މި ހަފުތާގައި ޕާކިސްތާންގައި އަމިއްލައަށް މަރުވެގެން ގޮއްވައިލި ދެ ބޮމުގެ ހާދިސާއަކީ އަފްޣާނިސްތާން ރައްޔިތުން ދިން ހަމަލަައެއް ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
އެއް ބޮން ގޮއްވައިލީ އަފްޣާނިސްތާން ބޯޑަރު ކައިރީގައި ހުރި ކެޑޭޓުން ތަމްރީން ކުރާ ކޮލެޖެއް ކައިރީގައި ކަމަށް ވާއިރު ދެވަނަ ބޮން ގޮއްވައިލީ ވެރިރަށް އިސްލާމްއާބާދުގައި ކޯޓުތަކެއް ހުރި އަވަށެއްގައެވެ.
އިސްލާމްއާބާދުގައި ގޮއްވައިލި ބޮމުގެ ސަބަބުން 12 މީހުން މަރުވެ 27 މީހުން ޒަހަމްވިއެވެ. ޕާކިސްތާނުން ކުރިން ބުނީ އެ ހަމަލާގެ ފަހަތުގައި އިންޑިއާގެ އަތެއް ވާ ކަމަށެވެ.
ކެޑޭޓް ކޮލެޖަށް ދިން ބޮމުގެ ހަމަލާގައި ވަނީ ތިން ސިފައިން މަރުވެފައެވެ. އެއީ ބަޑީގެ ހަމަލާތަކެއް ވެސް ކޮލެޖަށް ދިނުމަށް ފަހުއެވެ.
"ބޮން ގޮއްވުމުގެ ދެ ހާދިސާގައި ވެސް ބައިވެރިވީ އަފްޣަނިސްތާން ރައްޔިތުން،" ޕާކިސްތާންގެ ދާހިލީ ވަޒީރު މުހްސިން ނަގްފީ (ފޮޓޯ) ވިދާޅުވިއެވެ.
ޕާކިސްތާން ސަރުކާރުން ބުނީ އަނިޔާވެރި މި ދެ ހަމަލާއިން އަލިއަޅުވައިލަނީ ހަނގުރާމަވެރި ހަރަކާތްތައް އިތުރުވަމުންދާ ދިއުން ކަމަށާއި ދެ ގައުމުގެ ދެމެދުގައިވާ ސުލްހަވެރިކަމަކީ ނާޒުކު ފައްތަރެއްގައި އޮތް ކަމެއް ކަމަށެވެ.



advertisment