Support Us

ވާހަކަ: އިހުސާންތެރިޔާ

"ޝައުނާ. ޝަރީފުބެ އެދިލައްވައިފި ޝައުނާއާ ބައްދަލުކޮށްލަން. މިކޮޅަށް އާދެވޭނެތަ؟" ފޯނުން އާދިލު ބުންޏެވެ.

އަހަރެން އޭރު އުޅުނީ އަހަރެންގެ ބޮޑު ދަރި އަރުހަމުގެ ޔުނިފޯމު އިސްތިރިކުރާށެވެ. އާދިލު ބުނި އެތި އަހައިފައި ފުންނޭވާއެއް ލީމެވެ. އާދިލްއާ އަހަރެންނާ ދެމެދު ވާ ގުޅުން ނެތިގެން ދިޔަތާ އެތައް އަހަރެކެވެ. ދެމީހުންވެސް މިހާރު އެހެން މީހުންނާ އިނދެގެން ދަރިން އެބަތިއްބެވެ.

އާދިލުގެ އާއިލާގެ އެހެން މީހަކު އަހަރެންގެ ކައިރީ ބައްދަލުކޮށްލަން ބޭނުންވޭ ބުނިނަމަވެސް އެކަމަށް އަހަރެން އިންކާރުކުރާނަމެވެ. ނަމަވެސް އޭނާގެ ބޮޑުބޭބެ ޝަރީފު އެކަމަށް އެދުމުން އިންކާރުކުރާނޭ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އޭގެ ދެ ދުވަހެއް ކުރިން އަހަރެންގެ އާއިލާ މީހެއްގެ ފަރާތުން ޝަރީފުބެ ހޮސްޕިޓަލުގައި ބާއްވައިފިކަން އެނގުނެވެ. ކޮން ސަބަބަކާ ހެދިގެން ކަމެއް ނޭނގެއެވެ. އަހަރެން އޮޅުން ފިލުވާކަށް އެހާ ބޮޑަކަށް މަސައްކަތެއް ނުކުރި ނަމަވެސް އޭގެ ފަހުން ކުރި ހުރިހައި ނަމާދެއްގައި އޭނާއަށް ހެޔޮދުއާ ކުރީމެވެ. އަހަރެންގެ ހަޔާތުގެ އެންމެ ބަނަ ދުވަސްތަކުގައި އޭނާ ވެދިން އިހުސާންތެރިކަން އަހަރެން ހަނދާނަކުން ދުވަހަކުވެސް ނުދާނެއެވެ.

އަހަރެންނާއި އާދިލާ ދެމީހުން ކައިވެނިކުރީ ވަރަށް ޅަ އިރުގައެވެ. ހަމަ ސުކޫލު ނިންމިތާ ކައިރީގައެވެ. އާދިލުގެ އާއިލާ މީހުން އަހަރުމެންގެ ކައިވެންޏަށް ގަބޫލެއް ނޫނެވެ. އަހަރުމެން އެކުގައި އުޅެން ފެށިތާ ދެތިން މަސްނުވެ އަހަރެން ބަލިވެއިނދެއްޖެއެވެ. އޭރުވެސް އަހަރެންނާ އާދިލްއާ ދެމެދުގައި ގިނަ މައްސަލަތައް ޖެހެން ފަށައިފިއެވެ.

އެންމެ ފުރަތަމަ ނޫރާ ދުނިޔެއަށް އުފަންވެގެން އަހަރުމެން އުޅެން ޖެހުނީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. އަހަރެންގެ އާއިލާ މީހުން ތިބީ ރަށުގައެވެ. އެހެން ކަމުން އެމީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އާދިލުގެ އާއިލާ މީހުންގެ އެއްވެސް އަޅައިލުމެއް ނުލިބެއެވެ.

އެހެން އުޅެފައި ޝަރީފުބެއާ އޭނާގެ އަންހެނުން ރައުފާ ހަފުތާއަކު އެއްފަހަރު އަހަރުމެންގެ ގެޔަށް އަހަރުމެން ދެމައިންގެ ހާލު ދެކިލަން އަންނަން ފެށިއެވެ. އެ ދެމެފިރިން ނޫރާއާ އެކުގައި ކުޅެ ހަދައެވެ. އެދެމީހުން ކައިވެނި ކޮއްގެން އުޅޭތާ އެތައް އަހަރެއް ވީއިރުގައިވެސް ދަރިންނެއް ނުލިބެއެވެ. އެހެން ކަމުން ނޫރާވީ އެމީހުންގެ "ޕްރިންސަސް"އެވެ. ވަކި ހިސާބަކުން އާދިލުކައިރިން ވަރިވެގެން ރަށަށް ދިޔުމުގެ ހިޔާލާ ދުރުވީ އެ ދެމެފިރިންނާ ނޫރާ ވަކި ނުކުރާންވެގެންނެވެ.

ޝަރީފުބެއަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. އޭނާގެ މަސް ބޭރުކުރާ ކުންފުނިން އާދިލަށް ވަޒީފާއެއް ހަމަޖައްސައިދިނެވެ. މިކަމުގެ ސަބަބުން އަހަރުމެންގެ އަތްމަތި ތިޔާގި ވިޔެއެވެ. އޭގެ އިތުރުން ނޫރާއަށް ކުރަން ޖެހޭ ހުރިހައި ހަރަދެއް ރައުފާއްތަ މެދުވެރިކޮށް ޝަރީފުބެ ދިޔައީ ކޮށްދެމުންނެވެ. ނޫރާ އެދުނު ކޮންމެ ކަމެއް އެ ދެމެފިރިން ތިބެނީ ކޮށްދޭން ތައްޔާރަށެވެ.

ނޫރާގެ އުމުރުން ނުވަ އަހަރަށް އަޅައިލިއިރުގައި އޭނާއަކީ ބޮޑުވެގެން ވަރަށް ރީތި ވާނޭ ކުއްޖެއްކަން އެނގެން ފަށައިފިއެވެ. ފަން ދިގު އިސްތަށިގަނޑަކާ، ރަތްދޮންކުލައިގެ ހަންގަނޑެކެވެ. ހިތެއްގެ ބައްޓަމަށްވާ މޫނެކެވެ. ދިގު އެސްފިޔަތަކެއް ވަށައިލައިފައިވާ ރީތި ލޮލެކެވެ. އޭނާގެ އުމުރާ ބަލައިފައި އިސްކޮޅުން ދިގެވެ. ފެންނަ ފެނުމަށް އޭނާގެ އުމުރަށް ވުރެން ބޮޑު ވައްތަރު އެ އުމުރުގައި އޭނާގެ ކިބައިގައި ޖަހަން ފަށައިފިއެވެ. އޭނާ ގޮވައިގެން ސުކޫލަށް ހިނގައިފައި ދާއިރުގައި ފުރާވަރުގެ ފިރިހެން ކުދިންނާ އެއަށް ވުރެން ބޮޑެތި މީހުންވެސް އޭނާއާ ދިމާލަށް ބަލަން ފަށައިފިއެވެ.

"ޝައުނާ އޭނާއަށް ވަރަށް ރަނގަޅަށް ބަލައްޗޭ،" މިވާހަކަ އެއްދުވަހަކު ޝަރީފުބެއާއި ރައުފާއްތަ ގޭގައި ތިބި ގަޑިއެއްގައި އަހަރެން ދެއްކުމުން ޝަރީފުބެ ނަސޭހަތްދިނެވެ.

ނޫރާ އަހަރުމެންނަށް އަބަދަށް ގެއްލުނީ އާދިލުގެ ފަރުވާކުޑަކަމުންނެވެ. އެއްރޭ ސުކޫލުގެ ޑްރާމާ ޕްރެކްޓިސް ނިމޭ ގަޑިއަށް ނޫރާ ސުކޫލުން ނަގަންދާން އާދިލު ފަރުވާކުޑަ ކޮށްލީއެވެ. އޭނާގެ އުޒުރަކަށް ވީ އެގަޑީގައި އޭނާ އުޅުނީ މަސައްކަތުގެ ތެރޭގައި ބޮޑުކަމެއް ނިންމުމުގައި ކަމަށެވެ. އޭނާ ނޫރާ ބަލައިދިޔައީ ޑްރާމާ ޕްރެކްޓިސް ނިމުނުތާ އެއް ގަޑިއިރު ފަހުންނެވެ. ދިޔައިރުގައި ނޫރާއެއް ނެތެވެ.

އެ ހިސާބުން އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ. ނޫރާ ހޯދަން ކުރި ހުރިހައި މަސައްކަތްވީ ބޭކާރެވެ. އޭނާގެ ސުކޫލު ރަހުމަތްތެރިން ބުނިގޮތުގައި އެމީހުންނަށް ފެނުނީ ނޫރާ ސުކޫލުން ބޭރަށް ނުކުތްތަނެވެ. އޭނާ ދިޔައީ ކާކާ އެކުގައި ކަމެއް ނޭގެއެވެ.

އޭގެ ފަހުން އެތައް ދުވަހެއް ވަންދެން އަހަރެންނަކަށް ނުނިދެއެވެ. މީހާ ޑިޕްރެޝަނަށް ދިޔައެވެ. ޝަރީފުބެއާ ރައުފާއްތަގެ ހާލަކީވެސް އެއީއެވެ. ނޫރާ ގެއްލުނު ފަހުން ޝަރީފުބެއަށް އަހަރުމެންގެ ގެޔަށް ވަނުން ހުއްޓައިލިއެވެ. އޭނާގެ ހިތަށް ނޫރާ ނެތްކަން ބަލައިގަންނަން ކެތްނުވަނީއެވެ. އެތައް ދުވަހެއް ވަންދެން އާދިލާ ވާހަކަ ނުދައްކަ އޭނާ ހުއްޓެވެ. ދަރިއަކު ނުލިބި ހުރެފައި ދަރިކުލުނު ޖެހުނު ކުއްޖާ ގެއްލުމުން ވާނީ އެހެންތާއެވެ.

ރައުފާއްތަ ގިނަ ވަގުތު ހޭދަކުރީ އަހަރުމެންގެ ގޭގައި އަހަރެންނަށް ހިތްވަރުލައިދިނުމުގައެވެ. އާދިލުގެ އާއިލާ އެހެން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ހަމްދަރުދީގެ ނަޒަރަކުން ބަލައިވެސް ނުލައެވެ. ގެއްލިގެން އުޅުނީ އެމީހުންގެ އަމިއްލަ ލޭކަމެއް އެމީހުންގެ އަމަލުތަކަކުން ނޭނގެއެވެ.

އަހަރެންގެ ހާލު ގޯސްވާން ފެށުމުން ޝަރީފުބޭގެ ހަރަދުގައި އާދިލާ އެކުގައި ނަފުސާނީ ފަރުވާކުރަން އަހަރެން އިންޑިއާއަށް ފޮނުވިއެވެ. ދެން ނޫރާ ނުފެންނާނޭ ކަމަށް އަހަރުމެން ނިންމީ އެއް އަހަރު ފަހުންނެވެ. އެހިސާބުން ދެން އިތުރަށް އަހަރެން އާދިލާ އެކުގައި އުޅޭކަށް ބޭނުމެއް ނުވިއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ނޫރާ ގެއްލުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހެނީ އާދިލެވެ. އާދިލު ކައިރިން ވަރިވެގެން އަހަރެން ރަށަށް ބަދަލުވީމެވެ. އޭގެ ފަހުން މީހަކާ އިނދެގެން ދެ ކުދިންވެސް ލިބިއްޖެވެ. އެކުދިން ބޮޑެތިވެސް ވެއްޖެއެވެ.

މިހާރު ނޫރާ ގެއްލުނުތާ 15 އަހަރުވީއެވެ. ވަރަށް ފަހާ ޖެހެންދެންވެސް ރައުފައްތަ ނޫރާގެ ކޮންމެ އުފަން ދުވަހަކު ގުޅައިގެން ވާހަކަ ދައްކައި ހަދައެވެ. ނޫރާއަކީ އެއް އިރެއްގައި ދުނިޔޭގައި އުޅުނު ކުއްޖެއްކަންވެސް ހަނދާނުގައި ހުރީ އެ ދެމެފިރިންނެވެ. ނަމަވެސް ރައުފާއްތަ މީގެ ދެ އަހަރު ކުރިން ނިޔާވެއްޖެއެވެ. ރައުފައްތަގެ މަރަށް ފަހު އަހަރެންނާ އާދިލުގެ އާއިލާއާ އޮތް ގުޅުން އެއްކޮށް ކެނޑުނީއެވެ.

"ހުސެން ކައިރީގައި އަހައިފައި އަހަރެން ވަކި ގޮތެއް ނިންމާނަން،" އާދިލު ކައިރީގައި އަހަރެން ބުނީމެވެ. އަހަރެންގެ ހިތުގައި ޝަރީފުބެއާ ދޭތެރޭ ކުލުނުވެއެވެ. ރައުފައްތަ ދުނިޔޭ ދޫކޮށް ދިޔަފަހުން ޝަރީފުބެ ބޭރުތެރެއިން ވަރަށް ނުފެންނަ ވާހަކަ މީހަކު ބުންޏެވެ.

ހުސެން އެރޭ ގެއަށް އައުމުން އާދިލުގެ ފޯނުކޯލުގެ ވާހަކަ ބުނީމެވެ. ހުސެން ލަފާ ދިނީ އަހަރުމެން ދެމީހުން މާލެއަށް ދަތުރެއް ކުރާށެވެ. އޭނާއަށް އަހަރެންގެ ހަޔާތުގައި ޝަރީފުބޭއާއި ރައުފައްތަ ކުޅުނު ރޯލު އެނގެއެވެ. އެހެންކަމުން ބަލި އެނދުގައި އޮވެ ދެކިލަން އެދުމުން އެ އެދުން ބޮލައިލާ ނުޖެހުމަށް ހުސެން ނަސޭހަތްތެރިވިއެވެ.

އޭގެ ދެ ދުވަސް ފަހެވެ. އަހަރެންނާއި ހުސެން ހޮސްޕިޓަލަށް ދިޔުމުން އާދިލު އަހަރުމެންނާ ބައްދަލުކޮށް ޝަރީފުބެ ކައިރިއަށް ގެންދިޔައެވެ. ހިނގާފައި ދިޔަ މަގުމަތީގައި ޝަރީފުބެގެ ބަލީގެ ވާހަކަ އާދިލު ކިޔައިދިނެވެ. ކުއްލިއަކަށް ސިކުނޑީގައި ދުޅަވެ ފަޅައިގެން ދާން ކައިރިވެފައިވާ ލޭނާރެއް ހުރިކަން އެނގުނީއެވެ. އެކަން ރަނގަޅު ކުރުމަށް ކުރެވޭނޭ ކަމެއް ނެތްކަމުގައި ޑޮކްޓަރުން ބުންޏެވެ. ޝަރީފުބެ ދުނިޔެ ދޫކޮށް މިއަދުވެސް ނުދާނޭ ކަމުގެ އުންމީދެއް ނެތެވެ.

އަހަރުމެން ޝަރީފުބެ ބާއްވައިފައި އޮތް ކޮޓަރިއަށް ވަތްއިރުގައި ޝަރީފުބެއަށް އޮތީ ނިދިފައެވެ. އަހަރުމެން ވަނތްތާ ކުޑަ އިރުކޮޅެއް ފަހުން ޝަރީފުބެ ލޯ ހުޅުވައިލައިފިއެވެ. އޭނާއަށް އަހަރެން ފެނުމުން ފެންކަޅިވިއެވެ. އަދި ތުރުތުރުއަޅައި އަތަކުން ކައިރިއަށް އައުމަށް ހަނާ އެޅިއެވެ. އަހަރެން ކައިރިވެލައިފައި އޭނާގެ އަތުގައި ހިފައިލީމެވެ. ޝަރީފުބެ ލޮލުން ހޯސްލައިފައި ކަރުނަ އޮހެރެމުން ދިޔައެވެ.

"ޝައުނާ… މަގޭ ނޫރާ..،" ޝަރީފުބެގެ ކުރަކިވެފައިވާ އަޑު އިވެނީ ކިރިޔަކިރިޔާއެވެ. އަހަރެން ފެންކަޅިވިއެވެ. މަރު އައިސް ޖެހުމުންވެސް އޭނާގެ ހަނދާނުގައި ވަނީ އޭނާ ދަރިޔެއް ފަދައިން ދެކެމުން އައި ނޫރާއެވެ. ކައިރީގައި ހުރި އާދިލަށް އަހަރެން ބަލައިލީމެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ހަރަކާތެއް ނެތެވެ. އެއީ ނޫރާގެ އުފަން ބައްޕައެވެ. އޭނާ ނުކުރާ ހިތާމަ އޭނާގެ ތިމާގެ މީހާ އެހާ ދުވަހަށް ފަހު ކުރާތަން ފެނުމުން އޭނާ ލަދެއް ނުގަނޭ ހެއްޔޭ އަހަރެން ހިތަށް އެރިއެވެ.

އަހަރުމެން އެދުވަހު އެތަނުން ނުކުމެގެން ގެއަށް ދިޔަތާ ދޮޅުގަޑިއިރު ތެރޭގައި އާދިލު ގުޅައިފައި ޝަރީފުބެ ނިޔާވި ވާހަކަ ބުންޏެވެ. އަހަރެންނާއި ހުސެން ނިންމީ އޭނާގެ ޖަނާޒާގައި ބައިވެރިވެފައި ރަށަށް ދާށެވެ. އޭގެ އަނެއް ދުވަހު ޖަނާޒާއަށް ފަހުގައި ރަށަށް ދާން ތައްޔާރީތަކުގައި އުޅެނިކޮށް ނުދަންނަ ނަންބަރަކުން އަހަރެންނަށް ކޯލެއް އައެވެ. އެއީ ޝަރީފުބޭގެ ވަކީލެވެ.

"ޝަރީފުގެ ވަސިއްޔަތުގައި ޝައުނާ ހިމަނައިފައިވޭ. މިކޮޅަށް އާދޭ ސޮއިކޮށްލަން ޖެހޭ އެއްޗެހީގައި ސޮއެ ކޮށްލަން،" ވަކީލު ބުނި އެތިން އަހަރެން ސިހުނެވެ. ޝަރީފުބެގެ ހިތުގައި އަހަރެންނާ މެދު ވަރަށް ބޮޑަށް ކުލުނުވާކަން އެނގުނެވެ. އެ ވާހަކަ އާދިލު ގާތުގައި ގުޅައިފައި ބުނީމެވެ.

"ޝަރީފުބެއާއި ރައުފައްތަ ނޫރާދެކެ ވާ ލޯބި ޝައުނާ ދެކެވެސް ވާތީދޯ އެގޮތަށް ކަންތައް ކުރީ،" އާދިލު ބުނިގޮތުގައި އެގޮތަށް ޝަރީފުބެ ކަންތައް ކުރުމުން އެއްވެސް އާއިލާ މީހެއްގެ ޝަކުވާއެއް ނޯންނާއެވެ.

އަހަރެންނާއި ހުސެން ވަކީލާ ބައްދަލުކޮށް އެ ވަސިއްޔަތުގައި އަހަރެންނަށް ހަވާލުކުރަން އަންގައިފައިވާ އެއްޗެއްސާ ހަވާލުވި ކަމަށް ލިޔުންތަކުގައި ސޮއި ކުރީމެވެ. އެ ވަސިއްޔަތުގައި ވަނީ އަހަރެންނަށް ހީވެސް ނުކުރާހާ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް އެދިފައެވެ. އަދި މާލޭގެ މުއްސަނދި ސަރަހައްދަކުން ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ލިބޭ ވާހަކައެވެ. އަހަރެންނާއި ހުސެން ތިބީ އާޝޯހުވެފައެވެ.

"ހަމަ ބައްޕައެއް ކަހަލަ މީހެއް ދޯ؟" ހުސެން އަޖައިބުވެފައި ބުންޏެވެ.

ވަކީލު އަހަރެންނަށް ޝަރީފުބެ ދޫކުރި އެޕާޓްމަންޓުގެ އެޑްރެސް ބުނެދިނުމަށް ފަހު ތަޅުދަނޑި ހަވާލުކުރިއެވެ. ހުސެންގެ ހިޔާލަކީ އެ އެޕާޓްމަންޓު ކުއްޔަށް ދިނުމަށް ފަހުގ ރަށަށް ދިނުމަށެވެ. އެހެން ކަމުން އެ އޮފީހުން ނުކުމެގެން އެ އެޕާޓުމަންޓު ހޯދައިގެން އެތަނަށް ދިޔައީމެވެ. އެއީ މާލޭގެ މެދުގައި ހުރި ބޮޑު އިމާރާތެކެވެ.

"މިތަން ހާދަ ރަނގަޅު އަގަކަށް ކުއްޔަށް ދެވޭނޭ ދޯ؟" ހުސެންނާ ދިމާލަށް އެނބުރިލައިފައި އަހަރެން ބުނީމެވެ. އެތަން ކުއްޔަށް ނުދީވެސް އަހަރުމެންގެ ދިރިއުޅުން ރަނގަޅަށް އުޅެވޭނެހައި ލާރި ޝަރީފުބެ އޮތީ އަހަރެންނަށް ދޫކޮށްފައެވެ. އެންމެ ދުވަހަކުން މުޅި މީހާގެ ނަސީބު ބަދަލުވީއެވެ.

އަހަރެންނަށް ދޫކޮށްފައިވާ އެޕާޓްމަންޓު ހުރީ އެ އިމާރާތުގެ އަށް ވަނަ ބުރީގައެވެ. ތަޅުދަނޑިން ދޮރުހުޅުވައިލި ތަނާ ގޭތެރެއިން ޓީވީގެ އަޑު އިވުނެވެ.

"ބަޔަކު މީހުންނަށް ކުއްޔަށް ދީފައި ހުރި އެޕާޓްމަންޓެއްބާ؟" ހުސެން ކުޑަކޮށް ޖެހިލުންވެފައި ހުރެފައި ބުންޏެވެ.

"ވެދާނެ. ހިނގާދޯ އެމީހުންނާ ބައްދަލުވެލައިފައި ވީގޮތް ކިޔައިދޭން،" އަހަރެން ބުނީމެވެ.

ދޮރުހުޅުވާލައިފައި އަހަރެން ސަލާން ގޮވައިލީމެވެ. އެއީ ވަރަށް ރީތި، ވަރަށް ބޮޑު އެޕާޓްމަންޓެކެވެ. ބަދިގެތެރޭގައި ނޭޕާލް އަންހެނެއް ކައްކަން ހުރިތަން ފެނުނެވެ. ނުދަންނަ ބަޔަކަށް ވީމައި އޭނާ އަހަރުމެންނާ ދިމާލަށް ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލައިލިއެވެ.

"މެޑަމް،" އޭނާ ހުރިތަނުގައި ހުރެފައި ގޮވައިލިއެވެ. "ކޮންމެވެސް މީހަކު އަތުވެއްޖެ."

"ކާކު؟" ގޭތެރެއިން ވަރަށް ރީތި އަންހެނަކު ނުކުތެވެ. އޭނާގެ ފަހަތުން 10 އަހަރަށް ދާ ކުޑަ ފިރިހެން ކުއްޖެއްވެސް ނުކުތެވެ.

"މަންމާ މިއީ ކޮންބައެއް؟" އެ ފިރިހެން ކުއްޖާ އޭނާގެ މަންމަ ކައިރީގައި އެހިއެވެ.

އެވަގުތު އަހަރެން އަނބުރައިގަނެގެން ވެއްޓުނީއެވެ. އަހަރެން ހަބަރު ހުސްވެގެން ވެއްޓެންދިޔަ ގަޑީގައި ސިކުނޑިއަށް އައީ އެންމެ ހިޔާލެކެވެ. އެ ނުކުތް އަންހެން މީހާއަކީ އަހަރެން ގެއްލިގެން އެހާ ދުވަސް ވަންދެން ހޯދަމުން ދިޔަ ދަރިފުޅު ނޫރާއެވެ. އޭނާއަށް މަންމާއޭ ކިޔައިފައި މުހާތަބުކުރި ފިރިހެން ކުއްޖާގެ ސޫރަ ޝަރީފުބެއާ އެއްވެސް ތަފާތެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *