މެންދުރު ވަގުތެވެ. އަހަރެން އިނީ އަހަރެންގެ ނަޒޫއާ އެކުގައި ކެފޭއެއްގައެވެ.
"އަސްލު އަހަރެންނަށް ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގެ،" ނަޒޫ އޭނާގެ ކުރިމަތީގައި ހުރި ސައިތަށީގައި ހިފަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އޭނާ ކީކޭ ބުނީ؟" އަހަރެން ސުވާލުކުރީމެވެ.
"އޭނާ އަހަރެން ދެއްކި ވާހަކައަކަށް އިންކާރެއް ނުކުރޭ. އެކަމަކު ބުނި އެކަހަލަ ގުޅުމެއް ނޫނޭ. ހަމައެކަނި ގާތް ރަހުމަތްތެރިޔެކޭ. ދެމީހުން ކުރާ މަސައްކަތުގެ ސަބަބުން ގިނައިން ވާހަކަ ދައްކަން ޖެހެނީޔޭ. ހަމަ ކުރީގައިވެސް ދައްކަމުން އައި އުޒުރު. ހަމައެކަނި، ހަމައެކަނި، ކިޔައިލައި ކިޔައިލައި. ކިހާ ހެއްވާދޯ؟؟" ނަޒޫ ދެލޯ ފޮހެލައިފައި ހީލަން މަސައްކަތްކުރިއެވެ.
އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އަޑުއަހަން އިނީމެވެ.
"ހެއްވާ ކަމަކީ މިހައި ދުވަހު މިދިޔައީ އަމިއްލަ ނަފުސަށް އޮޅުވައިލަމުންނޭ! އެކި ނިޝާންތައް ފެންނަމުންދާތާ ހާދަ ގިނަދުވަސް ވެއްޖޭ. ކީއްވެތަ އަހަރެން އެހާ ގަމާރީ؟" ނަޒޫގެ އަޑު ކުރަކިވިއެވެ.
"ކޮން ނިޝާން ތަކެއްތަ އޭނާގެ ފަރާތުން ފެންނަން ފެށީ؟" އަހަރެން މަޑުމަޑުން އަހައިލީމެވެ.
"ބައިވަރު ކަންތައް ފެނުނު. އެންމެ ފުރަތަމަ އުނދަގޫވާން ފެށީ އެ އަންހެން މީހާގެ ވާހަކަ އަބަދުއަބަދު ދައްކަން ފެށުމުން. ކޮންމެ ދޭތެރެއަކުން ނުވެސް ގުޅޭ ކަންކަމުގައިވެސް އޭނާގެ ނަން ގެނެސްފާނެ. އޭރުވެސް ހިތަށް އަރާ މީ ބޮޑުވަރޭ. އެކަމަކު އޭނާ އެހާ އުފާވެފައި އެވާހަކަ ދައްކާތީ އެއްޗެކޭ ނުބުނީ،" ނަޒޫ ބުންޏެވެ.
"ދެން؟"
"ދެން އެ އަންހެން ކުއްޖާ މެސެޖެއް ކުރުމުން އޭނާގެ މޫނަށް އެޔޮށް ވާގޮތް ފެނިފައި ހިތުގައި ސުވާލުމާކުތައް އުފެދެން ފެށި. މެސެޖެއް ކުރާއިރަށް އުފަލުން ހެވި ދިލިފައި އިންނާނެ ފޯނަށް ބަލަން. އަހަރެން ކީއްވެހޭ ތިހާ ބޮޑަށް ތި ހެވެނީ އެހީމައި ބުނާނެ އޮފީސްކަމެއްގައި ދެމީހުންނަށް މަޖާވި ކަމަކާ ގުޅޭގޮތުން އެ ކުއްޖާ އެއްޗެކޭ ބުނިއްޔޭ. ދެން އަހަރެންނަކީ އެންމެ ވިސްނޭ އެންމެ "އަންޑަސްޓޭންޑިން" މީހާއަށް ވާންޖެހޭ ދޯ. އެހެންވީމައި ދެންވެސް އެހައި ބޮޑު ކަމަކަށް އަހަރެން ނަހަދާވޭތޯ ބެލީ. އެކަމަކު އަހަރެން ހިތަށް އަރަން ފަށްޓައިފި އޭރު މީތި ކަޑައޭ،" ނަޒޫ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"ކިހާ ހިސާބަކުން އެކަން ގޯސްކަން ޔަގީންވާ ހިސާބަށް ދިޔައީ؟" އަހަރެން ސުވާލުކުރީމެވެ.
"އަހަރެން ކޮޓަރިއަށް ވަންނަ އިރަށް ފޯނު ނިއްވައިލަން ފެށުމުން. އަހަރެންނަށް ނުފެންނަ ގޮތަށް ފޯނު ގެންގުޅެން ފެށުމުން. މި ދައްކަނީ ފޯނު ލެވޭތަން ގިނަ ފަހަރަށް ނޭނގޭ ފިރިހެނެއްގެ ވާހަކަ. ގެއަށް އައިސް ފޯނު އޮންނާނީ އަބަދު ޗާޖަށް ޖަހައިފައި. ކުއްލިއަކަށް ދާ ހުރިހައިތާކަށް ފޯނު ހިފައިގެން ދާންފެށުމުން އެނގޭނެދޯ؟ އަހަރެން ކައިރީގައި އުޅޭއިރު ފޯނު އޮންނާނީ ވަތަށް ބާއްވާފައި،" ނަޒޫ ކިޔައިދިނެވެ.
"އޭނަ ކައިރީގައި އެއީ ކީއްވެގެން ވާކަމެއްތޯ އެހިންތަ؟" އަހަރެން ސުވާލުކުރީމެވެ.
"އެހިން. އެ ހިސާބުން ވަރަށް ހިތްހަމަނުޖެހިގެން ބުނި އަހަރެން ކީއްވެގެންހޯ އޭނާއަށް ޝައްކުކުރަނީ. އޭނާ އެގޮތަށް ވިސްނައިފައެއް ނޫނޯ ފޯނު ނުދައްކައި ގެންގުޅެނީ،" ނަޒޫ ކިޔައިދިނެވެ.
"އޭނާ އެހެން ބުނުމުން ނަޒޫއަށް ވީ ކިހިނެތް؟" އަހަރެން އަހައިލީމެވެ.
"އެވަގުތު އަމިއްލަ ނަފުސާ މެދު ސުވާލު އުފެދުނީ. ހިތަށް އެރީ އަނެއްކާ އަހަރެންނާއި އޭނާއާ ދެމެދު އޮންނަ ގުޅުން ދުރުވަމުން ދާތީ ފާޑުފާޑު ހިތްޝައްކު އުފެދެނީ ބާއޭ؟ އަހަރެންނަށް ހަމަ ހީވާއެއްޗެއް ބާއޭ؟" ނަޒޫ ކިޔައިދިނެވެ.
"ދެން ވީ ކިހިނެތް؟" އަހަރެން ސުވާލުކުރީމެވެ.
"ދެން ކުއްލިއަކަށް ގެއިން ބޭރުގައި އުޅޭލެއް ގިނަވާން ފެށީ. ގެއަށް އަންނަނީ ވެސް ލަހުން. ގެއަށް އައިސް ކޮންމެވެސް ކަމަކު އަނެއްކާ ބޭރަށް ނުކުންނަން ޖެހިދާނެ. ދެން އަހަރެންނާ ކަންކަމުގައި ވާހަކަ ދެއްކުން ހުއްޓައިލީ. އެހެން ނޫނީ އޮފީހުން އައިސް އެދުވަހު ވީ ކަންތައް އަހަރެންނާ ހިއްސާކުރާނެ. އެކަމަކު އެ ކަންތައް އެއްކޮށް ހުއްޓައިލީ. އެއީ ކިހިނެތްވެގެން ވާ ކަމެއްތޯ ސުވާލުކުރުމުން އަބަދު އަހަރެން ޝަކުވާކުރަނީ ކަމުގައި ބުނެ އަހަރެންނަށް ރަނގަޅަށް އެއްވެސް ކަމެއް އޭނާއަކަށް ނުކޮށްދެވޭ ނޫންހޭ ކިޔައި ރުޅިގަދަވާން ފެށީ. ދެން އަހަރެންނާ އެއްކޮށް ދުރަށް ދިޔައީ،" ނަޒޫ އަނެއްކާވެސް ލޯފޮހެލިއެވެ.
"ތިބުނީ ކިހިނެތް ދުރުވީ ވާހަކަ؟" އަހަރެން އަހައިލީމެވެ.
"މިބުނީ ހުރިހައި ގޮތަކުން. އަހަރެންގެ ގަޔަކު އަތެއް ނުލާ. އަހަރެންނަކާ ވާހަކައެއް ނުދައްކާ. އަހަރެންގެ މެސެޖަކަށް ޖަވާބެއް ނުދޭ،" ނަޒޫ ކިޔައިދިނެވެ.
"ދެން މިއަދު އެ ވާހަކަ ދެކެވުނީ ކީއްވެގެން؟" އަހަރެން އަހައިލީމެވެ.
"މި ދެމީހުން އެކުގައި ވަރަށް ގިނައިން ކޮފީތަކަށް ދާކަން އެ އޮފީހުގައި އުޅޭ މީހަކަށް ފާހަގަވެގެން އެ ވާހަކަ އަހަރެން ކައިރީގައި ގުޅައިފައި ބުނީ ރޭގައި. އަހަރެން ބޭނުމެއް ނުވި އޭނާ ކައިރީގައި އެވާހަކަ ދައްކާކަށް. އެހެންވެ އަހަރެން ނުކުމެގެން ދިޔައީ މަންމަމެންގެއަށް. މިއަދު އޭނާ އަހަރެން ހޯދަން މަންމަމެންގެއަށް އައުމުން އެ ވާހަކަ ކިޔައިދިނީ،" ނަޒޫ ބުންޏެވެ.
"ކީކޯ އޭނާ ބުނީ؟"
"ބުނީ ސޮރީއޯ. އެކަމަކު ޖިސްމާނީ ގޮތުން އެއްވެސް ކަމެއް ހިނގައިފައިނުވާ ކަމަށް ހުވާކުރަމޯ. އަހަރެންނަކަށް ހިޔެއްނުވޭ އޭނާ އެހައި ބޮޑު ދޮގެއް ހަދައިފައި ހުވާކޮށްފާނޭކޭ. އެކަމަކު ބުނި އަސްލު އޭނާއަށް ނޭނގި ވަރަށް ގާތްވެވިއްޖެޔޯ. ނޭނގި ގާތްވެވޭތަ؟ މީހަކަށް ހިތްދެވެނީ ނޭނގިތަ؟" ނަޒޫ ބޯހޫރައިލަމުން ބުންޏެވެ.
"މިކަމުގައި ކޮން ހިސާބެއްގައި ނަޒޫ ތިހިރީ؟" އަހަރެން އަހައިލީމެވެ.
"ތިބުނީ؟" ނަޒޫ ސުވާލުކުރިއެވެ.
"މިކަމުގައި ވިސްނެނީ ކިހިނެތް ހެއްޔޭ؟" އަހަރެން ސާފުކޮށް ސުވާލުކުރީމެވެ.
ނަޒޫ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިރުގަނޑަކު އިނެވެ.
"އަސްލު މިއީ ކޯންޗެއް ކަމެއް ނޭނގެ. މިއީ ބޭވަފާތެރިވުމަށް ކިޔާނެތަ؟ މިކަން ފެންނަން ފެށީމައި އެ ސުވާލުކުރުމުން ޝައްކު ކުރަނީއޭ ކިޔައިގެން އަހަރެންނަށް އެނގޭ ހަގީގަތް އޮޅުވައިލަން މަސައްކަތްކުރިދޯ؟ އަސްލު އަހަރެންނަށް މިހާރު މީނީ ހަދާނޭ ގޮތެއް ނޭނގިފައި!" ނަޒޫ ބުންޏެވެ.
"އެއީ ހަގީގަތުގައި ނަޒޫގެ އަމިއްލަ ނަފުސުން ކަމެއް ގޯސްކޮށް ދާކަން އަނގައިދިނީދޯ؟" އަހަރެން ބުނީމެވެ.
"މިއީ ބޭވަފާތެރިވުމަށް ކިޔާނޭތަ؟" ނަޒޫ އަހައިލިއެވެ.
"ސުވާލަކީ ބޭވަފާތެރިކަން ނަޒޫއަށް މާނަ ކުރެވެނީ ކިހިނެތްހޭ؟" އަހަރެން ސުވާލުކުރީމެވެ.
"އޭނާ އަހަރެންނާ ދުރުވެގެން ގޮސް އެހެން މީހަކާ ގާތް ގުޅުމަކަށް ދިޔުން ކިޔާނެދޯ ބޭވަފާތެރިވީ ކަމަށް؟" ނަޒޫގެ އަޑުގައިވަނީ ހިތްދަތިކަމެވެ.
"ތިމާގެ ބައިވެރިޔާއާ ހިއްސާނުކުރާ ޖަޒުބާތުތަކާއި ތަޖުރިބާތައް އެހެން މީހަކާ އެކުގައި ހިއްސާކުރުން ބެލެވޭނެ ބޭވަފާތެރިވީ ކަމުގައި. އެކަމަކު…" އަހަރެން ވާހަކަ މެދުކަނޑައިލީމެވެ.
"އެކަމަކު ކޮންކަމެއް؟" ނަޒޫ އަހައިލިއެވެ.
"އޭނަ ބުނިތަ އޭނާއަށް ނޭނގި ގާތްކަން އުފެދުނީއޭ؟" ނަޒޫ ކުރީގައި ބުނި އެތި ސާފުކޮށްލަން އަހަރެން ބޭނުންވިއެވެ.
"އާނ. އެހެން ބުނި. އެކަމަކު ނޭނގި އެކަހަލަ ކަމެއް ވާނޭ ކަމަށް ހާދަ ގަބޫލުކުރަން ދައްޗޭ،" ނަޒޫ ބުންޏެވެ.
"އާނ. ހާއްސަކޮށް މިވަގުތު ތި އިހުސާސްކުރެވެމުންދާ ޖަޒުބާތުތަކުގެ އަލީގައި އެއީ ހަގީގަތެއްކަން ގަބޫލުކުރާކަށް ބޭނުމެއް ވެސް ނުވާނެ. އެކަމަކު ހަގީގަތަކީ ގިނަ ފަހަރަށް އެކަހަލަ ކަންތައް ފެށިފައި ހުންނަނީ ނޭގި،" އަހަރެން ބުނީމެވެ.
"ހަމަ އަސްލުވެސް ނޭނގިތަ؟" ނަޒޫ އަހައިލިއެވެ.
"އާން. އެފަދަ ގުޅުންތައް ގިނަ ފަހަރު ފެށެނީ ނުބައި ނިޔަތެއްގައެއް ނޫން. ކައިރީގައި އުޅޭ މީހެއްގެ ފަރާތުން އޭނާ ބޭނުންވާ އިހުތިރާމާއި ގަދަރު ލިބެން ފެށުމުން ހަޔާތުގައި އުފެދެން ފަށައިފައިވާ ޖަޒުބާތީ ހުސްކަން ނޭނގި ފުރެން ފަށަނީ،" އަހަރެން ކިޔައިދިނީމެވެ.
"ތިބުނި އެއްޗެއް އަދި ސާފެއް ނުވޭ،" ނަޒޫ ބުންޏެވެ.
"ޖަޒުބާތީ ގުޅުންތައް ފުންވަނީ ގިނަ ދުވަހުން އާދައިގެ ކުދިކުދި ކަންތައްތަކުން. މިސާލަކަށް ނަޒޫ ފިރިމީހާ އޮފީހުގައި އުޅޭ ގަޑީގައި އެ އަންހެންމީހާގެ ފަރާތުން އޭނާގެ މަސައްކަތުގެ ކަމެއްގައި ލިބޭ ތައުރީފު. އެ އަންހެން މީހާ އޭނާގެ ކަންތައް ބަލައިގަންނަ ކަމުގައި ކުރެވޭ އިހުސާސް. އެ އަންހެންމީހާ އޭނާގެ އަގުވަޒަންކުރާ ކަމުގެ އިހުސާސް. އެ އަންހެން މީހާއާއެކުގައި ފަސޭހަކަމާއެކު މަޖާ ވާހަކަ ދައްކައިލެވުން. އޭނާ ގެއަށް އައުމުން ކަންތައް ދިމާވާނީ އެގޮތަކަށް ނޫންދޯ؟" އަހަރެން ބުނީމެވެ.
"ތި ދައްކަނީ އަލަތު ގުޅުމެއް ފެށޭ އިރުގައި ވާ އިހުސާސްތަކެއްނު؟ އަހަރުމެން ދެމީހުން އިނދެގެން މިހާރު ތިން އަހަރުވީދޯ؟ އެ އިހުސާސްތަކެއް މިހާރު އަހަރުމެން ދެމެދުގައެއް ނޯންނާނޭދޯ؟" ނަޒޫ ބުންޏެވެ.
"ރަނގަޅު. ކޮންމެ ގުޅުމަކަށްވެސް ވަކި ހިސާބަކުން މި ހީނަރުކަން އަންނާނެ. މި ހީނަރުކަން އަންނަން ދިމާވަނީ އެކަކު އަނެކަކަށް ފުއްދައިދެމުން ގެންދިޔަ މިކަހަލަ ކަންކަން ފުއްދައިނުދެވެން ފަށާ ހިސާބުން. ގޭތެރޭގައި ޖެހޭ މައްސަލަތަކާއި، އެކަކު އަނެކަކުގެ ފަރާތުން ނުފުދޭ ކަންތައްތަކާއި، އެކަކު އަނެކަކުގެ ފާޅުވަމުން އަންނަ ކޫސަނި ކަންތަކާއި، މިހުރިހައި ކަމެއް ފުނިޖެހެން ފެށުމުން އެކަކު އަނެކަކާ ޖަޒުބާތީގޮތުން ދުރުވާގޮތް ދިމާވާނެ. ނަމަވެސް ކައިވެނީގެ ބޭރުން އެހެން މީހެއްގެ ފަރާތުން އެ ސަމާލުކަން ލިބެން ފެށުމުން އިހުތިޔާރަކާ ނުލައި އެ ދިމާލަށް އެ ދެވެނީ ހިތުގެ އެންމެ ފުންމިނުން އެ އުފެދިފައިވާ ހުސްކަން ފުރައިލަން ބޭނުންވާލެއް ބޮޑުކަމުން،" އަހަރެން ބުނެދިނީމެވެ.
ނަޒޫ އެއްވެސް އެއްޗެކޭ ނުބުނެ އަޑުއަހަން އިނެވެ.
"އެ އަންހެންމީހާގެ ފަރާތުން ހެޔޮ ސަމާލުކަން ލިބެން ފެށުމުން އެ އުފަލަށް އޭނާ އެދެން ފަށައިފިކަން އެނގޭ އެންމެ ފުރަތަމަ ގޮތަކީ އޭނާގެ ވާހަކަ ނަގަނަގައިގެން ދައްކަން ފެށުން. އޭނާގެ މެސެޖުން އުފާވެރިކަން ލިބެން ފެށުން. ވަރަށް ގިނަ ފަހަރަށް މީހަކަށް އެ ހިސާބަށް ދާއިރުގައި އެވަނީ ކިހިނެތް ކަމެއް އަސްލު ނޭނގޭނެ. އެ ކަންތަކުން ހަގީގަތުގައި ފުދެން އެފަށަނީ އަހަރުމެންގެ ނަފުސުގެ ވަރަށް ބޮޑު އެދުމެއް. އޭތި ނުލިބިފައި ހުންނަ މީހަކަށް އޭތި ލިބެން ފެށުމުން ނޭނގި ނަމަވެސް އޭތި ގިނައިން ލިބުމަށް އެދި ހިތް އެދެން ފަށާނެ. ބަނޑުހައިވެފައި ހުންނަ މީހަކު ކާން ބޭނުންވާ ފަދައިން. ބުނަން މިއުޅެނީ އެއީ ކޮންމެހެން ނަޒޫ ދެކެ އޭނާ ލޯބި ނުވާތީ ވީގޮތެއް ނޫނޭ. އޭނާ ގަސްތުގައި ނަޒޫއާ ދުރުވާން ކުރިކަމެއްވެސް ނޫނޭ،" އަހަރެން ބުނެދިނީމެވެ.
"ދެން ނުލިބޭ އެއްޗެހި ހޯދަން އަހަރެންވެސް އުޅެން ފަށަންވީ ދޯ؟" ނަޒޫގެ އަޑުގައިވަނީ ހިތިކަމެވެ.
"އެހެންވެ އަހަރެން އެހީ ނަޒޫ ގަބޫލުކުރަންހޭ މިއީ އޭނާ ގަސްތުގައި ކުރިކަމެކޭ؟" އަހަރެން ހިނިތުންވެލީމެވެ.
"ގަސްތުގައި ނޫނަސް…" ނަޒޫ ވާހަކަ ދައްކަން ފެށުމުން އަހަރެން އަތްމައްޗަށް ނަގައި އޭނާގެ ވާހަކަ ހުއްޓުވައިލީމެވެ.
"މިސާލަކަށް. އޭނާއަކީ ފިނި މާހައުލަކަށް ލޯބިކުރާ މީހެކޯ. އޭނާގެ ގޭގެ އެއަރކޯން ސާރވިސްނުކުރާތީ މިހާރު ގޭތެރެ ފިނިނުވާތާ ދުވަސްކޮޅެއް ވެއްޖެޔޯ. އެކަމަކު އޭނާއަކަށް އެކަމުގެ ސަބަބުން އެހައި ބޮޑު އުނދަގުލެއް ވާކަމެއް ނޭގެޔޯ. ހޫނުގައި ކެތްކުރުމަށް އާދަވާން ފެށީޔޯ. އެކަމަކު އެއްދުވަހަކު އޭނާއަށް ގޮސް ވަދެވެނީ ފިނި މާހައުލަކަށޯ. އޭނާއަށް ނޭނގޭ ޒާތެއްގެ އަރާމެއް އެތާނގައި މަޑުކޮށްލުމުން ވިއްޔޯ. ދެން ގިނަގިނައިން އެތަނަށް ދާން ފަށަނީ ކުޑަކޮށް އަރާމުކޮށްލައި ފިނިކޮށްލައިށޯ. މާފަހުން މި އެނގެނީ އެގޮތަށް ގޮސްގޮސް އެތަނަށް ވަރަށް ދޯޅުވެއްޖެކަމޯ. ދެން ވާންވީކިހިނެތް؟" އަހަރެން މިސާލަކުން އެކަންތައް ވާގޮތް ކިޔައިދެވޭތޯ މަސައްކަތްކުރީމެވެ.
"ދެން ކިހިނެތްވާންވީ؟"
"ތި ދެމީހުން ވެގެން އެއްބަސް ކިޔައިފައި ގޭގައި ހަރުކޮށްފައިވާ އޭސީ ސާވިސްކުރަންވީ،" އަހަރެން އެހެން ބުނުމުން ނަޒޫއަށް ހެވުނެވެ.
"އަސްލުދެން ހެދޭނީ ކިހިނެތް؟" ނަޒޫ އަހައިލިއެވެ.
"އިހަށް ވިސްނައިލަން ވަގުތުކޮޅެއް ނަގަންވީއެއްނު؟ ފުރަތަމަ ކުރަންވީ ސުވާލަކީ ނަޒޫ ގަބޫލުކުރަންހޭ އޭނާ ބޭވަފާތެރިވީ ކަމަށް؟ މިއީ އޭނާ ގަސްތުގައި ނަޒޫއަށް ދެރައެއް ދިނުމުގެ ގޮތުން ކުރި ކަމެއްގޮތުގައިހޭ ގަބޫލުކުރެވެނީ؟" އަހަރެން ބުނީމެވެ.
"އެހެން ވިސްނެންޏާ ދެނޯ؟" ނަޒޫ އެއްސެވެ.
"އެހެން ވެއްޖެޔާ އޭނާއާ ދުރުވޭ!" އަހަރެން ބުނީމެވެ. "އެ ވިސްނުން ގެންގުޅޭ ކަމަށް ވެއްޖެއްޔާ މީގެން މިންޖެއްނުވާނެ. ދެން ތި ކައިވެނީގައި އެއްވެސް މަސްލަހަތެއް ނޯންނޭނެ."
"އެހެން ނުވިސްނެންޏާ؟" ނަޒޫ އެއްސެވެ.
"އެހެން ވެއްޖެއްޔާ ގަބޫލުކުރޭ އިންސާނުންނަކީ ކުށްކުރެވޭ ބައެއް ކަމަށް. އަހަރުމެންނަށް ކަންކަން ދަސްވަނީ ޅައެއްޗެހި އެޅިގެންކަން. ވަރަށް ގިނަ ފަހަރަށް ގޯސްމަގެއް އެޅެނީ ނޭނގި. އެކަމަކު އެއިން ކޮންމެ ކަމަކުން އިބުރަތް ހާސިލުކުރުމަކީ އޭގެން ފިލާވަޅެއް އުނގެނުން ކަމުގައި ވާންޖެހޭނީ. ފަހަރެއްގައި މިއީ ތި ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ޖަޒުބާތީ ހުސްކަން އެނގެން ދިމާވިކަމެއް ކަމުގައި ވެދާނެ. އޭނާއާ ވާހަކަ ދައްކާއިރުގައި އެއީ ކީއްވެ ކުރި ކަމެއްހޭ އެހުމުގެ ބަދަލުގައި ބުނޭ ނަޒޫ ބޭނުންވަނީ އެ އަންހެން މީހާއާ އެކުގައި އޮތް ކަހަލަ ގުޅުމެއް އަލުން ތި ދެމީހުންގެ ދެމެދުގައި އާލާކުރާށޭ. އެކަމަކު އެކަމެއް ނުކުރެވޭނެޔޭ އެ އަންހެންމީހާއާ ވާހަކަ ދައްކައިހައި ހިނދެއްގައި. އެހެންވެ އެ ގުޅުން ދޫކޮށްލައިފައި ތި ދެމީހުން އެކަކު އަނެކަކާ އެކުގައި ގާތް ގުޅުމެއް އުފައްދަން އަލުން މަސައްކަތްކުރަން ބޭނުމޭ،" އަހަރެން ވަރަށް ދިގުކޮށް ވާހަކަ ދެއްކީމެވެ.
"ތިގޮތަށް ކަންތައް ކުރީމައި އެކަންތައް ރަނގަޅުވާނޭތަ؟" ނަޒޫ އުންމީދުންފުރިފައިވާ ގޮތަކަށް އަހައިލިއެވެ.
"އެއީ ކަންތައް ކުރެވޭނޭ އެންމެ ރަނގަޅުގޮތަކީ. އަހަރުމެންނަށް ކުރެވޭނީ މަސައްކަތް. ދެން ވާނޭ ގޮތް މަތީފަރާތަށް ދޫކޮށްލައި،" އަހަރެން އެހެން ބުނެފައި ބިލުގެންނަން އިޝާރާތްކޮށްލީމެވެ.



advertisment