Support Us

އީނާމްގެ ހިތްވަރުގަދަ ވާހަކަ

މިއީ ގާނާއަށް އުފަން އީނާމް ހެއިކިންސްގެ އާދަޔާ ހިލާފު ވާހަކައެކެވެ. ބާރު ނުފޯރުވޭ ކަންކަން ގަބޫލުކޮށް ދުނިޔެއަށް ހިތްވަރެއްގެ ގޮތުގައި އޭނާ ނުކުތް ވާހަކައެވެ.

އީނާމްގެ އުމުރުން ހަތް އަހަރުގައި އޭނާގެ އަތުން ހުދު ލައްތަކެއް ފެނުނެވެ. ޑޮކްޓަރުންނަށް ދެއްކުމުން އެއީ ވިޓިލިގޯ ކިޔާ އޮޓޯއިމިއުން ބައްޔެއް ކަމަށް ބުންޏެވެ. ދިވެހިން މި ބައްޔަށް ހުދުބައްޔޭ ކިޔައެވެ. މިބަލި ޖެހުމުން މީހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ހަމުގެ ކުލަ އުފައްދާ ސެލްތަކަށް ހަމަލާދީ މަރައިލަން ފަށަނީއެވެ. އެހެންކަމުން ހުދު ލައްތަކެއް މުޅި ހަށިގަނޑުގައި ފެތުރެން ފަށަނީއެވެ. މިކަމަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ވިޓިލިގޯގެ ސަބަބުން އީނާމްގެ ހަޔާތުގެ ކުރީކޮޅު ހޭދަކުރަން ޖެހުނީ އުނދަގުލާއި ތަކުލީފުގައެވެ. އޭނާގެ މުޖުތަމައުގައި މި ބަލީގެ އަސްލު އެނގޭ މީހުންނެއް ނޫޅެއެވެ. ގިނަ މީހުން ގަބޫލުކުރީ މިއީ ގައިންގަޔަށް ފެތުރޭ، ނުރައްކާ ބައްޔެއް ކަމުގައެވެ. އެހެން ކަމުން އޭނާގެ ކުލާސް ކުދިންވެސް އޭނާއާ ކައިރިވާން ޖެހިލުންވިއެވެ. އޭނާއަށް ދިރިއުޅެން މަޖުބޫރުވީ އެންމެނާ އެކަހެރިކޮށެވެ.

ފުރާވަރަށް އަޅައި ބޮޑެތިވެގެން އަންނަ ކުދިން އަނެއް ޖިންސުގެ ކުދިންނާ ގުޅުން ބަދަހިކުރަން އެދޭ ފަދައިން އީނާމްގެ ހިތުގައިވެސް އަނެއް ޖިންސުގެ ކުއްޖަކާ ރައްޓެހިވުމުގެ ހިޔާލު އުފެދުނެވެ. ނަމަވެސް މީހުންނާ ރައްޓެހިވުން ވެގެން ދިޔައީ އޭނާއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވި ކަމަކަށެވެ. އޭނާއާ ރައްޓެހިވާން ބޭނުންވާ މީހުން ވަރަށް މަދެވެ. އަދި ރައްޓެހިވާ މީހުން އާންމުންގެ ތެރެއިން އޭނާއާ އެކުގައި އުޅޭތަން ފެންނާކަށް ބޭނުމެއް ނުވެއެވެ. އޭނާ ގޮވައިގެން ކާން ދަނީ އަނދިރި، ފޮރުވިފައިވާ ކަޑަތަކަށެވެ. މި މީސްމީހުންގެ އަމަލުތަކުގެ ސަބަބުން އޭނާގެ ހިތުގައި އަމިއްލަ ނަފުސާމެދު ނިކަމެތި އިހުސާސްތައް އުފެދި އަމިއްލަ ނަފުސު ދެކެ ފޫހިވާގޮތް ވިއެވެ.

ނަމަވެސް މިއަދު ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ވިޓިލިގޯގެ ސަބަބުން ފާޑުކިޔުންތަކުގެ ޝިކާރައަކަށް ވެފައިވާ އީނާމްގެ ހަޔާތް ބަދަލުވެއްޖެއެވެ. މިއަދު އޭނާއަކީ މަޝްހޫރު ފެޝަން މޮޑެލްއެކެވެ. އެއް އިރެއްގައި މީހުން އޭނާ އެކަހެރިކޮށްލުމަށް ބޭނުންކުރި އުޒުރު މިއަދު ވަނީ އޭނާގެ ނަސީބަށް ބަދަލުވެފައެވެ.

މިކަމުން ކުރިމަގު ހޯދުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ އޭނާގެ ބައްޔާ މެދު އޭނާ އަމިއްލައަށް ދެކޭ ގޮތް ބަދަލުކުރަން މަސައްކަތް ކުރުމެވެ. އީނާމްއަށް އެކަކު އޭނާ ބަލައިނުގަތަސް އަމިއްލަ ނަފުސާ އެއްކޮށް ދިރިއުޅެވޭނޭ އެ ނޫންގޮތެއް ނެތްކަން ވިސްނުނެވެ. މިއަދު ކެމެރާތަކުގެ ކުރިމަތީގައި އެކި ގޮތްގޮތަށް ޖެހިލުމެއް ނެތި ޕޯސްކުރާ އިރު، އެއްއިރެއްގައި މީހަކާ ހަތަރުކަޅި ހަމަކުރަން ބޭނުންނުވިކަން އޭނާގެ ހަނދާނަކުން ނުދެއެވެ. ނަމަވެސް އޭނާގެ ވިސްނުން ބަދަލުކުރަން އޭނާ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟

ވިޓިލިގޯއާ މެދު އީނާމް ދެކޭ ނަޒަރިއްޔާތު ބަދަލުވާން ފެށީ ސުކޫލު ނިންމައިފައި ނަރުހުންގެ ސްކޫލެއްގައި ކިޔަވަން ފެށުމުންނެވެ. އެ ސުކޫލުގައި އޭނާ ވިޓިލިގޯއާ ބެހޭ ގޮތުން އަމިއްލައަށް ހޯދައިގެން ދަސްކުރަން ފެށިއެވެ. އޭނާއަށް ހޯދުނު މައުލޫމާތުތަކުން އޭނާގެ ބައްޔަކީ އޭނާ ގޯސްވެގެން ޖެހިފައިވާ ބައްޔެއް ނޫންކަން ވިސްނި ދުނިޔޭގައި އޭނާ ފަދައިން މި ބަލި ތަހައްމަލުކުރާ އެތައް ބަޔަކު ތިބިކަން އެނގުނެވެ. އެހިސާބުން އޭނާގެ ހިތަށް ފިނިކަން ލިބެން ފެށިއެވެ.

"އަހަރެންނަށް ލިބުނު މައުލޫމާތުން އެނގުނު އަހަރެންގެ ހަމުގެ ހާލަތު ދެން ކުރިން ހުރި ގޮތަށް ރުޖޫއަވާކަށް ނެތްކަން. އެހެންވެ އެ ހާލަތު އޭގެ ޒާތުގައި ގަބޫލުކުރަން އަޒުމު ކަނޑައެޅީ. އެ ހިސާބުން އަހަރެންގެ ހުރިހާ ކަމެއް ބަދަލުވެގެން އައީ. އަހަރެން ހިނގާ ގޮތާއި، މީހުންނާ ކުރިމަތިލާ ގޮތް ބަދަލުވެގެން އައީ ހީވެސް ނުކުރާ ގޮތްގޮތަށް،" އީނާމް މީޑިއާތަކާ ހިއްސާކޮށްފައިވެއެވެ.

އީނާމް އޭނާގެ ހާލަތު ބަލައިގަންނަން ނިންމިތާ ދުވަސްކޮޅެއްގެ ތެރޭގައި ފެޝަން މޮޑެލިން އޭޖެންސީއެއްގެ ލޮލުގައި އޭނާ އަޅައިގެންފިއެވެ. މޮޑެލްކުރަން އީނާމް ވިސްނީ އޭނާ ފަދައިން ވިޓިލިގޯ ތަހައްމަލުކުރާ އެހެން މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭނާގެ މުޖުތަމައިން އޭނާ އެކަހެރިކޮށް ބާކީކޮށްލި ފަދައިން އެހެން މީހަކަށް ކަންތައް ނުވުމުގެ އުއްމީދުގައެވެ. މިހާ މުއާސަލާތީގޮތުން ތަހުޒީބުވެފައިވާ ޒަމާނެއްގައިވެސް އަދިވެސް ވިޓިލިގޯއާ މެދު މީހުންގެ ހޭލުންތެރިކަން ކުޑަކަން އީނާމް ފާހަގަކުރެއެވެ.

"މިހާރުވެސް އަހަރެންގެ ބައެއް ފޮޓޯތައް ފެނިގެން މީހުން މެސެޖުކޮށްފައި އެބަ އަހާ އަހަރެންނަކީ އަލިފާނުގެ ހާދިސާއެއްގައި އަނދައިފައިވާ މީހެއްތޯ. ނޫނީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްތޯ،" އީނާމް މީޑިއާތަކާ ހިއްސާކުރިއެވެ. "މީހުން ހޭލުންތެރިވާން އެބަ ޖެހޭ ވިޓިލިގޯ އަކީ ކިހިނެތް ވާ ކަމެއްކަން. މި ކަމުގެ ހަގީގަތް ނޭގި މިކަމާ މެދުގައި ނުރަގަނޅުކޮށް އަމަލު ކުރެވޭތީ އަހަރެން ކަހަލަ ކިތައް މީހުން އެކަހެރިވާން ޖެހިއްޖެ؟ އަހަރެން ބޭނުމެއް ނުވޭ އެއްވެސް މީހަކަށް އަހަރެންނަށް ކުރިމަތިލާން ޖެހުނު ކަންތައްތަކާ ކުރިމަތިލާކަށް."

މިއަދު އީނާމްއަށް 34 އަހަރެވެ. އޭނާގެ އާދަޔާ ހިލާފު ވާހަކައިން ހިތްވަރު ލިބިގަންނަ އެތައް ބަޔަކު އުޅެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް