އިންޑިއާގެ ފިލްމީ ސިނާއަތް ކަމަށްވާ ބޮލީވުޑްގައި ލެޖެންޑެއް ކަމަށް ބަލާ ދަރްމެންދްރާ ޑިއޯލް އުމުރުން 89 އަހަރުގައި މިއަދު މަރުވުމަކީ ހިންދީ "ފިލްމީ ޒަމާނެއްގެ ނިމުން" ކަމަށް، އިންޑަސްޓްރީ ބަދަލުކޮށްލި "ކުޗް ކުޗް ހޯތާ ހައެ" ފަދަ ކާމިޔާބު ފިލްމްތައް އަދުގެ ފިލްމީ ޒަމާނަށް ގެނެސްދިން ޑިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.
ދަރްމެންދްރާ މަރުވީ ހިންދީ ފިލްމް ސިނާއަތް ބިނާވެފައިވާ މުމްބާއީގައި ހުންނަ އާއިލީ ގޭގައި، ކުޑަ ދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހުއެވެ.
"ދަރްމެންދްރާއަކީ އިހްލާސްތެރިއެއް. އެކަމަކު އެއަށް ވުރެ ވެސް އޭނާގެ މަތިވެރި ސިފައަކީ އޭނާއަކީ އިންސާނިއްޔަތުކަމުގެ ގޮތުން އެންމެ ރަނގަޅު އެކަކު ކަމަށްވުން،" ކަރަން އިތުރަށް ބުންޏެވެ.
ހަ ދަހަރު ދުވަހުގެ ތެރޭގައި ދަރްމެންދްރާ ވަނީ 300 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. އޭނާގެ އެންމެ މަޝްހޫރު އެއް ފިލްމަކީ އަނބިމީހާ ހެމާ މާލިނީ އާއި ސުޕާ ސްޓާރު އަމީތާބު ބައްޗަންއާއެކު 1975 ގައި ކުޅުނު "ޝޯލޭ"އެވެ. އެ ފިލްމަކީ އިންޑިއާގެ ފިލްމް އުފެއްދުންތެރިކަން ބައްޓަން ކުރި ފިލްމެވެ. ނަމަވެސް ދަރްމެންދްރާ ސުޕާ ސްޓާރަކަށްވީ 1966 ގެ ފިލްމް "ޕޫލް އައުރް ޕައްތަރު"އިންނެވެ.
ދަރްމެންދްރާ މަރުވީ ނޭވާލާން އުނދަގޫވެގެން ކުޑަ ދުވަސްކޮޅަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު މި މަހު 12 ގައި ދޫކޮށްލުމަށްފަހުއެވެ.
ދަރްމެންދްރާގެ އާއިލާއިން ބުނީ އޭނާ މަރުވުމުން "ބޮޑު ހިތާމައެއް ލިބިފައި"ވާ ކަމަށެވެ.
"އޭނާއަކީ އަހަރެމެންގެ ހުރިހާ ވެސް އެއްޗަކީ. ހިނިތުންވުން ގެނެސްދޭ، ރަހްމަތްތެރި ސިފައެއް ހުރި އަދި 'ހަގީގީ ބަތަލެއް’،" ދަރްމެންދްރާގެ ތިމާގެ މީހަކު ބުންޏެވެ.
ދަރްމެންދްރާގެ އަންހެން ދަރިފުޅު އަދި ބަތަލާ އީޝާ ޑިއޯލް ބުނީ "އަހަރެންގެ ބައްޕައަކީ އަހަރެމެންގެ ބާރު" ކަމަށެވެ.
"އޭނާ ދެކެ އަހަރެމެން ފުން ލޯތްބެއްވޭ،" އީޝާ ބުންޏެވެ.



advertisment