ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަނުކުރައްވައިފިއެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި ދަފްތަރު ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒާއި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.
މީގެ ތެރެއިން ނާސިހަކީ މިހައިތަނަށް އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.



advertisment