އަހަރެންގެ މަންމަ މި ދުނިޔެ ދޫކޮށްދިޔަ ދުވަހު ގޭތެރެއަށް އެއްވެ ތިބި އެންމެންގެ ތެރޭގައި ދެކެވެމުން ދިޔަ ވާހަކައަކީ އަހަރެން ބެލުމާ ހަވާލުވާނީ ކާކުތޯއެވެ. މަންމަ ފަރާތު އެންމެން ކިޔަމުން ދިޔައީ އެމީހުންނަށް އޭރުވެސް އުފުލަން ޖެހިފައިވާ ޒިންމާތަކުގެ ވާހަކައާއި އަހަރެން ބަލަން އެމީހުންނަށް ހަވާލުވާން އުނދަގޫ ވާނެ ވާހަކައެވެ. އެ ވަގުތު ދުރުގައި ހުރި ގޮނޑިއެއްގައި އެ އެންމެން ދައްކާ ވާހަކަ އަޑުއަހަން އިންއިރު އެ ވަނީ ކިހިނެތް ކަމެއް އަހަރެންނަކަށް އޭރު ނޭނގެއެވެ. އަހަރެން އޭރު ކަންކަން އެނގޭ ވަރަށް ވުރެން މާ ކުޑައެވެ. އުމުރުން އެންމެ ފަސް އަހަރެވެ. އަހަރެންނަށް ދެން ދުވަހަކުވެސް މަންމަ ނުފެންނާނެއޭ ބުނުމުން އެއީ ކީއްވެގެން ކަމެއްވެސް ނުވިސްނެއެވެ. މަރަކީ ކޯއްޗެއް ކަމެއް ނޭނގެއެވެ.
އެތަނުން އެއް ބޮޑުދައިތި އަހަރެންގެ ބެލުމާ ހަވާލުވެދާނަމޭ ބުނި އަޑުއެހީމެވެ. އެއީ އަހަރެންނަށް ދުވަހަކުވެސް ފެނިފައިނުވާ މީހެކެވެ. އަހަރެން ކައިރިއަށް އޭނާ އައިސް އޭނާއާ އެކުގައި ދާން ހިނގާށޭ ބުނުމުން އަހަރެން ބިރުން އިންކާރުކުރީމެވެ. ގޮނޑިން ތެދުވެގެން ގޮސް އެމީހުންގެ ތެރޭގައި ހުރި އަހަރެންގެ ބައްޕަގެ ފައިގައި އޮޅުލައިގަނެފައި ރޯން ފެށީމެވެ.
އެ ހުރިހާ އިރެއް ވީއިރުގައިވެސް އަހަރެންގެ ބައްޕަ ހުރީ އެ މީހުން ދައްކާ ވާހަކަ އަޑުއަހަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އަހަރެން އައިސް ބައްޕަގެ ފައިގައި ބައްދައިގަތުމުން ބައްޕަ އަހަރެންނާ އެއްވަރަށް ތިރިވެލިއެވެ. އަދިއަހަރެންގެ ލޮލުން ކަރުނަ ފޮހެލިއެވެ.
"ޔާސްމީން މި ދުނިޔެ ދޫކޮށް ދިޔަޔަސް އަހަރެންނަށް ރާހިލް ބެލޭނެ،" ބައްޕަ އެމީހުން ކައިރީގައި ބުންޏެވެ.
އެވަގުތު އެ އެންމެން އެކަމާ އިދިކޮޅުހަދައި ބައްޕައަށް ނަސޭހަތް ދޭން ފެށިއެވެ. އެކަނިހުރި މީހަކަށް ދަރިޔަކު ބެލޭނޭ ކިހިނެތްހޭ ކިޔައިގެން އެއްޗެހި ކިޔަން ފެށިއެވެ. ދޮންމަންމައެއް ގެނެސްގެން އަހަރެންގެ ދިރިއުޅުން ހަލާކުވާނޭ ވެސް ކިޔެއެވެ.
"ރާހިލްއާ ދޭތެރޭ ޔޫނުސް ވިސްނައިނަމަ ކަންތައް ކުރަން ވިސްނައިނީ ތިގޮތަކަށް ނޫން. އޭނާއަށް ކައްކައި ކާންދެނީ ކާކު؟ ސުކޫލަށްލައި ސުކޫލުން ބަލައިދާނީ ކާކު؟" އެތަނުން އެއް ބޮޑު ދައިތައަކު ފަތިވަރު އަމުނައިލިއެވެ.
"ޔޫނުސް ބޭނުންވަނީ ޔޫނުސް ފަދައިން ލިޔަންކިޔަން ނޭނގޭ މީހެއް ގޮތުގައި އެކުއްޖާ ބޮޑުކުރަންތަ؟" އެތަނުން އެހެން މީހަކު މަލާމާތުގެ ރާގަށް ބުނި އެތި އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެނެން ނުދެއެވެ. އެއީ އެހެން ބުނި ވަގުތު އަހަރެންގެ ބައްޕަގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު އަހަރެންނަށް ފެނުނެވެ.
"ރާހިލް ދާން ނެތިއްޔާ އޭނާ ގަދަކަމުން ގެންދާކަށް ނުވާނެ. އޭނާގެ ކަންކަން ބަލާނޭ ގޮތެއް ހޯދަން އަހަރެންނަށް ދޫކޮށްލާ،" ބައްޕަ ސާބިތުކަމާ އެކުގައި އެމީހުންނާ މުހާތަބުކުރިއެވެ.
މަންމައެއް ނެތި ބަފަޔަކު ދަރިޔަކު ބަލައިބޮޑުކުރުމަކީ އެތައް ބައިވަރު ގޮންޖެހުން ތަކެއް އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް އަހަރެންގެ ބައްޕަ އެކަމާ ކުރިމަތިލީ އެއްވެސް ޝަކުވާއެއް ނެތި، ހިތްވަރާ އެކުގައެވެ. އެ ދުވަހަށް ފަހު އަހަރެންގެ މަންމަގެ ތިމާގެ މީހުންގެ އަޅައިލުމެއް އެހާ ބޮޑަކަށް އަހަރުމެންނަކަށް ނުލިބެއެވެ. ބޮޑުވެގެން އައިރުގައި އެހެން މީހުންގެ ފަރާތުން އަހަރެންގެ މަންމައާއި ބައްޕަގެ ގުޅުމަށް އެމީހުން އޭރުވެސް ގަބޫލު ނޫން ވާހަކަ އިވުނެވެ. އެންމެ ބޮޑު ސަބަބެއް ކަމުގައި މީހުން ބުނަނީ އެއީ އަހަރެންގެ ބައްޕައަކީ "ތާކުންތާކުން ނުޖެހޭ މީހެއް" ކަމުގައި އެމީހުން ދެކޭތީ ކަމުގައެވެ. ބޮޑުވަމުން އައިއިރު އެގޮތަށް ބައްޕައާ މެދު މީހުން ދެކެނީ ބައްޕައަކީ ނުކިޔަވައި ހުރި މީހެއް ކަމަށް ވާތީކަން އެނގުނެވެ.
ބައްޕައަށް ނުކިޔެވުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެންމެ ފުރަތަމަ ގްރޭޑްތަކުގައި ސުކޫލުން ދޭ ފިލާވަޅުތަކުގައި އެއްވެސް މީހެއްގެ އެހީއެއް ނުލައި އަހަރެންނަށް ހެދެއެވެ. ނަމަވެސް ގްރޭޑް ދޭކާ ހަމައިން އަހަރެންނަށް ދީފައި ހުންނަ ބައެއް ފިލާވަޅުތައް ނޭނގިގެން ބައްޕައަށް ދެއްކުމުން އޭތި ކިޔަން އެތައް އިރެއް އިންނަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެންނަށް ބައްޕައަށް އެއްޗެހި ކިޔަން ދަތިކަން ފާހަގަވާކަން އެނގުމުން ބައްޕަ ބޭނުން ކުރަން ފެށީ މާ މޮޅު އުކުޅެކެވެ.
"ބައްޕައަށް ދަރިފުޅު މިއެއްޗެހި ކިޔާލެއް ވަރަށް ރީތި. އެހެންވެ ދަރިފުޅު ބައްޕައަށް ކިޔައިދީ. ކިޔައިދިނީމައި ބައްޕައާއި ދަރިފުޅާ ދެމީހުން ވެގެން ޖަވާބު ހޯދާނީ."
އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ސުކޫލުން އައިސް އަހަރެންނަށް ސުކޫލުން ދިން ހުރިހައި ފިލާވަޅެއް ބައްޕައަށް ކިޔައިދޭން ފެށީމެވެ. އަހަރެން ފަރިތަކޮށް ކިޔަން ފެށީމައި ބައްޕަ އަތްތިލަޖަހައި އެކަން ފާހަގަކޮށް ތަރި ސްޓިކަރތަކެއް ގަނެގެން އައިސް ގޭގެ ދޮރުގައި ހިތްޕައިދޭން ފެށިއެވެ. އެގޮތަށް މީހަކަށް ފިލާވަޅު ކިޔައިދޭން ފެށުމުން އަހަރެންނަށް ފިލާވަޅު ފަހުމުވާން ފަސޭހަވިއެވެ.
ފިލާވަޅު ހެދުމުގެ އިތުރުންވެސް އަހަރެން ބޮޑަށް ލިޔެކިޔުމަށް ޝައުގުވެރި ކުރުވުމަށް ބައްޕަ ގެއަށް ނޫސް މަޖައްލާ ފަދަ ތަކެތި ގެއަށް ގެންނާނެއެވެ. އެކި ރާގުރާގަށް އަހަރެން ލައްވާ އޭއްޗެހި ކިޔުއްވައި ހަދާނެއެވެ. އެއް ދުވަހު އޭގެ މަޖައްލާއަކުން ކީ ހަބަރެއްގެ މައްޗަށް އިތުރު މައުލޫމާތު އެއްކޮށްގެން، ތަންކޮޅެއް ތަފުސީލުކޮށް މަޒުމޫނެއް ލިޔެފައި ބައްޕައަށް ކިޔައިދިނުމުން ބައްޕަގެ ލޮލުން ކަރުނަ އައިތަން ފެނުނެވެ.
އޭގެ ދެތިން ހަފުތާ ފަހުން ބައްޕަ އައިސް އަހަރެންނަށް ދިއްކޮށްލީ ސިޓީއެކެވެ. އެއީ އެއްކަލަ މަޖައްލާގައި އޮތް ހަބަރު ލިޔުނު ލިޔުންތެރިޔާގެ ސިޓީއެކެވެ. އޭތި ބައްޕައަށް އަޑު އިވޭ ވަރަށް ކިޔައިލަދޭށޭ ބުންޏެވެ. އޭގައި ވަނީ އަހަރެންގެ ލިޔުން ކިޔައިފައި އޭނާ ވަރަށް އުފާވި ވާހަކައާއި އަހަރެންނަކީ މުސްތަގުބަލުގައި ލިޔުންތެރިޔެއް ކަމުގައި ފެންނާނޭ ކަމަށް އޭނާ އުންމީދުކުރާ ވާހަކައެވެ. އެ ސިޓީގައި ލިޔެފައިވާ އެތި ކިޔަމުން ދިޔައިރު އަހަރެންނަށް ވުރެން އުފާވީ ބައްޕައެވެ. ފަހުން އަހަރެންނަށް އެނގުނީ އެއީ އަހަރެންގެ ބައްޕައާ ސައިހޮޓަލުން ދިމާވެ ފެނިދެނެވި ގުޅުން ބަދަހިވެފައިވާ މީހެއް ކަމެވެ. އަހަރެންގެ ލިޔުން ކިޔައިލަބަލާށޭ ކިޔައިގެން އެތައް ދުވަހެއް އެމީހާ ކައިރީގައި ބައްޕަ އެދުނު ކަމަށް ވެއެވެ.
މަތީ ގްރޭޑުތަކަށް ދިޔުމުން ބައެއް މާއްދާތައް ނަގައިގަންނަން އަހަރެންނަށް އުނދަގޫވާން ފެށިއެވެ. އެއްރޭ ފިލާވަޅު ހަދާ މޭޒުކައިރިން ނުތެދުވެ ފޮތަށް ބަލަހައްޓައިގެން ހާސްވެފައި އެތައް އިރެއް އިންނަން ފެށުމުން ބައްޕަ އަހަރެން ކައިރީގައި ކައިގެން ގޮސް އަލުން ފިލާވަޅު ހެދުމަށް ނަސޭހަތްތެރިވިއެވެ. އަހަރެން ކާނީ ފަހުން ކަމުގައި ބުނުމުންވެސް ބައްޕަ ކުރެއް ނުކުރިއެވެ.
"މާ އުނދަގޫ ފިލާވަޅަކީތަ ދަރިފުޅާ؟" ބައްޕަ އަހައިލިއެވެ. އަހަރެން އަނގައިން ނުބުނެ އިނީމެވެ. ބައްޕައާ ހެދި އުނދަގޫވާން ފެށިއެވެ.
"ދަރިފުޅު ތި ފިލާވަޅު އެއްކަލަ ގޮތަށް ބައްޕައަށް ކިޔައިދޭންވީނު؟ އޭރުން ފަހަރެއްގައި އެނގިދާނެ،" ބައްޕަ ކުޑަކޮށް ސަމާސާ ރާގަކަށް ބުންޏެވެ.
އެވަގުތު އަހަރެން ގާތަށް ރުޅި އައެވެ. ކިޔަވައިގެން އެއްޗެއް އޮޅުންފިލައިފައިވާ ބައްޕައެއް އަހަރެންނަށް ލިބުނު ނަމައޭ ފުރަތަމަ ފަހަރަށް ހިތަށް އެރިއެވެ.
"މީތި ކިޔައިދީގެން ބައްޕައަށް އެނގޭނެތަ؟" އެހެން ބުނުމާ އެކު އަހަރެން ދެރަވިއެވެ. ބައްޕަގެ މޫނުމަތިން އެވަގުތު ފެނުނު ލަދުވެތިކަމުން އަހަރެންގެ ހިތް ފުނޑުފުނޑުވިއެވެ. ބައްޕަ އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރި ކޮންމެވެސް އެހެން ކަމަކައިގެން އުޅެން ފެށިއެވެ. އަހަރެން އިސްދަށަށް ޖަހައިގެން އެއްޗެކޭ ނުބުނެ އެތައް އިރެއް ވަންދެން އިނީމެވެ. އެރޭ ނިދަން ވަރަށް އުނދަގޫ ވިޔެއެވެ.
އޭގެ އަނެއް ދުވަހު އަހަރެން ފިލާވަޅު ހަދަން އިންދާ ބައްޕަ ގެއަށް އައީ އަހަރެންނަށް ވުރެ މަތީ ގްރޭޑެއްގައި އުޅޭ ކުއްޖެއް ގޮވައިގެންނެވެ. އޭނާއަކީ އަހަރެންނަށް ސުކޫލުގެ ބައެއް ހަފުލާތަކުން ފެނިފައިވާ ކުއްޖެކެވެ. މޮޅު ކުއްޖެކެވެ.
"ދަރިފުޅާ މީ ހަމީޒް. މީގެ ފަހުން ކޮންމެ ރެއަކު ހަމީޒު އަންނާނެ ދަރިފުޅަށް އުނދަގޫ ފިލާވަޅުތައް ކިޔައިދޭން،" ބައްޕަ ބުންޏެވެ.
ހަމީޒުގެ އެހީތެރިކަން ލިބެން ފެށުމުން އަނެއްކާ އަހަރެންގެ ކިޔެވުމުގެ ކަންކަން ހަމަޔަކަށް އެޅުނެވެ. ނަމަވެސް އޭގެ ފަހުން އެގަޑީގައި ބައްޕަ ގެޔަކު ނުހުރެއެވެ. ހަމީޒު އަންނަ ހިސާބުން ބައްޕަ ގެއިން ނައްޓައިލައެވެ. ދެން އެނބުރި އަންނަނީ ޓިއުޝަން ނިމުމުންނެވެ. ސުކޫލު ނިންމި ފަހުން ކޮންމެވެސް މީހެއް ފަރާތުން އަހަރެންނަށް އެނގުނީ ހަމީޒު އަހަރުމެންގެއަށް ކިޔަވައިދޭން ފޮނުވަން ހަމީޒުގެ މަންމަ އެއްބަސްވީ އެގަޑީގައި އަހަރެންގެ ބައްޕަ ގޮސް، އެ ގޭތެރޭ ނުވެފައި ހުންނަ މަސައްކަތް ކޮށްދޭ އުސޫލުންނެވެ.
އަހަރެންގެ ކިޔެވުމުގައި އެއްވެސް އުނދަގުލެއް ނޫޅޭކަން އެނގުމުން ބައްޕަގެ ކަންބޮޑުވުންތައް ފިލައިގެން ދިޔަކަން އެނގުނެވެ. އަހަރެންގެ އަމިއްލަ ލިޔުންތައް ލިޔެގެން ބައްޕައަށް ކިޔައިދޭ ކޮންމެ ދުވަހަކު ބައްޕަ އުފަލުން ފޮޅޭނެއެވެ. ގްރޭޑު ނުވައެއްގައި އުޅެނިކޮށް ނޫސް މަޖައްލާއަކަށް ޕާޓްޓައިމަށް ލިޔުމުގެ ފުރުސަތު ބައްޕަ މަސައްކަތް ކޮށްދީގެން ދަންނަ މީހެއް ކައިރީގައި ބުނެގެން ހޯދައިދިނެވެ. އެ ދުވަހުގެ ފަހުން އަހަރެންގެ ލިޔުމެއް ނޫހުގައި ޝާއިއުކުރާ ކޮންމެ އާޓިކަލެއް ކަފައި ފްރޭމުކޮށް ގޭގެ ފާރުގައި އަޅުވައިއެވެ. ފަހުން އަހަރެން ލިޔާ އެއްޗެހި ގިނަވާން ފެށުމުން ހުރިހާ އެއްޗެއް ކަފައި ރީޗަށް ލެމިނޭޓުކުރި ފައިލަށް ލާފައި ބަހައްޓައެވެ.
ބައްޕަ އުންމީދުކުރި ގޮތަށް އަހަރެން ވީ ގައުމުގައި ނަންވިދައިލައިގެން ދިޔަ ލިޔުންތެރިޔަކަށެވެ. އުމުރުން 40 އަހަރު ވީއިރު އަހަރެންގެ އެތައް ފޮތެއް ޝާއިއު ކުރެވިއްޖެއެވެ. ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރާ މީހެއްގެ ގޮތުގައި މީހުންގެ ތެރެއަށް މަޝްހޫރު ވެއްޖެއެވެ.
މިއަދު އަހަރެންނަށް މިއަހަރުގެ ލިޔުންތެރިކަމުގެ އެވޯޑު ލިބޭކަން އެނގުނެވެ. އެ ހަބަރު ލިބުމުން ހުރިހައި ކަމެއް ހުއްޓައިލައިފައި އަހަރެން ވަގުތުން އައީ ގެޔަށެވެ. އަހަރެންގެ އަނބިމީހާ އޭރު އުޅެނީ ބަދިގޭގައި ކައްކާށެވެ. އެހާ އަވަހަށް ގެއަށް އައުމުން އޭނާ ހުރީ ހައިރާން ވެފައެވެ. އަހަރެން ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ.
ބައްޕަ ކޮޓަރީގެ ހުރިހާ ފާރެއްގައި ހަރުކޮށްފައި ހުރީ އަހަރެން ލިޔުނު ލިޔުންތަކެވެ. ފާރުކައިރީގައި ބަހައްޓައިފައި ހުރީ ކުރީގައި އަހަރެން ފިލާވަޅު ހަދަން އިންނަ މޭޒެވެ. އެ މޭޒުމަތީގައި ހުރީ އަހަރެން ކިޔެވި ފޮތްތަކެވެ. އަދިވެސް އެއިން އެއްވެސް އެއްޗެއް އެއްލައިލާކަށް ބައްޕަ އެއްބަހެއް ނުވެއެވެ.
ބައްޕަ އޮތީ އެނދުމަތީގައެވެ. އަހަރެން ވަނުމުން ލޯ ހުޅުވައިލައިފައި ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އޭގެ އަހަރުތަކެއްގެ ކުރިން ކުއްލި ސްޓްރޯކެއް ޖެހިގެން ބައްޕަގެ އެއްފަޅިން ވަނީ ވާގި ނެތިފައެވެ. އެހެން ކަމުން މިހާރު ބައްޕައަކަށް ވާހަކަ ދައްކައެއް ނެހެދެއެވެ. އާދަވެގެން ކޮންމެ ދުވަހަކު މަސައްކަތް ނިންމައިފައި އަހަރެން ބައްޕަ ކައިރިއަށް އައިސް އިންނަމެވެ. ބައްޕައަށް އަހަރެން ލިޔާ އެއްޗެހި ކިޔައިދިނުމަށެވެ. އަހަރެންނަށް އަލަށް ދަސްވި އެއްޗެއް ވިޔަސް މިހާރުވެސް ކިޔައިދެމެވެ. އަހަރެންނާ އެކީގައި އަހަރެންގެ ކުޑަ ދަރިފުޅު ޔޫސުފް ވެސް ކާފައަށް ވާހަކަ ކިޔައިދޭން އަންނާނެއެވެ. އެއީ ކޮންމެ ދުވަހެއްގެ އެންމެ އުފާވެރި ހިނދުކޮޅެވެ.
"ބައްޕާ. މިއަހަރުގެ ލިޔުންތެރިކަމުގެ އެވޯޑު ލިބެނީ ބައްޕަގެ ރާހިލްއަށް،" ބައްޕަގެ އަތުގައި ހިފައިލައިފައި އަހަރެން ބުނީމެވެ. އެވަގުތު ބައްޕަގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ލޮލުން ކަރުނަ ފޫއްދައިލިއެވެ. އެ ވަގުތު އަހަރެންގެ ހަނދާނަށް އައީ އޭގެ އެތައް އަހަރެއް ކުރިން އަހަރެންގެ މަންމަ މަރުވި ދުވަހު ބައްޕައާ ދިމާލަށް މަންމަގެ ތިމާގެ މީހަކު ބުނި އެއްޗެވެ.
"ޔޫނުސް ބޭނުންވަނީ ޔޫނުސް ފަދައިން ލިޔަންކިޔަން ނޭނގޭ މީހެއް ގޮތުގައި އެކުއްޖާ ބޮޑުކުރަންތަ؟"
މިއަދާ ހަމައަށް ވެސް އަހަރެންގެ ބައްޕައަށް ނުކިޔެވުނީ ކޮން ހާލަތެއް މެދުވެރިވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އެ ލިޔަން ކިޔަން ނޭނގޭ ބައްޕަގެ މިންނަތް މަސައްކަތުން މިއަދު ގައުމީ ފެންވަރުގައި އަހަރެންގެ ނަން ފެވިގެން ދަނީއެވެ. އެ މަލާމާތުގެ ބަސްތައް ބައްޕައަށް ރައްދުކުރި މީހުންނަށް އެނގެނީ ކޯއްޗެއްބާއެވެ؟ އަހަރެންގެ ހަޔާތުގައި ދެއްވި އެންމެ ބޮޑު ނިއުމަތަކީ އަހަރެންގެ ލޯބިވާ ބައްޕައެވެ. އަހަރެންގެ ލިޔަން ކިޔަން ނޭނގޭ ލޯބިވާ ބައްޕައެވެ.



advertisment