ދިރިއުޅުމުގައި އެތަކެއް އަހަރުތަކެއް އެކުގައި ވޭތުކުރުމަށްފަހު، މިއަދު އަހަރުމެން ވަކިވުމަށް ތައްޔާރުވާން މިފެށީ، ދެމީހުންނަށް ވެސް މިއީ އެންމެ ރަނގަޅު ގޮތްކަމަށް އެއްބަސްވެގެންނެވެ. މިއީ އަހަރެން އެދޭ ގޮތެއް ނޫނޭ ދެން ކަލާ ކައިރީގައެއް ނުބުނާނަމެވެ. އެހެން ބުނެގެން ވާނޭ ފައިދާއެއް މިހާރަކު ނެތެވެ. މިނޫން ގޮތަކަށް ދެން މިކަންތަކެއް ނުވާނެއެވެ. އަހަރުމެން އެކަކު އަނެކަކާ ނުލައި ހިނގައިތާ ވަރަށް ދުވަސް ވެއްޖެއެވެ. ވަރަށް ޒަމާން ވެއްޖެއެވެ. އެއް ގެއެއްގައި އުޅޭ އިރުގައި ހަތަރުކަޅި ހަމަނުވެ އެތައް މަހެއް ހިިނގައްޖެއެވެ. އެއް އެނދެއްގައި ނިދަން ދެމީހުން ދެފަރާތަށް ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ.
އެކަމަކު މިހާރުވެސް އަރާއިރާއެކު، މި ހަޔާތުގައި ހުންނަން އަހަރެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔޭ ހިތަށް އަރައެވެ. މި ސުވާލު ބައެއް ފަހަރު އަހަރުމެންގެ ލޮލާއި ލޯ ދިމާވާ ވަގުތު، ކަލާގެ މޫނުމަތިން އަހަރެންނަށް ފެންނަ ކަހަލައެވެ. ނަމަވެސް ކަލާގެ މޫނުމަތިން ފެންނަނީ، "މި ގުޅުން ކަނޑައިލަން އަހަރެން ނިންމީ ކީއްވެގެންތޯ" މި ސުވާލު ކަންނޭނގެއެވެ. މި ސުވާލަށް ދޭނޭ ޖަވާބެއް އަހަރެންނަކަށް ނޭނގެއެވެ. ދޭ ޖަވާބުން އަނެއްކާ އުފެދޭނީ އެހެން ސުވާލެކެވެ. ޖަވާބެއް ނުލިބޭނޭ ސުވާލެވެ.
އަހަރެން ކިޔާ ފޮތްތަކާއި ކަލާ ބަލާ ފިލުމުތަކުގައި ފެންނަ ލޯބީގެ ވާހަކަތަކާ، އަސްލާ އަޅާ ނުބައްދަލުކަން ވަރަށް ކުރިން ވަނީ އެނގިފައެވެ. މި ކަހަލަ އޮޅުންބޮޅުން ތަކެއްގެ މައްޗަށް ބިނާވެފައިވާ ދިރިއުޅުމެއް ފޮތަކުންވެސް، ފިލުމަކުންވެސް ފެނިފައެއް ނުވެއެވެ. އެކަހަލަ ވާހަކައެއް ފެނިފައި ވާނަމަ މިއަދު އަހަރުމެން ތިބޭނީ އެކަކު އަނެކަކާ ދުރަށް ދާން ތައްޔާރީތައް ވާން ނޫންކަން ނޭނގެއެވެ. މިއީ ގައިމުވެސް ދުވަހަކުވެސް އަހަރެން ނިންމައިލަން ބޭނުންވި ގުޅުމެއް ނޫނެވެ.
މި ގުޅުން ފެށި ދުވަސްކޮޅެއް ވޭތުވުމުން، މީހުން ކައިރީގައި ބުނަން ފެށީމެވެ. ކަލާތީ އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އާދެވުނު ރައްކާތެރިކަމުގެ އައްސޭރިއެވެ. ނަމަވެސް ތީ އެހާ ރައްކާތެރި މަންޒިލެއް ނަމަ، އެހެން މަންޒިލެއް ހޯދުމަށް އަހަރެން ދަތުރުކުރަން ނިންމީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބެއް އަހަރެންނަކަށް ނޭނގެއެވެ. ބައެއް ފަހަރު މި ހުރިހާ ކަމެއް ވެ ނިމިގެން މިދަނީ މާ އަވަހަށޭ ވެސް ހިތަށް އަރައެވެ.
މިއަދު ދެމީހުންގެ ގުޅުން ނިމި އުޅެމުން ގެންދިޔަ ދިރިއުޅުން ރޫޅައިލައި ކަރުދާސް ފޮށިތަކެއްގައި އެއްޗެހި ބަންދުކުރަމުން ދާއިރު، އަހަރުމެން ދެން އެކަކު އަނެކަކަށް ނުދައްކާނޭ ޖަޒުބާތުތައްވެސް ބައިވަރު ހުންނާނެއެވެ. އެކަންތައް ހިތުގައި ވަންހަނާ ކުރަނީ ދެން އެ ޖަޒުބާތުން އަނެއް މީހާއަށް އަސަރުކުރުވައިގެން ވާނެ ފައިދާއެއް ނެތީމައެވެ. ޖަޒުބާތުތައް އެއް ފަރާތްކޮށްފައި އަމިއްލައަށް ބުނެދެނީ މި ނޫން ގޮތެއް ނެތް ކަމަށެވެ. އެކަމަކު އެއީ މުޅިއަކުން ހަގީގަތެއް ނޫނޭ ކަލާ ބުނާނެއެވެ.
ތެދެކެވެ. ދެމީހުންނަށް ވަކި ނުވެ އުޅެވެން އޮތެވެ. އެއީ ކަލާތީ ކަލާކަން ޤަބޫލުކޮށްގެން އުޅުނު ނަމަ މިގުޅުން ދެމި އޮތީހެވެ. ކޮންމެ ކަމެއް ވަރިހަމަވެފައި ހިތްހަމަޖައްސާލައިގެން ހުރި ނަމަ މިކަން ނުނިމުނީހެވެ. ނަފުސުގެ އެދުންތައް އެއްފަރާތްކޮށްފައި ދެ މީހުންނަކީ އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ އާދައިގެ ދެ ރަޙްމަތްތެރިންގެ ގޮތުގައި އުޅެމުން ދިޔަ ނަމަ މިތަން ދޫކޮށް ދެތަނަކަށް ދާކަށް ނުޖެހުނީހެވެ. މިގޮތަށް ދިރިއުޅެން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އަމިއްލަ ނަފުސަށް ކަލާ ކައިރިން ދުރަށް ގޮސްގެން ލިބޭނެ ވަކި އުފަލެއް ނޯންނާނެ ކަމަށް ބުނެދިނީމެވެ.
ނަމަވެސް އަމިއްލަ އެދުން އެއްފަރާތްކޮށްފައި ހޯދާ ދިރިއުޅުމެއްގައި އެއްވެސް މަޞްލަޙަތެއް ނުވާނެކަން އަހަރެންނަށް ޤަބޫލުކުރަން އެންމެ ފަހުން މަޖުބޫރުވިއެވެ. އެތައް ކަމެއް ހިތުގައި ނުބުނެ ބާއްވައިގެން އުޅެފައި ދެން ކެތްނުވާ ހިސާބަށް ގޮސްގެން އެއްޗެއް ބުނާ ވަގުތު އަހަރުމެންގެ މެދަށް ކަލާ ވެރިކުރުވާ ހަނުހިމޭންކަން އަހަރެންގެ ކަންފަތް ފަޅާލައެވެ. އެ ހަނުހިމޭންކަން ފޫދިފައި ވަދެގަންނަނީ އަހަރެންގެ ނަފުސުގެ ތެރެއަށެވެ. އެ ހަނުހިމޭންކަމުގައި އަހަރެންގެ ހިތާއި ސިކުނޑި ފުނޑުފުނޑު ކޮށްލިއެވެ. އެ ހިމޭންކަން ފޫއަޅުވައިލާފައި އަނެއްކާ ކަލާއާ ގުޅުން ބަދަހިކުރެވިދާނެ އިޝާރާތެއް ފެނޭތޯ އަހަރެން އާދޭސް ކުރީމެވެ. ސަލާން ޖެހީމެވެ.
އެ ހިމޭންކަމުން ނުކުމެވޭ އޮންނަނީ އެންމެ ގޮތެކެވެ. އެކަން ފަހުން އަހަރެންނަށް އެނގުނެވެ. އެއީ، އަހަރެންނަށް ކުށެއް ކުރެވިއްޖެކަން ޤަބޫލުކޮށް މަޢާފަށް އެދުމެވެ. އޯގާތެރިކަމަށް އެދި ކައިރިކޮށްލަން އެދެވުނީތީ- މަޢާފަށް އެދުމެވެ. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ކުޑަ ވަގުތުކޮޅަކަށް ވާހަކަ ދައްކައިލަން އެދެވުނީތީ- މަޢާފަށް އެދުމެވެ. ކަލާގެ ކުރިމަތީގައި މި ޒިންމާ އަހަރެން ނަގަމެވެ. ނަމަވެސް އަމިއްލަ ނަފުސަށް މިއީ ހަމަ އެކަނި އަހަރެން އުފުލަންޖެހޭ ޒިންމާއެއް ނޫންކަން ބުނެދެމެވެ. އެއީ ކޮންމެހެން ކަލާ ދެކެ ރުޅި އައިސްގެންނެއް ނޫނެވެ. އަމިއްލަ ނަފުސަށް ތެދުވެރިވުމުގެ ނިޔަތުގައެވެ.
މިކަމުގައި ކަން ވީގޮތް އަހައި އެމީހުން ކައިރީގައި ކިޔައިދޭކަށް ބޮޑު މަޒުމޫނެއްގެ ވާހަކައެއް ނެތެވެ. ކޮންމެ މީހަކަށް ވެސް ދެނީ ތިން ޖުމްލައިގެ ޚުލާޞާއެކެވެ. ދެމީހުންގެ ގުޅުން ފެށުނެވެ. ދެމީހުންނަށް އެކުގައި ނޫޅެވޭނެކަން އެނގުނެވެ. ދެމީހުންގެ ގުޅުން ނިންމައިލީމެވެ. ސަބަބަކީ މި ދިރިއުޅުމުގެ ޙަޤީޤަތުގެ ކުޑަ ބައެއް ކިޔައިދިނަސް އެމީހުންގެ ހިތުގައި ދެން އުފެދޭނޭ ސުވާލުތައް މާގިނަވާނެއެވެ.
އަހަރެން ކަލާ ހެދި ހުރިހާ ގޮތަކަށް ފުދިގެން ހުރީ ކީއްވެގެން ހެއްޔެވެ؟ ޖިސްމަށް ލޯބި ދިނުމަކީ ބައިވެރިއެއްގެ ވާޖިބުތަކުތެރެއިން ވާކަމެއް ނޫން ހެއްޔެވެ؟ އެވާޖިބު އަދާކުރަން އެދުނީމާ، އެ ގޮތަށް ހަނުހުރުމުން މަޢާފަށް އެދި ގުޅުން އަލުން ރަނގަޅުކުރަން މަސައްކަތް ކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފުސަށް އޯގާތެރި އަހަރެން ނުވީ ކީއްވެ ހެއްޔެވެ؟ މި ގުޅުމަށް ޓަކައި އަމިއްލަ ނަފުސުގެ ޙުރުމަތް ކަނޑައިލީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު އަހަރެންނަށް އެނގެއެވެ.
އެއްފަހަރު ކަލާ އަހަރެން ކައިރީގައި އެހި ހަނދާން ވެއެވެ. އެއްވެސް މީހެއް އަހަރެންނާ ގާތްކަން އުފެއްދުމަށް ފުރުސަތު ނުދެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މިއީ އެވެ. އަހަރެންނަށް އެއްޗަކާ ގާތްވުމަށްފަހުގައި އެއްޗެއް ދުރަށް ޖައްސައިލުން އުނދަގޫވާތީއެވެ. ނޭގޭތީއެވެ.
ކަލާގެ ހިމޭންކަމުން އަހަރެންނަށް އަނިޔާ ލިބެމުން ދިޔައިރުގައިވެސް، ނިދާއިރުގައި ކަލާ ނޭވާލާ އަޑު އިވުމުން އަހަރެން ހަމަޖެހެއެވެ. ކަލާ ފޯނުން އެހެން މީހަކަށް ޖަވާބުދޭ އަޑު އިވުމުން އަހަރެންނާ ވާހަކަ ނުދެއްކިޔަސް، އަހަރެންގެ ކަންބޮޑުވުން ފިލައިގެން ދެއެވެ. އަހަރެންނާ ކަލާޔާ ޖެހިފައިވާ މައްސަލަތަކުގައި މާޔޫސްވެފައި ދުނިޔެއިން ބޭގަރާރުވެފައި ހުރެފައިވެސް، އަލުން ދިރިއުޅެން ހިތްވަރެއް ދެނީ މި ޙަޔާތަށްޓަކައި އަހަރެން އަދާކުރަން ޖެހިފައިވާ ޒިންމާތަކެވެ. ކޮންމެ ދުވަހެއް ފެށި ނިމޭއިރު ކަލާއާ އަހަރެންގެ މި ދިރިއުޅުން ދޫކޮށްނުލައި ބާރަށް ހިފަހައްޓަން، އެ ދިރިއުޅުމުގެ ބަރުގައި އަހަރެން ގެނބި ގަރަގުވަމުން ދިޔައިރުވެސް އަހަރެން މަސައްކަތް ކުރީމެވެ. މީހުންނާ ގާތްވާން ބިރުގަންނަނީ މިހެން ވެގެންނެވެ. އަހަރެންގެ ސަލާމަތީ މަންޒިލް ނުރައްކާތެރި ކަނޑަކަށް ވީއިރުގައި އަހަރެންނަކަށް ނޭނގުނެވެ. ނުފެނުނެވެ. ނުވިސްނުނެވެ. ގާތް ކުރީމައި މިތުރުން ހަތުރުންނަށް ވާއިރުގައި އަހަރެންނަކަށް ނޭގެއެވެ.
އެހެންވީމާ މިއަދު މި ދިރިއުޅުން ނިންމައިލާއިރުގައި އެންމެންގެ ކައިރީގައި ކުށްވެރިއަކީ އަހަރެންނޭ ބުނާކަށް އެހާ ދައްޗެއް ނޫނެވެ. މިއީ އެތަކެއް ދުވަހަކު އަހަރެން ފަރިތަކޮށްފައިވާ ރޯލެކެވެ. މި ގުޅުން ވީރާނާވީ ކަލާ ދޭ އެއްޗަކަށް ވުރެން އިތުރަށް އަހަރެންނަށް އެދެވުނީތީއެވެ. ކަލާ ދޭ އެއްޗަކަށް ފުދިގެން ނުހުރީ އަހަރެންގެ ކުށުންނެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މި ގުޅުން ނިމިގެން ދިޔުމުގެ ޒިންމާގެ ހަތަރުބައިކުޅަ އެއްބައި ބުރަ ކަލާ އުފުލިޔަސް ކަލާގެ ބުރަކަށި ބިނދޭނެއެވެ. އެއީ ކަލާއަށް އުފުލަން އާދަވެފައިވާ ޒިންމާއެއް ނޫނެވެ. އެކަމަކު ދެން ދިރިއުޅުމެއް ފެށިޔަސް ރަނގަޅުކުރަން ޖެހޭ ކަމެއް އެނގޭނީވެސް އަމިއްލަ މައްސަލައަކީ ކޮބައިކަން ގަބޫލުކޮށްގެންނެވެ. ކަލާއަށް ކަލާގެ މައްސަލަ ފެށޭ ހިސާބާ ނިމޭ ހިސާބު ވެސް ނޭނގެއެވެ. އެކަން ކަލާއަށް ބުނެދިނުމަކީ އަހަރެންގެ ޒިންމާއެއް ނޫނެވެ.
އެނގޭ ހެއްޔެވެ؟ ކަލާވެސް ތިއީ އަހަރެން ކަހަލަ މީހެކެވެ. ކިތަންމެ ނޫންކަމަށް ހެދިގެން އުޅުނަސް ކަންބޮޑުވާ ވަގުތުގައި އަހަރެން ހުރިތަނަކުން ހޯދައިގެން އަހަރެން ފެންނަ ހިސާބުގައި އިންނަނީ ކީއްވެގެންކަން އެނގެއެވެ. އެހެން އުޅެލައިފައި ކަލާއަށް ވަރަށް މީރު އެއްޗެއް ކައްކައިދޭށޭ ބުނަނީ ކީއްވެގެން ކަން އަހަރެންނަށް އެނގެއެވެ. ހިތްދަތި ފިލްމެއް ބަލާއިރުގައި އަހަރެން ކައިރީގައި އިންނަން ބޭނުންވަނީ ކީއްވެގެން ކަން އެނގެއެވެ. ރީތި ލަވައެއް މިހާރުވެސް ނުކުންނަ އިރަށް އަހަރެންނަށް ލިންކުކުރަނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. ކަލާ ތިއީ އަހަރެންގެ ސަލާމަތީ މަންޒިލު ފަދައިން އަހަރެންނަކީ ކަލާގެ ސަލާމަތީ މަންޒިލެވެ. އެކަމަކު މިކަމަކާ ކަލާ ދުވަހަކުވެސް އެއްބަހެއް ނުވެއެވެ. ދެން ވާކަށް ވެސް ނުޖެހޭނެއެވެ.
ނަމަވެސް މި ދިރިއުޅުން ނިމިގެންގޮސް އެތަކެއް އަހަރެއް ވިޔަސް އެކަހަލަ ހިނދުކޮޅުތަކުގައި އަހަރެންނަށް ކަލާ އެދޭނެއެވެ. އެއީ މި ވީރާނާވެފައިވާ ޙަޔާތުގައި އަދިވެސް އަހަރުމެން ގުޅިލާމެހިފައިވާ އެތައް ކަމެއް ވެއެވެ. އެއީ އެކި ދުވަސްމަތިން އެއްވެފައިވާ ހަނދާންތަކެކެވެ. އަހަރެން ހިތަށް އަރައެވެ. ލިޔުންތެރިއަކަށް ވީ ނަމަވެސް ނުކުޅެދިފައިވާ ދިރިއުޅުމުގައި ކުރެވިފައިވާ އިޙްސާސްތައް ތަފްޞީލުކޮށް ކިޔައިދޭން އަހަރެންނަށް އިނގޭ ހުރިހާ ބަސްތަކުން ވެސް ނުކުޅެދެނީ ކީއްވެގެން ހެއްޔެވެ؟ ފުން ޖަޒުބާތުން ފުރިފައިވާ މާ ސިންގާ ކަނޑެއް، ކުޑަ ޖޯޑަކަށް އަޅާނީ ކިހިނެތް ހެއްޔެވެ؟
މިހާރު ފޮށިތަކަށް އެއްޗެހި އަޅައި މިނިމެނީއެވެ. ހިތާހިތުން އަހަރެން އެދެނީ މިކަންތައް ނުވުމަށެވެ. ކަލާއާ ދުރަށް ދާން ނެގި އެންމެ ފުރަތަމަ ފިޔަވަޅު ހޯދައި އެ ފިޔަވަޅު ފޮހެލަން ދާން ހިތް އެދުނަސް އޭގެ މަތީގައި އެތައް ހާސްފިޔަވަޅެއް އެޅިއްޖެއެވެ. މި ކަމުގައި އަހަރެން ވަރުބަލިވެ ނިމިއްޖެއެވެ. އަމިއްލަ އޮޅުވާލި އޮޅުވާލުންތަކުން ވަރުބަލިވެއްޖެއެވެ. އެތަނެއްގައި ކަލާ އެނބުރި އަންނާނެ ކަމަށް މަޑުކޮށްގެން ހުރެހުރެ ވަރުބަލިވެއްޖެއެވެ. އާ ޙަޔާތަކަށް ކުރިމަތިލާއިރުގައި އަހަރެންގެ އައު ޙަޔާތް ބިނާކުރުމަށް ނިންމަންޖެހޭ އެތައް ނިންމުމެއް ތޮއްޖެހިފައި އެބަހުއްޓެވެ. އެތައް އައު ކަމެއް އަހަރެންނަށް ހަނާއަޅަމުން ގެންދެއެވެ. ނަމަވެސް މިރޭ ވެސް ނިދަން އެދެނީ ތި ނޭވާގެ އަޑުއަހަމުންނެވެ. އަހަރެން ރުޖޫއަވާން އަބަދުވެސް އެދެވޭނީ ކަލާއާ އަހަރެންގެ ރޫޅިފައިވާ ދިރިއުޅުމަށެވެ.



advertisment