެނގުނު އެންމެ ބޮޑު އެއް ހަގީގަތަކީ އެތަކެތި އެ ސަރަހައްދުގެ އެންމެ ފުނަށް ފީނުމަށް ފަހު ދެން އެނބުރި މައްޗަކަށް ނާރައެވެ. އެތަކެތީގެ ފަނިތައް ދޫކޮށްލުމަށް ފަހު އޭގެ އަޖަލު ހަމަވަނީއެވެ. އެގޮތަށް ބިސް އަޅައިފައި މައްޗަށް އެރި އެއްވެސް ވެނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ވެނަކީ މަސްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ދިރިއުޅޭ މަސްތަކުގެ ތެރޭން ހިމެނޭ މަހެކެވެ. ގިނަ ވެންތައް އެތި އުފެދުނު ކަނޑަށް ހިޖުރަކުރާ ދަތުރު ފަށަނީ އެތަކެތި އުޅޭ ތިލަ ސަރަހައްދުތަކުގައި ދިހަ އަހަރު ހޭދަކުރުމަށް ފަހުގައެވެ. ބައެއް ވެންތައް 50 އަހަރަށް ވުރެން ގިނަ ދުވަހު އުޅެފައިވާކަން ވެސް ރިކޯޑުތަކުން ފެނިފައިވެއެވެ.

ބައެއް ސައިންސްވެރިން ވެނުގެ އަންހެން ނުވަތަ ފިރިހެން އެއްޗެހި ވަކި ކުރުމަށް ކުރި މަސައްކަތްތައް ކާމިޔާބު ނުވީ ކީއްވެގެންކަން މިހާރު އެނގެއެވެ. ސަބަބަކީ އޭގެ ދަރިމައިވާ ގުނަވަންތައް އުފެދެނީ އެތަކެތި އުފަން ސަރަހައްދަށް ހިޖުރަކުރަން ފަށައިފަހުންނެވެ. ނަމަވެސް މި މަރުހަލާގައި އެތަކެތި އަތުލައިގަންނަން ދައްޗެވެ.

މި ފަހަކަށް އައިސް ވެނުގެ އާބާދީ ދަށްވަމުންދާކަމަށް ދިރާސާތަކުން ދައްކައެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން ވެނުގެ އާބާދީވަނީ 95 އިން ސައްތަ ނެތިގެން ގޮސްފައެވެ. އެތަކެތި ދިރިއުޅޭ މާހައުލު ގެއްލި، ހިޖުރަކުރަން ހުރަސްތައް ދިމާވުމާއި ކަނޑުގެ ހާލަތަށް އައިސްފައިވާ ބަދަލުތަކަކީ މިކަމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބުތަކެވެ. އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމާޔަތްކުރުމަށް އެތަކެތީގެ ދިރިއުޅުމުގެ ހުރިހައި މަރުހަލާއެއް ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. ވެންތަކުގެ މި މަރުހަލާގައި، ކޯރުތަކާއި، ތިލަތަކާއި ފަރުތައް، އައްސޭރިފަށްތަކާއި ބައްރުތަކުގެ އެތެރެ ކަނޑުތައް ހިމެނެއެވެ. މިއިން އެއްވެސް ސަރަހައްދަކަށް އަންނަ ބަދަލެއްގެ ސަބަބުން ދިހަ އަހަރުން ފުރާފުރިހަމަވާ މަހުލޫގެއްގެ ދިރިއުޅުމުގެ ޗެއިނަށް ނޭދެވޭ އަސަރުތަކެއް ކުރާނޭކަން ކަށަވަރެވެ.

ޒަމާނީ ޓްރެކިންގ އަދި ސައިންސުގެ އާ ވަސީލަތްތައް އީޖާދުވެފައި ވީނަމަވެސް، އަދިވެސް ވެނާ ބެހޭ މުހިންމު ސުވާލުތަކަށް ޖަވާބު ލިބިފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް ވެން ބިސް އަޅާ ތަން ސީދާ ފެނިފައެއް ނުވެއެވެ. ހިޖުރަކުރުން ފެށެނީ އޭގެ އުމުރުގެ ކޮން ހިސާބަކުން ކަންވެސް އަދިވެސް މާ ސާފެއް ނުވެއެވެ. އަދި އެތަކެތި މަންޒިލް ހޯދަން ބޭނުންކުރަނީ ކޮން އިލްމެއްކަންވެސް ސާފެއް ނުވެއެވެ. އެނގޭހާ ވެސް އެއްޗަކީ އެތަކެތީގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަނީ އެތަކެތި އުފެދޭ ސަރަޙައްދާ މާ ދުރު ހިސާބުތަކުގައެވެ. އޭގެ ހަޔާތުގައި އޭގެ ސިފަ ތަކުރާރުކޮށް ބަދަލުވެއެވެ. އެތި ތިލަ ހިސާބުތަކުގައި ހަމަހިމޭން ކަމާ އެކު ދިހަވަރަކަށް އަހަރު ދިރިއުޅެއެވެ. ދެން އެތަން ދޫކޮށްފައި ނުކައި ބޮޑެތި ކަނޑުތައް ހުރަސްކޮށް އެންމެ ފަހަރަކު ދަރިފަނިތަކެއް ދޫކޮށްފައި މަރުވެ ދެއެވެ. ވެނުގެ ދިރިއުޅުމަކީ އެތައް ސިއްރުތަކަކުން ފުރިފައިވާ އާދަޔާ ހިލާފު ދިރިއުޅުމެކެވެ. އެއީ ކުޅަދުންވަންތަވެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *