ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ކޯޓުތައް ހުންނަ އަވަށުގައި މިއަދު ގޮއްވައިލި ބޮމާ ގުޅިގެން އިންޑިއާއާ ދެކޮޅަށް "ސްޓޭޓް އޮފް ވޯ" ނުވަތަ ހަނގުރައިމައިގެ ހާލަތު އިއުލާންކޮށްފިއެވެ.
އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި 12 މީހުން ވަނީ މަރުވެފައެވެ. އަދި 27 މީހުން ޒަހަމްވެފައެވެ. އެ އެންމެން ވެސް ތިބީ ކޯޓުތަކުގެ އަޑުއެހުންތަކަށް އިންތިޒާރުކޮށްގެންނެވެ.
ހަމަލާ ރޭވީ އިންޑިއާއިން ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ތުހުމަތު ކުރެއްވިއެވެ.
"މިއީ ސަރަހައްދުގައި އިންޑިއާގެ ދައުލަތުގެ އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ މިސާލުތައް. މިއީ މި ފަދަ ނުލަފާ ޖިނާއީ ރޭވުންތައް ދުނިޔެއިން ކުށްވެރިކުރަން ޖެހޭ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ޕާކިސްތާން މިހާރު އޮތީ "ސްޓޭޓް އޮފް ވޯ" ނުވަތަ ހަނގުރާމައިގެ ހާލަތެއްގައި ކަމަށް އިއުލާން ކުރެއްވީ ދިފާއީ ވަޒީރު ޚަވާޖާ އާސިފުއެވެ.
"ޕާކިސްތާންގެ ބޭރުގައި ތިބެގެން ހަމަލާ ދޭ ހަނގުރާމަވެރިންގެ އަމަލުތައް ނުހުއްޓުވައި ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ،" އޭނާ އިންޒާރު ދެއްވިއެވެ.
ހަމަލާ ދިން މީހާ މަސައްކަތް ކުރީ ކޯޓަށް ވަނުމަށާއި ނަމަވެސް ދެން ބޮން ގޮއްވައިލީ ފުލުހުންގެ ވެހިކަލެއް ކައިރީގައި ކަމަށް ދާހިލީ ވަޒީރު މުހްސިން ނަގްފީ ވިދާޅުވިއެވެ.
"މި ހާދިސާ އަހަރެމެން ތަފާތު ގޮތްގޮތަށް ތަހުގީގު ކުރަމުން އެބަގެންދަން. މިއީ އާދައިގެ ބޮން ގޮއްވުމެއް ނޫން. މި ކަން މި ކުރީ މި ތާ އިސްލާމްއާބާދުގައި،" މުހްސިން ވިދާޅުވިއެވެ.



advertisment