އިންޑިއާގެ ފިލްމީ ސިނާއަތް ކަމަށްވާ ބޮލީވުޑައި ލެޖެންޑެއް ކަމަށް ބަލާ ދަރްމެންދްރާގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން މިއަދު ދޫކޮށްލުމުން އޭނާގެ އަންހެނުން، ބޮލީވުޑް ތަރި ހެމާ މާލިނީ މީޑިއާށް ފާޑުކިޔައިފިއެވެ.
ފުރިހަމަ ނަމުން ނަމަ ދަރްމެންދްރާ ޑިއޯލް، 89، މަރުވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ވެސް ކަމަށްވާ ހެމާ ބުނީ ބައެއް މީޑިއާތައް "ޒިންމާދާރުކަން ކުޑަ" ކަމަށާއި އޭނާގެ ފިރިމީހާ މަރުވި ކަމަށް ހަބަރު ފެތުރުމަކީ "އިހްތިރާމް ނެތް ކަން ހައްދުފަހަނަޅައި ވަރަށް ހާމަވާ ކަމެއް" ކަމަށެވެ.
މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައި މި ހަފުތާގެ ކުރީ ކޮޅު ދަރްމެންދްރާ އެޑްމިޓްކުރީ ނޭވާ ލާން އުނދަގޫވާން ފެށުމުންނެވެ.
"އަހަރެންގެ ބައްޕަގެ ހާލު މި ވަގުތު ހަމައަކަށް އެޅިއްޖެ. އަދި ރަނގަޅުވަމުން ދަނީ. އަހަރެމެންގެ އާއިލާއަށް ޒާތީ ޖާގަ (ޕްރައިވެސީ) ދިނުމަށް ހުރިހާ އެންމެންގެ ކިބައިން އަހަރެމެން އެދެން،" ދަރްމެންދްރާގެ އަންހެން ދަރިފުޅު އީޝާ ޑިއޯލް ސޯޝަލް މީޑިއާގައި ލިޔުނެވެ.
ހެމާ ވެސް ވަނީ އާއިލާއަށް ޕްރައިވެސީ ދިނުމަށް އެދިފައެވެ.
ޑޮކްޓަރަކު ބުނީ ދަރްމެންދްރާ ދެން އަރާމު ކުރާނީ ގޭގައި ކަމަށެވެ.
"އަހަރެންނަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރަން އެދެން،" ދަރްމެންދްރާގެ ފަރާތުން އޭނާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ދަރްމެންދްރާ ސުޕަރ ސްޓާރަކަށްވީ 1966 ގެ ފިލްމް "ޕޫލް އައުރް ޕައްތަރު"އިންނެވެ. އޭނާގެ އެންމެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި އަމީތާބް ބައްޗަން އާއި ހެމާއާއެކު ކުޅުނު 1975 ގެ "ޝޯލޭ" ހިމެނެއެވެ. "ޝޯލޭ"އަކީ އިންޑިއާގެ ފިލްމް އުފެއްދުންތެރިކަން ބައްޓަން ކުރި ފިލްމެވެ.
ދަރްމެންދްރާއަށް 2012 ގައި ޕަދްމާ ބޫޝާން އެވޯޑު ލިބުނެވެ. އެއީ އިންޑިއާގައި އާއްމު ރައްޔިތަކަށް ދޭ ތިންވަނައަށް އެންމެ މަތީ ޝަރަފެވެ.
އޭނާއަށް ވަނީ ގައުމީ ފިލްމީ އެވޯޑާއި ފިލްމްފެއާ އެވޯޑާއި އަދި އައިފާ އެވޯޑު ވެސް ލިބިފައެވެ.



advertisment