"އޭ ބޭބެ! އަހަރެންނަށް ވަރަށް މޮޅު ޚިޔާލެއް އަތުވެއްޖެ،" ދޮރުގައި ޓަކި ޖަހައިނުލައި އަހަރެން ބޭބެގެ ކޮޓަރިއަށް ވަދެގަތީމެވެ. އާދައިގެ މަތިން އޭނާ އުޅުނީ ކޮންމެވެސް އެއްޗެއް ރޫޅައިލައިގެން އަލުން އެކުލަވައިލުމުގައެވެ.
"ހޫން، ކޮބައިތަ މޮޅު ހިޔާލަކީ؟" ބޭބެ ކުރަމުންދިޔަ މަސައްކަތް ހުއްޓައިނުލައި، އަހަރެންނާ ދިމާލަށް ބަލައިވެސް ނުލައި އެހިއެވެ.
"މޮޅު ހިޔާލަކީ، ބައްޕަ ކައިރީގައި ބުނަން ހިނގާށޭ ހަތަރު އަހަރު ވެއްޖެއެއް ނީންހޭ ކިޔަވާތާ. ދެން ވަޒީފާއަށް ނުކުތުމުގެ ކުރިން އަހަރުމެން ހަމަޖެހިލަން އަހަރެއްވަރު ނަގަން ބޭނުމޭ ރާއްޖޭގެ ރަށްތައް ބަލައިލަން،" އަހަރެންގެ މޮޅު ހިޔާލު ބޭބެ ކައިރީގައި ބުނީމެވެ. ބޭބެ އަހަރެންނާ ދިމާލަށް "މޮޔަވީހޭ" ބުނާކަހަލަ ނަޒަރަކުން ބަލައިލިއެވެ.
"އަހަރުމެންނަކީ؟" އޭނާ ސުވާލުކުރިއެވެ.
"އަހަރެންނާއި ބޭބެއާ. ބޭބެ ނުލައި ބައްޕަ އަހަރެން އެއްވެސް ތަނަކަށް ނުފޮނުވާނެއެއްނު،" އަހަރުމެން ދެމީހުންނަށްވެސް އެނގޭ ޙަޤީޤަތް އަހަރެން ބުނީމެވެ. އެއީ ކޮންމެހެން ބައްޕަ އަހަރެންނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ބޭބެއަށް އޮންނަ އިތުބާރުގެ ބޮޑުކަމުންނެވެ.
"އެކަމާ ވިސްނައިލާނަން،" ބޭބެ އަނެއްކާވެސް އޭނާ ކުރަމުންދިޔަ މަސައްކަތަށް ސަމާލުކަން ދިނެވެ. އަހަރެން ގޮސް ބޭބެގެ އެނދުގައި އިށީނީމެވެ.
"ކޮން ކަމެއްތަ ވިސްނަން އޮތީ؟" އެހެން އެހިއިރުގައިވެސް ބޭބެގެ ވިސްނުން އަހަރެންނަށް އެނގެއެވެ.
"އެއީ ކުރަން ރަނގަޅު ކަމެއްތޯ؟ އެވަރުގެ ޚަރަދެއް ބައްޕަ ލައްވައި ކުރުވަން ވިސްނާއިރު، އޭގެ ބަދަލުގައި ލިބޭނީ ކޮން ފައިދާއެއްތޯ؟" ބޭބެ ވަރަށް ވިސްނައިގެން އެ ރޫޅާލައިގެން އުޅުނު އެތިން އިސްކުރެއް ކަހަލަ އެއްޗެއް ނަގައި، އެއަށް ބަލައިލައިފައި އަހަރެންނަށް ދައްކައިލިއެވެ. "މިއީ އަސްލު ބޭކާރު އެއްޗެއް."
"ފައިދާއަކީ ބައްޕަގެ ވިޔަފާރި ފުޅާކުރަން އެ ދަތުރުން ލިބޭ ތަޖުރިބާ ބޭނުންކުރެވޭނެ. ވިޔަފާރިއާ އަހަރުމެން ހަވާލުވާއިރު އަހަރުމެންނަށް ފުޅާކުރެވޭނެ މާކެޓު ދަސްވުން،" އަހަރެން ބޭނުންވީ ބޭބެ އަހަރެންނާ އެއްބަސްވާށެވެ.
"އަހަރެން އާނއެކޭ ބުނެފިއްޔާ މިތަނުން ދާނަންތަ؟" މާ ނޭވާއެއް ދޫކޮށްލައިފައި ބޭބެ ބުންޏެވެ. އުފަލުން ފުންމައިގެން އެނދުން ތެދުވީމެވެ. އަހަރެން ކުރުނުކުރާނެކަން ބޭބެއަށް އެނގުނީއެވެ. އަހަރެންގެ މަޤްޞަދު ޙާޞިލުވީއެވެ.
ބައްޕައަށް ބޭބެ މިހިޔާލު ދިނުމުން ވަގުތުން އެއްބަސްވިއެވެ. ދަރިންގެ ކުރިއެރުމަށް ކޮންމެފަދަ ހަރަދެއްވެސް ކުރަން ބައްޕަ ހުންނަވަނީ ތައްޔާރަށެވެ. ވަގުތުން ވަގުތަށް ބައްޕަގެ އޮޑިތަކުގެ ތެރެއިން ކުޑަ ދޯންޏަކާއި ކައްޕިއަކާއި ދެ ފަޅުވެރިން ލާފައި އަހަރުމެންގެ ދަތުރަށް ހަމަޖައްސައިދެއްވިއެވެ. އަހަރުމެން ދާން ބޭނުންވާ ރަށްތަކުގެ ލިސްޓެއް ދިނުމުން އެ ރަށްރަށުގައި އުޅޭ ބައްޕަގެ ރަޙްމަތްތެރިންނާ ގުޅައިގެން އަހަރުމެންގެ ހުރުމާއި ކެއުން ހަމަޖައްސައިދެއްވިއެވެ.
އަހަރުމެން ދަތުރު ކުރަން ފެށިތާ އަހަރަކަށްފަހު އަލުން އެނބުރި މާލެ ދާން އަހަރުމެން ދޯންޏަށް އެރި ދުވަހު، ޒަމާންތަކަކަށްފަހު ބޭބެގެ މޫނުމަތިން އާދަޔާ ޚިލާފު އުޖާލާކަމެއް ފެނުނެވެ.
"އަނެއްކާ ކުޑަ ދުވަސްކޮޅަކުން މިކޮޅަށް އަންނާނެ ދޯ؟" އަހަރެން ހިނިގަނޑެއް ޖަހައިލައިފައި ބުނީމެވެ.
"ހްމްމް،" ބޭބެ ފާޑަކަށް ހީލައިފައި އަހަރެންނާ ދުރަށް މޫނު އަނބުރައިލިއެވެ. އެއީ ބޭބެ ލަދުގަތީމަ ކަންތައް ކުރާ ގޮތެވެ.
އަހަރުމެން ފޭބި ރަށުން ބޭބެއަށް ވަރަށް ކަމުދާ އަންހެން ކުއްޖަކާ ދިމާވިއެވެ. ބޭބެ ބޭނުންވީ މާލެ ގޮސްފައި ބައްޕަގެ ހުއްދަ ހޯދައިގެން އަވަހަށް އެ ކުއްޖާއާ ކައިވެނި ކުރާށެވެ.
"ބައްޕައަށް ވުރެން މިކަމުގައި އުފާވާނީ މަންމަ ދޯ؟" އަހަރެން ބުނީމެވެ.
"ކީއްވެ ތިހެން ތިބުނީ؟" ބޭބެ ސުވާލުކުރިއެވެ.
"މިކަހަލަ ކަމެއް ކޮށްފާނެހެން ހީނުވާ މީހާ މިކަހަލަ ކަމެއް ކުރަން ވިސްނީމަ"
"ކީއްވެ އަހަރެން މިކަހަލަ ކަމެއް ނުކުރާނެހެން ހީވަނީ؟" ބޭބެ ސުވާލުކުރިއެވެ.
"މި ބުނީ ލޯބިވުމާއި އިޝްޤާ މިކަހަލަ ކަންކަމާ ބޭބެ ދުރެއްނޫންހޭ؟" އަހަރެން ބުނީމެވެ. ބޭބެ މައްޗަށް އުޑާ ދިމާލަށް ބަލައިލިއެވެ.
"ތީ ތެދެއް. އަހަރެން ކުރަން މިއުޅެނީ މުޅިއަކުން ލޯބިވުމާއި އިޝްޤާ ގުޅިފައިވާ ކަމެއް ނޫން،" ބޭބެ ބުންޏެވެ.
"ތިބުނީ ކީކޭ؟" އަހަރެން ކުޑަކޮށް ހައިރާންވިއެވެ.
"މިއީ ޒަރޫރީ ބޭނުމެއް ފުއްދުމަށް ހަޔާތުގައި ނަގަންޖެހޭ ފިޔަވަޅެކޭ،" އަހަރެންނާ ދިމާލަށް ބޭބެ ބަލައިލަމުން ބުންޏެވެ.
"ތިބުނީ އަސްލު އެ ކުއްޖާދެކެ ލޯބިވެފައެއް ނެތޭތަ؟"
"އުހުނ. އަހަރެން އޭނާއާމެދު ގަޔާވެފައި ނެތްނަމަ ކައިވެނި ކުރާކަށް ނުނިންމާނަން. އެކަމަކު މިހާރު މި އިޙްސާސްކުރެވޭ ގަޔާވުމަކީ އިސްހިތަކު ނިމިގެންދާނެ އެއްޗެއް. ނިމިގެން ނުދާނީ ވަގުތީ ގަޔާވުން ނިމޭއިރު ކައިވެނީގެ މަތީގައި ދެމިތިބުމަށް އެމީހެއްގެ ނަފުސުގެ މައްޗަށް ބާރުއަޅާނެ އެހެން ކަންތައް. މިސާލަކަށް ދީން. ޢާއިލީ ގުޅުމާމެދު އޭނާ ދެކޭގޮތް. ޢާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި އަހަރުމެން ދެމީހުން ވާނީ ކިހާ ބޮޑު ޤުރުބާނީއެއްތޯ،" އަހަރެންގެ ބޭބެ ފަލްސަފާވެރިއެއްހެން އުޑަށް ބަލަން އިނދެގެން ވާހަކަދެއްކިއެވެ.
"ސާބަސް. ބައެއް ފަހަރު އަހަރެން ހިތަށްއަރާ އަހަރުމެން ދެމީހުން ބޮޑުވީ އެކީގައި ބާއޭ. އަޅެ ކީއްވެތަ ތިހާ ސީރިއަސްވީ؟" އަހަރެން ހެމުން ބުނީމެވެ. ބޭބެ އަހަރެންނާ ދިމާލަށް ފަނޑު ހިނިތުންވުމަކާއެކު ބަލައިލިއެވެ. ޖަވާބު އެނގޭނުންހޭ ބުނާކަހަލަ ގޮތަކަށެވެ.
އަހަރުމެން ކުޑައިރު ބޭބެގެ މިޒާޖު އަހަރެންނަށްވުރެ އިންތިހާއަށް ސަކަވާނެއެވެ. ނަމަވެސް އެ މިޒާޖަށް ކުއްލި ބަދަލެއް އައީ އުމުރުން ދިހަ އަހަރުގައި ދިމާވި ކަމަކާ ހެދިއެވެ. ކޮންމެވެސް ކަމަކު ސްކޫލުން ބައްޕަގެ އިޢުތިރާޟެއް ނެތްކަމުގެ ފޯމެއް ފުރަން ދިނުމުން ބޭބެގެ ބައްޕަގެ ބަދަލުގައި ސޮއިކުރާ ފަރާތެއްގެ ގޮތުގައި ބައްޕަ ސޮއިކުރެއްވި ދުވަހުން ފެށިގެންނެވެ. އެ ދުވަހާ ހަމައަށް ބޭބެއަކީ އަހަރެންގެ އަމިއްލަ އެއްބަނޑު އެއްބަފާ ކުއްޖެއް ނޫންކަން އަހަރުމެންނަކަށް ނޭނގެއެވެ.
އެ ދުވަހު އަހަރުމެން ދެމީހުންނަށް ބައްޕައާއި މަންމަ ބޭބެ އެއީ އަމިއްލަ ދަރިއެއްކަމުގައި ބަލައިގަތް ސަބަބު ކިޔައިދެއްވިއެވެ. ބައްޕަ އެއްދުވަހު ފިހާރައިގައި އިންދާ ދެމަފިރިއަކު އައިސް އެމީހުންނަށް ދިމާވެފައިވާ މަޖުބޫރަކުން ދަރިފުޅު ނުބެލޭނެތީ ދަރިފުޅު ބަލައިދިނުމަށް އެދުނީ ކަމުގައި ބައްޕަ ވިދާޅުވިއެވެ. އޭރު ބައްޕައާއި މަންމައަށް އުޅެނީ އަހަރެން ލިބިގެންނެވެ. ބައްޕަގެ ހިތަށް ބޭބެގެ މޫނު ފެނުމުން ކޮންމެވެސް ރަޙުމެއް ލެއްވިއެވެ. އެހެންވެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލުމަށް ބައްޕަގެ ޙަވާލުގެ ދަށަށް ނެންގެވިއެވެ.
ނަމަވެސް މި ވާހަކަ އެނގުނު ދުވަހުން ފެށިގެން ބޭބެގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. މިކަމުގައި ބައްޕަގެ ދީލަތިކަމުގެ ބަދަލުގައި ބޭބެއަށް ނެގުނީ އޭނާ ދުނިޔެއަށް އުފަންކުރި މީހުންގެ ނާޤާބިލުކަމެވެ. ދަރިއެއްގެ ޒިންމާ ބޮލުގައި ނޭޅޭނަމަ ދަރިއެއް ދުނިޔެއަށް ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މި ސުވާލު ބޭބެގެ ސިކުނޑިއަށް އުނދަގޫކުރަން ފެށިއެވެ. އެ ދުވަހުން ފެށިގެން ބޭބެ ބަދަލުވީ އާދަޔާ ޚިލާފަށް ސީރިއަސް މީހަކަށެވެ. އޭނާއަކީ ހިޔާލީ ފޮލާ ކައްކައިގެން ކާނެ މީހެއް ނޫނެވެ.
"ބޭބެ، ކައިވެންޏަށް ބޭބެގެ އަސްލު މަންމައާއި ބައްޕަ ގެންނާނަންތަ؟" އަހަރެން ވަރަށް ފަރުވާތެރިކޮށް އެހީމެވެ. ބޭބެގެ އަސްލު މައިންބަފައިންގެ ވާހަކަ އަހަރެން އަހައެއް ނޫޅެމެވެ.
"އެމީހުންނަކީ އަސްލު ކޮންބައެއްކަން އެނގިގެން ދޯ ކައިވެންޏަށް ގެނެވޭނީ،" ބޭބެ ބުންޏެވެ.
"އެއްކަހަލަ ފަހަރު ޔޫކޭއިން އައިސް ބައްޕަގެ އަތުން ފޫޅުމާ ފޯމު ހޯދައިގެން އެމީހުން ހޯދަން އުޅުނީމެއްނު؟" އަހަރެން ސުވާލުކުރީމެވެ.
"އޭގައިވާ އެޑްރެހަށް ގުޅީމަ ބުނީ އެއީ ވަގުތީ ރަށްވެހިންގެ ގޮތުގައި އެގޭ ރަޖިސްޓަރީގައި ޖައްސައިދިން ދެމީހުންނޭ. އެގޭ މީހުންނަކަށް ނޭނގެޔޭ އެމީހުންނަކީ އަސްލު ކޮން ރަށަކުން އައި ބައެއްކަމެއްވެސް،" ބޭބެ ފުން ނޭވާއެއްލާފައި ބުންޏެވެ.
"އެހެންތަ؟ އަޖައިބެއްދޯ،" އަހަރެންނަކަށް އެކަންތަކެއް ނުވިސްނުނެވެ.
"އެ ގޭ މީހުންގެ ކާފަ ކޮންމެވެސް ބަޔަކަށް އޮތީ ވަރަށް ބޮޑުތަނުން ދަރާފައޯ. ދެން މި ދެމީހުން ބުނީ ދަރަނި އަދާކުރަން ފައިސާ ދޭނަމޭ އެގޭ ރަޖިސްޓަރީގައި ރަށްވެހިންގެ ގޮތުގައި ޖައްސައިދޭ ގޮތަށް،" ބޭބެ ބޯ ހޫރާލަމުން މަލާމާތުގެ ރާގަކަށް ބުންޏެވެ. "އަމިއްލަ ދަރި ނުބެލުނީ ޙާލަތު ސަކަރާތްވެގެންނޯ. އެކަމަކު އެހެން މީހެއްގެ ބޮޑު ދަރަންޏެއް ދައްކައިދޭވަރަށް އަތުގައި ފައިސާ ހުރި. ކިހާ ބޮޑު އަޖައިބެއް؟"
މި ވާހަކައިގައި އަހަރުމެން ތިއްބާ ކުއްލިއަކަށް އުދަރެސް ކަޅުވިލާތަކުން ފުރާލައިފިއެވެ. ބޭބެ ހައިރާންވެފައި އެ ވިލާތަކަށް ބަލައިލިއެވެ.
"މިވެސް ކިހާ ބޮޑު އަޖައިބެއް. ކޮން ވިއްސާރައެއް އެ ނެގީ؟" ބޭބެ ސުވާލުކުރިއެވެ.
އެއީ އެދުވަހުގެ މޫސުން ދައްކާގޮތުން އެއްވެސް ގޮތަކަށް މޫސުން ގޯސްވާނެކަމަކަށް ދައްކާފައެއް ނެތެވެ. ކުއްލިއަކަށް މޫސުން ގޯސްވެ ކަނޑު އާދަޔާ ޚިލާފަށް ގަދަވެއްޖެއެވެ. ބޮޑެތި ރާޅުޖަހައި އެންމެން ތެމި ފޯވެއްޖެއެވެ. އާދަޔާ ޚިލާފު ބޯ ދުންފިނި އުދަރެސް އެއްކޮށް ބައްދައިލައި އެއްވެސް ތަނެއް ނުފެންނަވަރުވެއްޖެއެވެ. ބޯޓުގެ ކައްޕި އަހަރުމެންގެ ކައިރީގައި ނުބުނިޔަސް އޭނާގެ މޫނުމަތިން ބިރު ފެންނަން ފެށިއެވެ. ނަގާ ރާޅުގެ ބޮޑެތިކަމުން ބޯޓު ބަނޑުންޖަހައިލާފާނެކަމުގެ ބިރު އެންމެންގެ ހިތުގައި އުފެދުނެވެ.
އެތައް އިރަކަށްފަހު ބޯދުންފިނީގެ ތެރެއިން ފަނޑު އަލިކަމެއް ފެންނަން ފެށިއެވެ. އެއީ ނެރުބައްތިއެއްކަމުގެ އުންމީދުގައި ބޮޑެތި ރާޅުތަކުގެ ތެރެއިން އެ ދިމާލަށް ކައްޕި މިސްރާބު ޖެހިއެވެ. އިރުކޮޅަކަށް ދުންފިނި ކުޑަކޮށް ތުނިވެ، އަހަރުމެންނަށް މިސްރާބުޖެހިފައިވާ ރަށުގެ މަލަމަތި ފެނުނެވެ. އެ ރަށުގެ ހަލާކުވެފައިވާ ޖެޓީއާ ހަމައަށް ދޯނި އެރިއިރު ވިއްސާރަ ހުއްޓައިލައިފިއެވެ. ނަމަވެސް އުޑުމަތި އަނދިރިކަމުން ހީވަނީ ރޭގަނޑުގެ ވަގުތެއްހެންނެވެ.
"ކައްޕީ މީ ކޮން ރަށެއް؟" އަހަރެން ސުވާލުކުރީމެވެ.
"ނޭނގެ ކޮއްކޯ. މިހިސާބުގައި އަސްލު ރަށެއް އޮވެގެން ނުވާނެ" ކައްޕި ބޯކަހައިލަމުން ބުންޏެވެ.
އަހަރުމެން ތިބިތަން ހޯދުމަށް ކުރި މަސައްކަތް ބޭކާރުވިއެވެ. ވިއްސާރައިގެ ސަބަބުންކަންނޭނގެ، ހުރިހާ މުވާޞަލާތީ ވަސީލަތްތަކެއް މަސައްކަތްކުރުން ހުއްޓިއްޖެއެވެ. އެއްވެސް މީހެއްގެ ފޯނުގައި ސިގްނަލެއް ނެތެވެ.
"ހިނގާ ފައިބަމާ، ރަށުތެރެއިން މީހެއް ފެނޭތޯ؟" އަހަރެން ބުނީމެވެ.
"ބޭބެއަށް ހީވަނީ ދޯނީގައި މަޑުކުރުންހެން ބުއްދިވެރިވާނީ. ހިޔެއްނުވޭ މިއީ މީހުން އުޅޭ ރަށެއްހެން،" ކައްޕިއާއި ފަޅުވެރިން ފައިބަން އުޒުރުވެރިވިއެވެ.
ނަމަވެސް އަހަރެން ބޭނުންވީ މިއީ ކޮން ރަށެއްތޯ އޮޅުންފިލުވާށެވެ. އަހަރެން ފައިބަން އުޅެންފެށީމަ ބޭބެވެސް އަހަރެންނާއެކު ދާނެ ވާހަކަ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުންޏެވެ. އޭނާގެ މިޒާޖުގައި ތަޖުރިބާކާރުންގެ ބަސްއަހާ އާދަ ވަނީ ވަރަށް ބޮޑަށް ހަރުލާފައި ވީނަމަވެސް އަހަރެންނަށް ބެލުމުގެ ޒިންމާވެސް އޮންނަނީ އޭނާގެ ކޮނޑުގައި އެޅިފައެވެ. އެހެންކަމުން އަހަރެން އެކަނި ދޫނުކޮށްލަން އަހަރެންނާއެކު ދާން އެއްބަސްވީކަން އަހަރެންނަށް އެނގުނެވެ.
(ނުނިމޭ)



advertisment