Support Us

ފެޓަލް ފެމިލިއަލް އިންސޮމްނިއާ: ނިދީގެ މުހިންމުކަން އަންގައިދޭ ބިރުވެރި ބައްޔެއް

ނިންޖަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ކަމެކެވެ. މީހާ ނިދައިފައި އޮންނަ ގަޑީގައި ދުވާލު އެއްވާ ހަނދާންތައް ރައްކާކުރެވި، ނާރުތަކުގެ ގުޅުންތައް ވަރުގަދަވެ، ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކޮށް، ހޯމޯންތަކުގެ މިންވަރު ހަމަޖެހި، ޖަޒުބާތާއި ވިސްނުމުގެ ކަންކަން ހަމަޖެހެއެވެ. ފުން ނިދި ލިބުމަކީ ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ފަސޭހަވެ، އިހުސާސްތައް ކޮންޓްރޯލްކުރުމުގެ ގާބިލުކަން އިތުރުވެ، ދިފާއީ ނިޒާމު ވަރުގަދަވެގެންދާ ކަމެކެވެ. ނިންޖަކީ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ނިދީގެ ކަންކަން ރެގިއުލޭޓްކުރާ މައިގަނޑު އެއް ބަޔަކީ ސިކުނޑީގައި ހިމެނޭ ތެލަމަސް ކިޔާ ބިހުގެ ބައްޓަމަށް ހުންނަ ބައެކެވެ. ތެލަމަސްއަކީ ހަށިގަނޑުގެ ހިއްސުތަކުން ލިބޭ މައުލޫމާތު ސިކުނޑީގެ އެހެން ބައިތަކަށް ފޯރުކޮށްދޭ މުހިންމު ނިޒާމެކެވެ. ތެލަމަސްގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިންސާނާގެ ހޭވެރިކަން ދެމެހެއްޓުން، ސަމާލުކަން އިތުރުކުރުން، ނިދީގެ ކަންތައްތައް ހަމަޖެއްސުން، އަދި ތަދާއި ވޭނާއި އިހުސާސްތައް ރެގިއުލޭޓްކޮށް، ހަނދާން ދެމެހެއްޓުމުގައި މައިގަނޑު ދައުރެއް އަދާކުރުމުގެ އިތުރުން ވިސްނުމާއި ފިކުރުގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

ސިކުނޑީގެ ކޮންމެ ބަޔަކީވެސް ހަށިގަނޑު ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބައިތަކެކެވެ. އެއިން އެއްވެސް ބަޔަކަށް ހާދިސާއެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ގެއްލުމެއް ކުރިމަތިވެއްޖެނަމަ، އެ ބަޔަކުން އަދާކުރާ މަސައްކަތްތަކަށް ބުރޫއަރައި، އިންސާނާގެ ދިރިއުޅުމަށް އޭގެ ސަބަބުން އަސަރުކުރެއެވެ. މިސާލަކަށް، ސްޓްރޯކެއް ޖެހިގެން ސިކުނޑީގައިވާ ވާހަކަ ދެއްކުމާ ގުޅުންހުރި ބަޔަކަށް ގެއްލުމެއް ލިބިއްޖެނަމަ، މީހާއަށް ވާހަކަ ދެއްކުމަށް ދަތިތައް ކުރިމަތިވެއެވެ.

މިފަދައިން ތެލަމަސްއަށް ބައްޔެއް ނުވަތަ ގެއްލުމެއް ކުރިމަތިވެއްޖެނަމަ، ތެލަމަސްއިން އަދާކުރާ މުހިންމު މަސައްކަތްތަކަށް ބުރޫއަރައި، ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ. ހާއްސަކޮށް، ތެލަމަސްއިން އަދާކުރާ ނިންޖާބެހޭ މަސައްކަތްތައް ހުއްޓި، ނިދި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހެއެވެ.

ތެލަމަސްއަށް މިފަދަ ގެއްލުމެއް ލިބުމުން ކުރިމަތިވާ ހާލަތުގެ ބޮޑުކަން، ވަރަށް މަދުން ނަމަވެސް ފެންނަ، ފޭޓަލް ފެމިލިއަލް އިންސޮމްނިއާ ގެ ބަލިމީހުންގެ ދިރިއުޅުމަށް ބަލައިލުމުން ދޭހަވެގެންދެއެވެ. މި ބައްޔަކީ އާއިލާގެ ފަރާތުން ވާރުތަވާ ބައްޔެކެވެ. މި ބަލީގައި ހިމެނޭ ޖެނެޓިކް މިއުޓޭޝަންއެއްގެ ސަބަބުން ސިކުނޑީގައި ހިމެނޭ ޕްރަޔޯންސްގެ ބައްޓަން ބަދަލުކޮށްލައެވެ. ދުވަސް ފާއިތުވާ ވަރަކަށް މި މިއުޓޭޝަންގެ ސަބަބުން ތެލަމަސްގެ ވަކި ސަރަހައްދުތަކެއްގައިވާ ސެލްތަކަށް ގެއްލުން ލިބި، ތެލަމަސްއިން އަދާކުރާ ފުން ނިދިއަށް މީހާ ގެނުވައިދިނުމުގެ ދައުރު އެއްކޮށް ހުއްޓެއެވެ.

މި ބަލީގެ ފުރަތަމަ ކޭސްކަމަށް ޝައްކުކުރެވޭ ކޭސް ރިކޯޑު ކުރެވިފައިވަނީ 1765 ވަނަ އަހަރު ވެނިސްގައެވެ. އެކަން ދިމާވީ އެ ރަށުގައި އުޅުނު ޑޮކްޓަރަކަށެވެ. އޭނާއަށް ފަރުވާދިން ފާދިރީން އޭނާ އުޅުނު ހާލަތަކީ އޭގެ ކުރިން މީހެއްގެ ގައިން ފެނިފައިނުވާ ހާލަތެއް ކަމަށް ލިޔެފައިވެއެވެ. އޭނާގެ ހަޔާތުގެ ފަހުކޮޅު ކުއްލިކުއްލިއަށް ނޭވާލުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި، އެންމެ ފަހު ދެ މަސް ދުވަހު އޭނާގެ ހޭވެރިކަން ހުރި ނަމަވެސް، ވާބަލި ޖެހިފައި އެނދުން ނުތެދުވެވިފައި އޮތް ކަމަށް އެމީހުންގެ ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ. އޭނާގެ ފަހުން އެ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު މިކަހަލަ ގޮތްތައް ވެގެން ނިމިގެން ގޮސްފައިވެއެވެ.

މި ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ނަރެލް ކިޔާ އަންހެނެއްގެ ދަރިންގެ ވާހަކައިން އެ ބަލީގެ ސަބަބުން އެމީހުންގެ މަންމަ ތަހައްމަލުކުރަން ޖެހުނު ތަކުލީފު ސާފުވެއެވެ. އެތަނުން އެއްކުއްޖެއްގެ އުފަންދުވަހު އޭނާގެ މަންމަ ގުޅައިފައި އޭނާ ދެން ދިރިހުންނާނީ ހަ މަސް ދުވަސް ވަންދެން ކަމަށް ބުންޏެވެ. އެހެން ބުނި ފަހުން އެއް މަސް ނުވަނީސް އޭނާގެ މަންމަ އޭނާއާ މުހާތަބުކުރަނީ އެހެން ނަމެއް ކިޔައިގެންނެވެ. ނަރެލް ހޭލައި ހުއްޓައި އެހެން މީހުންނަށް ނުފެންނަ ހަގީގަތާ ހިލާފު މަންޒަރުތައް ފެނި، ވެއްޓި ގޮތްގޮތް ވާން ފެށިއެވެ. އޭނާގެ ވިހައިފައި މަރުވި ކުއްޖެއް ރޯ އަޑު އިވެން ފެށައި އެކަމުގައި ތަކުލީފު އުފުލަން ފެށިއެވެ.

ފުރަތަމަކޮޅުގައި، އޭނާގެ ދަރިން ނަރެލްއަށް އެ ކުރެވޭ ތަޖުރިބާއަކީ އަސްލެއް ނޫން ކަމުގައި ސާބިތުކޮށްދޭން މަސައްކަތްކުރިއެވެ. ނަރެލްއަށް އިވެނީ، އަދި ފެންނަނީ ހަގީގަތެއް ނޫންކަން އަންގައިދޭން މަސައްކަތްކުރި ނަމަވެސް، ފަހުން އެމީހުން އެކަންތައް ހުއްޓައިލައި، މަންމަ ދައްކާ ވާހަކައަކީ ހަގީގަތެއް ގޮތުގައި އެމީހުންވެސް ގަބޫލުކުރާ ކަމަށް ހަދައިގެން އޭނާއާ ވާހަކަ ދައްކަން ފެއްޓީ ދިރިއުޅެން ފަސޭހައަކަށެވެ. އޭނާގެ ދަރިންނަށް ފާހަގަވި އެންމެ އަޖައިބުކަމަކީ ނަރެލްއަށް ފުން ނިދިއެއް ހާސިލުނުވާ ކަމެވެ. އެމީހުން ބުނާގޮތުން އޭގެ ފަހުން އޭނާގެ މަންމަ ހޭވެރިކަން އަބަދުމެ ހުންނަނީ ދެބަދޭތެރޭގައި ކަމަށެވެ. ހޭލައި ހުރިނަމަވެސް ދާއިމީ ހުވަފެނެއްގައި ދިރިއުޅޭ މީހެއް ގޮތުގައި އެމީހުން ނަރެލް ސިފަކުރިއެވެ. އެ ބަލި ހުރިކަން އެނގުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ނަރެލް ދުނިޔެ ދޫކުރިއެވެ.

އެ އާއިލާއަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ސޯނިޔާ ވަލާބްގެ މަންމަ ކާމިނީ ވަލާބްއަށް ވެސް ކަންތައް ދިމާވީ ހަމަ އެފަދައިންނެވެ. އެ ބަލީގެ ކަންކަން ލައްވައިލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ސޯނިޔާގެ ކައިވެނީގެ ކަންކަމުގައި އޭނާގެ މަންމަ އުޅުނީ ވަރަށް ހީވާގިކޮށެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކާމީނީ އެއްކޮށް ބަދަލުވިއެވެ. ސޯނިޔާ ބުނި ގޮތުގައި އޭނާގެ މަންމަގެ ފެނުމަށް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާގެ ހަށިގަނޑުގެ މަސްތައް ލަކި ޖެހި، ހަމަ ނުޖެހޭ ވާހަކަ ދައްކައި ހަދަން ފެށިއެވެ. އެ އަހަރުގެ ފަހުކޮޅު ކާމިނީ އޮތީ އައިސީޔޫގައި އެޑްމިޓްކުރެވިފައެވެ. ޑޮކްޓަރުން ދިން އެއްވެސް ފަރުވާއަކުން ކާމިނީގެ ހާލަތަކަށް މާބޮޑު އަސަރެއް ނުކުރިއެވެ.

ޖީލަކު މި ބަލި ވާރުތަކޮށްފައިވާ 14 ވަރަކަށް ކުދިން އުފަންވެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން މި ބަލީގައި މަރުވެއެވެ. ވަރަށް ގިނަދުވަސް ވަންދެން މި އާއިލާއަށް ނިސްބަތްވާ މީހުން މި ބަލީގެ އަސްލު ހާމަނުކޮށް ސިއްރުކޮށްގެން ގެންގުޅެން މަސައްކަތްކުރިއެވެ. އެހެންކަމުން، މި ބަލީގައި މަރުވެފައިވާ މީހުންގެ މަރުވެފައިވާ ކަމަށް ސިއްހީ ރެކޯޑުތަކުން ގިނައިން ދައްކަނީ "ނާވަސް އެކްސޯޝަން" ނުވަތަ "ސްކިޒޯފްރީނިއާ" ފަދަ ބަލިތަކުގައި ކަމުގައެވެ. އެ އާއިލާގެ މެމްބަރެއް މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ބައްޕައާއި ބޭބެ އަދި ދައްތަވެސް މަރުވީ މި ހާލަތުގައެވެ.

މި ބައްޔަށް ފޭޓަލް ފެމިލިއަލް އިންސޮމްނިއާގެ ނަން ދެވުނީ 1986 ވަނަ އަހަރުއެވެ. ޑޮކްޓަރުންނަށް މިއީ ކިހިނެއް މަސައްކަތްކުރާ ބައްޔެއްކަން އެނގުނީ، އެ އާއިލާގެ މީހެއް ކަމަށްވާ ސިލްވިއާނޯއަށް 1984 ވަނަ އަހަރު އޭނާގެ ލޯލުގެ ކުޑަކޮއެ ކުޑަ ތިއްކަކަށް ބަދަލުވިތަން ފެނި، އާދަޔާ ހިލާފަށް ދާހިތްލަން ފެށުމުން އެއީ މި ބަލީގެ ނިޝާންތައްކަން ދެނެގަނެވި، އޭނާގެ އާއިލާއަށް ދިމާވެފައިވާ ސުންޕާ ހާލަތުގެ އަސްލު ދެނެގަތުމަށްޓަކައި ޔުނިވަރސިޓީ އޮފް ބޮލޮގްނާއަށް ގޮސް، މި ބަލީގެ ސަބަބުން އޭނާގެ އާއިލާއަށް ތަހައްމަލުކުރަން ޖެހުނު ދަތިތައް ކިޔައި ދިނުމުންނެވެ.

ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ސިލްވިއާނޯގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ވީޑިއޯކޮށްފައެވެ. ބައެއް ވީޑިއޯތަކުން ފެންނަނީ އޭނާގެ ދެލޯ ހުޅުވި ނުހުޅުވި ހާލަތުގައިވާތަނެވެ. އެއް ދިމާލަކަށް ގިނަ ވަގުތު ބަލަހައްޓައިގެން އޮންނަތަނެވެ. އޭނާއަށް ނިދި ޖެހިފައިވެސް ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވޭތަން ފެނެއެވެ. ބައެއް މަންޒަރުތަކުން އޭނާ ހިޔާލީ ފުނަލެއް ބޭނުންކޮށްގެން ފުނާއަޅައި، ހިޔާލީ ގަމީހެއް ލައި ގޮށް އަޅުވާ މަންޒަރު ފެނެއެވެ. އެމީހުން އޭނާ ނިންދަވަން ނިދާ ބޭސް ދިނުމުންވެސް އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާ މަރުވުމުން އޭނާގެ ސިކުނޑީގެ ޓިޝޫ ތަހުލީލުކުރުމުން އެނގުނީ، މި ބަލީގެ ޖެނެޓިކް މިއުޓޭޝަންގެ ސަބަބުން ތެލަމަސްގެ ވަކި ސަރަހައްދެއް ސްޕަންޖެއްގެ ސިފައިގައި ހޮއެ ހެދިފައިވާކަމެވެ.

ސިލްވިއާނޯގެ މި ޒިންމާދާރު ވިސްނުމާއި އަމަލުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ މީހުންނަށް އެމީހުންނަށް ކުރިމަތިވެދާނެ ބިރު ދެނެގަނެ، އެއަށް ތައްޔާރުވުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ. މިއަދު އެ އާއިލާގެ މީހުން ދަރިމައިވުމުގެ ޓެސްޓުތައް ހަދައި، މި ބަލި ދުނިޔެއަށް އަންނަ ކުއްޖާއަށް ވާރުތަވެފައިވޭތޯ ޗެކްކުރެއެވެ.

މި ބަލީގެ ސަބަބުން އާންމުންނަށް ދޭހަވީ ނިދިއަކީ ދިރިއުޅުމުގައި ކިހާ މައިގަނޑު ދައުރެއް އަދާކުރާ އެއްޗެއްކަމެވެ. އަދި ސިކުނޑީގައިވާ ނިދި ކޮންޓްރޯލްކުރާ ނިޒާމު ހަލާކުވެއްޖެނަމަ، މުޅި ހަށިގަނޑުގެ އެހެން ނިޒާމުތައް މަޑުމަޑުން ހަލާކުވެ، އިންސާނާގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދާނެކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *