ބޮޑު ޖަންގައްޔެއްގެ މެދުގައިވާ ގަހެއްގެ ދަށުގައި ހަމަޖެހިލައިގެން ހާމަދުރެއް އިނެވެ. އޭނާގެ އަތުގައި އޮރެންޖެއް އޮތެވެ. އޭތި އެކި ދިމަދިމާލަށް އަނބުރައިލަ އަނބުރައިލައި އެޔަށް ބަލަން ފުން ވިސްނުމެއްގައި އޭނާ އިނެވެ. ހާމުދުރާ އެހާ ދުރު ނޫން ހިސާބެއްގައި ރާމާމަކުނެއް އިނެވެ. އޭތި ދިޔައީ ހާމުދުރުގެ ހަރަކާތްތަކަށް ވަރަށް ގަޔާވެ ބަލަމުންނެވެ. ނަމަވެސް ރާމާމަކުނުގެ އަތުގައި އޮތީ އައިފޯނެކެވެ. އޭތި އުޅޭގޮތުން އައިފޯނުން އޭތި އެދޭ ކަމެއް ނުވެގެން އުޅޭހެން ހީވެއެވެ. އިރުކޮޅުކޮޅާ އޭގެ އަތުން އޭގެ ނިތްކުރީގައި ބާރަށް ޖަހައި "ސަހަރޯ" ހީވަގެން އުޅޭތަން ފެނެއެވެ.
"އޭ.އައި އަކީ ކޮބާތަ؟" ކުޑައިރުކޮޅަކަށް ފަހު ރާމާމަކުނު އެއްކަލަ ހާމުދުރާ ސުވާލުކުރިއެވެ.
"އެއީ މި ދުނިޔޭގައިވާ އެންމެ ބުއްދިވެރި މީހުން ކަމަށް މީހުން ގަބޫލުކުރާ މީހުން އުފައްދައިފައިވާ ފިކުރީ އުފެއްދުމެއް. އޭތި ކުރިއަރައިގެން ދާލެއް ހަލުވިކަމުން، ގިނަ ދުވަސްތަކެއް ނުވެ އިންސާނުންނަށް އެމީހުންގެ އަމިއްލަ ބުއްދި ބޭނުންކުރަން ނޭނގިދާނެ ކަމަށް ލަފާކުރެވޭ،" ހާމުދުރު ޖަވާބު ދިނެވެ.
ރާމާމަކުނު އޭނާގެ އަތުގައިވާ އައިފޯނަށް ބަލައިލައިފައި، ދެން ހާމުދުރުގެ އަތުގައި އޮތް އޮރެންޖަށް ބަލައިލިއެވެ. އެ އޮރެންޖުން ދުވާ މީރު ވަހުން މުޅި ޖައްވު ވަނީ ފުރިފައެވެ.
"އޭ.އައި އަށް އަހަރެންނަށް ތިކަހަލަ އެއްޗެއް ހޯދައިގަންނާނެ ގޮތް ބުނެދެވޭނެތަ؟" ރާމާމަކުނު އަހައިލިއެވެ.
"އޭ.އައި އަށް ބުނެދެވިދާނެ. ނަމަވެސް، އަހަރެން މީގެ އެއްޗެއް ލިބޭނޭ އެންމެ ފަސޭހަގޮތް ބުނެދީފާނަން،" ހާމުދުރު ހިނިތުންވެލައިފައި، އޯގާތެރިކަމާއެކު ބުންޏެވެ.
ރާމާމަކުނު އޭގެ އަތުގައި އޮތް ފޯނު ދުރުގައި ބޭއްވިއެވެ.
"ތީގެ އެއްޗެއް އަހަރެންނަށް ލިބޭނެ ގޮތް ބުނެދީފާނަންތަ؟" ރާމާމަކުނު އެދުނެވެ.
"ރީތިކޮށް އަހަރެންގެ ގާތު މީތި ދީބަލާށޭ ބުނެބަލަ،" ހާމުދުރު ބުންޏެވެ.
"ތި އޮރެންޖު އަހަރެންނަށް ދީފާނަންތަ؟" ރާމާމަކުނު މިހެން އެހުމަށްފަހު އަތްދިއްކޮށްލުމުން، ހާމުދުރު އޭތީގެ އަތަށް އެ އޮރެންޖު ލައިދިނެވެ.
އިންސާނުންގެ ވިސްނުމާއި ބުއްދި ކުރިއަރައިގެން ދަނީ އެމީހުންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ އެހީގައެވެ. ކަންކަން ހިނގުމުން އެ ކަންކަމުން ލިބުނު ފިލާވަޅުތައް ދެނެގަތުމަށް މަޑުޖައްސާލައި ވިސްނަން ދަސްވެގެން ނޫނީ، ދިރިއުޅުމުގެ ހުނަރުތައް ދަހެއްނުވާނެއެވެ. ނަމަވެސް، މިއަދު އޭ.އައިގެ ސަބަބުން އިންސާނުންނަށް މައުލޫމާތާއި ޖަވާބުތައް ލިބެނީ، އެމީހުންނަށް އޭގެން އެއްޗެއް ދަސްވެ ފަހުމުވާ ވަރަށް ވުރެން ބާރަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް އިންސާނުންގެ ވިސްނުމުގެ ބާރު ދަނީ ދަށްވަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ކުރިއަރައިފައިވާ މަސްނޫއީ ވިސްނުމުން އިންސާނުންގެ ބުއްދިއަށާއި ވިސްނުމަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ އެމީހުންނަށް އެންމެ ފަސޭހައިން ކުރެވޭ ކަންކަންވެސް އަހަންޖެހޭނީ އޭ.އައި ގާތުގައިކަން ކަށަވަރެވެ.



advertisment