އަޙްމަދިއްޔާ ސްކޫލަކީ މާނަފުން ތާރީޚަކާއި ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދައިފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަޙްމަދިއްޔާގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަޙްމަދިއްޔާ އަކީ، ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ތަޢުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ ޢިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުޞަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ. އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން ކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ. އެގޮތުން ދިވެހި ޤައުމަށް ފާރަވެރިވެ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ދިރިއުޅުމުގައި ޤަދަރާއި ޢިއްޒަތް ލިބި، މަތިވެރި އަޚްލާޤާއި ހެޔޮވިސްނުންތެރިކަމާއެކު ލިބިފައިވާ ޢިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ "ބްރިލިއަންސް ޓީޗަރ" އަދި "ބެސްޓް އޯވަރޯލް ޓީޗަރ" އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި "ބެސްޓް އޯލްރައުންޑް" ޙާސިލްކުރި ތިން ދަރިވަރުންނަށްވެސް އިނާމު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.
އިނާމު ދިނުމުގެ ޖަލްސާއަށްފަހު މެޑަމް ސާޖިދާ ވަނީ އެ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވައިފައެވެ.



advertisment