ސައުދީ އަރަބިއްޔާގައި ބޭއްވި ސުލްހައިގެ ވާހަކަތައް ފޭލިވެ، އަފްޣާނިސްތާނާއި ޕާކިސްތާންގެ ބޯޑަރުގައި ދެ ގައުމުން ބަދަލުކުރި ހަމަލާތަކެއްގައި އާއްމުންގެ ހަތަރު މީހުން މަރުވެއްޖެއެވެ.
ރޭގެ ހަމަލާތަކަށް ފަހު، ހަމަލާ ބަދަލުކުރުން ފުޅާވެގެން ގޮސްފާނެކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.
އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެ ހުރި ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުނީ ހަމަލާތައް ފެށީ ޕާކިސްތާނުން ކަމަށެވެ. އަދި މިހެންވެ ރައްދު ދޭން ޖެހުނީ ކަމަށެވެ.
ނަމަވެސް ޕާކިސްތާން ސަރުކާރުގެ ތަރުޖަމާނު މުޝައްރަފު ޒައިދީ ބުނީ ޕާކިސްތާނުން ހަމަލާ ނުދެނީސް އަފްޣާނިސްތާނުން ހަމަލާދިނީ ކަމަށެވެ.
"އަހަރެމެން މި ތިބީ ފުރިހަމައަށް ސަމާލުވެގެން. ޕާކިސްތާންގެ ބިން ފުރިހަމައަށް ރައްކާތެރިކުރާނަން،" މުޝައްރަފު ބުންޏެވެ.
ދެ ގަޑިއިރަށް ދެމިގެން ދިޔަ ހަމަލާތަކުގައި ދެ ގައުމުންވަނީ އާޓިލަރީ އަދި މޯޓާ ފަޔާ ފަދަ ހަތިޔާރު ބޭނުންކޮށްފައެވެ.



advertisment