ވަލުޖަނަވާރުގެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާފަދަ ގައުމެއްގައި، އާންމުކޮށް މީޑިއާއިން ފެންނަނީ އިންސާނުން އެ ޖަނަވާރުތަކަށް އިހުމާލުވެ، އަނިޔާވެރިވާ މަންޒަރުތަކެވެ. ނަމަވެސް، ބެންގަލޫރު ކައިރީގައި ހުންނަ ބަނޭރުގައްޓަ ބަޔޮލޮޖިކަލް ޕާކުގައި މަސައްކަތްކުރާ 46 އަހަރުގެ ސަވިތުރިއަންމާގެ އަމަލުތަކުގެ ސަބަބުން، މި ނަޒަރިއްޔާތަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. ސަވިތުރިއަންމާ އަކީ އެ ހައިވާނު ބަގީޗާއަށް ގެނެވޭ، އެކަހެރިވެފައިވާ ސިންގާ، މިނިކާވަގު އާއިލާގެ ކުދި ޖަނަވާރުތަކަށް މައެއްގެ ފުރިހަމަ އަޅައިލުން ފޯރުކޮށްދޭ އެކަމަށް ހާއްސަވެފައިވާ މީހާއެވެ.
ސަވިތުރިއަންމާ މިތަނުގައި މަސައްކަތްކުރަން ފެށީ 2002 ގައެވެ. އޭނާއަށް އެ ޕާކުން ވަޒީފާ ލިބުނީ ޕާކުގެ މީހުން އޭނާއަށް ވީ ހަމްދަރުދީގެ ސަބަބުންނެވެ. އެމީހުން އޭނާއަށް ހަމްދަރުދީވީ އޭނާއަކީ ފިރިމަރުވެ، އަޅައިލާނެ މީހަކު ނެތިފައިވާ މީހަކަށް ވުމުންނެވެ.
ނަމަވެސް، އޭނާ އެތަނުގައި މަސައްކަތްކުރަން ފެށި ހިސާބުން ހުރިހާ ކަމެއް ބަދަލުވިއެވެ. އެތަނުގައި މަސައްކަތްކުރާ އޮފިސަރުންނަށް ސާވިތުރިއަންމާ ޖަނަވާރުންގެ ކައިރީގައި ހުންނަ އިރުގައި، އެއްވެސް ބިރެއް ނުހުންނަ ކަމާއި، ހަމަޖެހިގެން މަސައްކަތްކުރާކަން ފާހަގަވިއެވެ. މި ސަބަބަށްޓަކައި އެމީހުން އޭނާގެ މަސައްކަތް ބަދަލުކުރީ ޕާކުގައި ހުންނަ ޖަނަވާރު ހޮސްޕިޓަލަށެވެ. މިތަނުގައި އޭނާ ކުރަންފެށި މަސައްކަތުގެ ސަބަބުން، މި ޕާކުގެ ނަންވަނީ އިންސާނިއްޔަތުގެ ލާމަސީލު މިސާލު ދައްކައިދޭ ތަނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައެވެ.
މިއަދު ސާވިތުރީއަންމާ އެ ޕާކުގެ ޖަނަވާރުން ގެންގުޅެން ހަދައިފައިވާ ހާއްސަ ކޮއްޓަށް ވަންނައިރަށް، އެތަނުގައި ބައިތިއްބައިފައި ތިބޭ ކުދި ސިންގާތަކާއި، ލެޕަޑުތައް އަދި މިނިކާވަގުތައް އޭނާ ވަށައިލައި، ބުޅާ ލައްވައިކަހަލަ އަޑުލައްވައި، އޭނާގެ ސަމާލުކަން ހޯދަން ފަށައެވެ. އޭނާގެ ދުވަސް ހޭދަވަނީ އެތަކެއްޗަށް އަޅައިލުމުގައެވެ. އެތަނަށް ގެނެވޭ ބައެއް ޖަނަވާރު ގެނެވެނީ އެތަކެއްޗަށް ރަނގަޅަށް ކާން ދަސްނުވާ އުމުރުގައެވެ. ސާވިތުރިއަންމާ އެތަކެތި އުނގަށްލައިގެން ކިރުދީ، ގައިގައި ފިރުމައި، ލޯބިން ވާހަކަދައްކައި، ލޮއްސައި ނިންދަވައި ހަދައެވެ. އޭނާގެ އަމަލުތަކުން އެތަކެއްޗަށް އަމިއްލައަށް ކާން ދަސްވެ، ގަލޯހާއްޖަތުކުރުމަށް ދަސްވެ، އަމިއްލައަށް އުޅެން ދަސްވެއެވެ. ގިނަ ޖަނަވާރުތައް އޭނާއާ އެކުގައި އެތަކެތީގެ ހަޔާތުގެ ފުރަތަމަ ހަ މަސް ހޭދަކުރެއެވެ.
އެތަކެތި ވަކިވަރަކަށް ބޮޑުވުމުން އެ ޕާކުގެ ގުދުރަތީ މާހައުލަށް ބަދަލުކުރެވެއެވެ. ނަމަވެސް އެއިން ކޮންމެ އެއްޗެއް އެތަނަށް ބަދަލުކުރުމުން ސާވިތުރިއަންމާ ރޮއެ ހަދައެވެ. އޭނާ އެތަކެއްޗާ މެދު ވަރަށް ކަންބޮޑުވެ، އެތާނގައި އުޅޭ އެހެން މީހުން އެތަކެއްޗަށް އަޅައިނުލައިފާނޭތީ ވިސްނައެވެ.
"ބައެއް އެއްޗެހި އަހަރެންނާ ދުރަށް ގެންދިޔައީމައި ނުކައި އުޅޭތީ އެ ސަރަހައްދު ބަލަހައްޓަން ތިބޭ މީހުން އަހަރެންނަށް ގުޅާނެ. ދެން އަހަރެން ފޯނުން އެތަކެއްޗާ އާންމުކޮށް ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކަނީ. އަހަރެންގެ އަޑު ޖެހިގެން އޭއްޗެހި ހަމަޖެހި ކާން ފެށީމައި ދެން އަހަރެންނަށް ހިތްހަމަޖެހުން ލިބެނީ،" ސާވިތުރިއަންމާ މީޑިއާއާ ހިއްސާކޮށްފައިވެއެވެ.
ނަމަވެސް އެތަކެތި ބަދަލުކުރާ ވަލު ސަރަހައްދަށް ސާވިތުރިއަންމާއަށް ދިއުމަށް އުނދަގޫވާތީ، ގޮހެއް ނޫޅެއެވެ. ބަނޭރުގައްޓަ ބަޔޮލޮޖިކަލް ޕާކަކީ 731 ހެކްޓަރުގެ ބިމެއްގައި ހަދައިފައިވާ ޕާކެކެވެ. މި ޕާކުގައި 2300 ޖަނަވާރު ވަންޒަންވެރި ކުރެވިފައިވެއެވެ. ގިނަ ޖަނަވާރު އެތަނަށް ގެނެވެނީ ގެއްލުންވެ، އޭގެ އާއިލާއާ ވަކިވެ ހާލުގައި ޖެހުމުންނެވެ. މިތަނުގައި ހޮސްޕިޓަލަކާއި ޖަނަވާރުތަކަށް ފަރުވާދެވޭނެ ހުރިހާ ނިޒާމެއް ހަދައިފައިވެއެވެ.
ސާވިތުރިއަންމާ މިތަނުގައި މަސައްކަތްކޮށްފައިވާ މި މުއްދަތުގެ ތެރޭގައި 80 ވަރަކަށް ކުދި ސިންގާއާއި މިނިކާވަގު އާއިލާއަށް ނިސްބަތްވާ ކުދި ޖަނަވާރަށް އަޅައިލުން ފޯރުކޮށްދީފައިވެއެވެ. އެ ޕާކުގެ މީހުން ގަބޫލުކުރާ ގޮތުގައި ސާވިތުރިއަންމާއަކީ އެމީހުންނަށް މަތިން ފޮނުއްވައިފައިވާ ނިއުމަތެކެވެ. އާންމުގޮތެއްގައި އާއިލާއާ ވަކިވާ މިފަދަ ޖަނަވާރުތައް ދުނިޔޭގައި ހުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް ސާވިތުރިއަންމާގެ މަސައްކަތުގެ ސަބަބުން މިއަދު އެތައް ޖަނަވާރަކަށް ވަނީ އާ ހަޔާތަކަށް ފުރުސަތު ލިބިފައެވެ.



advertisment