Support Us

ވާހަކަ: ހަދިޔާ

"ހެޕީ ބާރތުޑޭ ޓޫ ޔޫ،" އޮފީސް ހުރިހައި އެންމެން އެއް އަޑަކުން އުފަންދުވަހުގެ ލަވަކިޔަމުން ދިޔައެވެ. އަހަރެންގެ ކުރިމަތީގައި ބަހައްޓައިފައި ހުރި ކޭކުގައި ދިއްލައިފައިވާ އުއްބައްތިތަކަށް ފުމެ ނިއްވައިލީމެވެ. އުމުރުން 40 އަހަރު ވީއެވެ. އަހަރެން ވަށައިގެން ތިބި އެންމެންނަށް ބަލައިލީމެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަމެވެ.

އަހަރެން ކޭކު ފެޅުމުން އަހަރެންގެ ސެކެއްޓަރީ ހުދާ އެ ކޭކު ފޮތިފޮތިކޮށްފައި އެހެން ހުރިހައި މުވައްޒަފުންގެ ތަށިތަށްޓަށް ލައިދިނެވެ. ކޮންމެ މީހެއްވެސް އެމީހެއްގެ ތަށި ހިފައިގެން އެމީހެއްގެ މޭޒުކައިރިއަށް ދިޔައެވެ. އަހަރެން އަހަރެންގެ ކޭކު ފޮތި ހިފައިގެން އަހަރެންގެ އޮފީހަށް ވަނީމެވެ. ގަޑިން ފަހެއް ޖަހަނީއެވެ. އިރުކޮޅަކުން އޮފީހުގެ ހުރިހައި މުއައްޒަފުން ގެއަށް ނައްޓައިލާނެއެވެ. އަހަރެންގެ ލެޕްޓޮޕަށް އަޅައިފައިވާ ވަޓްސްއެޕުން އަހަރެންގެ އަންހެނުން މަލަކް މެސެޖެއް ފޮނުވައިފައި އޮތްތަން ފެނުނެވެ. އޭތި އެގަޑިން ގަޑިއަށް ހުޅުވައިކަށް ނަހަދަމެވެ.

ގަޑިން 5.30 ވި ތަނާ އަހަރެންގެ އޮފީހުގެ ދޮރުގައި މީހަކު ޖަހައިލިއެވެ.

"ވަދޭ،" އަހަރެން ބުނީމެވެ. ހުދާ ކޮޓަރިއަށް ވަނީ އަހަރެންގެ އެދުވަހުގެ އެންމެ ފަހު ކޮފީތަށި ހިފައިގެންނެވެ.

"ދަނީ،" ކޮފީ ތަށި މޭޒުމަތީގައި ބަހައްޓައިފައި ހުދާ މަޑުމަޑުން ބުނެލިއެވެ.

"ތަނަކަށް ދާން ޖެހެނީތަ؟" އަހަރެން އަހައިލީމެވެ. ހުދާ ބޯހޫރައިލިއެވެ.

"އޯކޭތޯ ދިޔަޔަސް؟" އޭނާ އަހައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ.

ހުދާ އޮފީހުން ނައްޓައިލައިގެން ދިޔުމުން އަހަރެން ވެސް ކުރަން ހުރި މަސައްކަތްތައް ނިންމައިލީމެވެ. އެންމެ ފަހުން އަންހެނުން ފޮނުވައިފައިވާ މެސެޖު ހުޅުވައިލީމެވެ.

"ރިސަވޭޝަން ހެއްދީ ނުވައެއް ޖަހާއިރަށް އެނގޭ،" މެސެޖުގައި އޮތެވެ. ދެމަފިރިންގެ ކޮންމެ އުފަން ދުވަހަކީ ގަވާއިދުން ބޭރަށް ގޮސްގެން ކައިގެން ފާހަގަކުރާ ދުވަހެކެވެ. އެ ގޮތުގެ މަތިން މިރޭގެ ކަންކަންވެސް އޮތީ ރޭވިފައެވެ.

"އޯކޭ،" އަހަރެން ޖަވާބު ދިނީމެވެ.

"ތި އަންނަނީތަ؟" އިރުކޮޅެއް ކޮށްލައިފައި މަލަކު މެސެޖުކުރިއެވެ.

"އަދި ބައެއް މަސައްކަތް ނިންމާލަންޖެހޭ. ކާންދާން އޮތް ގަޑި ކައިރިކޮށްލައިފައި ދާނަން،" އަހަރެން ޖަވާބުދިނީމެވެ.

އޭގެ ބައިގަޑިއިރު ފަހުން އަހަރެން އޮފީހުން ނުކުމެގެން ގޮސް އާންމު ގޮތެއްގައި އެ ގަޑީގައި އަހަރެން ދާ އެޕާޓްމަންޓު ބިލްޑިން ދޮށަށް މަޑުކުރީމެވެ. އެޕާޓްމަންޓުގެ ދޮރުމަތީގައި ހުރި ސެކިޔުރިޓީ ގާޑު އަހަރެން ފެނުމުން ހީލިއެވެ. އަހަރެން ވަދެގެން ގޮސް ލިފްޓަށް އަރައި ހަތްވަނަ ބުރިޔަށް ފިތައިލީމެވެ. ލިފްޓު ދޮރު ހުޅުވުމުން ނުކުމެގެން ގޮސް 7ބީ ގެ ކުރިމައްޗަށް ހުއްޓިފައި އަހަރެންގެ ޖީބުން ކީ ކާޑު ނަގައިފައި އެޕާޓްމަންޓުގެ ސްމާޓްލޮކުގައި ޖައްސައިލީމެވެ. ވަގުތުން އެޕާޓްމަންޓްގެ ދޮރު ހުޅުވުނެވެ.

އަހަރެން އެޕާޓްމަންޓުގެ ތެރެޔަށް ވަތް އިރުގައި މުޅި އެޕާޓްމަންޓުގެ ބިންމަތީގައި ވަނީ ރަތް ކުލައިގެ ފިނިފެންމަލުގެ ފިޔަތައް ފަތުރައިފައެވެ. އެޕާޓްމަންޓުގެ އެކި ހިސާބު ހިސާބުގައި ކުދި އުއްބައްތިތައް ދިއްލައިފައި ހުއްޓެވެ. މުޅި އެޕާޓްމަންޓުން ދުވަނީ މީރު ވަހެވެ. އަހަރެން ވަދެފައި ދޮރު ލައްޕައިލީމެވެ. އަދި މަޑުމަޑުން ފިނިފެންމަލުގެ ފިޔަތައް މަގުދައްކައި ދިމާލަށް ހިނގަން ފެށީމެވެ. އެ ފިޔަތައް ގޮސް ހުއްޓުނީ އެ އެޕާޓްމަންޓުގެ ދޮރުކައިރިއަށެވެ. އަހަރެން ދޮރު ހުޅުވައިލީމެވެ.

އެނދުމަތީގައި އޮށޯވެލައިގެން ކިރިޔަކިރިޔާ ނިވާވާވަރުގެ ރަތް ހެދުންކޮޅެއް ލައިގެން، އަހަރެންނާ ދިމާލަށް ޖާދުވީ ނަޒަރަކުން ބަލަހައްޓައިގެން އޮތީ ހުދާއެވެ. ކޮޓަރީގައި ދިއްލައިފައިވާ އުއްބައްތިން އޭނާގެ އޮމާން ހަންގަނޑާއި ވަނާތަކަށް ރަން ދަޅަ އެޅެމުން ދިޔައެވެ. އޭނާއަށް އަހަރެން ފެނުމުން އަހަރެންނާ ދިމާލަށް ހަށިގަނޑު އަނބުރައިލިއެވެ. އަދި ފައިގައި އަމިއްލައަށް އަތް ޖައްސައިލިއެވެ. އެ ހަރަކާތް ފެނިފައި ދުރުގައި ބަލާކަށް ނުހުރެވުނެވެ. އާވާރާއެއް ފަދައިން އަހަރެން އެނދަށް އަރައި އޭނާ އަހަރެންނާ ދިމާލަށް ދަމައިލީމެވެ. މުޅި ދުވަސް ބީހިލުމަށް އެދެމުން ދިޔަ ތުންފަތުން އުފާ ލިބިގަންނަން ފެށީމެވެ. އޭނާގެ އާހުގެ އަޑު ކަންފަތުގައި ޖެހުމުން ހޭވެރިކަން ކޮޅުން ލައިގެން ދިޔައެވެ. ސިކުންތުތައް މިނެޓުތަކަށް އަދި މިނެޓުތައް ގަޑިއިރަކަށް ބަދަލުވެގެން ދިޔައެވެ. އެވަގުތު މުޅި މާހައުލުގައި ގުގުމަމުން ގެންދިޔައީ އަހަރުމެން ދެމީހުންގެ ލޯބި ވުޖޫދަށް އަންނަމުންދިޔަ އަޑެވެ.

އެ ހިނދުކޮޅަށް ފަހުގައި އަހަރުމެން ދެމީހުން އެކަކު އަނެކަކުގެ އަތުގެ ތެރޭގައި އޮށޯވެލައިގެން ތިބީމެވެ. މާނޭވާލެވިފައެވެ.

"ހެޕީ ބާރތްޑޭ މައި ލަވް،" ހުދާ މަޑުމަޑުން އަހަރެންގެ ކަންފަތް ކައިރީގައި ބުންޏެވެ. އަހަރެން އޭނާގެ ނިތްކުރީގައި ބޮސްދިނީމެވެ.

"ތިދިނީ އަހަރެން އެންމެ ބޭނުންވި ހަދިޔާ އެނގޭ" އަހަރެން ބުނީމެވެ.

"އެނގޭ" ހުދާ އަހަރެންގެ މޭގައި އޭނާގެ އިނގިލި ބީއްސާލިއެވެ.

މީގެ ދެތިން އަހަރު ކުރިން އަހަރެންގެ ކައިރީގައި މިކަހަލަ ކަމެއް ކުރާ މީހެއްގެ ވާހަކަ ބުންޏަށް އަހަރެން އެމީހަކަށް މަލާމާތްކުރާނެއެވެ. ކައިވެންޏެއް ކޮށްގެން އުޅެމުން ހިލޭ އަންހެނެއް ކައިރިޔަށް ދިޔުމަކީ އަހަރެން ހުވަފެންނުންވެސް ދުތްތަނެއް ނޫނެވެ. އަހަރެން ކޮށްފާނެއޭ ދުވަހަކު ހީކުރި ކަމެއް ނޫނެވެ.

ނަމަވެސް އެއީ މީގެ ދެއަހަރު ކުރިންނެވެ. ދެ އަހަރުކުރިން އަހަރެންގެ ކުންފުނި ފުޅާވެގެން ދިޔައެވެ. އަހަރެންގެ ޒިންމާތައް ގިނަވެ އަހަރެންގެ ޝެޑިއުލް ބަލަހައްޓަން މުވައްޒަފަކު ވައްދަން ޖެހުނީއެވެ. އެންމެ ފުރަތަމަ ދުވަހު ހުދާ ފެނުމުން ވެސް އަހަރެންގެ ހިތަށް ލޮޅުން އެރިއެވެ. އެކަމަކު އެތައް ދުވަހެއް ވަންދެން އަހަރެން އޭނާއާ ދޭތެރޭ ކަންތައް ކުރަމުން ގެންދިޔައީ ހަމަ އެހެން މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށެވެ.

ނަމަވެސް އޮފީހުގެ އާ ކަންތައްތައް އެންމެ ބުރަވާން ފެށި ދަނޑިވަޅު އަހަރެންނާ މަލަކްއާ ދެމެދު ބޮޑެތި މައްސަލަތައް ދިމާވާން ފެށިއެވެ. ދަރިއެއް ނުލިބިގެން ޖެހެން ފެށި މައްސަލައެވެ.

ދަރިއަކު ދުނިޔެއަށް ގެނައުމަކީ އަހަރެން އެންމެ ހާސިލުކުރަން ބޭނުންވި ކަމެވެ. އެކަމަކު މަލަކު އެހާ އަވަހަށް ދަރިއެއް ހޯދަން ބޭނުން ނޫންވީމައި ކައިވެނީގެ ފުރަތަމަ އަހަރުތައް އެކަމާ ނޫޅެ މަޑުކޮށްލައިގެން ހުރީއެވެ.

ނަމަވެސް ފަހުން މަސައްކަތް ކޮށްގެން ވެސް ކާމިޔާބީ ނުވީމައި އެއީ ކިހިނެތްވެގެން ވާކަމެއް ތޯ ބެލީމެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ވަކި ތާވަލަކަށް ކަންކަން ކުރަން މަސައްކަތްކުރަން ފެށީމެވެ. މި ތާވަލުގެ ސަބަބުން އަހަރެންނަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެއީ ދުވަހަކުވެސް ދެމަފިރިކަމުގެ ގުޅުން ހިންގަން އަހަރެން އުންމީދުކުރި ގޮތެއް ނޫނެވެ. އެ ގޮތަށް އޮންޑިމާންޑް އެކަން ކުރުމަކީ އަހަރެންނަށް ފަސޭހަކަމެއް ނޫން ކަމުގައި ބުނަން ފެށުމުން މަލަކު އެކަމާ ރުޅިގަދަވާން ފެށިއެވެ.

އެ ހިސާބުން އޭނާގެ ނަފުރަތު އަހަރެންނަށް ރައްދުވާން ފެށިއެވެ. ގެއަށް ދާއިރުގައި އަހަރެންނަށް މަރުހަބާ ކިޔަނީ ރުޅިވެރި ބެލުންތަކެވެ. ވައްބަހުން ޖަހާ ޖެހުން ތަކެވެ. ގެއަށް ވަންނަންވެސް އުނދަގޫވާ ހިސާބަށް ދާންފެށިއެވެ. އޮފީހުގައި އިންނަ ގަޑީގައިވެސް ފޯނަށް ފުލުފުލުގައި ޝަކުވާގެ ބޮޑެތި މެސެޖުތައް ފޮނުވަން ފެށިއެވެ. އަހަރެންނަށް ވަމުންދިޔަ ތުރާ އެންމެ ގާތުން ފެންނަމުން ދިޔައީ ހުދާއެވެ.

ހުދާގެ ކަންތައް ވީ އަހަރެންގެ އިހުތިޔާރަކު ނޫނެވެ. އަހަރެންނަށް މީހެއްގެ އޯގާތެރިކަން ބޭނުންވި ވަގުތު އެ އޯގާތެރިކަން ލިބުނީ ހުދާގެ ފަރާތުންނެވެ. ރޭގަނޑު ގެއަށް ދާން ބޭނުންނުވެގެން އޮފީހުގައި މަޑުކޮށްގެން އިންނަ ރޭރޭ ކިތަންމެ އިރެއް ވިޔަސް ހުދާ އަހަރެން ދޫކޮށްލައިފައި ގެއަށް ނުގޮސް މަޑުކުރެއެވެ. އެގޮތަށް އެއްރޭ އޮފީހުން ނުކުމެގެން ދިޔުމުގެ ކުރިން ހުދާގެ މޭޒުކައިރީގައި މަޑުކޮށްލައި ވާހަކަ ދައްކައިލަން ހުރެވުނީއެވެ. އެރޭ ނިމިގެން ދިޔައިރު ކަން ހިނގައި ދިޔަގޮތުން އަހަރެން ޖެހުނީ އޮފީހުގެ ސެކިއުރިޓީ ކެމެރާތަކުގެ ފީޑު ފޮހެލާށެވެ. އޭގެ ފަހުން ހުދާ ފެނުމުން އަހަރެންގެ ހިއްސުތަކުގައި އަލިފާން ރޯވާން ފެށިއެވެ. ނަމަވެސް އޭގެ ފަހުން އޮފީހުގެ ކަރާމާތް ނަގައިލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެން ކަމުން މި އެޕާޓްމަންޓު ކުއްޔަށް ހިފީއެވެ. މި އެޕާޓްމަންޓްއަކީ އަހަރުމެން ދެމީހުން ބައްދަލުވުމަށް އަހަރެން ހިފައިފައި ބަހައްޓާ އެޕާޓްމަންޓެކެވެ. މިތަނަށް ވަދެވޭނީ ހަމައެކަނި އަހަރެންނާއި ހުދާއަށެވެ.

"ދަނީ އެނގޭ،" އަހަރެން ތެދުވަމުން ބުނީމެވެ. އެވަގުތު ހުދާގެ މޫނުމަތިން ހިތްދަތިކަން ފެނިގެން ދިޔައެވެ. އޭނާ އަނެއް ފަރާތަށް އެނބުރި މޫނު ފޮރުވިއެވެ. އަހަރެން ހުދާގެ ކޮނޑުގައި ހިފައިލައިފައި އަހަރެންނާ ދިމާލަށް އަނބުރައިލީމެވެ.

"ހުދާ. ކިހިނެތްވީ؟" އަހަރެން އަހައިލީމެވެ.

"ކީތްވެ އެހާ އަވަހަށް ދާން ތިއުޅެނީ؟" ހުދާ އަހައިލިއެވެ.

"ބުނީމެއްނު މިރޭ މާލަކްއާ އެއްކޮށް ކާން ދާންޖެހޭ،" އަހަރެން ހަނދާންކޮށް ދިނީމެވެ.

"އޯ. މަލަކު ދޯ…" ހުދާ މާނޭވާއެއްލައިފައި ތެދުވިއެވެ. އޭނާގެ ރީތި އިސްތަށިގަނޑުން އޭނާގެ ވަނާތައް ނިވާވިއެވެ. އޭނާ އަވަސްކޮށްލައިފައި ހެދުން ލާން ފެށިއެވެ. އަހަރެންނާ ދިމާލަށް ބަލައިވެސް ނުލައެވެ.

"ހުދާ. ރުޅި އައީތަ؟" އަހަރެންނަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.

"ރުޅިއެއް ނާދޭ. އެކަމު އަހަރެން ބޭނުންވާ ގޮތަކީ މިއެއް ނޫން،" ހުދާ ބުންޏެވެ.

"އަހަރެން އެންމެ ފުރަތަމަވެސް ބުނިން ދޯ ހުދާ ކައިރީގައި…" އަހަރެން ވާހަކަ ދައްކަން ފެށިތަނާ ހުދާ އަހަރެންގެ ވާހަކަ މެދުކަނޑައިލިއެވެ.

"އާނ. ބުނި. އަހަރެން ގަބޫލުވެސް ކުރިން އެތައް ޒަމާނެއް ވަންދެން ކޮށްގެން އުޅުނު ކައިވެންޏެއް އެގޮތަކަށް ރޫޅައެއް ނުލެވޭނޭކަން. އެކަމަކު އޭގެ ފަހުން މިހާރު ކިހާ ދުވަހެއް މިވީ؟" ހުދާގެ އަޑުގައި ވަނީ ވޭނެވެ. އަހަރެންނަށް އުނދަގޫވާން ފެށިއެވެ.

"އަދި އެ ކަންތައް ނުވެފައެއް ނެތެއްނު ލޯބީ. ކެތްކޮށްލަބަލަ.." އަހަރެން ތެދުވެގެން ގޮސް ހުދާގެ ގައިގައި ބައްދާލަން މަސައްކަތްކުރީމެވެ. ނަމަވެސް ހުދާ އަހަރެން ދުރަށް ފޮޅުވައިލިއެވެ.

"ނޫން ނަދީމު. ދެން ނުވާނެ. ނަދީމަށް މިގޮތަށް އުޅެން ފަސޭހަ ވިޔަސް އަހަރެންނަކަށް މިގޮތެއް ފަސޭހައެއް ނޫނޭ. މިއީ ދުވަހަކުވެސް އަހަރެން އުޅެން ވިސްނި ގޮތެއް ނޫން. އަބަދު މިގޮތަށް ފިލައިގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން،" ހުދާ ބުންޏެވެ.

"ހުދާ ތިކިޔަނީ ކީކޭތަ؟" އަހަރެންނަށް ހުދާ އެ ބުނާ އެތި އޮޅުން ފިލަން ފެށިއެވެ. އެކަމަކު އަހަރެންގެ ހިތް އެކަންތައް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"މިބުނަނީ ދެން މި ގުޅުން އިތުރަށް ކުރިޔަށް ގެންދާކަށް ބޭނުމެއް ނޫނޭ. ނަދީމުގެ ހައްގަކަށް ހެދިއްޔާ ނޫނީ އަހަރެންގެ ފަރާތުން ލޯބީގެ އެއްވެސް އުފަލެއް ނަދީމަކަށް ދެނެއް ނުލިބޭނެ،" ހުދާ ވަރަށް ސީރިޔަސްކޮށް ބުންޏެވެ.

"ދެން ލޯބީ،" އަހަރެން އަނެއްކާވެސް ހުދާގެ ގައިގައި ބައްދައިލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ހުދާ ދުރަށް ޖެހިލިއެވެ.

"ނަދީމު ނިންމާނޭ ގޮތަކަށް ނިންމާ. އަހަރެން މާދަމާ އޮފީހުން ކެނޑެން ސިޓީލާނަން. އަދި މިރޭ މި އެޕާޓްމަންޓުގައި ހުރި އަހަރެންގެ ތަކެތި ގެންދާނަން،" ހުދާ އެހެން ބުނީ އަހަރެންގެ ލޮލަށް ސީދާ ބަލަން ހުރެގެންނެވެ. އޭނާ ހުރީ އޭނާގެ ނިންމުމުގައި ސާބިތުވެކަން އަހަރެންނަށް އެހިސާބުން އެނގުނެވެ.

"ތިއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެ!" އަހަރެން ހަރުކަށި އިބާރާތުން ބުނީމެވެ. "ކީއްވެގެންތަ ހުދާ އަހަރެންނަށް އިތުބާރު ނުކުރަނީ؟ އަހަރެން މިރޭ އެކަންތައް ނިންމާނަން. ނިންމައިފައި އަންނަން ދެން ހުދާ މިތާނގައި މަޑުކުރާތި. މިރޭ އަހަރެން ނިދާނީ ހުދާގެ ގާތުގައި."

"އަސްލު؟" ހުދާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ. އަދި ހުދާގެ ގައިގައި ބައްދައިލީމެވެ. އެ ހަށިގަނޑުން ލިބޭ އުފާތަކާ ނުލައި އުޅޭނޭ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ.

އެރޭ އަހަރެން ގެއަށް ދިޔައިރުގައި މަލަކު އިނީ ސިޓިންގްރޫމު ސޯފާގައެވެ.

"ތައްޔާރެއް ނުވަންތަ؟" އަހަރެން އަހައިލީމެވެ.

"މިރޭ އެހާ ބޭރަށް ދާހިތެއް ނެތް. ތަންކޮޅެއް ވަރުބަލި ދުވަހެއް،" މަލަކު ޖަވާބު ދިނެވެ.

"ކެއުމުގެ ކަންތައް އޮތީ ކިހިނެތް؟" އަހަރެން ސުވާލުކުރީމެވެ. އަހަރެން ވިސްނަމުން ދިޔައީ ކައިވެނި ނިންމައިލައި ވާހަކަ ދައްކާނޭ ދަނޑިވަޅަކަށެވެ.

"ކާއެއްޗަކަށް އޯޑަރުކޮށްގެން ގެނެސްފިން. ފެންވަރައިގެންތަ ކާނީ؟" އޭނާ ސޯފާއިން ތެދުވަމުން އަހައިލިއެވެ.

"ނޫނޭ. ހިނގާ މިހާރު ކަމާ،" އަހަރެން ގޮސް ކާ މޭޒުދޮށުގައި އިށީނީމެވެ. މަލަކުވެސް އައިސް މޭޒުދޮށުގައި އިށީނެވެ.

އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުން ކާން ފެށީމެވެ. އަހަރެންގެ ހިތް އަވަސް ވާން ފެށިއެވެ. ވަރީގެ ވާހަކަ ފައްޓާނީ ކިހިނެތްތޯ ވިސްނަން ފެށުނެވެ.

"މަލަކް.." އަހަރެން ކަރުކެހިލައިފައި ގޮވައިލީމެވެ.

"އޯ. ސޮރީ. ހަނދާންވެސް ނެތިފައި މި އިނދެވުނީ. އެބަ އަންނަން ނަދީމުގެ ބާރތްޑޭ ޕްރެސެންޓު ހިފައިގެން،" މަލަކު ކުއްލިއަކަށް އިންތަނުން ތެދުވެގެން އަހަރުމެންގެ ކޮޓަރިއަށް ވަނެވެ. ކުޑައިރުކޮޅަކުން އޭނާ ނުކުމެގެން އައިސް މޭޒުކައިރީގައި އިށީނދެ މޭޒުމަތީގައި އެއްޗެއް ބޭއްވިއެވެ. އަހަރެން އެއީ ކޯއްޗެއްތޯ ބަލައިލިއިރުގައި އެއީ ބަލިވެއިންތޯ ބަލައި ޓެސްޓުކިޓެކެވެ. އަހަރެން ކުޑަކޮށް ކޮސްވެފައި މަލަކްއަށް ބަލައިލީމެވެ. މަލަކް އަހަރެންނާ ދިމާލަށް ހީލިއެވެ.

"މިއީ..؟" އަހަރެން އަހައިލީމެވެ.

"ސާބަސް. ތި ބަލައިލަބަލަ،" މަލަކު އެހެން ބުނުމުން އަހަރެން ޓެސްޓުކިޓަށް ބަލައިލީމެވެ. އޭގެން ދެ ރަތްރޮނގު ފާޅުވާން ހުއްޓެވެ.

"އަސްލުވެސް؟ މަލަކު ބަނޑު ބޮޑީތަ؟" އަހަރެންގެ ހިތް ބާރުބާރަށް އުފަލުން ތެޅެން ފެށިއެވެ.

"އަސްލުވެސް. ހެޕީ ބާރތްޑޭ ލޯބީ،" މަލަކު ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަހަރެން އިނީ ބުނާނޭ އެއްޗެއް ނޭގިފައެވެ. އެތައް ޒަމާނެއް ވަންދެން ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައީއެވެ.

"މިއީ އަހަރެން އެންމެ ބޭނުންވި ހަދިޔާ އެނގޭ،" ކުރަކިވެފައިވާ އަޑަކުން އަހަރެން ބުނީމެވެ.

"އެނގޭ،" މަލަކު އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖައްސާލަމުން ޖަވާބުދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *