Support Us

ދުވަސްނުފުރާ ވިހޭ ކުދިންގެ ތެރެއިން ދުނިޔޭގެ ރިކޯޑު

އާންމު ގޮތެއްގައި މައިމީހާގެ ބަނޑުން ދަރިޔަކު އުފަންވަނީ ބަލިވެއިންނަތާ ނުވަ މަހާއި ނުވަ ދުވަސް ފުރައިފައެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި ބައެއް ކުދިން ހަތް މަސް އަދި އަށް މަހުގައި ވެސް ވިހައިފައި ވެއެވެ. ވަރަށް ނާދިރު ހާލަތްތަކުގައި ބައެއް ކުދިން ހަ މަހުގައި ވެސް ވިހައިފައި ވެއެވެ. ނަމަވެސް ދުވަސް ނުފުރާ ވިހޭ ކުދިންގެ ތެރެއިން ދުނިޔޭގެ ރިކޯޑު ފޮތުގައި ހިމެނިފައިވާ ނޭޝް ކީން ދުނިޔެއަށް އުފަންވީ ހަތަރު މަހުގައެވެ. މިއީ މީގެ ކުރީގައި ސިއްހީ ދާއިރާގައި ހާސިލު ކުރެވިފައި ނެތް ކަމެކެވެ.

ލޯބިން، ނޭޝް ޕޮޓޭޓޯގެ ނަމުން ނަންދީފައިވާ މި ތުއްތު ކުއްޖާ ވަނީ މިފަހުން އޭނާގެ ފުރަތަމަ އުފަން ދުވަސް ފާހަގަކޮށްފައެވެ. އޭނާ ވިހެއީ 2024 ވަނަ އަހަރުގެ ޖުލައި މަހު، އޭނާ ވިހާނޭ ކަމަށް ޑޮކްޓަރުން ދީފައިވާ ތާރީހުގެ 133 ދުވަސް ކުރިންނެވެ. ނޭޝް ވިހެއުމަށް ފަހު ކަޑަތު ކޮށްފައިވަނީ ގޮންޖެހުމުން ފުރިފައިވާ މަރުހަލާއެކެވެ.

ނޭޝް ދުވަސް ނުފުރައި ވިހޭ ސަބަބެއް ކަމުގައި ދެނެގަނެވިފައިވަނީ އޭނާގެ މަންމަގެ ރަހިމުގައި ދަރިޔަކު ދުވަސް ފުރެންދެން ގެންގުޅުމުގެ ގާބިލުކަން ނެތުމުންނެވެ. ނޭޝްގެ ކުރީގައިވެސް އޭނާއަށް ވަނީ ބަނޑުބޮޑުވެ ތިން މަހުގައި ބައިގެން ގޮސްފައެވެ. ނޭޝްއަށް ބަނޑުބޮޑުވެގެން 21 ހަފުތާގައި ކުރި ސްކޭނުން އެނގުނީ އޭނާގެ ސާވިކްސް ވަނީ ވިހެއުމަށް 20 ސެންޓިމީޓަރަށް ހުޅުވިފައިކަމެވެ. އެ ހިސާބުން އޭނާ ހޮސްޕިޓަލުގައި އެމެޖެންސީކޮށް އެޑްމިޓުކުރިއެވެ.

ދުވަސްނުފުރާ ވިހާ ކުދިންނަށް ދިމާވާ އެތައް މައްސަލައެއް ވެއެވެ. އޭގެ ތެރޭގައި ބައެއް ހިއްސުތަކާއި ބައެއް ގުނަވަންތައް މަސައްކަތް ނުކުރުމާއި ސިކުނޑީގެ އުނިކަމާއި ހެލިފެލިވެ އުޅުމުގެ އުނި ކަންތައް ހުރުން ހިމެނެއެވެ. އެހާ ބޮޑު ތަނުން ދުވަސް ނުފުރައި ވިހާ ކުއްޖަކަށް ދިމާވާނީ ކޮން ކަހަލަ ދަތިތަކެއް ކަމެއް އަންދާޒާ ކުރަން ނޭނގުނު ނަމަވެސް، ނޭޝްގެ މަންމަ ނިންމީ ކޮންމެ ފަދަ ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް އޭނާގެ ދަރިފުޅު ދުނިޔެއަށް ގެންނާށެވެ. އޭނާގެ އެ ނިންމުމަށް އެއްބަސްވެ، އެމެރިކާގެ ޔުނިވާސިޓީ އޮފް އައިއޯވާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޓީމެއްގެ އެހީގައި ތުއްތު ނޭޝް ވިއްސިއިރު އޭނާގެ ބަރުދަނުގައި ހުރީ 285 ގްރާމެވެ.

ނަޝްގެ މަންމަގެ އަތަށް އޭނާ އެރީ ވިހެއިތާ ތިން ހަފުތާ ފަހުންނެވެ. އަދި އޭނާގެ ހަޔާތުގެ ފުރަތަމަ ހަ ހަފުތާ ހޭދަކޮށްފައިވަނީ ލެވެލް ހަތަރެއްގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްގައެވެ. އެތާނގައި އޭނާ އޮތް ދުވަސްވަރު އޭނާގެ ވަނީ ކުދިކުދި ބައިވަރު ކުރިއެރުންތައް ހޯދައިފައެވެ.

ނޭޝް ވަނީ މިއަހަރު ޖެނުއަރީގައި ގެއަށް ބަދަލުކޮށްފައެވެ. ނަމަވެސް އޭނާއަށް އަދިވެސް އޮކްސިޖަން ގުޅަން ބޭނުންވެއެވެ. ނޭޝްގެ ހަށިގަނޑަށް ވަނީ ވަރަށް ގިނަ ޒާތްޒާތުގެ ހޮޅި ގުޅައިފައެވެ. ދުވަސް ނުފުރައި ވިހެއުމުގެ ސަބަބުން އޭނާގެ ކަންފަތަށް އަޑުއިވުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން އޭނާއަށް ހިޔަރިން އެއިޑް ބޭނުންކުރަން ޖެހެއެވެ. އަދި އޭނާއަށް ލިބެންޖެހޭ އެކި ތެރަޕީ ހޯދުމަށް ޓަކައި ހާއްސަ މެޑިކަލް ޑޭކެއަރއަކަށް ގެންދަންޖެހެއެވެ.

ނޭޝްގެ މަންމަ ގަބޫލުކުރާ ގޮތުގައި އޭނާއަށް އޭނާގެ ދަރިފުޅު އުރައިލަން ލިބުނު ދުވަހަކީ އެންމެ އުފާވެރި ދުވަހެވެ. އޭނާގެ ހިތްވަނީ އެ ކަންތަކަށް މަގުފަހިކޮށްދިން ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ސްޓާފުންނަށް ޓަކައި ޝުކުރުން ފުރިފައެވެ.

ނޭޝްގެ އުފަންވުން ދުނިޔޭގެ ރިކޯޑު ފޮތުގައި ހިމަނަން އާއިލާއިން ނިންމީ ދުނިޔޭގެ މީހުންނަށް ސިއްހީ ދާއިރާ ކުރިއަރައިފައިވާ މިންވަރު ދައްކުވައިދިނުމުގެ މަގުސަދުގައި ކަމަށް އެމީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *